ކުރީގެ އަދަދާއި ގުޅޭ:

ޒައިދް އެހެން ބުނެ، އަނޫޝާގެ އަތްތިލައިގައި ބޮސް ދިނެވެ. ލަދުން ގޮސް އަނޫޝާއަށް މޫނު އަނބުރައިލެވުނެވެ.

Ad
rt

" އަނޫޝާ! " ރުޅިވެރިކަމާއެކު އަނޫޝާގެ މަންމަ ގޮވާލި އަޑަށް، ދެ މީހުންނަށް ވެސް ތެޅި ގަނެވުނީ އެއް ފަހަރާއެވެ.

ކޮޅަށް ތެދުވެ، އަނޫޝާ ފަތަށް ބަލައިލި އިރު، މަންމަ ހުރީ ގޭ ދޮރުމަތީގައެވެ. ކޮޅަށް ތެދުވުމަށްފަހު ޒައިދް ވެސް ބިރުން ހުރެ، ރާމިޒާއަށް ބަލައިލިއެވެ.

" ހަމަ މިހާރު އެތެރެއަށް އާދޭ." ރާމިޒާ ބުނެލިއެވެ.

އެއާއެކު ދެރަވެލާފައި ޒައިދްގެ މޫނަށް ބަލައިލަމުން އަނޫޝާ އަވަސް އަވަހަށް ގޮސް ގެއަށް ވަނީ މަންމަގެ މޫނަށް ބަލައިލުމެއް ނެތިއެވެ. ފަހަތުން ރާމިޒާ ވެސް އެތެރެއަށް ވަނީ ޒައިދްއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އެހެންވެ ޒައިދް އިތުރަށް މަޑުކުރުމެއްނެތި އަވަސް އަވަހަށް ދިޔައެވެ.

އަނޫޝާ އިނީ ރާމިޒާގެ ކޮޓަރީގައެވެ. އޭނާގެ ކުރިމަތީގައި ހުރި އެނދުގައި އިށީނދެލައިގެން ރާމިޒާއާއި ވަފީ ތިއްބެވެ.

" ބައްޕަ މިއަދު ވަރަށް ލަދުގެންފި. ދަރިފުޅާމެދު ބައްޕަ ކުރި އިތުބާރާ ޔަގީންކަން ގެއްލިއްޖެ. ބައްޕައާއެކު މަސައްކަތްކުރާ ކުދިންގެ ކުރިމަތީގައި ބައްޕަގެ އަގު ތި ވައްޓާލީ." ވަފީ ބުންޏެވެ.

އިސްޖަހައިގެން އިން އަނޫޝާ މަޑުމަޑުން ރޮމުން ދިޔައެވެ.

" މީހަކާ އިންނާށޭ ކިޔައިގެން ކިހާ ރަނގަޅު ކުދިން އަހަރެން މި ހޯދައިދެނީ. އެކަމަކު ހަމަ ހިލާ އެއްބަހެއް ނުވޭ. އެންމެ ފަހަރަކު ފެނުނު ބީރައްޓެއްސަކާ އެހާ ގާތްގުޅުމެއް އުފައްދަން ވީ ކީއްވެ؟ އަހަރެން ހީކުރީ އަހަރެންގެ ދޮށީ އަންހެން ދަރިފުޅަކީ ވަރަށް ލަދުރަކި ކުއްޖެއްކަމަށް." ރާމިޒާގެ އަޑުގައި ހުރި ހަރުކަށިކަމެވެ. މަންމަގެ އެ ރާގު އަޑު އަހާކަށް އަނޫޝާއަކަށް ފަސޭހައެއް ނުވިއެވެ. އިތުރަށް މަންމަގެ ދުލުން އެއްޗެހި ކިޔާ އަޑު އަހަން ވެސް އޭނާ ބޭނުމެއް ނޫނެވެ.

" މަންމާ! އެއީ ބީރައްޓެއްސެއް ނޫނޭ." އަނޫޝާއަށް ބުނެވުނެވެ.

އެއާއެކު ރާމިޒާއާއި ވަފީއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" ބައްޕާ. ބައްޕަގެ ދޯނި މީހުން ކައިރީ އޭނަ އަހަރެން ފަޟީހަތެއް ނުކުރާނެ. އަހަންނަށް އެ ޔަގީންކަން އެބައޮތޭ." މި ފަހަރުވެސް އަނޫޝާގެ ޖުމްލައިން އިތުރަށް ވަފީ ހާސް ކުރުވިއެވެ.

" ޒައިދްއާ އަހަރެން ކިޔެވީ އެއް ކްލާހެއްގައި. އަހަރެމެންނަކީ ނުދަންނަ ބައެއް ނޫނޭ މަންމާ. އަހަރެމެންނަށް ހަބަރު ވެވޭނެ ގޮތެއް ނެތި ހުއްޓާ، އިއްތިފާގުން މި ބައްދަލް ވީ. މަންމާ! ކައިވެނި ކުރަން ކިތަންމެ ރަނގަޅު މީހުން ހޯދިޔަސް، އަހަރެން އެއްބަސް ނުވަނީ އަހަރެން... ޒައިދް ދެކެ ލޯބިވާތީ." ހިތްވަރުކޮށްފައި އަނޫޝާ ބުންޏެވެ.

އެއާއެކު ވަފީއާއި ރާމިޒާއަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނެވެ. ފުރަތަމަ ފަހަރަށް އަނޫޝާގެ ދުލުން އެ ފަދަ ވާހަކަތަކެއް ބުނާ އަޑު ވެސް އެ މީހުންނަށް އެ އިވުނީ އަދިކިރިޔާއެވެ.

ޝިކާ ހުރީ އަކްރަމްގެ ކޮޓަރީގެ މެދުގައެވެ. އިށީންނަން ވެސް ނޭނގިފައި އޭނާއަށް ހުރެވުނީ އެކި ދިމަދިމާލަށް ބަލާށެވެ. މާ ހާއްސަ ކަމެއް ނެތެވެ. އަލަތު ކައިވެނީގެ ރެޔަށް، ފުރިހަމަ ކޮޓަރިއަކަށް އޭނާ ހުރީ ނުހަނު އުއްމީދު ކޮށްގެންނެވެ. އަކްރަމްއަށް އޭނާ ހާއްސަ ވާނެ ކަމަށް ހީ ކޮށްގެންނެވެ. ނަމަވެސް އަކްރަމްއަށް ވެސް އެ ކައިވެނި މާ މުހިއްމު ކައިވެންޏަކަށް ނުވާކަން އޭނާއަށް އިހްސާސް ކުރެވުނެވެ.

" ކީއްވެފަ ތި ހުރީ؟ " އަކްރަމް ބުންޏެވެ.

ކުއްލިއަކަށް އަކްރަމްގެ އަޑު އިވުމުން ޝިކާ ދިޔައީ ސިހިގެންނެވެ.

" ޝިކާ؟ ކޮންކަމަކާ ދެރަވެފައި ތި ހުރީ؟ އަހަރެން ހީ ކުރީ ޝިކާ ހުންނާނީ ވަރަށް އުފަލުން ކަމަށް." އަކްރަމް ބުންޏެވެ.

" އުފާ ވެޔޭ. އެކަމަކު ދެރަ ވެސް ވޭ. ދެރަވީ، އަހަރެންގެ މި އުފަލުގައި އަހަރެންގެ އާއިލާ ބައިވެރި ނުވީތީ. އަލަތު ކައިވެނި ކުރެވޭ ދުވަހަކީ އަންހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ އެންމެ އުފާވެރި ދުވަސް. އެކަމަކު މިއަދު އަހަންނަށް އަބަދާއަބަދު މި އިހްސާސް ކުރެވެނީ އަހަރެންގެ އާއިލާ މަރުވެއްޖެކަން. " ޝިކާ ބުނެލިއެވެ.

އެއާއެކު އަކްރަމް ދެ ޖީބަށް އަތް ޖަހާލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" އޯހް ޝިކާ. އަދި އަހަރެމެން ކައިރިއަށް އެ މީހުން އަންނާނެ. އެކަމާ ދެރަވެގެން މާޔޫސްވީމަ އަހަރެމެން ދެ މީހުންނަށް ލިބޭނެ އުފާވެރިކަމަކީ ކޮބާ؟ ޝިކާއެއް ނޫނެއްނު އެ މީހުން ދޫކޮށްލީ. އެ މީހުން ޝިކާ ދޫކޮށްލީ. " އަކްރަމް ބުނެލިއެވެ.

އަކްރަމް އެހެން ބުނެ، ޝިކާގެ އަތުގައި ހިފާލިއެވެ. އޭނާގެ އެ ބީހިލުމުން ޝިކާއަށް ކުރުވީ ތަފާތު ފޮނި އިހްސާސެކެވެ. ޝިކާއަށް ފަރުވާތެރިކަމާއެކު އަކްރަމްގެ މޫނަށް ބަލައިލެވުނެވެ.

ޝިކާގެ އަތުގައި ހިފައިގެން ގޮސް އަކްރަމް ހުއްޓުނީ ކިންގް ސައިޒްގެ ބޮޑު އެނދު ކައިރީގައެވެ. އަދި މަޑުމަޑުން ޝިކާ އެނދުމަތީ ބޭންދިއެވެ.

ލަދުރަކި ގޮތަކަށް ހެވިފައި އިނދެ ޝިކާ އަކްރަމްއަށް ބަލަމުން ދިޔައެވެ. ޝިކާގެ އަތުން ދޫކޮށްލިއެވެ.

" އަރާމުކޮށް އޮވެ، ނިދާލާ، ގުޑް ނައިޓް." އަކްރަމް އެއްބުމަ ހިއްލާލަމުން ބުނެލިއެވެ.

އެއާއެކު ޝިކާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ސުވާލުގެ ނަޒަރަކުން ޝިކާއަށް އަކްރަމްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ހެވިފައި ހުރެ އަކްރަމް އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ.

" ކޮންތާކަށް ތި ދަނީ؟ " ޝިކާ ތެދުވަމުން ސުވާލު ކުރިއެވެ.

އެ ވަގުތު ހުއްޓުމަށްފަހު އަކްރަމް ޝިކާއަށް ބަލައިލިއެވެ

" ގެސްޓް ރޫމަށް މި ދަނީ." އަކްރަމް ދިނީ ކުރު ޖަވާބެކެވެ.

ޝިކާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އަކްރަމް އެ ގޮތަށް ކަންތައް ކޮށްފާނެކަމަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.

" ކީއްވެ؟ އަހަރެން މިތާ އެކަނި ބައިންދާފައި އަކްރަމް ކީއްވެ އެ ކޮޓަރިއަށް ތި ދަނީ؟" ޝިކާ ބުންޏެވެ.

އޭނާ ބާރުބާރަށް ހިނގާފައި ގޮސް އަކްރަމްގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ޝިކާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ.

" ކޮންމެހެން ޖެހޭތަ އަހަރެމެން ދެ މީހުން އެއްތާކު ނިދަން؟ އަރާމު، ރީތި ކޮޓަރިއެކެއްނު ޝިކާ ބޭނުންވަނީ؟ މުއްސަނދި، ތަނަވަސް ދިރިއުޅުމެކެއްނު ބޭނުންވަނީ؟ އަދި ނުކިޔަވާ ފައިސާ ހޯދާނެ ގޮތެކެއްނު ބޭނުމީ؟ އަހަރެން ޝިކާއަށް އެ ފުރުސަތު މި ފަހިކޮށްދިނީ. އެހީއެއް މި ވީ. އޭގެ މާނައަކީ އަހަރެމެން ދެ މީހުން އެ އެނދުގައި ނިދުމެއް ނޫން ދޯ؟" އަކްރަމް ބުނެލީ ފަސޭހަކަމާއެކުއެވެ.

ޝިކާއަށް ހިންދިރުވާލެވުނެވެ. ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ދުލުން ދެ ތުންފަތް ތެންމާލުމަށްފަހު ޝިކާއަށް އެއް ފަރާތަކަށް ޖެހިލެވުނީ ހިތުގައި އަތް އަޅައިގެންނެވެ. ދެ ލޮލުން ކަރުނަތައް ފައިބަމުންދާ ހާލު ޝިކާ، އަކްރަމްއަށް ފުރަގަސް ދިނެވެ. އެ ވަގުތު އަކްރަމް އަވަސް އަވަހަށް ނިކުމެ، ދޮރު ލައްޕާލިއެވެ.

ލަސްފިޔަވަޅުތަކެއްގައި ގޮސް ޝިކާ އެނދުގައި އިށީނދެލިއެވެ. އަދި ކަރުނައިން ފުރިގެންވާ ލޮލަކުން މުޅި ކޮޓަރި ތެރެއަށް އޭނާ ނަޒަރު ހިންގާލިއެވެ. ތެދެކެވެ. ކޮޓަރި ކިތަންމެހާ ވެސް ރީތި ވެފައި ފުރިހަމައެވެ. މުއްސަނދިވެފައި ތަނަވަހެވެ. އަރާމުވެފައި ހިތްގައިމެވެ. ނަމަވެސް އެ ކަމަކުން އުފަލެއް ނެތްކަން ޝިކާއަށް އިހްސާސް ކުރެވުނީ އަކްރަމް ދިޔުމުންނެވެ.

އަކްރަމްގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތުން ފެށިގެން ޝިކާއަށް އަކްރަމްއާމެދު ތަފާތު ނަޒަރަކުން ދެކެވެން ފެށިއެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާ އަޅާލުން، އަކްރަމްގެ ފަރާތުން ލިބޭނެ ކަމަށް އެދެވެން ފެށިއެވެ. އަކްރަމްއާމެދު ހިތުގައި އޮތް ބީރައްޓެހިކަމުގެ ޖަޒްބާތުތައް، ގާތްކަމަށް ބަދަލު ވިއެވެ. އިތުބާރު ކުރެވި، ގަޔާވެވުނެވެ.

ނަމަވެސް އަކްރަމްގެ ނިޔަތަކީ ޝިކާއަށް އެހީތެރިވުންކަން އެނގުމާއެކު ޝިކާ ހިތުގައި ޖެހުނެވެ. އަލަތު ކައިވެނީގެ ރޭ ޝިކާ އެ ފަދައިން ދޫކޮށްފައި ދިޔުމުން އޭނާގެ ހިތް މާޔޫސް ވެއްޖެއެވެ. އެ ކުޑަ ހިނދުކޮޅުގެ ތެރޭގައި އެކަނިވެރިކަން އިހްސާސް ކުރެވިއްޖެއެވެ. ސިކުނޑިއަށް ޖަމާވަމުން ދިޔަ ތަފާތު ހިޔާލުތައް، ޝިކާއަކަށް ބަރުދާސްތެއް ނުކުރެވުނެވެ. ހިތާމަތަކެއް ނުހިފެހެއްޓުނެވެ.

އަތުގެ ނުފުށުން މޫނު ފުހެމުން އޭނާ ދޮރާ ދިމާލަށް ހިނގައިގަތީ، ހިތުގައި ހުރި ޝަކުވާތައް އަކްރަމްގެ ކުރިމަތީގައި ބަންޑުން ކޮށްލުމުގެ ނިޔަތުގައެވެ. ބޮޑެތި ފިޔަވަޅުތަކެއްގައި ގޮސް، ގެސްޓް ރޫމްގެ ދޮރުގައި އޭނާ ބާރުބާރަށް ޖެހިއެވެ. އެތެރޭން އެއްވެސް ހަބަރެއް ނުވިއެވެ. ދެ ވަނަ ފަހަރަށް ވެސް ޝިކާ އެ ދޮރުގައި ޓަކި ޖެހިއެވެ. ނަމަވެސް އަކްރަމްގެ ހިލަމެއް ވެސް ނުވިއެވެ.

" އަނެއްކާ ގެއިން ވެސް ދިޔައީބާ؟" ޝިކާއަށް ބުނެލެވުނެވެ.

ލަސްނުކޮށް އޭނާ ބާރުބާރަށް ތަޅުގެ އަތްގަނޑުގައި ހިފިއެވެ. ފަސޭހަކަމާއެކު ދޮރު ހުޅުނު އިރު ޝިކާގެ ހިތް އޮތީ ބާރުބާރަށް ތެޅިތެޅިއެވެ. އެ ވަގުތު ޝިކާ އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އޭނާއަށް ލިބުނު ހައިރާންކަން އެތައް ގުނައަކަށް އިތުރު ވެގެން ދިޔައެވެ.

އެއީ ކޮޓަރިއެއް ނޫނެވެ. ބޮޑު ގަނޑުވަރެކެވެ. މުޅި ތަން ޒީނަތްތެރިކޮށްފައި ހުރީ ރަތްކުލައިގެ ފިނިފެންމަލުންނެވެ. ސީލިންގް މެދުގައި ހަރުކޮށްފައި ހުރި ބިއްލޫރި ބޮޑު،ލައިޓްގެ ފުރިހަމަކަމުން އޭނާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ. އެ ތަނުގައި ހުރި ބެޑްރޫމްސެޓަކީ އޭނާ ހުވަފެނުން ވެސް ނުދެކޭހާ ރީތި އެއްޗެއްސެވެ. ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން ރީތިކޮށްފައިވާ އެނދުގެ ފުރިހަމަކަމަށް ބަލަހައްޓައިގެން ވެސް ޝިކާއަށް އިރުކޮޅަކު ހުރެވުނެވެ. ކޮޓަރިން ދުވާ މީރު ވަހުން، ނޭފަތަށް ވެސް އުނދަގޫވި ކަހަލައެވެ.

" ޝިކާ." އިވުނީ އަކްރަމްގެ އަޑެވެ.

ބޭރުން އައިސް ވަތް އަކްރަމް ފެނުމުން ވެސް ޝިކާއަކަށް ހިނިތުން ނުވެވުނެވެ. އޭނާ ހުރީ އެއަށް ވުރެ ބޮޑަށް އަޖައިބު ވެފައެވެ.

" މައި ވައިފް." އަކްރަމް މި ފަހަރު ވާހަކަ ދެއްކީ ޝިކާގެ ދެ އަތުގައި ހިފާލަމުންނެވެ.

" ސަޕްރައިޒް ވެއްޖެ ތަ؟" އަކްރަމް ބުނެލިއެވެ.

" ތިއީ މީހުން ސަޕްރައިޒް ދޭ ގޮތްތަ؟" ޝިކާއަށް ބުނެވުނީ ލަދުން ހުރެއެވެ.

" އާނ. އަހަންނަކީ ވަރަށް ތަފާުތު މީހެއް. އަހަރެން ކުރާނީ ވެސް ތަފާތު ކަންކަން. އަހަންނަށް ޝިކާގެ ސްޓައިލް ވަރަށް ރަނގަޅަށް އެނގޭ. އަހަންނަށް އެނގޭ ޝިކާ މަޑަކުން ނުހުންނާނެކަން. އަހަރެން އެ ގޮތަށް ކަންތައް ކުރީމަ، އެއްޗެހި ކިޔަމުން އަންނާނެކަން އެނގެޔޭ." އަކްރަމް ބުނެލިއެވެ.

" އަހަރެން ނައިނަމަ؟" ޝިކާ ބުންޏެވެ.

އެ ވަގުތު އަކްރަމް ޖަހާލީ ހިނިގަނޑެކެވެ. އަދި އޭނާ މަޑުމަޑުން ޝިކާގެ އުނަގަނޑުގައި ދެ އަތް ޖައްސާލިއެވެ.

" އަންނާނެ. އަހަންނަށް އެނގޭ އަންނާނެކަން. " އަކްރަމް ބުންޏެވެ.

" އަހަންނަށްޓަކައި އަހަރެންގެ އުފަލަށް، މިވަރު ކުރާއިރު އަކްރަމް... ބުނެބަ ދެން. އަހަރެންދެކެ ހަމަ ލޯތްބެއް ނުވޭތަ؟" ޝިކާ ސުވާލު ކުރީ އަކްރަމްއާ ގާތްވެލަމުންނެވެ.

އެއާއެކު އަކްރަމް ޝިކާގެ ގައިން ދޫކޮށްލީ ނުތަނަވަސްކަމާއެކުއެވެ.

" ލޯތްބަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން. އެއީ އަހަރެން ނަފްރަތު ކުރާ ލަފްޒެއް. އެއީ އަހަރެން ދަންނަ އެއްޗެއް ނޫން." އަކްރަމް ބުންޏެވެ.

" ލޯބި ވެވޭތޯ ޓްރައި ކުރާކަށް ވެސް ބޭނުމެއް ނޫންތަ؟" ޝިކާ އަހާލިއެވެ.

" އަހަރެން ގަބޫލު ނުކުރާ ކަންތައްތައް ވޭތޯ ޓްރައި ކުރާކަށް ބޭނުމެއް ނޫން. " އަކްރަމް ބުނެލީ ޝިކާއަށް ބަލައިލަމުންނެވެ.

" ޝިކާވެސް އަހަރެންދެކެ ލޯބި ވާނެކަމެއް ނެތް. ދެ މީހުން އުފަލުގައި އުޅުނީމަ ނިމުނީ. އަހަންނާ އެއްވެސް ޝަކުވާއެއް ވެސް ކުރާނެ ކަމެއް ނެތް. ޝިކާ ބޭނުން ގޮތަކަށް ޝިކާ އުޅެން ވީ. އަހަރެން ބޭނުން ގޮތަކަށް އަހަރެން އުޅޭނަން." އަކްރަމް ބުންޏެވެ.

ފިނިފެންމަލުގެ ދާނުގައި އަކްރަމްއާއެކު އޮށޯވެލި އިރު ވެސް ޝިކާގެ ހިތް އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އޭނާއަށް އަކްރަމްދެކެ ލޯބިވެވުނީބާވައޭ ވެސް ހިތަށް އެރިއެވެ. އަކްރަމްއަކީ ތަފާތު މީހެއްގެ ގޮތުގައި ޝިކާއަށް އެ ރޭ ގަބޫލު ކުރެވުނީ އަކްރަމްގެ އެ ވާހަކަތައް އަޑުއަހާފައެވެ.

އަނޫޝާ އޮތީ ނުނިދިފައެވެ. ޒައިދްއާ ބައްދަލްވާނެ އިރަކަށް އޭނާ ކެތްމަދުވެފައި އިންތިޒާރު ކުރަމުން ދިޔައެވެ.

" އެއީ ވަރަށް ރަނގަޅު ކުއްޖެއް. ދީންވެރި، އަހްލާގް ރަނގަޅު ކުއްޖެއް. " ވަފީގެ ޖުމްލަ އަދިވެސް އަނޫޝާގެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ.

" ޒައިދް، ދަރިފުޅާ ކައިވެނި ކުރަން ބޭނުން ވަންޏާ، ބައްޕަ ބޭނުމެއް ނޫން ލަސްކުރާކަށް ވެސް. އެއީ މި ފަހަރު މި ރަށަށް އައި ފަހުން ވެސް ދަރިފުޅުގެ ކައިވެންޏަށް އެދި މީހަކު ބައްޕައާ ވާހަކަ ދައްކައިފި. އެކަމަކު އެއީ ބައްޕަ ކަމުދާ ކަހަލަ މީހެއް ނޫން. ދަރިފުޅު ތިހެން ހުންނަންޏާ މީހުންގެ އުނދަގޫ ވެސް ފޯރާނެ. އެ ކަންކަމުން ސަލާމަތްވާނީ އަވަހަށް މީހަކާ އިނީމަ. އެހެންވީމަ، ދަރިފުޅު ލޯބިވާ، ރަނގަޅު މީހަކު ހުރިއްޔާ، ކައިވެނި ފަސްކުރަންވީ ކީއްވެ؟ ދޯ ރާމިޒާ؟" ބައްޕަގެ ވާހަކަތަކުން އަނޫޝާގެ އުއްމީދު އާވިއެވެ.

( ނުނިމޭ )

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)