ކުރީގެ އަދަދާއި ގުޅޭ:

" އަހަރެން މި ބުނީ ވަރަށް ސީރިއަސްކޮށޭ. ޝިކާ އަހަންނާ މެރީ ކުރަން ހުރިއްޔާ އަހަރެން ބޭނުން ވީހާ ވެސް އަވަހަކަށް މެރީ ކުރަން." އަކްރަމް ފަހަތް ބަލައިލަމުން ބުންޏެވެ.

Ad
rt

ހައިރާންވެފައި އިން ޝިކާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

" ތާކުން ފެންނަހާ މީހަކާ ކިހިނެއް ކައިވެނި ކުރާނީ؟ އެހެން ނޫނަސް ނުދަންނަ މީހުންނަކަށް އަހަރެން އިތުބާރެއް ނުކުރަން " ޝިކާ ބުނެލީ ދުރަށް ބަލައިލަމުންނެވެ. އޭރު އޭނާގެ ހިތް އަކްރަމްގެ ރައްދަކަށް އިންތިޒާރު ކުރާ ކަހަލައެވެ.

" އިތުބާރެއް ނުކުރަންތަ؟ ހަނދާން ކޮށްލަބަލަ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަހަންނާ ދިމާވި ހަނދާން ނެތުނީތަ؟ އަހަރެން ބުނި ބުނުމެއްގެ މައްޗަށް އަހަންނަށް އިތުބާރު ވެސް ކުރީމެއްނު" އަކްރަމް ބުނެލީ ލާނެތް ގޮތަކަށެވެ.

އެ ވަގުތު ކުއްލިއަކަށް ޝިކާއަށް އަކްރަމްގެ މޫނަށް ބަލައިލެވުނީ ނުރުހުންތެރިކަމާއެކުއެވެ.

" އަހަރެން ބްލެކްމެއިލް ކުރަނީތަ؟ ބުނެބަލަ. އަނެއްކާ، އަކްރަމް އަހަންނަށް ދޮގު ހެދީތަ؟" ޝިކާ ތެޅިގަނެފައި ބުންޏެވެ.

އެއާއެކު އަކްރަމް ދެ ފަރާތަށް ބޯ ހޫރާލިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިއަށެވެ.

" އޭ! ކީއްވެ މަޑުނުކޮށް ތި ދިޔައީ؟ ކޮލެޖް ފަސްދީ ގޮއްސިއޭ. އަކްރަމް. ކިހިނެއް ވެގެން ތި އުޅެނީ؟" ޝިކާ ބާރުބާރަށް ބުނެލީ ފަހަތް ބަލައިލަމުންނެވެ.

" ހިނގާބަލަ އަހަންނާއެކު އަހަރެންގެ ގެއަށް." އަކްރަމް އެދުނެވެ.

" އަކްރަމް ޕްލީޒް. އަހަރެން ކޮލެޖަށް ގެންދޭ. މިއަދު މިއީ މި ފޯމް ޑިޔު ވާ ދުވަހޭ. ކާރު ހުއްޓާ. " ޝިކާ ވާހަކަ ދެއްކީ ބާރަށެވެ. ނަމަވެސް އަކްރަމް ހުރީ ކާރު މަޑުކުރާ ގޮތަކަށް ނޫނެވެ.

" ޝިކާ އަހަންނާ މެރީ ނުކުރަންވީ ކީއްވެ؟ ޝިކާ ބޭނުން ފެންވަރެއްގައި އަހަރެން ޝިކާ ގެންގުޅޭނަން. މި ކުޑަ ރާއްޖޭގައި ހުރެގެން އަދި ދުނިޔެއެއް ނުފެންނާނެ. އަހަންނާ މެރީ ކުރިއްޔާ ކޯސް ހަދައި ކިޔަވާކަށް ނުޖެހޭނެޔޭ. އަހަރެން ބޭނުވަނީ ޝިކާ އަހަރެންގެ އަނތްބަކަށް ހަދަން. އޭރުން ޝިކާ ވިސްނަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ. ޝިކާ ވެސް އަހަރެން ކަހަލަ މުއްސަންޖަކަށް ވާން ބޭނުމޭ ބުނީމެއްނު." އަކްރަމް ބުނެލިއެވެ. އޭނާގެ ރާގުގައި ހުރި ސީރިއަސްކަމުން އޭނާ އެ ދައްކާ ވާހަކަތަކަށް ޝިކާގެ ސަމާލުކަން ދަމައިގަތެވެ.

އެއާއެކު އަތުގައި އޮތް ފައިލަށް ޝިކާއަށް ބަލައިލެވުނެވެ. އެ ފޯމަކީ އޭނާގެ މުސްތަގްބަލެވެ. ނަމަވެސް އެ އުނދަގޫ ދަތުރަށް ނާރައި، ފަސޭހަކަމާއެކު މުއްސަނދި ދިރިއުޅުމެއް އުޅެވޭނެ މަގެއް އޭނާއަށް ލިބިއްޖެކަމަށް ހިތް ބުނަން ފަށައިފިއެވެ.

" ޝިކާ ބޭނުމެއް ނޫންތަ؟" އަކްރަމް ބުނެލިއެވެ.

އަކްރަމްގެ އަޑު އިވުމާއެކު ޝިކާއަށް ބޭއިހްތިޔާރުގައި ބޯ ހޫރާލެވުނެވެ.

" ނޫން... އަހަރެން ބޭނުން." ޝިކާގެ ދެ ތުންފަތް ހަރަކާތްކޮށްލީ ނުހަނު ލަސްލަހުންނެވެ.

" އެކަމަކު... އަހަންނަށް ތިއީ ކާކުކަމެއް ވެސް ނޭނގެއެއްނު. އަދި އަކްރަމްއަށް ވެސް އަހަންނެއް ނޭނގެއެއްނު." ގަބުވެފައި އިނދެ ޝިކާ އަނެއްކާ ވެސް ބުންޏެވެ.

އެއާއެކު އަކްރަމް ޖަހައިލީ ކުރު ހިނިގަނޑެކެވެ.

" ގައިމުވެސް އަހަންނަކީ އަނިޔާވެރިއެއް ނޫން. އަހަރެން މިހާރު ބޭނުންވަނީ ހަމައެކަނި ހަޔާތުގެ ބައިވެރިއެއް. އެ މަގާމަށް، އަހަންނަށް ޝިކާ ވަރަށް ކަމުދޭ. ޝިކާ ބޭނުން ކޮންމެ ފެންވަރެއްގައި އަހަރެން ޝިކާ ގެންގުޅޭނެކަމުގެ ޔަގީންކަން ދެން." އަކްރަމް ބުނެލިއެވެ.

ކަޅިޖަހައިނުލާ އަކްރަމްއަށް ބަލަހައްޓައިގެން އިން ޝިކާއަށް އެ ވަގުތު ހިނިތުންވެލެވުނެވެ.

އަކްރަމްއާއެކު ޝިކާ ދިޔައީ އަކްރަމްގެ ގެއަށެވެ. އަކްރަމްގެ ވާހަކައިން، ވީހާ ވެސް އަވަހަކަށް ކައިވެނިކުރަން ބޭނުންވާކަން ޝިކާއަށް ޔަގީން ކުރެވުނެވެ. އެކަމަށް ފުރަގަސްދޭން ޝިކާ ބޭނުން ނުވި ނަމަވެސް، އޭނާގެ އާއިލާއިން އެކަމަށް ދެ ކޮޅު ހަދާނެކަން ޝިކާއަށް ޔަގީން ކުރެވެއެވެ.

" މިތާ ސޯފާގައި އިށީނދެލާ. އަހަރެން މި އަންނަނީ ޗޭންޖް ކޮށްގެން. " އަކްރަމް ބުނެލިއެވެ.

" މޫމިނައްތަ ނޫޅެނީތަ؟" ޝިކާ ސުވާލު ކުރީ ގޭތެރެއަށް ނަޒަރު ހިންގާލަމުންނެވެ.

" އާނ. މޫމިނައްތައަކީ މިގޭގައި އަބަދު އުޅޭ މީހެއް ނޫނޭ. " އަކްރަމް ބުންޏެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހެވިފައެވެ.

އަކްރަމް ދިޔުމާއެކު ޝިކާ ސޯފާގައި އިށީނދެލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ކުޑަ މޭޒެއް މަތީގައި ހުރި ލައިންފޯނެވެ. ކުޑަ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޝިކާ ގޮސް އެ ފޯނު އަތްގަނޑު ނެގީ، އަކްރަމް ދިޔަ ދިމާލަށް ބަލަމުންނެވެ.

" ކީކޭ؟ މީހަކާ އިންނަނިއްޔޭ؟ " ޝިކާގެ މަންމަ ފަރީދާ ބުނެލިއެވެ.

ޝިކާގެ ފުރަތަމަ ޖުމްލައިން ވެސް ފަރީދާ އިންތިހާއަށް ރުޅި ގަދަވިއެވެ.

" ކޯސް ނަހަދާ މީހަކާއެއް ނީނދެވޭނެ. އަދި ކިރިޔާއޭ 18 އަހަރު ތިވީ. " ފަރީދާ ބާރުބާރަށް ބުނެލިއެވެ.

" މަންމާ. އެ ކޯހަކީ ވަރަށް ބުރަ ކޯހެކޭ. އެހެން ނޫނަސް، އަކްރަމްއަކީ ވަރަށް ބޮޑު މުއްސަންޖެއް. އޭނަ އަހަރެން ވަރަށް އުފަލުގައި ގެންގުޅޭނެޔޭ." ޝިކާ ބުންޏެވެ.

" މުއްސަންޖެކޭ. ކިތައް އަހަރުގެ މީހަކާ އިންނަން ތި އުޅެނީ؟" ފަރީދާ ބުނެލިއެވެ. އޭރު ވެސް އޭނާގެ އަޑު މަޑެއް ނުވެއެވެ.

" 25 އަހަރު. " ބިރުން ހުރެ ޝިކާ ބުނެލިއެވެ.

" އެހެންވިއްޔާ އެއީ ޝިކާއަށް ވުރެ ހަތް ވަރަކަށް އަހަރު ބޮޑު މީހެކޭ. ހެޔޮނުވާނެއެއްނު ތިހެން އުޅެން. ކިޔަވަން ބޭނުން ނުވަންޏާ، ރަށަށް އާދޭ. އެނގޭތަ އޭނަ އެ ހަދަނީ ތެދެއް ކަމެއް ވެސް. މުއްސަނދިވާން އޭނަ ކުރަނީ ކޮންކަމެއް؟ އެއީ އަދި ކިހާ ޅަ އުމުރެއް؟" ފަރީދާ ބުންޏެވެ.

ޝިކާއަށް މަންމައަށް ވިސްނައިދޭނެ ގޮތެއް ނޭނގުނެވެ. ނަމަވެސް އޭނާ، ނިންމުން ބަދަލު ނުކުރާނެކަން ޔަގީނުން ވެސް ބުނަން ބޭނުންވިއެވެ.

" މަންމާ. އަހަންނަށް އެނގެނީ އަހަރެން މި ކަން ކުރާނެކަން. މަންމަމެން ދެން މި ކަމަށް އެއްބަސްވޭ." ޝިކާ ބުންޏެވެ.

" ކަލޭ މަންމައާ ތި ފާޑަށް ވާހަކަ ދައްކަން ލަދެއް ވެސް ނުގަނޭތަ؟ އަހަރެމެން ސަލާން ޖަހައިގެން ވެސް ކަލެޔަށް ކިޔަވައިދޭނަމޭ ބުނިން. އެކަމަކު ދެން ނިމުނީ. ޝިކާ ވެސް ގޮތެއް ނިންމައިފި. ދެން ގޮތް ނިންމާނީ އަހަރެން. މީގެ ފަހުން އަހަރެމެންނަށް ކަލޭ މަރުވެއްޖެ. ދުވަހަކު ވެސް މަންމާއޭ ކިޔާފައި ނާންނާތި. އަދި ބުނަންތަ؟ އަހަރެންގެ މަރުގެ ހަބަރު ލިބުނަސް މޫނު ދެކެން ވެސް ކަލޭ ނާންނާތި." ފަރީދާއަށް ރޮވޭ ގޮތް ވިއެވެ.

މަންމަގެ ބަސްތަކުން ޝިކާ ފެންކަޅިވިއެވެ. ނަމަވެސް މަންމަ އެކަމަށް ނުގަބޫލުވީ ވަރުން އެ ފަދައިން ވާހަކަ ދެއްކިދާނެކަން ޝިކާއަށް ގަބޫލު ކުރެވުނެވެ. އަދި ފަހުން ޝިކާގެ ރީތި ދިރިއުޅުން ފެނި މަންމަމެން ރުހޭނެކަމަށް އޭނާގެ ހިތް އުއްމީދު ކުރިއެވެ.

ފަރީދާ ރޮއިގަތުމާއެކު ޝިކާގެ ދައްތަ އޭނާގެ އަތުން ފޯނު އަތުލިއެވެ. އަދި ބާރުބާރަށް ހިނގާފައި ގޮސް ދުރުގައި ހުއްޓި ވާހަކަ ދައްކަން ފެށިއެވެ.

" މީހަކާ އިންނަން އުޅޭއިރު އެ މީހާ ލޯބިވާކަމެއް ޝިކާއަށް އެނގޭތަ؟ މުއްސަންޖެކޭ ކިޔައިގެން އުޅެފާނެ ޝިކާއަށް އޮޅުވާލައިގެން ވެސް. މަންމަމެންނާ އާއިލާއާ ގުޅުން ކަނޑައިގެން ވެސް ކައިވެނި ކުރެވޭތޯ އުޅޭއިރު، އޭނަގެ ހަގީގަތް ޝިކާ ބަލަން ޖެހޭނެ. " ދައްތަ ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ.

" އޭނަ އަހަރެންދެކެ ވަރަށް ލޯބިވޭ. ދެން އިތުރަށް ދައްތަ ވެސް މިކަމުގެ ތެރެއަށް ވަންނާނެކަމެއް ނެތް." ޝިކާ ބާރުބާރަށް އެހެން ބުނެ، ފޯނު ބޭއްވިއެވެ.

" އަހަރެން ބުނިންތަ ލޯބިވެޔޭ؟ " އަކްރަމް ބުނެލިއެވެ.

އަކްރަމްގެ އަޑަށް ޝިކާ ދިޔައީ ސިހިގެންނެވެ. އޭރު ދުރުގައި ހުރި އަކްރަމްގެ އަތުގައި ދެ ތަށި ކޮފީ ވެސް ހުއްޓެވެ. އަކްރަމް އެ ސުވާލު ކުރުމުން ޝިކާ ވަރަށް ބޮޑަށް ލަދު ވެސް ގަތެވެ.

" ޝިކާ ތި ގުޅީ ޝިކާގެ ދައްތައަށް ތަ ތި ގުޅީ؟ ކީކޭ ބުނީ؟ ގަބޫލެއް ނުވި ދޯ" އަކްރަމް ބުނެލިއެވެ. ޝިކާ އިސްޖަހާލަމުން ބޯ ޖަހާލިއެވެ.

އޭނާ އައިސް ސޯފާގައި އީށީނދެ ކޮފީތަށިތައް މޭޒުމަތީގައި ބެެހެއްޓިއެވެ. އޭރު ވެސް ޝިކާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

" ހަމަޖެހިލާފައި މިތާ އިށީނދެބަލަ. " އަކްރަމް އިށީންނަމުން ޝިކާގާތު ބުނެލިއެވެ.

" އެއްވެސް މީހަކު ގަބޫލެއް ނޫން. މަންމަ ބުނީ އެ މީހުންނަށް އަހަރެން މަރުވެއްޖެޔޭ. އެ މީހުން މަތިން އަހަރެން ހަނދާން ނައްތާލާށޯ. ވަރަށް އެއްޗެހި ކީ. " ޝިކާ ކިޔައިދިނެވެ.

އަޑުއަހަން އިން އަކްރަމް އެއް މިޔަކަނުން ހީލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ދެން؟ ކޮންމެ ގޮތެއް ވިޔަސް ޝިކާއަށް މުހިއްމުވާނީ އެ މީހުން ދޯ. އަހަންނަކީ އަދި އިއްޔެ ދިމާވި މީހެއްތާ. " އަކްރަމް ބުންޏެވެ.

" ތި ބުނީ؟ އެ މީހުން ނުގަބޫލިއްޔާ އަކްރަމް އަހަންނަކާ ނީންނާނަމޭތަ؟" ޝިކާ އިސް އުފުލައިލަމުން އެހިއެވެ.

" ތި ސުވާލު ކުރަންވީ އަހަންނެއްނު. މަންމަމެންގެ ނުގަބޫލުގައި ޝިކާ އަހަންނާ އިންނަން ބޭނުންތަ؟ ޝިކާ ބޭނުމިއްޔާ އަހަރެން މި ހުރީ މެރީ ކުރަން ތައްޔާރަށް." އަކްރަމް ބުންޏެވެ.

އެ ވަގުތު ޝިކާގެ ދެ ލޮލުން އަނެއްކާ ވެސް ކަރުނަ ހިލިއްޖެއެވެ. ލިބިފައި އޮތް ފުރުސަތު ގެއްލުވާލިއްޔާ ހަޔާތުގެ ދަތުރު ކަޑައްތު ކުރަން ޖެހޭނެ ގޮތާމެދު ޝިކާއަށް އަމިއްލަ ނަފްސާ އެ ވަގުތު ސުވާލު ވެސް ކުރެވުނެވެ. ތަނަވަސްކަމާއި މުއްސަނދި ދިރިއުޅުމެއް އުޅުމުގެ ވިސްނުން އަބަދުވެސް އޭނާގެ ހުރެއެވެ.

" އަހަރެން އަކްރަމްއާ މެރީ ކުރަން ބޭނުން. އަސްލު އަހަންނަކީ އެއްވެސް ވަރަކަށް ކިޔަވާ ހިތްވާ ކުއްޖެއް ނޫން. މަންމަމެން ފޯސް ކުރާ ވަރުން އަހަރެން ކިޔަވަން އުޅެނީ. އަހަންނަށް އެނގޭ އަހަރެން ޖެހޭނީ މުޅި އުމުރު ވެސް ކިޔަވަންކަން. އަހަރެންގެ އަމިއްލަ ނަފްސާމެދު ވިސްނާނީ ހުދު އަހަންނެއް ނޫންތަ؟ އެ ބާރު އަހަންނަށް ނޯންނަން ވީ ކީއްވެ؟" ޝިކާ ބުންޏެވެ.

" މި ކަމުގައި އޮންނާނީ ހަމައެކަނި ޝިކާ ބޭނުންވާ ގޮތެއް. " އަކްރަމް ބުނެލިއެވެ.

އަކްރަމްގެ ޖުމްލަ އަޑު އިވުމާއެކު ޝިކާ ސޯފާގައި ލެނގިލީ ވަރުބަލިކަމާއެކުއެވެ. އެ މަންޒަރު ބަލަން އިނދެ އަކްރަމް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

" ދެންމެ ކީކޭތަ ފޯނުގައި ހުރެފައި ތި ބުނީ؟ ޝިކާ ދެކެ ލޯބިވެޔޭ އަހަންނަށް ބުނެވުނުތަ؟" އަކްރަމް އެހެން ބުނުމާއެކު ޝިކާ ތެޅިގަތެވެ.

" ހޭ ސޮރީ. އަހަރެން އެހެން ބުނީ އަސްލު ދައްތަ ބުނި އެއްޗަކުން. ސޮރީ އޭ. އަހަންނަށް އެނގޭ އަކްރަމް ލޯބި ނުވާނެކަން. " ޝިކާ ބުންޏެވެ.

" ތިހެން ބުނާކަށް ނުވާނެއެއްނު. ފަހުން ވާނެ ގޮތެއް ނޭނގެއެއްނު. ހަމަ ލޯބި ވެވިދާނެ ދޯ." އަކްރަމް އެހެން ބުނެލި ގޮތުން ޝިކާއަށް އުނދަގޫ ވެއްޖެއެވެ.

" އަސްލު އަހަރެންދެކެ ލޯބި ނުވާއިރު ކީއްވެތަ އަހަންނާ މެރީ ކުރަން ބޭނުންވީ؟" ޝިކާ އެހިއެވެ.

ޝިކާގެ ސުވާލު އިވި، އަކްރަމްއަށް ލުއި ގޮތަކަށް ހިނިތުންވެލެވުނެވެ. އޭނާގެ މޫނުމަތީގެ ސާދާކަމާއި ސާފުކަމުން، ޝިކާގެ ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަހަލައެވެ.

" ޝިކާ ވެސް އަހަރެންދެކެ ލޯތްބެއް ނުވަމެއްނު. އެކަމަކު އަހަރެން ހަމަ އެދޭ އިރަށް ކައިވެނި ކުރަން އޯކޭއެއްނު." އަކްރަމް ދިނީ ފިނި ޖަވާބެކެވެ.

" އަހަރެން އޯކޭ މި ދިނީ ދެން އިތުރަށް ނުކިޔަވާ ވާނެ ގޮތެއް ހޯދަން ވެގެން. ދޮގު ނަހަދާ ހަމަ މި ބުނީ. ދެން ބުނެބަަލަ ކީއްވެތަ އަހަންނާ މެރީ ކުރަން ތި އުޅެނީ؟" ޝިކާ ބުންޏެވެ. އޭރު އޭނާ އިނީ އަވަސް ޖަވާބެއް ބޭނުން ވެފައި ކަހަލަ ގޮތަކަށް އަކްރަމްއަށް ބަލަހައްޓައިގެންނެވެ.

އަނެއްކާ ވެސް އަކްރަމްއަށް ހިނިތުންވެވުނެވެ. އަދި ދުރަށް ބަލައިލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އަހަރެން މި ހުންނަނީ މީހަކާ އިންނަން ބޭނުންވެފައި. ހަޔާތުގެ ފަޅުކަން ފިލުވައިދޭނެ ބައިވެރިއެއް ބޭނުންވެފައި. އަހަންނަށް ޝިކާގެ ސްޓައިލް ކަމުދޭ. ޝިކާ ރީތި. ދެން... ނޭނގެ! އަހަރެން ކައިވެނި ކުރަން ބޭނުންވާ ޓައިޕްގެ ކުއްޖަކަށް ޝިކާ ވާތީ އެ ގޮތް ބޭނުންވީ. " އަކްރަމްގެ ޖަވާބުން ޝިކާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ފުޅާ ހިނިތުންވުމެއްގައި މިހާރު އޭނާ އެ އިނީ އުފަލުންނެވެ.

ރަށުގައި ދުވަސްތައް ހޭދަކުރަމުންދާ އަނޫޝާއަށް މީހުންގެ ކައިވެނީގެ ފުރުސަތުތައް އޮހެމުންދެއެވެ. ނަމަވެސް ކޮންމެ ހުށަހެޅުމަކަށް ވެސް އޭނާ އަންނަނީ އިންކާރު ކުރަމުންނެވެ. އޭނާ ހިތް އެދޭ ހަމަ އެކަކު ވެސް އެރަށުގައި ނެތް ކަހަލައެވެ.

" ދަރިފުޅު ކީއްވެތަ ނޫނެކޭ ބުނަނީ؟ އެ ސޮރަކީ ނުލާހިކު މޮޅު ކުއްޖެއް. މާސްޓާއެއްތޯ އެއްޗެއް ހަދައިގެން އެ އައީ ރަށު ސްކޫލް ވެރިޔަކަށް. މިހާރު މި ރަށަކު ވެސް ނުހުންނާނެ އެ ސޮރު ހާ ގަދަރުވެރި ދަރިއެއް. މަންމަމެންގެ ލޯ މަތީގައި އުޅެވޭނީ ވެސް ރަށު މީހަކާ އިނދެގެން ދޯ." ރާމިޒާ ބުނެލިއެވެ.

ރާމިޒާ ވާހަކަ ދައްކަމުން ދިޔައިރު އަނޫޝާ އިނީ ވަރަށް ފުން ވިސްނުމެއްގައެވެ. މަންމަ ދައްކަމުންދާ ވާހަކަ ވެސް އޭނާއަށް ނީވޭ ކަހަލައެވެ.

" ބަލަ އިވޭތަ މި ކިޔާއެއްޗެއް؟ " ރާމިޒާ ބުނެލިއެވެ.

ތަންކޮޅެއް ބާރަށް މަންމަގެ އަޑު އިވުމުން އަނޫޝާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

" އަހަރެން އަދި ނުވެޔޭ މީހަކާ އިންނާކަށް." އަނޫޝާ ދިނީ ކުރު ޖަވާބެކެވެ.

ތައްޓަށް އެޅި ބަތްކޮޅު ވެސް ނުކައި އޭނާ ނުކުމެގެން ދިޔުމުން ރާމިޒާއަށް ދެ ފަރާތަށް ބޯހޫރާލެވުނެވެ. އަރޫޝާ ނިކުމެގެން ދިޔަ ދޮރާ ދިމާލަށް ބަލަހައްޓައިގެން ރާމިޒާއަށް އިނދެވުނީ ލޯ އަޅައިގެންނެވެ.

ކޮޓަރިއަށް ވަތް ގޮތަށް އެނދުމައްޗަށް ވެއްޓިގެން އޮވެ، އަނޫޝާ ރޮމުން ދިޔައެވެ. ޒައިދްގެ ހިޔާލްތަކުން އޭނާއަކަށް މިންޖެއް ނުވެވުނެވެ.

" އަޅެ އެ ދުވަހު އަހަންނަށް ޒައިދް ދިމާ ނުވި ނަމަ... ހިނދުކޮޅެއްގެ އެ ބައްދަލްވުމުން އަހަރެންގެ މުޅި ދިރިއުޅުން ތި ބަދަލް ކޮށްލީ. " އަނޫޝާއަށް ބުނެވުނެވެ.

ހަމަ އެ ވަގުތެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލި އަޑަށް އަނޫޝާއަށް ބޯ ހިއްލައިލެވުނެވެ.

" އަނޫޝާ. މި ދޮރު ހުޅުވަބަލަ. އެއްޗެކޭ ބުނާއިރަށް ތިހެން ރުޅި އަންނާކަށް ނުވާނެ." ރާމިޒާ ގޮވާލިއެވެ.

މަންމަގެ އަޑަށް ފުންމައިގެން ތެދުވެ އަނޫޝާ އަވަސް އަވަހަށް މޫނު ސާފުކޮށްލިއެވެ. އެއާއެކު ދެ ވަނަ ފަހަރަށް ރާމިޒާ ގޮވާލި އަޑު އިވުނެވެ.

" މި ދަނީއޭ." އަނޫޝާ ވެސް ގޮވާލިއެވެ. މަޑުމަޑުން ގޮސް އަނޫޝާ ދޮރު ހުޅުވާލި އިރު މަންމަގެ މޫނުމަތީގައި އިތުރު ހާސްކަމެއް އުޅޭހެން އޭނާއަށް ހީވިއެވެ.

" ބައްޕަމެން އުޅޭ ދޯނީގެ އިންޖީނު ހަލާކުވެގެން މި ރަށަށް އެބަ ގެނޭ. ނަސީބެއްނު މި ރަށާ ކައިރީގައިކަން ދޯނި އޮތީ. " މަންމަ ބުނެލިއެވެ.

އަނޫޝާގެ ބައްޕަ ވަފީ މިހާރު ކަންނެއްޔާ ދަނީ ރަށުން ބޭރު ދޯންޏަކުންނެވެ. އޭނާ ރަށަށް ގެނެސް ބައްޕަ ފުރައިގެން ދިޔަ ފަހުން ބައްޕައާ އަދި އެއް ފަހަރު ވެސް ބައްދަލެއް ނުވެއެވެ. އެހެންވެ، ބައްޕަ އަންނާތީ ހުދު އަނޫޝާގެ ހިތަށް އުފާވެރިކަން ލިބުނެވެ.

" މި 100 ރުފިޔާ ހިފައިގެން ގޮސް ހެދިކާ ގަނެގެން އާދޭ. މަންމަ މި ދަނީ ސައި ކައްކަން. އެ ދޯނި އެންމެންނަށް ސައި ދޭން ޖެހޭނެއެއްނު." ރާމިޒާ ބުންޏެވެ.

( ނުނިމޭ )

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)