ކުރީގެ އަދަދާއި ގުޅޭ:

އަނޫޝާގެ ބައްޕަ ވަފީ މިހާރު ކަންނެއްޔާ ދަނީ ރަށުން ބޭރު ދޯންޏަކުންނެވެ. އޭނާ ރަށަށް ގެނެސް ބައްޕަ ފުރައިގެން ދިޔަ ފަހުން ބައްޕައާ އަދި އެއް ފަހަރު ވެސް ބައްދަލެއް ނުވެއެވެ. އެހެންވެ، ބައްޕަ އަންނާތީ ހުދު އަނޫޝާގެ ހިތަށް އުފާވެރިކަން ލިބުނެވެ.

Ad
rt

" މި 100 ރުފިޔާ ހިފައިގެން ގޮސް ހެދިކާ ގަނެގެން އާދޭ. މަންމަ މި ދަނީ ސައި ކައްކަން. އެ ދޯނި އެންމެންނަށް ސައި ދޭން ޖެހޭނެއެއްނު." ރާމިޒާ ބުންޏެވެ.

ރާމިޒާ ދިއްކޮށްލި 100 ރުފިޔާ ހިފައިގެން އަނޫޝާ ބޭރަށް ނިކުންނަން ހިނގައިގަތް ވަގުތު އަނެއްކާ ވެސް އޭނާގެ އަޑު އިވުނެވެ.

" ސްކޫލަށް ގޮސް އިފާއްކޮ ގޮވައިގެން އަންނައްޗޭ. މިހާރު އެކްސްޓްރާ ކްލާސް ނިމޭނެ ކަންނޭނގެ." ރާމިޒާ އެހެން ބުނުމުން އަނޫޝާ އަވަސް އަވަހަށް ގަޑި ބަލައިލިއެވެ.

އަވަސް ހަރަކާތްތަކާއެކު، ރާމިޒާ އުޅެނީ ސައި ތައްޔާރު ކުރާށެވެ. އޭރު ވަފީ އުޅޭ ދޯނި މީހުންތައް ގޯތި ތެރޭގައި ހުރި އުނދޯއްޔާއި ޖޯލިފަތީގައި ތިއްބެވެ. ބޭރުގައި މީހުން ގިނަ ކަމުން އިފާޝާގެ އިތުރުން އަނޫޝާ ވެސް ހުރީ ބޭރަށް ނިކުންނަން ނުކެރިފައެވެ. އެ ދެ މީހުން ވެސް ތިބީ ކޮޓަރީގައެވެ.

" ދަރިފުޅުމެން ވާ ރަނގަޅޭ. އާދެބަލަ މަންމައަށް އެހީވާން. މިހާރު އެއް ފަހަރު ކެއްކި ކުރާ ހުސްވެގެން މި އުޅެނީ. " ރާމިޒާ ބުންޏެވެ.

އޭނާ އައިސް ކުއްލިއަކަށް ދޮރު ހުޅުވާލުމުން އެނދުމަތީގައި ތިބި އަނޫއާއި އިފާޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ރާމިޒާ ރުޅި އައިސްފައި އެނބުރި ދިޔުމުން އެ ދެ މީހުންނަކަށް ވެސް ކޮޓަރީގައި ތިބޭކަށް ނުކެރުނެވެ. އަވަސް އަވަހަށް އެނދުން ފުންމާލައިގެން ބޭރަށް ނިކުތެވެ. އޭރު ކާގެ ތެރޭގައި އެއްބަޔަކު ކޮޅަށާއި އަނެއް ބަޔަކު ގޮނޑިތަކުގައި ތިއްބެވެ.

" ދަރިފުޅުމެން ނުފެނިގެން ބައްޕަ މިހާރު މަންމައާ ސުވާލު ވެސް ކޮށްފިން. " ބޭރު ފެންޑާގައި ހުރި ވަފީ ލޯތްބާއެކު ބުނެލިއެވެ.

އަނޫޝާއާއި އިފާޝާއަށް ވެސް ބައްޕަ ފެނުމުން ލިބުނީ އުފާވެރިކަމެވެ.

" ބައްޕަ ފުރަނީ ކޮން އިރަކުން؟ އިފާޝާ އަހާލިއެވެ.

" އަދި ނޭނގެ. އިންޖީނު ހަދާ މީހާ އަންނާނީ މާދަމާޔޯ. ދެ ދުވަހެއް ވަރު ވާނެ." ވަފީ ބުންޏެވެ.

ހަމަ އެ ވަގުތެވެ. އެންމެންގެ ނަޒަރު ހުއްޓުނީ ކާގެއިން ނިކުތް ޒުވާން ފިރެހެން ކުއްޖާއާ ދިމާލަށެވެ. އޭނާ ފެނުމާއެކު ނުސީދާ ގޮތަކަށް އަރޫޝާއަށް ބަލައިލެވުނެވެ. އޭރު އެ ޒުވާނާގެ ނަޒަރު ވެސް ހުރީ ސީދާ އަނޫޝާގެ މޫނަށެވެ. އަނޫޝާއަށް އޭނާ ފެނުމާއެކު ހުރިހާ ހިއްސެއް ހުއްޓުނު ކަހަލައެވެ. ހައިރާންވެ އަންތަރީސްވެފައި އޭނާއަށް ހުރެވުނެވެ. އެއީ އޭނާގެ ޒައިދް ނޫން ދެން ކާކު ހެއްޔެވެ؟ އޭނާގެ ސިފަ މުޅިން ތަފާތު ވެފައި ވީ ނަމަވެސް އެ ދެ ލޮލުގައިވާ ނަޒަރަކީ ޒައިދް އެންމެ ފަހުން އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑު ވަނީ ދިގުވެ، ރަތްވެފައެވެ. އިރުގެ އައްޔާއި ކަނޑުގެ ލޮލުން މީހާގެ ހަންގަނޑު ހުރީ ވަރަށް ބޮޑަށް އަނދާފައެވެ. ދިގު ތުނބުޅީގެ ސަބަބުން މޫނުމަތީގެ ސިފަ ހުރީ މުޅިން ބަދަލުވެފައެވެ. ނަމަވެސް އަނޫޝާއަކަށް ޒައިދްއެއް ނޯޅުނެވެ.

" އަނހަ ޒައިދް؟ ނިންމާލީ؟ ހާދަ އަވަހަކަށް." ޒައިދްއާ ދިމާލަށް އެނބުރިލަމުން ވަފީ ބުންޏެވެ.

ވަފީގެ އަޑަށް ޒައިދް ދިޔައީ ސިހިގެންނެވެ. އެއްޗެއް ބުނެލާނެ ހިތްވަރު ވެސް އޭނާގެ ދުލަކު ނެތެވެ. ކުއްލި ގޮތަކަށް އަނޫޝާ ފެނުމުން ޒައިދްއަށް ވެސް ލިބުނީ ހައިރާންކަމެވެ. ބޭއިހްތިޔާރުގައި ޒައިދް ހިނިތުންވެލި ނަމަވެސް އަނޫޝާ ހުރީ ހީލަން ވެސް ނޭނގިފައެވެ. ނަމަވެސް އޭނާގެ ހިތުތެރޭގައި ބާރު އޮއިވަރެއް ދައުރުވާން ފެށިކަން އޭނާއަށް އިހްސާސް ކުރެވުނެވެ.

ސައިބޮއިގެން މީހުންތައް ނިކުންނަން ފެށުމާއެކު އަނޫޝާއާއި އިފާ ވަނީ ބަދިގެއަށެވެ. އޭރު ވެސް އޮބިނޯންނަ ވަރަށް ހިތް ތެޅެމުން ދާތީ އަނޫޝާއަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެފައެވެ. އެތައް ދުވަހަކަށް ފަހު، ޒައިދް ފެނުމުން އޭނާއަށް ހުރެވުނީ ގަބޫލު ކުރަން ވެސް އުނދަގޫވެފައެވެ. އަދި ވެސް ޒައިދްއާ ބައްދަލްވާނެކަން އެނގޭތީ ހިތް އުފަލުން ފޮޅިގަނެއްޖެއެވެ. އެއާއެކު އޭނާގެ ތަޤްދީރާމެދު އުފާ ކުރެވުނެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރޭގަނޑުގެ ކެއުމަށް އެ ދޯނީގެ އެންމެން އައި އިރު ވެސް ޒައިދްއެއް ނާދެއެވެ. އެކަމާ އެންމެ ދެރަވީ އަނޫޝާއެވެ. އަނޫޝާއާ ބައްދަލް ކުރަން ޒައިދް އަންނާނެކަމަށް އޭނާ އުއްމީދު ކުރިއެވެ. އަދި ކެތްމަދުވެފައި އޭނާ އިންތިޒާރު ކުރަމުން އެ ދަނީ ވެސް ޒައިދްއަށެވެ.

" އަނެއްކާ ޒައިދް އުޅެނީ މީހަކާ އިނދެގެން ބާ؟ ކީއްވެ ބާ އޭނަ އެ ނައީ؟" އަނޫޝާގެ ހިތުގައި ވަހުމް އުފެދެން ފެށިއެވެ. އެއާއެކު އޭނާ ހިތް ބިރުގަންނަން ފަށައިފިއެވެ.

ކުއްލިއަކަށް އަނޫޝާގެ ލޮލުގައި އަޅައިގަތީ ބަދިގެއިން މަންމަ ނިކުމެގެން އަންނަ ތަނެވެ. އޭނާގެ މިސްރާބު ހުރީ ސީދާ އަނޫޝާއާ ދިމާލަށެވެ.

" އެ ދޯނީގައި ޑިޔުޓީގައި ހުރި ކުއްޖާ ކާން އަންނާނެޔޯ ފަހުން. މިއަދު މިހެން ތެޅިތެޅި ވަރަށް ބޮޑަށް ވަރުބަލި ކުރާތީ މަންމަ މި ދަނީ އޮށޯވެލަން. ކާން ވެސް ހަދާފައި ހުންނާނީ. އެކަމަކު ދަރިފުޅު މިތާ މަޑުކޮށްލައްޗޭ އެ މީހަކު އަންނަންދެން. " ރާމިޒާ ބުންޏެވެ.

އަނޫޝާ އަވަސް އަވަހަށް އާނއެކޭ ބުނެލީ އެއީ ޒައިދް ނޫން ދެވަނަ މީހަކަށް ނުވާނެތީއެވެ. އޭނާގެ އުއްމީދަކީ އެއީއެވެ. ރާމިޒާ ގޮސް ކޮޓަރިއަށް ވަނުމާއެކު އަނޫޝާ ވެސް ގެއަށް ވަންނަން ދުއްވައިގަތެވެ. އޭރު އިފާޝާ އޮތީ ނިދާފައެވެ. ގައިގެ އެތަން މި ތަނަށް ސެންޓް ޖަހާލުމަށްފަހު، ކޮޓަރި ފާރުގައި ހުރި ލޯގަނޑުން އޭނާ މޫނު ބަލައިލިއެވެ. އޭރު އެ މޫނުމަތީގައި ހުރީ ލަދުރަކި ހިނިތުންވުމެކެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުމުން ހުދު އަނޫޝާ ވެސް މިރޭ ލަދުގަތް ކަހަލައެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން ގޭޓުން އެތެރެއަށް ވަތް ޒައިދް ފެނި، ޖޯލީގައި އޮތް އަނޫޝާ ކޮޅަށް ޖެހުނެވެ. ކުރު ސޯޓު ބުރިއަކާ އަތް ދިގު ޓީޝާޓެއް ލައިގެން ހުރި ޒައިދް އައީ ސީދާ އަނޫޝާއާ ދިމާލަށެވެ. އޭރު އަނޫޝާއަށް އަވަސް އަވަހަށް މާނޭވާ ލެވެއެވެ. ޒައިދް އައިސް ހުއްޓުނީ ސީދާ އަނޫޝާގެ ކުރިމަތީގައެވެ.

ފެންޑާގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލީގެ އަސަރު އެ ތަނަށް ވެރިވެފައި ހުރި ނަމަވެސް، ގޯތިތެރެ އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. އެހެންވެ، އެކަކު އަނެކަކުގެ މޫނުމަތީގެ ޝުއޫރުތައް ދެނެގަންނަން ދެ މީހުންނަށް ވެސް ތިބީ އުނދަގޫ ވެފައެވެ.

" ޒައިދް." އަނޫޝާއަށް ބުނެވުނެވެ.

އަނޫޝާގެ ދުލުން ޒައިދްގެ ނަން ބާރުވުމާއެކު ޒައިދްއަށް ހީވީ އާ ދިރުމެއް ލިބުނު ހެންނެވެ. ލަދުން ހުރި ނަމަވެސް އޭނާ ވާހަކަ ދައްކަން ފެށީ ދެނެވެ.

" އަނޫ ދިމާވާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަން." ޒައިދް ބުންޏެވެ.

" އަހަރެން ވެސް ހީކުރީ ޒައިދް ގެއްލުނީކަމަށް." އަނޫޝާއަށް ބުނެވުނީ އުފާވެރި ރާގެއްގައެވެ.

އެ ވަގުތު ދެ މީހުންނަށް ވެސް ހިނިތުންވެވުނެވެ. ގޭތެރެއަށް ނަޒަރު ހިންގާލުމަށްފަހު، ޒައިދްއަށް ވަށައިގެން މުޅި ސަހަރައްދަށް ނަޒަރު ހިންގާލެވުނެވެ. އޭރު އެ ސަރަހައްދުގައި ދިރޭ ފުރާނައެއްގެ އަސަރު ވެސް ނެތް ކަހަލައެވެ.

" ހާދަ ބިރުން ހުރިހެން ހީވެޔޭ. " ޒައިދްގެ ހަރަކާތްތައް ހުރި ގޮތުން، ހެވިފައި ހުރި އަނޫޝާއަށް ބުނެލެވުނެވެ. އެއާއެކު ޒައިދްއަށް ވެސް ހެވިއްޖެއެވެ.

" ނޫނޭ... ބިރަކުން ނޫން. އަހަރެން މިތާ އިށީންދެލަންތަ؟" ޒައިދް އެހިއެވެ. އެ ވަގުތު އަނޫޝާއަށް ބޯ ޖަހާލެވުނީ އަވަސް އަވަހަށެވެ.

" އަނޫ އަނެއްކާ މެރިޑް ތަ؟" ޖޯލީގައި އިށީންނަމުން ޒައިދް އެހިއެވެ.

ޒައިދް އެ ސުވާލު ކުރުމުން، ޒައިދް އަދިވެސް އަނޫޝާއާމެދު ވިސްނާކަން އަނޫޝާއަށް ޔަގީން ކުރެވުނެވެ. އެހެންވެ އޭނާގެ ހިތަށް އިތުރު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ.

" ޒައިދްއަށް ހީވަނީ ކިިހިނެއް؟ " ބަދަލުގައި އަނޫޝާ ވެސް ކޮއްލީ ސުވާލެކެވެ.

" ނޭނގެ. އަނޫ ކަހަލަ ރީތި ކުއްޖަކު މިހާ ދުވަސް ވަންދެން ހުސްކޮށެއް ނުހުންނާނެ ދޯ. މެރީ ނުކުރިޔަސް ގައިމު ވެސް ބިޓެއް ހުންނާނެ." ޒައިދް ބުނެލީ އަނޫޝާގެ މޫނަށް ބަލަން އިނދެއެވެ.

އޭރު އަނޫޝާ އިނީ ރީތި ހިނިތުންވުމެއްގައެވެ. އެ މޫނުމަތިން އުފާވެރިކަން ވިދާ ބަބުޅަމުން ދާ ކަހަލައެވެ. ނަމަވެސް ޒައިދްގެ ވާހަކަ ހުރި ގޮތުން އަނޫޝާ ކޮންމެވެސް ވަރަކަށް ހިތް ބިރުގަތެވެ.

" އަނެއްކާ ޒައިދް އުޅެނީ މީހަކާ އިނދެގެންތަ؟އަހަންނާމެދު ތި ގޮތަށް އުއްމީދު ކުރާތީ މި އަހާލީ." އަނޫޝާ ބުންޏެވެ.

" ނޫނޭ. އަދި މީހަކާ ނީންނަން. " ޒައިދް ދިން ޖަވާބުން އަނޫޝާގެ ހިތުގައި އަނެއްކާ ވެސް ސުވާލު އުފެދުނެވެ.

" އަދި ނީންނަމޭ؟ ތީގެ މާނައަކީ މިހާރު އުޅެނީ ކައިވެނި ކުރުމުގެ މަގުމަތީގައޭތަ؟" އަނޫޝާ އެހިއެވެ. ތެޅިތެޅި އޮތް ހިތަކައިގެންނެވެ.

" ނޫނޭ. ދުވަހަކު ވެސް ނުކުރާނަމޭ ކަންނޭނގެ އޭގެ މާނައަކީ." ޒައިދް ރައްދު ދިނީ ލަސްލަހުންނެވެ. އޭނާ އެހެން ބުނުމުން، އިތުރަށް އެއްޗެއް ނާހައި އަނޫޝާއަކަށް ނީނދެވުނެވެ.

" ކީއްވެ؟ ދުވަހަކުވެސް ކައިވެނި ނުކުރާނަމޭ ތި ބުނީ ކީއްވެ؟" އަނޫޝާ އެހިއެވެ.

" އެއީ އަހަރެން އެންމެ ބޭނުންވި ކުއްޖާ އަދިވެސް އަހަންނަކަށް ނުލިބެޔޭ. އެހެން ނޫނަސް، އަހަރެންގެ އޮންނަނީ ހަމަ އެންމެ ހިތެއް. މި ހިތް އެ ކުއްޖާއަށް ހިބަ ކުރެވުނީމަ މައްސަލައަކީ. ދެން އިތުރު މީހަކަށް ދޭނެ ހިތެއް އަހަރެންގެ ނެތް." ޒައިދް ވާހަކަ ދެއްކީ ސީދާ އަނޫޝާގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ.

އެ ހުރިހާ ވާހަކަތަކެއް ރައްދުވަނީ ވެސް ސީދާ އަނޫޝާއަށޭ އޭނާގެ ހިތް ބުނެއެވެ. ޒައިދްގެ ސާފު މޫނުން އެކަން ހުދު އަނޫޝާއަށް ޔަގީންވެސް ކުރެވިއްޖެއެވެ.

" އޯހް. އެހެންތަ؟ އެހެންވިއްޔާ ތި ބުނާ ކުއްޖެއް އަދި ޒައިދްއަށް ލިބޭނެ. އުއްމީދު ކަނޑާނުލައި ޓްރައި ކޮށްބަލަ. " އަނޫޝާ ބުންޏެވެ. ނުސީދާ ގޮތަކަށް އަނޫޝާ ބުނެލިއެވެ.

އަނޫޝާގެ ޖުމްލަ އަޑުއިވިފަިއ ޒައިދްއަށް އިސްޖަހާލެވުނެވެ. އެ ކުއްޖަކީ އަނޫޝާކަން އޭނާއަށް ނޭނގުނީކަމަށް ހިތައި، ޒައިދްގެ ހިތަށް ވަރަށް އަސަރުވެސް ކުރުވިއެވެ. އަދި ޒައިދްއާމެދު އަނޫޝާ އެ ފަދަ ނަޒަރަކުން ނުދެކޭމަކަށް ހީކޮަށް، އިތުރަށް އޭނާ ދެރަވިއެވެ.

" އެއްކަހަލަ ދުވަހު، މި ބުނީ އެންމެ ފަހުން އަހަރެމެން މާލެ، ބަނދަރުމަތިން ދިމާވި ދުވަހު ޒައިދް ބުނީ ކީކޭތަ؟" އަނޫޝާ ބުންޏެވެ.

އަނޫޝާ ހުރީ ޒައިދް ދޭނެ ޖަވާބަކަށް އެދިއެދިއެވެ. ޒައިދްއާ އެ ސުވާލު ކުރާހިތުން އަރޫޝާ އުޅޭތާ ކިތަންމެ އިރެކެވެ.

" އަނޫ އެ ދުވަސް އަދިވެސް ހަނދާން އެބަހުރިތަ؟ އަަހަރެން ހީކުރީ އަނޫ މިހާރު އަހަރެން މަތިން ހަނދާންވެސް ނުހުންނާނެ ކަމަށް. " ޒައިދް ބުނެލީ ނާއުއްމީދު ވެގެންނެވެ. އޭނާ މިހާރު އިނީ އެހާ ހިތްހަމަ ޖެހިފައެއް ނޫނެވެ. ހިތަށް ތަދުވެފައެވެ.

" އަހަރެން އަސްލު ހީކުރީ އަނޫއަށް އެނގުނު ކަމަށް. އެކަމަކު މިހާރު އެނގިއްޖެ އަނޫއަށް އަހަރެން ބުނި އެއްޗެއް ނޭނގުނުކަން. ދެން އަޅާނުލާ. އެއީ މާ ކުރީގެ ކަމެއްނު." ޒައިދް ބުނެލިއެވެ.

މި ފަހަރު އަނޫޝާ ހިތުގައި ޖެހިއްޖެއެވެ. އެ ދުވަހު ޒައިދްގެ ހިތުގައި އަނޫޝާއާ މެދު އިހްސާސްތަކެއް ހިނގި ނަމަވެސް، މިހާރު އޭނާގެ ހިތުގައި އެކަމުގެ އަސަރު ވެސް ނެތްކަން އަނޫޝާ ޔަގީން ކުރިއެވެ. އަނޫޝާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކުރެވުނީ ބޭކާރު އިންތިޒާރެއްކަން ހިތަށް ވަޒަން ކުރެވުނެވެ. އަދި އަމިއްލަ ނަފްސަށް އޭނާއަށް މަލާމާތް ވެސް ކުރެވުނެވެ.

" ނޫނޭ ޒައިދް. އަހަންނަށް އެ ދުވަހު ޒައިދް ބުނީ ކީކޭކަން ވަރަށް ރަނގަޅަށް އެނގުނު. އެކަމަކު އަހަންނަށް އިޝާރާތެއް ކުރެވެން ވާއިރަށް އަހަރެންގެ ލޯ މަތިން ޒައިދް ގެއްލިއްޖެ. " އަނޫޝާ ބުންޏެވެ.

އަނޫޝާގެ ވާހަކަތަކަށް ޒައިދްއަށް ސަމާލުކަން ދެވުނެވެ. އޭނާ އިނީ އެ ވާހަކަތައް އަޑުއަހާ ހިތުންނެވެ. އިތުރަށް އަނޫޝާ ބުނާނެ އެއްޗަކަށް ހިތް އެދިއެދިއެވެ.

" އެ ދުވަހުން ފެށިގެން އަހަރެން ޒައިދްއާމެދު ވަރަށް ވިސްނިން. ޒައިދް އަހަންނާ ބައްދަލް ނުވާނެކަން އެނގޭ އިރު ވެސް އަހަންނަށް އިންތިޒާރު ކުރެވުނު. ވަރަށް ދުއާ ވެސް ކުރިން އަދި ބައްދަލްވޭތޯ. ދުވަހަކަށް ވުރެ ދުވަހެއް އަހަރެންގެ ހިތުގައި... ޒައިދްއާމެދު އޮތް ލޯބި ދިޔައީ ވަރުގަދަ ވަމުން. އަދި އެ ދުވަހުގެ އެ ހަނދާންތައް އަހަރެންގެ ހިތުގައި އަދިވެސް ދިރި އެބަހުރި." އަނޫޝާ އެހެން ބުނެލީ އިސްޖަހާލަމުންނެވެ.

ޒައިދްގެ މޫނުމަތި އުޖާލާވެ، އޭނާއަށް ހިނިތުންވެވުނީ ލޯބި ކާމިޔާބުވީ ކަމުގައި ނިންމައިގެންނެވެ.

" އެކަމަކު... އަހަންނަށް މިހާރު އެނގިއްޖެ އެ ދުވަސް ހަމަ ހަގީގަތުގައި ވެސް މާޒީ ވެއްޖެކަން. " ކުރަކިވެފައިވާ އަޑަކުން އަނޫޝާއަށް ބުނެވުނެވެ.

" އަހަންނަށް މި ހުރީ ގަބޫލު ކުރަން ވެސް ދަތިވެފަ." ޒައިދްއަށް ބުނެވުނެވެ.

އެއާއެކު އަނޫޝާއަށް ޒައިދްގެ މޫނަށް ބަލައިލެވުނީ ފަރުވާތެރިކަމާއެކުއެވެ.

" ޒައިދްއަށް އެއީ އެހާ ބޮޑުކަމަށް ނުވާތީ ތި ހައިރާންވީ. ފަހަރެއްގައި ވެދާނެ ޒައިދް ބުނި އެއްޗެއްގެ މާނަ އަހަންނަށް ނެނގުނީ ނުބައިކޮށް ކަމަށްވެސް. ކުރެވުނު ހީ އަކަށް އަހަރެންގެ މުޅި ދިރިއުޅުން މި ވައްޓައިލެވުނީ ހިތާމައެއްގެ ތެރެއަށް." އަނޫޝާ ހުރީ އޭނާގެ ހިތުގެ ހާލަތު ރަނގަޅަށް ބަޔާންކޮށްދޭން ބޭނުންވެފައެވެ.

" އަނޫ އަދިވެސް އަހަރެންދެކެ ލޯބިވޭތަ؟" ޒައިދް އެހިއެވެ.

ޒައިދް އެ ސުވާލު ކުރި ނަމަވެސް، އަނޫޝާގެ ފަރާތުން އޭނާއަށް ފެނުނީ ހަމައެކަނި ހަމަހިމޭންކަމެވެ.

" ބުނެބަލަ. " ކެތްމަދުވެފައި ޒައިދް ސުވާލު ކުރިއެވެ.

" އަހަރެން ލޯބިވި މީހަކީ ތިއީ. އަހަރެންގެ ވެސް އޮންނަނީ ހަމަ އެންމެ ހިތެކޭ." އެ ހިސާބަށް ބުނެވުނު އިރު އަނޫޝާއަށް ރޮވޭ ގޮތްވިއެވެ. އަނޫޝާގެ އެ ހާލަތުން ޒައިދްގެ ހިތަށް ދިރުން ލިބުނު ކަހަަލައެވެ.

އަނޫޝާގެ އުނގުތެރޭގައި އޮތް އަތުގެ ތެރެއަށް ޒައިދްގެ އަތް މަހާލީ، ލަސް ހަރަކާތްތަކަކުންނެވެ. ހައިރާންވެފައި އަނޫޝާއަށް ޒައިދްގެ އަތަށް ބަލައިލެވުނެވެ. އެއާއެކު ޒައިދް ކުރިއަށް ވުރެ ބާރަށް އަނޫޝާގެ އަތަށް ފިތާލިއެވެ.

" އަހަރެން ވެސް، އަދިވެސް..."

ޒައިދް އެހެން ބުނެ، އަނޫޝާގެ އަތްތިލައިގައި ބޮސް ދިނެވެ. ލަދުން ގޮސް އަނޫޝާއަށް މޫނު އަނބުރައިލެވުނެވެ.

" އަނޫޝާ! " ރުޅިވެރިކަމާއެކު އަނޫޝާގެ މަންމަ ގޮވާލި އަޑަށް، ދެ މީހުންނަށް ވެސް ތެޅި ގަނެވުނީ އެއް ފަހަރާއެވެ.

( ނުނިމޭ )

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)