ކުރީގެ އަދަދާއި ގުޅޭ:

" ޝިކާ ވެއްޓުނީ އަހަރެންގެ ކާރުގައި ޖެހިފައެއް ނޫނޭ. އަހަންނަށް ޔަގީން ނުޖެހޭކަން. އޭގެ ކުރިން ބިރުން ކަންނޭނގެ ޝިކާ އަނބުރައިގަތީ. އެހެންވެ އަހަރެން ޝިކާ މި ގެއަށް ގެނައީ. ޝިކާގެ ހެދުމުގައި ކިސަޑު ކަހަލަ އެއްޗެއް ޖެހިފައި ހުރީމަ ހެދުން ބަދަލު ކޮށްލީ." އޭނާ ބުންޏެވެ.

Ad
rt

އެއާއެކު ޝިކާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ ވެސް އޭނާއަށް ބަލައިލެވުނީ އަމިއްލަ ހަށިގަނޑަށެވެ.

" ޔީ... ހެ ހެދުން... ބަދަލުކޮށްލީއޭ؟" ޝިކާއަށް ބުނެވުނީ ބާރުބާރަށެވެ.

" ކަންބޮޑު ނުވޭ. ޝިކާގެ ހެދުން ބަދަލު ކުރުވީ އަހަރެންގެ މެއިޑް މޫމިނައްތަ. ދެން އެއްވެސް ޝިކާގެ މައުލޫމާތެއް އެނގޭތޯ ހޭންޑްބޭގް ޗެކްކޮށްލީމަ އައިޑީކާޑު ފެނިގެން ނަން އެނގުނީ. " އޭނާ ބުންޏެވެ.

އޭނާގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.

" ވަދޭ އެތެރެއަށް." އޭނާ ބުންޏެވެ.

އެ ވަގުތު ، ދެބައި އުމުރުގެ އަންހެނަކު ކޮޓަރިއަށް ވަދެގެން އައިތަން ޝިކާއަށް ފެނުނެވެ. އޭނާގެ އަތް މަތީގައި ޝިކާގެ ހެދުން އިސްތިރިކޮށްފައި އޮތްތަން ވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ.

" އަކްރަމް. މިއޮތީ ހެދުން ދޮވެ، އިސްތިރިވެސް ކޮއްފަ." މޫމިނައްތަ ބުނެލިއެވެ.

އެ އަޑުގައިވާ އޯގާތެރިކަމުން، މޫމިނައްތައަކީ ވަރަށް ރަނގަޅު މީހެކޭ ޝިކާއަށް ހީކުރެވުނެވެ. ޝިކާއަށް ހެދުން ދިނުމަށް އަކްރަމް އިޝާރާތް ކޮށްލުމާއެކު މޫމިނައްތަ ޝިކާއަށް ހެދުން ދިނެވެ. މޫމިނައްތަގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ހެދުމުގައި ޝިކާ ހިފަމުން ލުއި ގޮތަކަށް ހިނިތުންވެލި ނަމަވެސް މޫމިނައްތަ ޝިކާއަށް ބަލައިލުމަށްފަހު، އެނބުރި ދިޔައީއެވެ. އެ ވަގުތު ޝިކާއަށް ދެ ކޮނޑު ހިއްލައިލެވުނެވެ.

ޝިކާ ބަލަހައްޓައިގެން ހުއްޓާ، އަކްރަމް ގަމީސް ލައި ގޮއްތައް އަޅުވާލިއެވެ. އަދި އޭނާ ޝިކާއަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ޝިކާ ގެއަށް ގެންގޮސްދޭނަން. ތައްޔާރުވެލާ." އަކްރަމް ބުންޏެވެ.

އެއާއެކު ޝިކާއަށް އަކްރަމްއާ ދިމާލަށް ލޯ އަޅައިލެވުނެވެ. އޭނާ ބޭނުންވީ ހިތްހަމަ ނުޖެހޭކަން ދައްކާށެވެ.

" އަހަރެން ހޭ ނޭރިނަމަޔޯ؟" ޝިކާ ބުންޏެވެ.

" އަހަންނަށް އެނގެޔޭ ޝިކާ އެ ކާރަކު ނުޖެހޭކަން. އެހެން ނޫނަސް ގަސްތުގައި މީހަކު މަރާލާކަށް މިތާނަށް އަހަންނެއް ނުގެންނާނެ ދޯ." އަކްރަމް އެހެން ބުނެ، ދޮރު ލައްޕައިފިއެވެ. އޭރު ވެސް ޝިކާ ހުރީ ރުޅި އައިސްފައެވެ.

ތައްޔާރު ވެގެން ޝިކާ ސިޓިންރޫމަށް ނިކުތްއިރު އަކްރަމް އިނީ ސޯފާގައި ފޯނާ ކުޅޭށެވެ. ޝިކާއަށް މުޅިގެއަށް ނަޒަރު ހިންގަން ފެށުނެވެ. މުއްސަނދިކަމާއި ރީތިކަމުން ފުރިގެންވާ އެ ގެ ފެނި ހަގީގަތުގައި ވެސް ޝިކާ އާޝޯހު ވެއްޖެއެވެ. ގޭގައި ބަހައްޓާފައި ހުރި ފަރުނީޗަރުތަކަކީ މީގެ ކުރިން ދުވަހަކު ވެސް ޝިކާ ފެނިފައި ނުވާ ފަދަ ރީތި އެއްޗެއްސެވެ. ބަލައިލާ ކޮންމެ ދިމާލަކުން ފެންނަނީ މުޅިން ވެސް އޭނާ ގަޔާވާ ފަދަ އެއްޗެއްސެވެ.

" ނިމުނީތަ؟" އަކްރަމް ބުނެލިއެވެ.

އަކްރަމްގެ އަޑަށް ޝިކާ ދިޔައީ ސިހިގެންނެވެ. އޭރު އަކްރަމް ހުރީ ތެދުވެއެވެ. މި ފަހަރު ޝިކާއަށް އަކްރަމްއާ ދިމާލަށް ބަލައިލެވުނީ ނުހަނު ގަޔާވެގެންނެވެ. އޭނާގެ ފިރެހެންވަންތަކަން ޝިކާގެ ހިތަށް ނަކަލު ކޮށްލެވުނު ފަދައެވެ. އެ ސޫރައާއި އެއްވަރަށް އަޑު ވެސް ރީއްޗޭ އޭނާގެ ހިތަށް އެރިއެވެ.

" ނުދާނަންތަ؟" އަކްރަމް އެހިއެވެ.

އެއާއެކު ޝިކާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ބޭއިހްތިޔާރުގައި ހިނިތުންވެސް ވެލެވުނެވެ.

" ތިހާ ރަނގަޅު މީހަކާ ދިމާވިކަން ހަމަ ނަސީބު. އެހެން ނޫން ނަމަ ނޭނގެ އަހަރެން ސަލާމަތުން ހުންނާނެ ކަމެއް ވެސް." ކާރަށް އެރުމާއެކު ޝިކާ ވާހަކަ ދައްކަން ފެށިއެވެ.

އޭނާ އިނީ ކަޅި ޖަހައިނުލާ އަކްރަމަށް ބަލަހައްޓައިގެންނެވެ. އެ ވަގުތު އެއް މިޔަކަނުން އަކްރަމް ހީލިތަން ފެނި ޝިކާއަށް އަނެއްކާ ވެސް ހެވުނެވެ.

" ކިހިނެތް އެނގެނީ ސަލާމަތުން ކަމެއް ތިހުރީ ؟ " އަކްރަމް ބުނެލީ ބުމަ ހިއްލާލަމުންނެވެ.

" އޭނ؟" ޝިކާއަށް ބުނެވުނެވެ.

އެ ވަގުތު އަކްރަމް ބާރަށް ހޭންފެށިއެވެ. ޝިކާ އިނީ އޭރު ވެސް އަކްރަމްއަށް ބަލާށެވެ.

" ތިހާ އަވަހަށް ނުދަންނަ މީހުންނަށް އިތުބާރު ކުރާކަށް ނުވާނެ. އަހަރެން ބުނި އެއްޗެއް ގަބޫލު ކޮށްގެން ދޯ ތި ހުންނަނީ؟ ކިހިނެއް އެނގެނީ މޫމިނައްތަކަމެއް ޝިކާގެ އެއްޗެހި ބޭލުވީ؟" އަކްރަމް ބުންޏެވެ.

ޝިކާގެ ހަރަކާތްތައް ހުއްޓި، މީހާ ގަނޑުވީ ކަހަލައެވެ. ހިތުގައި ބިރުވެރިކަން އުފެދި، އޭނާއަށް ބަލައިލެވުނީ އަކްރަމް ދަނީ ރަނގަޅު މިސްރާބަކަށްތޯއެވެ.

" ކިހިނެތް އެނގެނީ އަހަރެން ޝިކާއަށް ކަމެއްވެސް ނުކުރާކަމެއް؟ " އަނެއްކާވެސް ޝިކާގެ ކަންފަތުގައި ޖެހުނީ އަކްރަމްގެ އަޑެވެ.

ތުރުތުރުއަޅާ ހާލުގައި އިން ޝިކާއަށް ދެ ވަނަ ފަހަރަށް އަކްރަމްއަށް ބަލައިލަން ވެސް ނުކެރުނެވެ. އޭނާ އިނީ ވަރަށް ބޮޑަށް ދާހިއްލާ ގޮތްވެފައެވެ. ފެންކަޅިވެ، މީހާއަށް ރޮވެން ފެށުމުން ޝިކާ، މަޑުމަޑުން މޫނުގައި ދެ އަތް އެޅިއެވެ.

" އޭ. ރޮނީތަ؟ ޝިކާ. ހާދަ އަވަހަކަށް ސީރިއަސްވީ. ހަމަ ހުވާ އަހަރެން މަޖަލަކަށް މި ބުނީ. ޝިކާއަކަށް އަހަރެން އެއްވެސް ކަމެއް ނުކުރަން. އޭ ސޮރީއޭ." އަކްރަމް ބާރުބާރަށް ބުންޏެވެ.

އޭރު ވެސް ޝިކާ، އޭނާގެ މޫނުން އަތެއް ނުނެގިއެވެ. ދެ ފަރާތަށް ބޯ ހޫރާލާހޫރާލާ އޭނާ އިނީއެވެ.

" ސޮރީ. ހުއްޓާލާ ޕްލީޒް. " އަނެއްކާ ވެސް އަކްރަމް ބުނެލިއެވެ.

މި ފަހަރު އޭނާގެ އަޑުގެ އަސަރުގަދަކަން ޝިކާއަށް އިހްސާސް ކުރެވުނެވެ. އޭނާ މަޑުމަޑުން ދެ އަތުން މޫނު ފުހެލިއެވެ. ނަމަވެސް އަކްރަމްއަށް ބަލައިލަން ނުކެރި އޭނާ އިސްޖަހައިގެން އިނީއެވެ.

" އަސްލު ހަމަ ނުދަންނަ މީހަކަށް އިތުބާރު ކުރާކަށް ނުވާނެ. އެކަމަކު އަހަރެން މިއީ ތި ހީކުރާ ކަހަލަ މީހެއް ނޫން. އަހަންނަށް ޓްރަސްޓް ކުރޭ. އަހަރެން ޝިކާއަކަށް ގޯނާއެއް ނުކުރަން. " އަކްރަމްގެ ވާހަކަ އަޑުއަހަން އިން ޒިފާއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ.

އޭނާއަށް މަޑުމަޑުން އަކްރަމްއަށް ބަލައިލެވުނު އިރު، އަކްރަމް ވެސް ޝިކާއަށް ބަލައިލައިފިއެވެ. އޭނާ އެ ދެއްކީ ތެދުކަން އެ ދެ ލޮލުން ހެކިދޭ ކަހަލައެވެ. އެ މޫނުމަތިން އެކަން ޔަގީންކޮށްދޭ ކަހަލައެވެ. އަކްރަމްގެ ވާހަކަތައް ގަބޫލު ކުރުމުގެ ގޮތުން ޝިކާ ބޯ ޖަހާލިއެވެ.

" ކޮންތާކަށްތަ ދާންވީ؟ " އަކްރަމް އެހިއެވެ.

ޝައުގުވެރިކަމާއެކު އަކްރަމްގެ މޫނަށް ބަލަން އިނދެ، ދާންވީ ތަން ޝިކާ ބުނެލިއެވެ. އޭރު އޭނާ އިނީ ވަރަށް ބޮޑަށް އަކްރަމްއާ ވާހަކަ ދައްކާ ހިތްވެފައެވެ.

" އަކްރަމް އެކަނިތަ އެ ގޭގައި އުޅެނީ؟ " ޝިކާ އެހިއެވެ. ޖެހިލުންވެ އިނދެއެވެ.

އެއާއެކު ހީލަމުން އަކްރަމް ޝިކާއަށް ބަލައިލިއެވެ.

" މާ ޕާސަނަލް ސުވާލެއްތަ މި ކުރެވުނީ؟" ރަކި ގޮތަކަށް ޝިކާ އަހާލިއެވެ.

އެއާއެކު އަކްރަމް ބޯ ހޫރާލިއެވެ.

" އަހަރެން އެކަނި އުޅެނީ. އެކަމަކު ގޭތެރޭގެ ކަންތައްތައް ކުރަން މޫމިނައްތަ އަންނާނެ. އެކަނި އުޅެން އަހަންނަށް މާ ފަސޭހަ. އަހަންނަކީ ވަރަށް ފްރީ މައިންޑެއްގެ މީހެއް. " އަކްރަމް ބުންޏެވެ.

އަކްރަމްގެ ވާހަކައިން ޝިކާގެ ހިތުގައި ސުވާލުތައް ގިނަވެގެން އޭނާއަކަށް ނުވެސް ހިފެހެއްޓުނެވެ. އަވަސް އަވަހަށް ޝިކާ ސުވާލު ކުރަން ފެށިއެވެ.

" ކިއްވެ އެކަނި އުޅެނީ؟ އާއިލާ ކޮބާ؟ " ޝިކާ އެހިއެވެ.

" އަހަރެންގެ އެއްވެސް މީހަކު ނެތޭ. އެހެންވެތާ އެކަނި އުޅޭނީ. އޯހް. މި އާދެވުނިއްޔާ ޝިކާ ބުނި ހިސާބަށް. " ހިނިގަނޑެއް ޖަހާލަމުން އަކްރަމް އެހެން ބުނެ ކާރު ހުއްޓާލިއެވެ.

" އަސްލު މިހާ ދުރަށް މި މަޑުކުރީ އެ ގޭ ދައްތައަށް ފެނިދާނެތީވެ. ބިއްދަށުން އެ ފެންނަނީނު ގްރީން ކުލައިގެ ގެއެއް. އެ ގޭގައި އުޅެނީ. " ޝިކާ ބުންޏެވެ.

އެ ވަގުތު އަކްރަމް ހެވިފައި އިނދެ ޝިކާއަށް ބަލައިލިއެވެ.

" އެނގޭތަ އެއީ ކާކުގެ ގެއެއްކަން؟" އަކްރަމް އެހިއެވެ. ޝިކާ ވަގުތުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" އެއީ އަހަރެންގެ މަންމަގެ ގެ. އަދި މާފަންނު ކޮޅުގައި ހުންނާނެ ބައްޕަގެ ގެ ވެސް. އެ ދެ އިމާރާތަކީ ވެސް ހަމަ ހަ ފަންގިފިލާގެ ދެ އިމާރާތް. ކޮންމެ ފަންގިފިލާއެއްގައި ވެސް ހުންނާނީ ދެ އެޕާރޓްމަންޓްސް. ޖުމްލަ 24 އެޕާޓްމަންޓްސް އިން އަހަންނަށް ކުލީ ފައިސާ ލިބޭނެ. ކޮންމެ ތަނެއްވެސް ދޫކޮށްފައިވާނީ 20،000 ރުފިޔާއަށް. އެ ދެ ގެއިން ވެސް ފައިސާ ލިބޭނީ އަހަންނަށް. " އަކްރަމް ބުންޏެވެ.

އޭރު ޒިފާ އިނީ ދެ ލޯ ބޮޑުވެ، އަނގަ އިތާ ކޮށްގެންނެވެ.

" ފޮނިވެސް މީހެކޭދޯ! "

މަޑުމަޑުން ޝިކާއަށް ބުނެލެވުނެވެ.

" އަވަހަށްދޭ ގެއަށް. މި ގޯޅިއަށް ވެހިކަލެއް ވަންނަން ވާއިރަށް މި ކާރު ދުރުކުރަން ޖެހޭނެ." ލާނެތް ގޮތަކަށް ހެވިފައި އިނދެ އަކްރަމް ބުންޏެވެ.

" ޝު..ޝުކުރިއްޔާ." ނިކުންނަމުން ޝިކާ ބުނެލީ، އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެންނެވެ.

އަވަސް އަވަހަށް ކާރުން ފައިބައިގެން ގެއާ ދިމާލަށް ދަމުން ވެސް އޭނާއަށް ފަސް އެނބުރި ބަލައިލެވުނެވެ. މަހުޖަނަކާއެކު އާދެވުނުކަމުގެ ފޮނި އިހްސާސްތައް އޭނާގެ ހިތުގައި އޭރުވެސް ހިނގަމުން ދެއެވެ.

" އެހާ ބައިބަރު ލާރި؟ " ޝިކާއަށް ބުނެލެވުނެވެ.

އޭރު ކާރު ނައްޓާލައިފިއެވެ.

" މީނައާ ދެ ވަނަ ފަހަރަށް ދިމާވާނެ ނަމަ" ފަސްއެނބުރި ބަަލައިލަމުން ޝިކާއަށް ބުނެވުނެވެ.

" އަވަހަށް ހޭލާ. އޭރުން ހަދިޔާ ލިބޭނީ." އަނޫޝާ ބުންޏެވެ.

ގަދަ ނިދީގައި އޮތް އިފާޝާ ސިއްސައިގެން ގޮސް ކޮޅަށް ޖެހުނީ ދޮންތަ އަނޫޝާގެ އަޑުންނެވެ.

އެނދުމަތީގައި އޮތް ޕާރްސަލް ފެނި އިފާޝާ އުފަލުން ގޮސް އަނޫޝާގެ ގައިގައި ބައްދާލިއެވެ. އިތުރަށް އެންމެ ވަގުތަކު ވެސް މަޑު ކުރުމެއްނެތި އިފާޝާ އަވަސްވެގަތީ ޕާރްސަލް ކެނޑުމަށެވެ. ހެވިފައި އިނދެ އޭނާ ފޮށިގަނޑުން ނެގީ ރީތި ފައިވާނެކެވެ.

" އަޅެ. ވަރަށް ރީތި. ދޮންތައަށް އެނގޭ ދޯ އަހަންނަށް ފައިވާން ގަންނަން." އިފާޝާ ބުންޏެވެ.

" އާނ. ކޮއްކޮއާ ދޮންތަ އަރަނީ އެއް ސައިޒެއްގެ ފައިވާނަކަށްނު." އަނޫޝާ ބުންޏެވެ.

އެ ވަގުތު އިފާޝާ ބޭނުންވީ އެ ފައިވާނަށް އަރާށެވެ. ދެ ފައިވާން ކިބަ، އެނދު ތިރިއަށް ވައްޓާލުމާއެކު އެއް ކިބަ ބަންޑުން ޖެހުނެވެ. އެ ވަގުތު އިފާޝާގެ ދެ ލޯ ބޮޑުވެ، މޫނު ކުނިކުއްލެވުނެވެ. އެއާއެކު އަނޫޝާގެ ހިތަށް ނުތަނަވަސްކަން ވެރިވެ، އޭނާއަށް އިސްޖަހާލެވުނެވެ.

" މިއީ ކޯއްޗެއް؟ ބާ ފައިވާނެއްތަ؟ ދޮންތަގެ ފައިވާނެއް ދޯ މި؟" އިފާޝާ ބުނެލީ ރުޅި އައިސް ހުރެއެވެ.

މަޑުމަޑުން ބޯ ޖަހާލަމުން އިފާޝާގެ މޫނަށް އަނޫޝާ ބަލައިލީ ފެންކަޅިވެ އިނދެއެވެ.

" މި ގެންދޭ. އަހަރެން މިއެއް ބޭނުމެއް ނޫން. ދޮންތަ މުޅިން ވެސް އަހަންނަށް ދޭނީ ބާ އެއްޗެހި." ރުޅި އައިސް ހުރި ވަރުން އިފާޝާ އެ ފައިވާން ދުރަށް ހޫރާލިއެވެ.

އެ ވަގުތު އަނޫޝާއަށް ބާރަށް ރޮވިއްޖެއެވެ. އިފާޝާއަށް މައިތިރި ވެވުނީވެސް ދެނެވެ.

" ތެދެއް ތި ބުނީ. އަހަރެން މުޅިން ވެސް ދޭނީ ބާ އެއްޗެހި. އެވަރު އަހަރެން ކުރާކަމަށްޓަކައި ވެސް ޝުކުރު ކޮށްބަލަ. އަހަންނަކަށް ދުވަހަކު ވެސް އާ އެއްޗެއްސެއް ނުލިބޭ. އަހަރެން މި ލާ ހެދުމާ، މި އަރާ ފައިވާނާ އެހެން ހުރިހާ އެއްޗެއްސަކީ ވެސް މީހުން ދޭ ބާ އެއްޗެހި. ކިޔަވާ ނިމިގެން މި އައީ އަންނަ ހިތަކުން ނޫން. ކޮއްކޮއަށް ކިޔަވައިދޭން މަންމަމެންނަށް ލިބޭ ލާރި، ރައްކާކުރަން މަންމަ ބޭނުންވީމަ. އަހަންނަށް ކިޔަވަދޭނެ ލާރި މަންމަމެން އަތުގައި ނެތީމަ. އަހަރެން ނުކިޔަވާ މި އައީ ހަމައެކަނި ކޮއްކޮގެ ހައްގުގައި. " އަނޫޝާ ބުންޏެވެ.

އޭނާ އިތުރަށް އެންމެ ހިނދުކޮޅަކު ވެސް އެތާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ތެދުވުމާއެކު އިފާޝާ އޭނާގެ އަތުގައި ބާރުބާރަށް ހިފިއެވެ.

" ސޮރީ ދޮންތާ. އަހަރެން ދެން އެކަހަލަ ވާހަކައެއް ނުދައްކާނަން." އިފާޝާ ބުންޏެވެ.

އަނޫޝާ ހީލި، ނަމަވެސް އޭނާގެ ހިތަށް އޭރު ވެސް ތަދުވާ ކަހަލައެވެ.

ވަކީލަކަށް ވާން ޝިކާ ބޭނުންވީ އެކަން ކުރާހިތަކުން ނޫނެވެ. ފައިސާ ގިނައިން ހޯދުމުގެ ނިޔަތުގައެވެ. ކޯހަށް ކުރިމަތި ލުމަށްޓަކައި ފޯމް ހިފައިގެން އޭނާ މަޖީދީމަގަށް ނިކުތީ ކޮލެޖަށް ދާން ކާރެއް ހޯދާށެވެ. އެތައް އިރެއް ވީ ފަހުން އޭނާގެ ކުރިމައްޗަށް މަޑުކޮށްލި ކާރަށް ޖެހިލުމެއް ނެތި އޭނާ އެރީ ލަސްވެފައި ހުރިވަރުންނެވެ.

" ވިލާ ކޮލެޖަށް." ޝިކާ ބުނެލިއެވެ.

"ކިޔަވާ ކުއްޖެއްތަ؟" ކުއްލިއަކަށް އިވުނު އަކްރަމްގެ އަޑުން ޝިކާ ދިޔައީ ސިއްސައިގެންނެވެ.

" ހޭ. ޔޫ؟" ޝިކާއަށް ބުނެވުނީ ނުހަނު ގާތް ގޮތަކަށެވެ. އަކްރަމް ޖަހާލީ ކުރު ހިނިގަނޑެކެވެ. ފަހަތު ސީޓްގައި އިނދެ ޝިކާ އަކްރަމްއަށް ބަލަމުން ދިޔައީ ހެވިފައި އިނދެއެވެ.

" ކޮލެޖްގައިތަ އުޅެނީ؟" އަނެއްކާ ވެސް އަކްރަމް އެހިއެވެ.

" ނޫން. ކިޔަވަން ވެގެން މި އުޅެނީ. ވަކީލަކަށް ވެވޭތޯ. އޭރުންތާ ގިނަ ލާރި ލިބޭނީ." ޝިކާ ބުނެލިއެވެ.

" ލާރި ދޯ؟ މާ ރަނގަޅެއްނު އެއްވެސް ކަމެއް ނުކޮށް ފަސްވަރަކަށް ލައްކަ ރުފިޔާ ލިބެންޏާ." އަކްރަމް ބުންޏެވެ.

އަކްރަމް އެހެން ބުނުމާއެކު ޝިކާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އަކްރަމް ޝިކާއަށް ބަލަމުން ދިޔައީ އޭނާގެ ކުރިމަތީގައި ހަރުކޮށްފައި ހުރި ލޯގަނޑުންނެވެ.

" ދެން ކީއްވެ މިހާ ތޮއްޖެހިފައިވާ މާލޭގައި ތިއުޅެނީ؟ އަހަރެން މިއީ ތިހާ ބޮޑު މުއްސަންޖެއްނަމަ މާލޭގަ ނުވެސް ހުންނާނަން. އެއް މަހު ޖަރުމަނަށް އަނެއްމަހު ތައިލެންޑަށް، އަނެއްމަހު..." ޝިކާގެ ޖުމްލަ މެދުކަނޑާލީ އަކްރަމެވެ.

" އަނެއްމަހު ސިންގަޕޯރއަށް އަނެއްމަހު މެލޭޝިއާއަށް، އަނެއްމަހު ދުބާއީއަށްވެސް ދިޔައީމޭ." އަކްރަމް ބުންޏެވެ.

އެއާއެކު ޝިކާ ކޮށިއެރީ މާ ބާރަށް ހީގަންނަން އުޅުމުންނެވެ. އަވަސް އަވަހަށް ފަސްއެނބުރި އަކްރަމް ޝިކާއަށް ފެންފުޅި ދިއްކޮށްލިއެވެ.

ފެން ފޮދެއް ބޯލުމަށްފަހު، ޝިކާ ސީޓުގައި ލެނގިލިއެވެ.

" އަހަރެންވެސް ބޭނުން ތިހާ މުއްސަނދިވާން." ބޭއިހްތިޔާރުގައި ޝިކާއަށް ބުނެލެވުނެވެ.

އެ ވަގުތު އަކްރަމް ޝިކާއަށް ބަލައިލިތަން އެ ލޯގަނޑުން ޝިކާއަށް ފެނުނެވެ.

" އެބައޮތް ގޮތެއް." އަކްރަމް ބުންޏެވެ.

ސުވާލުގެ ނަޒަރަކުން ޝިކާއަށް އަކްރަމްއަށް ބަލައިލެވުނެވެ.

" އަހަންނާ މެރީ ކުރަން ވީއެއްނު. އޭރުން ޝިކާ ވިސްނަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ. " އަކްރަމް ބުނެލިއެވެ.

އަކްރަމްގެ ހުށަހެޅުމާއެކު ޝިކާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" އަހަރެން މި ބުނީ ވަރަށް ސީރިއަސްކޮށޭ. ޝިކާ އަހަންނާ މެރީ ކުރަން ހުރިއްޔާ އަހަރެން ބޭނުން ވީހާ ވެސް އަވަހަކަށް މެރީ ކުރަން." އަކްރަމް ފަހަތް ބަލައިލަމުން ބުންޏެވެ.

ނުނިމޭ

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)