އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި، ރޯދަމަހުގެ އިނާޔަތް ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހް ގެނައުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ.

Ad
rt

މި ބިލުގެ މަސައްކަތް ނިންމައި، ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު ބިލާގުޅޭ އިޖުރާއަތްތައް ފުރިހަމަކޮށް މިއަދުގެ ޖަލްސާގައި ވަނީ ތަޅުމުގައި މި ބިލު ފާސްކުރަން ވޯޓަށް އަހާފައެވެ.

މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް އެލްޖީއޭގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެކަމަށް ބުނެފައެވެ. އަދި އެ ބިލުގައި ބުނާގޮތުގެމަތީން ކޮންމެ އަހަރަކު ރޯދަ އިނާޔަތް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް ބުނެފަވެއެވެ.

މިގޮތުން ޑަބްލިއުޑީސީތަކުގެ ކޮންމެ މެންބަރަކަށް ރޯދަމަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެކަމަށް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލުގައި ޑަބްލިޔުޑީސީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލްކޮށް، ހަރުދަނާ ކުރުމާއި، އެ ކޮމެޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި، ވަސީލަތްތަކާއި ތަމްރީނު ފަދަ ވަސީލަތްތައް ކައުންސިލްތަކުންނާއި، އެލްޖީއޭއިން ލިބިދެވޭނެ އުސޫލު ބަޔާންކުރުމާއި، ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީއިން ކޮމެޓީތަކުގެ ޚަރަކާތްތައް ހިންގުމަށް އެ ކޮމެޓީތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފަވެއެވެ.

މިހާރު ޢަމަލުކުރަމުންދާ ގޮތުން، މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް 7،000 ރުފިޔާ، ނައިބު ރައީސަށް 6،500 ރުފިޔާ އަދި މެންބަރަކަށް 6،000 ރުފިޔާ ލިބެއެވެ. ރަށު ކައުންސިލްތަކުގެ ރައީސަށް 6،000 ރުފިޔާ، ނައިބު ރައީސަކަށް 5،500 ރުފިޔާ އަދި މެންބަރަކަށް 5،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި ބޭނުންކުރާ މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާރިޗް މަހުގެ 1 ވަނަ ދުވަހެވެ.