ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލަދިމާވެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ އައު ޖަނަރޭޓަރ ސެޓެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ފެނަކައިން ބުނެފިއެވެ.
މިކަން ހާމަކޮށް ފެނަކައިން އިއްޔެ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝާންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރ ސެޓްތަކުގެ ތެރެއިން 3 ގެނެރޭޓަރަކަށް މައްސަލަ ދިމާވެ، އޭގެތެރެއިން އެއް ސެޓް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށާއި، މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރައްހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާކަމަށާއި، މި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށެވެ.
ފެނަކައިން އިތުރަށް ބުނީ ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން 1 ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފަށާފައިވާކަމަށާއި ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެކަމަށާއި، ރާއްޖެއިން ބޭރުން ސްޕެއަރ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެކަމަށެވެ.
ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާ މަހަކަށްވާތީ އާއި، އައްޑޫ ސިޓީގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށް ދާއިރު، ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުން ދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމުގައި އެ ކުންފުނިން ބުންޏެވެ.
އައްޑު އަށް ޒަމާނުއްސުރެ ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު، ޕަވާޕްލާންޓެއް ބަހައްޓާނެ ކަމަށް ފެނަކައިން ކުރިން ވަނީ ބުނެފައިވެއެވެ. އެގޮތުން ފާއިތުވި އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާއި އެ މަސައްކަތް ހަވާލުކޮށްފައެވެ. ނަމަވެސް އެ މަސައްކަތުގެ ޕްރޮސެސް މިހާތަނަށް ކުރިއަށް ގޮސްފައިވާ މިންވަރެއް ސާފެއްނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!