އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ދެބޭފުޅުން މި މަގާމުތަކަށް ޢައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުންގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ރިޕޯޓް މިއަދު ވަނީ މަޖިލީހުގައި އިއްވާފައެވެ. އެ ރިޕޯޓް އިއްވުމަށްފަހު ބަހުސްކުރަން ހުޅުވާލައި އަދި ވޯޓު ގަޑީގައި ވަނީ އެ ދެނަމަށް ވޯޓަށް އަހާފައެވެ.
އެ ދެ ބޭފުޅުން މަގާމަށް ޢައްޔަނުކުރުމަށް މަޖިލީހުގެ ރުހުން އޮތްތޯބެލުމަށް ނެގި ވޯޓުގައި ދެ ބޭފުޅުންނަށް ވެސް ފެންނަކަމަށް 69 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި އެ ދެ ބޭފުޅުން މަގާމަށް ޢައްޔަނުކުރުމަށް ނުފެންނަކަމަކަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. އެ ދެނަން ފާސްވުމަށް ބޭނުންވާ ވޯޓުގެ އަދަދަކީ 35 އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސް އަށެވެ.
އެ ބާރު ރައީސަށް ލިބިދީފައި ވިޔަސް، އެ މަގާމުތަކަށް މީހުން އައްޔަނުކުރެވެނީ ރައީސް ޚިޔާރުކުރަށްވާ ނަންތައް މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ރުހުން ހޯދައިގެންނެވެ.
އީސީގެ ރައީސަކަށް އައްޔަނުކުރަން ރުހުންދިން ޒާހިދު ވަނީ މީގެ ކުރީން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސްކަމާއި، ޖެންޑާ މިނިސްޓްރީގެ ނައިބުކަން ކުރަށްވާފައެވެ. އަދި ނައިބަކަށް އައްޔަނުކުރަން ރުހުންދިން ސޮލާހު ވަނީ އީސީގެ ސެކްރެޓަރީ ޖެނެރަލްމާއި، ހޯމް މިނިސްޓްރީގެ ޕީއެސްކަން ވެސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!