އުތުރުގެ ތިން އަތޮޅުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން، ކުޅުދުއްފުށީ ޕޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ވިޔަފާރި ފޯރަމްގައި ބައިވެރިވާން ޅުވާލައިފިއެވެ.
ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ހާމަކުރި ގޮތުގައި، މި ފޯރަމް ބޭއްވުމުގެ މައިގަނޑު އެއް ބޭނުމަކީ ކުޅުދުއްފުށީ ޕޯޓަށް މުދާ އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ. އަދި އެ ޕޯޓުން މިހާރު ލިބެންހުރި އެކި ޚިދުމަތްތަކުގެ ތަފުޞީލު ޙިއްޞާކުރުން ވެސް މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ކުޅުދުއްފުށީ ޕޯޓޫން ބުނެއެވެ.
މީގެ އިތުރުން، މި ސަރަޙައްދުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ޚިޔާލުތައް ހޯދުމާއި، ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަކީ ވެސް މި ފޯރަމްގެ މުޙިއްމު މަޤްޞަދެއް ކަމުގައި ކުޅުދުއްފުށީ ޕޯޓުން ފާހަގަކުރެއެވެ.
ހަމައެއާއެކު، ވިޔަފާރިތަކަށް ކުޅުދުއްފުށީ ޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވެސް މި ފޯރަމްގެ ތެރެއިން ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ދާއިރާގެ އެންމެހައި ވިޔަފާރިވެރިން މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުޅުދުއްފުށި ޕޯޓޫން ވަނީ އެދިފައެވެ. އެގޮތުން ފޯރަމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މި ފޯރަމްގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމުގެ އެންމެ ފަހު ސުންގަޑިއަކީ 10 ނޮވެންބަރު 2026ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!