ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ގްރީލިޝް ރެއާލުގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ގްވާޑިއޯލް ކޮންޓްރޯލް ކޮށްލާފައި ހާލަންޑަށް ޖައްސާލި ބޯޅަ ފަސޭހަކަމާއިއެކު ހާލަންޑް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން ސިޓީ ކުރީގައި އޮވެގެންނެވެ.

Ad
rt

މެޗުގެ ދެވަނަ ހާފު ފަށައިގެން ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ރެއާލުން ރަނގަޅު ކުޅުމެއް ދައްކައި، ފުރުސަތުތައް ހޯދިއެވެ. މެޗުގެ 60 ވަނަ މިނެޓުގައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްބާޕޭ އެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ޑެނީ ސެބާޔޯސްގެ އެހީތެރިކަމާއިއެކުއެވެ.

ދެވަނަ ހާފުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް 80 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ހޯދައިދީފައެވެ. ސިޓީއަށް މި ޕެނަލްޓީ ލިބިފައިވަނީ އޭރިއާ ތެރެއިން އެ ޓީމްގެ ފިލް ފޮޑެންއަށް ރެއާލްގެ ސެބާޔޯސް ފައުލް ކުރުމާއި ގުޅިގެންނެވެ.

ދެވަނަ ފަހަރަށް ސިޓީން ލީޑު ނެގުމާއިއެކު ރެއާލުން ބައެއް ބަދަލުތައް ގެނައެވެ. ސެބާޔޯސްގެ ބަދަލުގައި މޮޑްރިޗް ކުޅެން ނުކުތެވެ. އަދި ރޮޑްރިގޯ ބަދަލުގައި ބްރަހިމް ޑިއާޒް ކުޅެން ނެރުނެވެ. މެޗުގެ 86 ވަނަ މިނެޓުގައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ބްރަހިމް ޑިއާޒްއެވެ. އޭނާއަކީ ކުރިން ސިޓީއަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ވުމާއިއެކު ލަނޑު ޖެހުމަށް ފަހު އޭނާ އުފާފާޅުކޮށްފައި ނުވެއެވެ.

ފަހަތުން އަރާ މޮޅު ވުމުގައި މަޝްހޫރު ރެއާލް މެޑްރިޑް މެޗް ނިންމާލީ އެ ޓީމްގެ ސްޓައިލްގައި މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރެއާލް މޮޅުވީ ބެލިންހަމް ކާމިޔާބުކުރި ލަނޑުންނެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގެގެ މެޗު އަންނަ ހަފްތާގައި ކުޅޭނީ ރެއާލްގެ ބާނަބެއު ސްޓޭޑިއަމްގައެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ގަދަ 16 ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ރެއާލަށް މިހާރު އެބައޮތެވެ.