އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުމާއި، ރަމަޟާން އެލަވަންސް ދިނުމާގުޅޭ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިކަންކަން ހިމަނައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު އެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން ބިލު ހުށަހެޅި މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ޑަބްލިޔުޑީސީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލްކޮށް، ހަރުދަނާ ކުރުމާއި، އެ ކޮމެޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި، ވަސީލަތްތަކާއި ތަމްރީނު ފަދަ ވަސީލަތްތައް ކައުންސިލްތަކުންނާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލިބިދެވޭނެ އުސޫލު ބަޔާންކުރުމާއި، ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީއިން ކޮމެޓީތަކުގެ ޚަރަކާތްތައް ހިންގުމަށް އެ ކޮމެޓީތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި އަދި ކޮމެޓީގެ މެމްބަރުންނަށް ރަމަޟާން އިނާޔަތް ދިނުމުގެ އުސޫލު ބަޔާންކުރުމެވެ.
މި ބިލުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް އެލްޖީއޭގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެކަމަށް ބުނެފައެވެ. އަދި އެ ބިލުގައި ބުނާގޮތުގެމަތީން ކޮންމެ އަހަރަކު ރޯދަ އިނާޔަތް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް ބުނެފަވެއެވެ.
މިގޮތުން ޑަބްލިއުޑީސީތަކުގެ ކޮންމެ މެންބަރަކަށް ރޯދަމަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެކަމަށް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.
ކުރިއަށް އޮތް ރޯދަމަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!