ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި އުފެދޭ ކުނި މަގުތަކަށް ނުނެރުމަށް އީޕީއޭ އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭ އިން މިއަދު ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި ރަށްރަށާއި، ސިޓީތަކުގެ މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އީޕީއޭ އިން ބުނީ މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށާއި، އަދި، ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުގައި ނަމަ އެރަށެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަކާއި އަދި ސިޓީތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅުއްވައިގެން ހަމަޖެއްސެވުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.
އީޕީއޭ އިން އިތުރަށް ބުނީ ތިމާވެށި ތަގައްޔަރުވާ ނުވަތަ ތަގައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ، ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މަނާކަމެއް ކަމަށާއި، އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާއިބެހޭ ގާނޫނާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި އަދި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!