ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހއ.އަތޮޅުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫ ބަލިކުރުމަށް ފަހު އެ އަތޮޅުގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ވަށަފަރުން ކާމިޔާބު ކޮށްފިއެވެ.

ރޭ ކުޅުން ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ވަށަފަރުން ކުރި ހޯދީ 5-4 ގެ ނަތީޖާއިންނެވެ.

Ad
rt

ވަށަފަރުން މީގެކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2016، 2017 އަދި 2018 ވަނަ އަހަރުއެވެ. މި އަހަރު މުބާރާތް ވަށަފަރަށް ކާމިޔާބު ކުރެވިފައި މިވަނީ ހަ އަހަރަށް ފަހުއެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދިއްދޫއަށް ލަނޑުތައް ޖަހައިދިނީ ހައިޝަމް ރަޝީދާއި މުހައްމަދު ޝަނާއުއެވެ. ވަށަފަރަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝިނާންއާއި އަހްމަދު މަހްތޫމްއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވަށަފަރުގެ ކީޕަރު މަހާސިންއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށް ހޮވުނީ ވަށަފަރުގެ އިބްރާހިމް އަތީގް ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވަށަފަރުގެ ކެޕްޓަން، އިބްރާހިމް ސަނޫން (ޗަންނަ) އެވެ.