އެމެރިކާގެ ފިލަޑެލްފިއާގެ އުތުރު-އިރުމަތީ ސަރަހައްދުގައި ހުންނަ ރޫޒްވެލްޓް މޯލް ކައިރިއަށް، ހުކުރު ދުވަހުގެ ރޭ، އެއާރ އެމްބިއުލާންސެއް ވެއްޓުނު ހާދިސާގައި އެއިން ދަތުރުކުރި އެއްވެސް މީހަކު ދިރިހުރިކަމުގެ އުންމީދެއް ނެތްކަމަށް އެ އުޅަނދު ނިސްބަތްވާ ކުންފުނިން ބުނެފިއެވެ.

ޖެޓް ރެސްކިއު އެއަރ އެމްބިއުލާންސްގެ ފަރާތުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ވެއްޓުނު އުޅަނދުގައި ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔަކާއި، ޕައިލެޓާއި ކޯ-ޕައިލެޓާއި، ޑޮކްޓަރަކާއި ޕެރަމެޑިކެއް ހިމެނޭ ގޮތަށް ޖުމްލަ 6 މީހުން ތިއްބެއެވެ.

Ad
rt

މިވަގުތު އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިމީހާގެ އާއިލާއާއި، އަޅުގަނޑުމެންގެ މުވައްޒަފުންނާއި، އެ މީހުންގެ އާއިލާތަކުގެ ކަންބޮޑުވުންތަކާއި، އަދި ބޯޓް ވެއްޓުނު އިރު އެސަރަޙައްދުގައި ތިބި މީހުންނަށް އަނިޔާވެދާނެ ކަމުގެ ފުރުޞަތު އޮތުން،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މެކްސިކޯގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި މި އުޅަނދުގައި ތިބި 6 މީހުންނަކީވެސް މެކްސިކޯގެ ރައްޔިތުންނެވެ.

ޖެޓް ރެސްކިއު އެއަރ އެމްބިއުލާންސްގެ ޝާއި ގޯލްޑް ބުނި ގޮތުގައި، މި އުޅަނދުގައި އުފުލި ކުޑަކުއްޖަކީ "ފުރާނަ ސަލާމަތްކުރުމުގެ ފަރުވާއެއް" ހޯދުމަށް އެމެރިކާއަށް ގޮސްފައިވާ ކުއްޖެކެވެ. އަދި މި ހާދިސާ ހިނގީ ފަރުވާއަށްފަހު އެ ކުއްޖާ އަނބުރާ މެކްސިކޯއަށް ގެންދިޔަ މަގުމަތީގައެވެ.

"ފަރުވާ ނިމިގެން. އޭނަ ގެއަށް ދިއުމަށް ތައްޔާރުވެފައި ހުރީ. އަދި އަޅުގަނޑުމެންނާ ހަވާލުކޮށްފައި އޮތީ އޭނަ އަނބުރާ މެކްސިކޯއަށް ގެންދިއުމަށް," ގޯލްޑް ބުންޏެވެ.

ޝްރައިނާސް ޗިލްޑްރަންސް ފިލަޑެލްފިއާ ހޮސްޕިޓަލުން ކަށަވަރުކޮށްދިން ގޮތުގައި މި ކުޑަކުއްޖާއަށް ފަރުވާ ދީފައިވަނީ އެ ހޮސްޕިޓަލުންނެވެ. އަދި މި ހާދިސާ ހިނގިއިރު އެ ކުއްޖާ ދަތުރުކުރަމުން ދިޔައީ އޭނާގެ މަންމައާ އެކުގައެވެ.