އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ އިހަވަންދޫގައި އެ ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ދިޔަކަން ފާހަގަކުރަށްވާފައެވެ.

''ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައިހުރި ބައެއް ވަޢުދުތަކާއި، އަދި މި ރަށުގެ ތަރައްޤީއަށް، އަދި އަޅުގަނޑުމެންގެ މެދުރާސްތާ، ދުރުރާސްތާގެ ތަރައްޤީގައިވެސް މުޅި ރާއްޖޭގެ ތަރައްޤީއަށް ބަލާއިރުގައިވެސް، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގެ ތެރެއިންވެސް، މި ރަށުގައި ޤާއިމުކުރުމަށް މިއަދު މި ފެށިގެންދާ މަޝްރޫޢުތަކަކީ، މުހިންމު މަޝްރޫޢުތަކެއް. އެގޮތުން، 6 ކަމެއްގެ މިއަދު ބިންގާއެޅި، ސޮއިކުރެވިގެން އެ ދިޔައީ. ތަފާތު 6 ކަމެއް. ފިޝަރީޒް ކޮމްޕްލެކްސް އެއީ، އަޅުގަނޑުގެ ވަޢުދުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް. އަދި އަޅުގަނޑު އޭރުގައި ދެންނެވި ވަރަށްވުރެވެސް ކެޕޭސިޓީ، ނޫނީވިއްޔާ އޭގެ ޖާގަ، ނޫނީ އޭގައި ލިބޭ ފުރުޞަތު އިތުރު މަޝްރޫޢެއް އެއީ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ހަމައެއާއެކީގައި، އިހަވަންދޫގައި ބޭންކިންގ ޚިދުމަތް (އެމް.އައި.ބީ.އިން) ދިނުމަށާއި، ދަނޑާއި، ހޮސްޕިޓަލާއި، އައި.ޑީ.ކާޑު، ޕާސްޕޯޓް ޚިދުމަތްތަކާއި، މި ހުރިހާ ކަމެއް ހިމެނޭހެން ވަރަށް ބާރު ސްޕީޑުގައި، ވަރަށް ރަނގަޅަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

''އާދެ، މިހެންގޮސް ވަރަށް ގިނަ ކަންކަން އެބަހުރި. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ކެމްޕެއިންގައި ވީ ހުރިހާ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑުގެ ޢަޒުމޭ. އިރާދަކުރެއްވިއްޔާ، އެކަންކަން ކުރިއަށް ގެންދާނަން. މި ރަށުގެ ތަރައްޤީއަށްޓަކައި އިޤްތިޞާދީ ގޮތުން ކުރަންހުރި ކަންކަން.'' ރައީސް ވިދާޅުވެފަވެއެވެ.