އަންނަ ރޯދަ މަހުގެ ކުރިން ހއ. އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ ރަށުގައި އަޅާ ހޮސްޕިޓަލްގެ ޢިމާރާތް އެޅެންދެންވެސް ޚިދުމަތްތަކަށް ރަނގަޅު ފެންވަރެއްގެ ކުރިއެރުންތައް ގެނައުމަކީ ކުރަށްވާނެ ކަމެއްކަމަށެވެ.

''އެގޮތުން، ޑައިލިސިސް ޚިދުމަތް ޤާއިމުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެދަނީ ނިމެމުން. އިރާދަކުރެއްވިއްޔާ، ރަމަޟާން މަސް އަންނަންވާއިރަށް، މާނައަކީ ފެބުރުވަރީ މަސް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ، ޑައަލިސިސްގެ ޚިދުމަތް ރަށުގައި ޤާއިމުކުރެވިގެން ދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޖުމްލަކޮށް ތަރައްޤީގެ ކަންކަން، އިހަވަންދޫ ރައްޔިތުންގެ ވިންދާއި އިޙްސާސްތަކާއި އުންމީދުތަކާ ގުޅޭގޮތަށް ފުއްދަމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

''އަޅުގަނޑު ހަމަ ވަރަށް އުންމީދު ކުރަން، މި ރަށަށް މި ފެށިގެންދާ ހުރިހާ މަޝްރޫޢެއް ނުނިމުނަސް، ބައެއް މަޝްރޫޢުތައް ނިމުމުންވެސް މި ރަށަށް އަންނަން، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާން'' ރައީސް ވިދާޅުވެފަވެއެވެ.