ހއ. ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދެވަނަ މަންޒިލެއްގެ ގޮތުގައި ފިއްލަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެއެވެ. މިގޮތުން މި ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ވެސް އެރަށަކީ މުހިންމު ރަށެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ފިއްލަދޫ ރައްޔިތުންނާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ އެރަށުގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެބެ. އަދި ފިއްލަދޫއަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އިޤްތިޞާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާކަން ފާހަގަކުރަށްވައި، މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތަަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރައީސް ހއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!