އައު ފޯމެޓަށް ކުޅެމުން އަންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހުމެޗުގައި ރޭ ނެދަލޭންޑްސްގެ ޕީއެސްވީ އަތުން ލިވަޕޫލް ބަލިވެއްޖެއެވެ. ޕީއެސްވީ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.

ރޭ މެޗަށް ނުކުތްއިރު ވެސް ލިވަޕޫލަށް އޮތީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ވުމާއިއެކު ރޭ މެޗުގައި އެ ޓީމުން ގިނައިން ބޭނުން ކޮށްފައި ވަނީ ރިޒާވްޓީމް ކުޅުންތެރިންނެވެ. ފުރަތަމަ ޓީމްގައި ހިމެނޭ ވެންޑައިކް، ސަލާހް، ޑިއާޒް، ކީޕަރ އެލިސަންފަދަ ކުޅުންތެރިން ރޭގެ ޓީމްގައި ހިމަނާފައިނުވެއެވެ.

Ad
rt

ލިވަޕޫލް ބަލިވުމުގެ ފައިދާ ބާސެލޯނާއަށް ނެގޭގޮތް ނުވީ ދެފަހަރަށް ލީޑު ނެގުމުން ވެސް އެތުލާންޓާއިން ލަނޑުޖަހައި ބާސާއާއި ހަމަހަމަ ކުރުމުންނެވެ. ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެތުލާންޓާއާއި އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވިނަމަ ބާސާއަށް އެއްވަނަ ލިބޭނެއެވެ.

އަށް މެޗުން ލިބުނު 21 ޕޮއިންޓާއިއެކު އެއްވަނާގައި ލިވަޕޫލް އޮތްއިރު ދެވަނާގައި ބާސާ އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އަތުން ތިން ޕޮއިންޓް ހޯދައިގެން 14 ޕޮއިންޓް ހަމަކޮށް ޕީއެސްވީ ވަނީ 14 ވަނައަށް ޖެހިލާފައެވެ. ބާސާ އަތުން ޕޮއިންޓް ހޯދި އެތުލާންޓާ އޮތީ 9 ވަނާގައެވެ. މި ދެ ޓީމަށް ވެސް ދެވަނަ ބުރުގެ ޕްލޭއޮފުން ޖާގަ ވަނީ ލިބިފައެވެ.

ރޭ މެޗުގައި ލިވަޕޫލަށް ލަނޑުތައް ޖަހައިދިނީ ގަކްޕޯއާއި އެލިއޮޓް އެވެ. ޕީއެސްވީއަށް ލަނޑުތައް ޖަހައިދިނީ ބަކަޔޯކޯ، ސައިބަރީގެ އިތުރުން ޕެޕި އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ލިވަޕޫލްގެ ނަލޯއަށް ރަތްކާޑު ދެއްކުމުން، ލިވަޕޫލުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ޔަމާލއެވެ. ނަމަވެސް އެޑަސަން ވަނީ 67 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބާސާއިން ދެވަނަ ފަރަށް ވެސް ލީޑު ނެގިއެވެ. އެ ޓީމްގެ ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ އަރައުހޯއެވެ. އެތުލާންޓާއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނެޓުގައި ޕެސަލިކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.