ނަދީމް އެހާ އަވަހަށް ބަދަލުވެދާނެކަމަށް ފަހަރެއްގައި ވެސް ރިޒާ ހިއެއް ނުކުރެއެވެ. ކޮޓަރިން ނިކުމެގެން ކާގެއަށް ދިޔައިރު ވެސް ރިޒާ ހުރީ އެ ފިކުރުތަކުގައެވެ.
ފޯނު ޖީބަށް ލުމަށްފަހު ނަދީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ވަގުތު އޭނާ ސިހުނީ ފަހަތުން އައިސް ޒައިނާ، އޭނާގެ ގައިގައި ބައްދާލުމުންނެވެ.
" ކޮން ދުވަހެއް އަހަރެމެންނަށް މި މިނިވަންކަން ނުލިބެނީ؟" ޒައިނާ ބުންޏެވެ.
އޭނާ، ނަދީމްގެ ގައިން ދޫ ކޮށްލުމަށްފަހު އައިސް ނަދީމްގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ޒައިނާގެ މޫނުމަތީގައިވަނީ އުފާވެރިކަމުގެ އަސަރުތަކެވެ.
" ނަދީމް؟ ކަމަކާ ފިކުރު ބޮޑުވެފައި ހުރިހެން ހީވަނީ؟ އަނެއްކާ ބައްޕަ ކީކޭ ބުނުއްވީ؟ " ކަންބޮޑުވެފައި ޒައިނާ ސުވާލު ކުރިއެވެ.
" ގޭތެރެއިން ބައްޕައާ ދިމާލެއް ނުވޭތަ؟" ނަދީމް ސުވާލު ކުރިއެވެ.
އެއާއެކު ޒައިނާ ބޯ ޖަހާލީ ދެ ފަރާތަށް ބޯ ހޫރާލަމުންނެވެ. ސުވާލުގެ ނަޒަރަކުން ޒައިނާ ނަދީމްއަށް ބަލަން ފެށުމުން، ނަދީމް ހީލިއެވެ. އަދި ޒައިނާގެ ދެ ކޮނޑުގައި ހިފުމަށްފަހު، ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ.
" ވާޓް؟ ހާދަ އެހެން ކަހަލައޭ! ނަދީމް އަހަންނާ ދިމާލަށް ތިހެން ބަލައިނުލާތާ ކޮން ދުވަހެއް؟ " ޒައިނާ ބުންޏެވެ.
" ޒައި... އަހަރެން، އަހަރެން އަރޫޝާ ވަރިކޮށްފިން." ނަދީމް ބުނެލީ އަވަސް އަވަހަށެވެ.
އެއާއެކު ޒައިނާގެ އަނގަ ތަންމިނަށް ހުޅުވި، ދެ ލޯ ބޮޑުވެގެން ދިޔައެވެ.
" ހަމަ އަސްލުތަ؟ " އުފަލުން ގޮސް ޒައިނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ނަދީމް ބޯ ޖަހާލުމާއެކު ޒައިނާ، ނަދީމްގެ ގައިގައި ޖެހިގަތީ ނުހަނު ބާރަށެވެ.
" ކުއްލިއަކަށް އޭނަ ވަރިކުރީ ކީއްވެ؟ އޭނަދެކެ ނަދީމް ލޯބިވެސް ވެއެއްނު." ޒައިނާ ސުވާލު ކުރީ ނަދީމްގެ ގައިގައި ބައްދައިގެން ހުރެއެވެ.
" އެއީ... އެއީ އަހަންނާ ޒައިއަށް ވެސް އެންމެ ރަނގަޅު ގޮތް. އެހެންވެ، އަހަރެން ދެން ދިރިއުޅޭނީ މިތާ. ޒައިގެ ބައްޕަ އަހަންނަށް ޖޮބް ދިނީ، އަރޫޝާ ވަރިކުރާމަތިން. " ނަދީމް ބުންޏެވެ.
އެއާއެކު ޒައިނާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
" އަސްލު ބައްޕަ ނިންމަވާނީ އަހަރެމެން ދެ މީހުންނަށް ވެސް އެންމެ ރަނގަޅަށް. އަހަރެން މިއަދު ވަރަށް އުފާކޮށްފިން." ޒައިނާ ބުންޏެވެ.
" އަހަންނަށް ވެސް ހީވަނީ އެންމެ ރަނގަޅު ގޮތަކީ ދެން މިއީހެން. " ޒައިނާގެ ބުރަކަށީގައި އަތް ޖައްސާލަމުން ނަދީމް ބުނެލިއެވެ.
ރިޒާ އޮތީ ފުން ވިސްނުމެއްގައެވެ. ނަދީމްއާމެދު އޭނާއަށް ފިކުރު ކުރެވެނީއެވެ. ނަދީމް ދިން ހަބަރުން ހިތަށް އަސަރު ކުރީއެވެ. ދެރަވަނީއެވެ.
ކުއްލިއަކަށް ރިޒާ ސިހުނީ، އެތެރެއަށް ވަތް ދާއިން ފެނުމުންނެވެ.
" އަދިވެސް ނަދީމްބެ ހަބަރެއް ނުވޭތަ؟" ދާއިން އައިސް ކޮޓަރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ވަރުބަލިކަމާިއެކު އެނދުން ތެދުވެ، ރިޒާ ބާލީހެއްގައި ލެނގިލީ ދާއިންއާ ވާހަކަ ދައްކަން ބޭނުންވެގެންނެވެ.
" ގުޅައިފި. " ރިޒާ ބުންޏެވެ.
" ދެން؟ ބައްޕަ އެ ވާހަކަ ދެއްކިންތަ؟" ދާއިން ހުރީ ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ.
ރިޒާ ދާއިންއާ ދިމާލަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.
" ބައްޕަ ހީވަނީ މިއަދު ވަރަށް ބަލިހެން. ކިހިނެއްވީ؟" ދާއިން އެހިއެވެ.
ރިޒާގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމާއި މާޔޫސްކަން ދާއިންއަށް ފާހަގަ ކުރެވުނެވެ.
" ބައްޔެއް ނޫން. ވަރުބަލީ. ސިކުނޑި ވަރުބަލިވީ. " ރިޒާ ބުނެލީ ލަސްލަހުންނެވެ.
ރިޒާ އެ ބުނި އެއްޗެއް ރަނގަޅަށް ސާފު ނުވެގެން ދާއިންގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ބައްޕަ ވާހަކަ ދައްކަންދެން އޭނާ ކެތްތެރިވެގެން އިނީއެވެ.
" އެ ވާހަކަ ދައްކާކަށް ބައްޕައަކަށް ނުޖެހުނު. އޭގެ ކުރިން ނަދީމްބެ އަރޫޝާ ވަރިކޮށްފި." ރިޒާ ބުންޏެވެ.
ބައްޕަ ދިނީ އުފާވެރި ހަބަރަކަށް ވީ ނަމަވެސް، ބައްޕަގެ މޫނުމަތީގައިވާ މާޔޫސްކަމުގެ ސަބަބުން، ދާއިންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ދާއިންއަށް ވިސްނުނީ ބައްޕައަށް އެހާ އަސަރު ކުރަންޖެހޭ ސަބަބަކާމެދުއެވެ.
" ނަދީމްބެ ދެން ރާއްޖެއެއް ނާންނާނެ." ރިޒާ އެހެން ބުނުމާއެކު ދާއިންއަށް ލިބުނީ ހައިރާންކަމެވެ.
މަޑުމަޑުން އިނދެ، ރިޒާ ނަދީމް ދެއްކި ހުރިހާ ވާހަކަތަކެއް ދާއިންއަށް ކިޔައިދިނެވެ. އޭރު ރިޒާ ހުރީ ފެންކަޅިވެފައެވެ. ރިޒާގެ ވާހަކަތައް އަޑު އެހުމަށްފަހު ދާއިންއަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ގަބޫލު ކުރަން އުނދަގޫ ވެގެންނެވެ.
" ފައިސާ ފެނުނީމަ ވެދާނެ ތި ކަހަލަ ގޮތެއް ވެސް. އަހަރެން ހިއެއް ނުކުރަން ނަދީމްބެ އެތާ މަޑު ކުރާނެކަމަށް. މަންމަވެސް ނެތް އިރު ބައްޕަ އެކަނި ދޫކޮށްލަން ނަދީމްބެއަށް ކެރުނީތީ އަހަރެން ވަރަށް ދެރަވެއްޖެ. ބައްޕާ! ބައްޕަ އެކަމާ ދޯ ތި ފިކުރު ކުރަނީ؟ ބައްޕަ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ. އަހަރެން އަދި ދިރި އެބަހުއްޓޭ. އަހަރެން ސަލާމަތުން ހުރިހާ ހިނދަކު ބައްޕަ އެކަނިވިޔަކަ ނުދޭނަން." ދާއިން ބުންޏެވެ.
އެއާއެކު ރިޒާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
" ދެން ނަދީމްބެއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާކަށް ބައްޕަ ނޭދެން. އެއީ ދަރިފުޅުގެ ހުރި ހަމައެކަނި ބޭބެ. ނަދީމްބެއާ ގުޅުން ކަނޑައިގެން ނުވާނެ. " ރިޒާ އެދުނެވެ.
" ދާއިން. ދަރިފުޅު ދެން އަރޫޝާއާ އެ ވާހަކަ ދައްކާލާ. ބައްޕައަށް ވުރެ ރަނގަޅުވާނީ ދަރިފުޅުގެ ފަރާތުން އެ ހަބަރު ލިބުނިއްޔާ." ރިޒާ އެހެން ބުނެ ނުނިމެނީސް ދާއިން ތެދުވެއްޖެއެވެ.
ދާއިން ދިޔުމާއެކު ރިޒާ އަނެއްކާ ވެސް އޮށޯތެވެ. އޭރު ވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
ރިޒާގެ ކޮޓަރިން ނިކުމެ ދާއިން މިސްރާބުޖެހީ އަރޫޝާގެ ކޮޓަރިއާ ދިމާލަށެވެ. ނަމަވެސް އޭނާގެ އަވަސް ފިޔަވަޅުތައް މަޑުޖައްސާލަން ޖެހުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ.
" ރިސޯޓުން؟" ދާއިންއަށް ބުނެވުނެވެ.
" ދާއިން، ޗުއްޓީ ކުރުކޮށްލާފައި ނިކުންނަން ޖެހިއްޖެ ވަރަށް އަވަހަށް." ދާއިންގެ ކަންފަތުގައި ޖެހުނީ އަފާގެ އަޑެވެ.
" އެއީ ކީއްވެ؟" ރުންކުރު ގޮތަކަށް ދާއިންއަށް ސުވާލު ކުރެވުނެވެ.
" އެއީ ގިނަ އަދަދެއްގެ ބުކިން ތަކެއް ލިބިގެން މަޅީގައި އޮތީމަ." އަފާ ބުންޏެވެ.
" ހޫމް. ކިހާ އަވަހަށް ދާންވީ؟" ދާއިން ބުނެލިއެވެ.
" ދެން.. އާދެވޭހާ އަވަހަކަށް." އަފާ ބުނެލިއެވެ.
އެ ވަގުތު ދާއިން އޯކޭއޭ ބުނެ ފޯނު ކަނޑާލަން އުޅުނެވެ. ނަމަވެސް އަފާގެ އަޑު އަނެއްކާ ވެސް އިވުނުހެން ހީވެގެން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ކީކޭ؟ އެއްޗެކޭ ބުނިންތަ؟" ދާއިން އެހިއެވެ.
" އަހަރެން އެހީ ދާއިން ކިހިނެއްހޭ؟ " އަފާގެ އަޑުގައި ލަދުރަކިކަމުގެ އަސަރުތައް އެކުލެވިފައި ހުރިކަން ދާއިންއަށް ފާހަގަ ކުރެވުނެވެ.
" އަހަރެން އޯކޭއޭ. އަފާ ކިހިނެއް؟" ދާއިން އެހިއެވެ.
" އަހަރެން އޯކޭ އެއް ނޫން. ދާއިންއަށް އެނގެއެއްނު އަހަރެން އޯކޭއެއް ނުވާނެކަން. " އަފާ ބުނެލިއެވެ.
" އަފާއަށް ވެސް އެނގެއެއްނު އަަހަންނަށް އަފާގެ އެދުމަކަށް އޯކޭއެއް ނުދެވޭނެކަން. އެހެން ނޫނަސް އަހަރެން މިއުޅެނީ ވަރަށް އަވަހަށް މީހަކާ އިންނަން ވެގެން. އަފާ ދެން އެ ހިޔާލު ދޫކޮށްލަން ވީއެއްނު. އެހެން ނޫނީ އެކުގައި މަސައްކަތްކުރަން ވެސް ކިހާ އުނދަގޫވާނެ." ދާއިން ބުންޏެވެ.
" އޯހް. މީހަކާ އިންނަނީއޭ! މީހަކާ އިންނަނީ އަހަންނެއް ނޫނެއްނު. ދާއިންއެއްނު. އެހެންވީމަ، ދާއިންއެއްނު ވިސްނައިގެން އުޅެން ޖެހޭނީ." އަފާ ބުންޏެވެ. އެ ވަގުތު ދާއިން ރުޅި އަތުވެއްޖެއެވެ.
" އަފާއަށް އަހަރެން ކިހިނެއްތަ ވިސްނައިދޭންވީ؟ އަހަރެން އަފާދެކެ ލޯތްބެއް ނުވެޔޭ ބުނީމެއްނު." ދާއިން ބުންޏެވެ.
" ދާއިން ލޯބި ނުވިޔަސް، އަހަންނަށް ދާއިން ދެކެ ލޯބި ވެވިދާނެއެއްނު." އަފާ ބުނެލީ ހެވިފައި އިނދެއެވެ.
އަފާގެ ވާހަކަ އަޑުއަހަން ހުރެ، ދާއިން ގޮސް ސޯފާގައި އިށީނދެލިއެވެ.
" ކިހިނެއްވީ އެއްޗެއް ނުބުނީ؟ ހަމަ އަސްލުވެސް އަހަރެން ދާއިންދެކެ ވަރަށް ވަރަށް ލޯބިވެޔޭ. ދާއިން ތި މެރީ ކުރަން އުޅޭ ކުއްޖާ ވެސް ދާއިންދެކެ އަހަރެން މި ވާވަރަކަށް ލޯތްބެއް ނުވާނެ." އަފާ ބުންޏެވެ.
" އަހަރެންދެކެ ތިހާ ލޯބި ތި ވަނީ ކީއްވެ؟ " ދާއިން ބުނެލިއެވެ. އެއާއެކު މީހެއްގެ ހިލަމެއް ވީ ހެން ހީވެގެން އޭނާއަށް ފަހަތް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ.
އޭރު ސޯފާގެ ފަހަތުގައި އަރޫޝާ ހުއްޓެވެ. އޭނާ ބަލަހައްޓައިގެން ހުރީ މީގެ ކުރިން ދުވަހަކު ވެސް ދާއިންއާ ދިމާލަށް ނުބަލާ ނަޒަރަކުންނެވެ. ފޯނު ކަނޑާލުމަށްފަހު ދާއިން އަތް ތިރިކޮށްލީ، ކޮޅަށް ތެދުވަމުންނެވެ. އެއާއެކު އަރޫޝާގެ ނަޒަރު ހުއްޓުނީ އޭނާގެ އަތުގައި އޮތް ފޯނަށެވެ.
ދާއިން ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ނޭވާ ހިފަހައްޓާލަން ޖެހުނީ އޭނާ ދޫކޮށްލި ފަހު ޖުމްލަ އަރޫޝާއަށް އެނގޭނެކަން ޔަގީން ކުރެވޭތީއެވެ. ހަމަ އެ ވަގުތެވެ. ދާއިންގެ ފޯން ވައިބްރޭޓްވުމާއެކު ސްކްރީން ދިއްލިއްޖެއެވެ.
" ތި ފޯނަށް އެ ގުޅަނީ، ދެންމެ ދާއިން ވާހަކަ ދެއްކި ކުއްޖާކަމަށް ވަންޏާ، އަހަރެން ބޭނުން ތި ކޯލް އަޑުއަހަން. " އަރޫޝާ ބުނެލިއެވެ.
އެއާއެކު ދާއިން ފޯނު ކަނޑާލިއެވެ.
" ކީއްވެ ކަނޑާލީ؟ ދާއިން އަހަންނަށް ކަމެއް ސިއްރު ކުރަނީތަ؟ " އަރޫޝާ މަޑުމަޑުން ސުވާލު ކުރިއެވެ.
" އަރޫ. އަހަރެންގެ ފަރާތުން އަރޫއަށް ސިއްރުކުރާނެ އެއްވެސް ކަމެއް ނޯންނާނެ." ހިންދިރުވާލަމުން ދާއިން ބުންޏެވެ.
" އަހަންނަށް ވަރަށް ސާފުކޮށް ދާއިން ބުނި ޖުމްލަ އަޑު އިވުން. ދާއިން ދެއްކީ ލޯބީގެ ވާހަކައެއް ނޫންތަ؟ ދާއިންދެކެ އިންތިހާއަށް ލޯބިވާ ކުއްޖަކާއެއް ނޫންތަ ވާހަކަ ތި ދެއްކީ؟ އޭނަ ދާއިންދެކެ އެހާ ވަރަށް ލޯބިވަނީ ކީއްވެތޯއެއް ނޫންތަ ދާއިން ތި އެހީ؟ އަހަންނާ ދިމާލަށް ތިހެން ބަލަން ނުހުރެ، ޖަވާބު ދީބަލަ! ކޮން ކަންތައްގަނޑެއްތަ މި ހިނގަނީ؟" އަރޫޝާ ބުންޏެވެ.
އޭރު އޭނާ ހުރީ ތުރުތުރުއަޅާ ހާލުގައެވެ.
" ބައްޕަ އެބަ އުޅޭ ގޭގަ. އަހަންނާއެކު ވާހަކަ ދައްކާލަން ހިނގާ. އަހަރެން އަރޫއަށް އޮޅުވައެއް ނުލާނަމޭ." ދާއިން ބުންޏެވެ. އަރޫޝާގެ ޖަވާބަކަށް ނުބަަލައި އޭނާ ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.
" ދަރިފުޅާ.." އެ ވަގުތު ކުއްލިއަކަށް ކޮޓަރިން ނިކުތް ރިޒާގެ އަޑު އިވި، ދާއިން ވެސް ހުއްޓިއްޖެއެވެ.
އަރޫޝާއަށް ގޮވާލުމަށްފަހު ރިޒާ އައިސް ހުއްޓުނީ އަރޫޝާގެ ކުރިމަތީގައެވެ. އޭރު ދާއިން ހުރީ ބޭރު ދޮރު ކައިރީގައި ހުއްޓި، ރިޒާގެ މޫނަށް ބަލާށެވެ.
އަރޫޝާގެ މޫނުމަތީގައިވާ ނުތަނަވަސްކަމާއި، އުދާސްތައް ދެނެގަންނާކަށް ރިޒާއަކަށް އުނދަގޫ ކަމަކަށް ނުވިއެވެ. އަރޫޝާ ހުރި ގޮތް ފެނި، ރިޒާގެ ހިތަށް ނުހަނު ތަދުވެއްޖެއެވެ.
" ބައްޕަ ހީކުރީ ދަރިފުޅު އެ ހަބަރު ލިބުނީމަ އުފާވާނީ ކަމަށް. އެކަމަކު ދަރިފުޅު ތިހާ ތިދެރަވެފައި ހުރީމަ ބައްޕަ ވަރަށް ދެރަވެއްޖެ. ބުނެބަލަ! އަނެއްކާ ދަރިފުޅު މިހާރު އެ ގޮތް ބޭނުން ނުވަނީތަ؟" ރިޒާ ސުވާލު ކުރަމުން ދާއިންއަށް ވެސް ބަލައިލިއެވެ.
އޭރު ދާއިން ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ނަދީމްގެ ހަބަރު އަރޫޝާއަށް ދޭން މިއީ އެންމެ އެދެވޭ ވަގުތު ނޫންކަން ދާއިންއަށް ޔަގީން ކުރެވެއެވެ.
" ކޮ...ކޮން ގޮތެއް؟ ކޮން ހަބަރެއް ލިބުނީ؟" އަރޫޝާ ބުންޏެވެ.
ހައިރާންކަމާއެކު އަރޫޝާ ރިޒާގެ މޫނަށް ބަލަން ފެށުމުން، ރިޒާއަށް އަނެއްކާ ވެސް ދާއިންއަށް ބަލައިލެވުނެވެ.
" ދަރިފުޅު އެ ވާހަކައެއް ނުބުނަންތަ؟" ރިޒާ ބުނެލީ ބާރަށެވެ.
ސިހިފައި ކަހަލަ ގޮތަކަށް އަރޫޝާ ދާއިންއަށް ބަލައިލިއެވެ. އެއާއެކު ދާއިން ދޮރުކަނީގައި ލެނގިލަމުން ބޯ ޖަހާލިއެވެ.
" ދަރިފުޅާ! ނަދީމް މިއަދު ބައްޕައަށް ގުޅާފަ ބުނީ... ދަރިފުޅު މިނިވަންކުރި ވާހަކަ. ވަރިކުރި ވާހަކަ. " ރިޒާ ބުންޏެވެ.
އެއާއެކު ހަމަ ރަނގަޅަށް ވެސް އަރޫޝާ ހައިރާންވިއެވެ. އެހާ ފަސޭހައިން ނަދީމް އޭނާ ވަރިކުރާނެކަމަކަށް ހިތެއް ގަބޫލެއް ނުކުރިއެވެ. ދެ ލޯ ބޮޑުކޮށްފައި އޭނާއަށް ބަލައިލެވުނީ ދާއިންއާ ދިމާލަށެވެ.
" ނަދީމް އެނބުރި ރާއްޖެއަކަށް ވެސް ނާދޭ. އެމެރިކާގައި ޒައިނާގެ ބައްޕަ ކައިރީ މަސައްކަތް ކުރަން އުޅެނީ. " ރިޒާ އިތުރު ކޮށްލިއެވެ.
" އަހަންނާ... ދާއިންގެ ވާހަކަ ބައްޕަ ބުނީމަތަ ނަދީމް އަހަރެން ވަރިކުރީ؟ އޭނަ ހުރީ އަހަރެންދެކެ ވަރަށް ރުޅި އައިސްފައިތަ؟" އަވަސް އަވަހަށް އަރޫޝާ އެހިއެވެ.
" ނޫން. ބައްޕަ އެއްވެސް ވާހަކައެއް ނުދައްކަން. އޭނަ އެމެރިކާގައި ދިރިއުޅެން ބޭނުން ވެގެން އަރޫޝާ ވަރިކުރީ. " ރިޒާ ބުނެލިއެވެ.
" ދާއިންއަށް އެކަން އެނގޭއިރު ވެސް އަހަރެން ކައިރިއަކު ނުބުނެ." އަރޫޝާ ބުނެލީ ޝަކުވާގެ ރާގުގައެވެ.
" ހަމަ ދެންމެ ބައްޕަ ދާއިން ކައިރީވެސް އެ ވާހަކަ މި ދެއްކީ. " ރިޒާ އެހެން ބުނެ، ދާއިންއާ ދިމާލަށް ހިނގައިގަތެވެ. އިތުރަށް މަޑުކުރަން ބޭނުން ނުވާފަދަ ގޮތަކަށް އަރޫޝާ، ދާއިންއަށް ބަލައިލުމަށްފަހު، އެނބުރި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
" އަރޫޝާގެ ދެ ވަނަ ދިރިއުޅުން ރޫޅޭކަށް ބައްޕައެއް ނޭދެން. އަރޫޝާއާ ކައިވެނި ކުރަންވާނީ އޭނަ އުފަލުގައި ގެންގުޅެވެންޏާ. މައްސަލަތައް ޖެހެންޏާ ކައިވެންޏާ ހަމައަށް ގޮސްގެން ނުވާނެ." ހަރުކަށި ގޮތަކަށް ދާއިންއާ ދިމާލަށް އެހެން ބުނެ ރިޒާ ނިކުތީ ބޭރަށެވެ. އެއާއެކު ފަޔަށް ބާރުލައިފައި ދާއިން ގޮސް ހުއްޓުނީ އަރޫޝާގެ ކޮޓަރި ދޮރުމަތީގައެވެ.
ތަޅުގައި ހިފާލުމާއެކު ފަސޭހަކަމާއެކު ދޮރު ހުޅުވިއްޖެއެވެ. އޭރު އަރޫޝާ ހުރީ ކޮޓަރި މެދުގައެވެ. އޭނާ އެ ހުރީ ދާއިންގެ އިންތިޒާރުގައިކަން ދާއިންއަށް އެނގުނެވެ. އެތެރެއަށް ވަދެ، ތަޅުލުމަށްފަހު ދާއިން އަރޫޝާ ކައިރިއަށް ގޮސް ހުއްޓުނެވެ.
" ނަދީމްބެ އަރޫ ވަރިކުރީމަ ދެރަވީތަ؟" ދާއިން އެހިއެވެ.
އެއާއެކު ހިތްހަމަ ނުޖެހޭ ގޮތް ދައްކާލަމުން އަރޫޝާ ދެ އަތް އުރާލިއެވެ.
" އެއީ އަހަރެން ލޯބިވެގެން އިން މީހެއްތަ؟ އަހަރެން މިއޮއްހާ ދުވަހު މި އުޅުނީ އޭނަ ކައިރިން ސަލާމަތް ނުވެވިގެން. ދެން އަހަރެން ކީއްވެތަ އެކަމާ ދެރަވާންވީ؟ އަހަންނަށް ހީވަނީ ނަދީމް އަހަރެން ވަރިކުރީމަ، އަހަންނާ އިންނަން ޖެހިދާނެތީ ދާއިން މިހާރު މާ ދެރަވާހެން." އަރޫޝާ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.
"ނޫނެކޭ އަރޫ! އެއީ އަފާ. އަހަންނާހެދި އޭނަ ހަމަ ހޭބަލިވަނީ. އެކަމަކު އަހަރެން އޭނައާ ހެދިއެއް ނޫޅެމޭ. " ދާއިން ބުނެލިއެވެ.
" ދެން ކީއްކުރަން އޭނަ ނަންބަރު ބްލޮކް ނުކުރެވެނީ؟ ކީއްވެ އޭނަ ގުޅީމަ ފޯނު ނެގީ؟" އަރޫޝާ ބުންޏެވެ.
" އޭނަ ގުޅީ އޮފީސް ނަންބަރުން. ވީހާ ވެސް އަވަހަކަށް ޑިޔުޓީއަށް ނިކުންނަން ބުނަން ވެގެން." ދާއިން އޮޅުންފިލުވައިދިނެވެ.
" ލޯބީގެ ވާހަކަ ދެއްކިއަޑު އަހަންނަށް އިވުނޭ ދާއިން." ދެރަވެލާފައި އަރޫޝާ ބުނެލިއެވެ.
" ފުރުސަތެއް ލިބޭތޯ ހުންނަ މީހަކު އެ ވާހަކަ ދައްކާނެ ދޯ ކިރިޔާ މަގެއް ފެންނަ އިރަށް. އެހެން އެ ވީ. އަހަންނާ ވާހަކަ ދައްކަން ފުރުސަތު ލިބުނީމަ އޭގެ ބޭނުން ހިފީ. އަހަރެން އޭނަ އިގްނޯ ކުރާވަރު އަރޫއަކަށް ނޭނގޭނެ. ރުޅި އައިސް އެއްޗެހި ކިޔާއިރު ވެސް އޭނަ ލޯބިވެޔޭ ކިޔާތީ އަހަރެން މި ހުންނަނީ ހައިރާންވެފަ. އެހެންވެ އަހަންނަށް އެހުނީ އެހާ ލޯބިވަނީ ކީއްވެހޭ؟ އަހަރެންގެ ފަރާތުން އެއްވެސް އިޝާރާތެއް ވެސް އޭނައަކަށް ނުވާނެ." ދާއިން ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.
" ދެން ދާއިން ރިސޯޓަށް ގޮސް ވެސް ހަމަ އޭނައާއެކު މަސައްކަތް ކުރާއިރު އޭނަދެކެ ލޯތްބެއް ނުވެވޭނެތަ؟ ތި ބުނަނީ ހޭބަލި ވެފައޭ ހުންނަނީ. " އަރޫޝާ ބުންޏެވެ.
އެއާއެކު ދާއިންއަށް ހެވުނެވެ. އަދި ލޯތްބާއެކު އަރޫޝާގެ މޫނަށް ބަލައިލަމުން އަރޫޝާގެ އަތުގައި ހިފާލިއެވެ.
" ހަމަ އެހާ ވެސް ޖޭ ވޭތަ؟" ދާއިން އެހެން އެހުމާއެކު އަރޫޝާ އަތް ފޮޅުވާލަމުން ދާއިންއަށް ފުރަގަސް ދިނެވެ.
" ނުވޭ ޖޭ އެއް. އަހަންނަށް އެނގޭހާ ވެސް އެއްޗަކީ އަންހެނަކު އެހެން ހޭބަލި ވެގެން އުޅެންޏާ ފިރެހެނަކު މަޑަކުން ނުހުންނާނެކަން." އަރޫޝާ ބުންޏެވެ.
އެ ވަގުތު ދާއިންއަށް އަނެއްކާ ވެސް ހެވުނެވެ.
" މި ހުރީނު. އަހަރެން ދޮގެއް ނަހަދަމޭ. އަހަރެން ހަމަ އެއްވެސް ވަރަކަށް އޭނަދެކެ ލައިކެއް ނުވެ. " ދާއިން ބުންޏެވެ.
" އޭނަ ލޯބިވެޔޭ ކިޔާފަ ދާއިންއާ ހެދި އުޅެމުން، ގުޅަމުން، ލޯބީގެ ވާހަކަ ދައްކާ ހަދާއިރު، ދާއިން ހަމަ އޭނަދެކެ ލައިކެއް ނުވާނެތަ؟ ނޫނީ ލޯބީގެ ވާހަކައެއް ވެސް ނުދެއްކޭނެތަ؟ " އަރޫޝާ ބުނެލިއެވެ.
އަރޫޝާ ވާހަކަ ދައްކާ ނިމުނު އިރު ދާއިން ހުރީ އޭނާގެ ކުރިމަތީގައެވެ. ދާއިންގެ މޫނަށް ބަލަން ބޭނުން ނުވާ ކަހަލަ ގޮތަކަށް އަރޫޝާ އެހެން ދިމާލަކަށް ބަލައިލިއެވެ.
" އެންމެ ފަހުން ނަދީމްބެ އަރޫދެކެ ލޯބިވެގެން، އަރޫ ބޭނުން ވެގެން، އަރޫ ކައިރީ ނިދަން ބޭނުން ވެގެން، އަރޫގެ ލޯބި ބޭނުންވެގެން އެތައް ރެޔަކު އޭނަ އުޅުނު ވާހަކަ އަރޫ ބުނީމެއްނު. ތިއީ ދެމަފިރިން. ޒައިނާއާ އިނުމުގެ ކުރިން ނިދީ ވެސް މި ހަތަރުފާރުގެ ތެރޭގައި. އަހަންނަށް ވެސް ބުނެވިދާނެޔޭ ފިރެހެނަކު އެހާވަރުން އުޅެންޏާ އަންހެނަކަށް ވެސް މަޑަކުން ނުހުރެވޭނެޔޭ. އަންހެނުންގެ ހިތާ މާ އަވަހަށް ކުޅެލެވޭނެ. އެކަމަކު އަހަރެން އެންމެ ފަހަރަކު ވެސް އަރޫއަށް ޝައްކު ކުރިންތަ؟ ޝަކުވާ ކުރިންތަ؟ ނުކުރަމެއްނު." ދާއިން އެހެން ބުނުމާއެކު އަރޫޝާއަށް ދާއިންއާ ހަތަރު ކަޅި ހަމަކޮށްލެވުނެވެ. އޭރު އޭނާއަށް މާނޭވާ ލެވެން ފެށިއްޖެއެވެ. ސިކުނޑި ވަރުބަލިވާހެން ހީވާން ފެށިއެވެ.
" އެއަށް ވުރެ އަހަރެން އަރޫއަށް މާ އިތުބާރުކުރަން. މާ ލޯބިވޭ. އަހަންނަށް އެނގޭ، އަރޫ އަހަންނަށް ބޭވަފާތެރިއެއް ނުވާނެކަން. ނަދީމްބެއާ އިނދެގެން އުޅުނަސް އަރޫއަކީ އަހަރެންގެ މީހެކޭ އަރޫ ބުނީމެއްނު. އަދި އަހަރެންގެ ހައްގުގައި އަރޫ ނަދީމްބެގެ ކޮންމެ އެދުމަކަށް ދެކޮޅު ހެދީމެއްނު. އަހަރެން ވެސް ހަމަ ތިހާ ތެދުވެރިވީމޭ. އަހަރެން ވެސް މި ހުރީ ހަމައެކަނި އަރޫއަށްޓަކައޭ." ދާއިން ބުންޏެވެ
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!