ކުރީގެ އަދަދާއި ގުޅޭ:

ޖެހިލުންވެ އިނދެ ނަދީމްއަށް ކުޑަކޮށް ހަށިގަނޑު ތެދުކޮށްލެވުނެވެ. އަދި ތުރުތުރުއަޅާ ފަދަ ހާލެއްގައި އިނދެ އޭނާ މަހުދީއާ ސަލާމްކޮށްލިއެވެ. ނަދީމްގެ އަތަށް މަހުދީ ފިތާލުމާއެކު ނަދީމްއަށް އަނެއްކާ ވެސް ހިންދިރުވާލެވުނެވެ.

Ad
rt

" އަހަރެންގެ ކުންފުނީގައި ނަދީމްއަށް މަސައްކަތް ކުރެވިދާނެ. މިހާރު ވެސް ބައިވަރު ޕްރޮޖެކްޓްތައް ލިބިފައި އެބަހުރި. މަހަކު ލައްކައެއްހާ ފައިސާ ނަދީމްއަށް ލިބޭނެ. ސިޔާސީ މީހުން ފިޔަވައި ރާއްޖޭގައި އެހާ ވަރުގެ މުސާރައެއް ނުދޭނެ. އަހަންނަށް ފެންނަނީ ނަދީމް މި ފުރުސަތުގެ ބޭނުން ހިފަން." މަހުދީ ބުންޏެވެ.

ނޭވާ ހިފަހައްޓާލައިގެން އިން ނަދީމްއަށް މަހުދީއާ ހަތަރުކަޅި ހަމަ ކުރަން ވެސް އުނދަގޫވާ ކަހަލައެވެ.

" އަހަރެންގެ ހުރިހާ ފައިސާއަކާ މުދަލުގެ ހައްގުވެރިންނަކީ ހަމަ ތި ދެ ކުދިން. އަހަރެމެންގެ ހުރީ ހަމަ އެންމެ ފުރާނައެއް. އަހަރެން އުއްމީދުކުރަން ނަދީމް، ޒައިނާއަށް ދެރަ ގޮތެއް ނަހަދާނެ ކަމަށް. " އެހެން ބުނެ މަހުދީ ތެދުވެއްޖެއެވެ. އޭނާ މަޑުމަޑުން ތަންކޮޅަކަށް ހިނގާލުމަށްފަހު ފުރަގަހަށް ދެ އަތް ލައިގެން ހުރެ ތަންކޮޅެއް ބާރަށް ވާހަކަ ދައްކަން ފެށިއެވެ.

" ނަދީމްގެ އިތުރު އަނތްބަކު ހުންނަކަން އަހަންނަށް އެނގޭ. އަދި އެ ކައިވެންޏަކީ މަޖުބޫރު ވެގެން ނަދީމްއަށް ކުރަން ޖެހުނު ކައިވެންޏެއްކަން ވެސް އެނގޭ. ޒައިނާއާ ނަދީމް ކައިވެނީގެ ގޮތުން މިހާރު ތި ތިބީ ގުޅިފައި. ދެން ނަދީމްގެ ދޮށީ އަނތްބާމެދު ކަންތައް ކުރަނީ ކިހިނެއްކަން އަހަރެން ބޭނުން ބަލައިލަން. " މަހުދީގެ ސުވާލުން ނަދީމްއަށް ތެޅިގަނެވުނެވެ.

އެ ވަގުތު އޭނާގެ ހިތުގައި ކުރެހިފައިވާ އަރޫޝާގެ ސޫރަ، ލޮލަށް ފެނުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި އިންދާ، ކުއްލިއަކަށް މަހުދީ އައިސް އަނެއްކާ ވެސް ނަދީމްގެ ކުރިމަތީގައި އިށީނދެއްޖެއެވެ. އަދި އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު އަވަސް އަވަހަށް ކޮންމެވެސް އެއްޗެއް ޓައިޕް ކުރަން ފެށިތަން ނަދީމްއަށް ފެނުނެވެ.

އިސާހިތަކު، ބްރިފްކޭސްއެއް ހިފައިގެން މީހަކު އައިސް ދެ މީހުންގެ މެދުގައި ހުރި މޭޒުމަތީ ބެހެއްޓުމަށްފަހު، މަޑުކުރުމެއް ނެތި ގޮއްސިއެވެ.

ވާނުވާ ނޭނގޭ ހާލު ނަދީމް އިނީ ވަރަށް ބޮޑަށް ޖެހިލުން ވެފައެވެ. މޭޒުމަތީ ފޯނު ބޭއްވުމަށްފަހު މަހުދީ، އެ ފޮށި ހުޅުވާލީ ހިނިތުންވަމުންނެވެ. އޭނާ ނަދީމްއާ ދިމާލަށް ފޮށި އަނބުރާލުމާއެކު ނަދީމްއަށް ދެ ލޯ ބޮޑު ކޮށްލެވުނެވެ.

އޭރު އެއްފައި މައްޗަށް އަނެއްފައި އެއްލައިގެން މަހުދީ އިނީ ނަދީމްއަށް ބަލާށެވެ. ދަތްދޮޅިކޮޅުގައި އަތް ޖައްސާލައިގެން ނަދީމްގެ މޫނުމަތީގެ ހަރަކާތްތަކަށް ބަލަން މަހުދީ އިނީ ޝައުގުވެރިވެފައެވެ.

އެހާ ގިނަ އަދަދެއްގެ ޑޮލަރުތަކެއް މީގެ ކުރިން ނަދީމްއަކަށް ފެނިފައެއް ނުވެއެވެ.

" އެއް ލައްކަ ޑޮލަރު. ތިއީ އަަހަރެން މިދިޔަ މަހު ނެގި ފައިސާ. ހީނުކުރައްޗޭ އަހަރެން މި ދައްކަނީ ތޯތޯ ވާހަކަތަކެކޭ. އެހެން ހީ ވެދާނެތީ މި ދައްކާލީ. ނަދީމްއަށް ޔަގީން ކޮށްދޭން ވެގެން. " މަހުދީ ފޮށި ބަންދުކުރިއެވެ.

" އެހެންވެ އަހަރެން މި ކޮމްޕެނީ އިތުރު މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ބޭނުން ނުވަނީ. ތިއީ އަހަރެންގެ ފިރެހެން ދަރިފުޅު. އަހަންނަށް އޮޅުވާ ނުލާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް. ނަދީމްއާމެދު ކުރިން އަހަރެން އެހާ ގަބޫލު ވީ ވެސް ނަދީމް ކިޔަވަމުން އައީ އަހަރެންގެ ދާއިރާއިން ކަމަށްވީތީ.. އެކަމާ އަހަރެން ވަރަށް އުފާ ކުރިން. " މަހުދީ ބުންޏެވެ.

އެ ވަގުތު ނަދީމްއަށް ބޭ އިހްތިޔާރުގައި ހިނިތުންވެލެވުނެވެ.

" ނަދީމް މި އޮފާ ގަބޫލު ކުރާނަންތަ؟" މަހުދީ ސުވާލު ކުރިއެވެ.

އޭރުވެސް ނަދީމްއަށް ހީވަނީ އެ ފޮށީގައި ހުރި ޑޮލަރުތައް ފެންނަ ހެންނެވެ. އެ ވަގުތު މުއްސަނދި މީހަކަށް ވެ، މަހުދީ އުޅޭ ފެންވަރުގައި އުޅުމަށް އޭނާގެ ހިތް ދަހިވެތި ވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ. ފައިސާއާއި މުއްސަނދިކަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އާދައިގެ ދިރިއުޅުމަކަށް ވުރެ، އަރާމު، ތަނަވަސް ދިރިއުޅުމެއް އުޅެން ނޭދޭނީ ކާކު ހެއްޔެވެ؟

" ނަދީމް؟ ކޮން ފިކުރެއްގައި؟" މަހުދީގެ އަޑަށް ނަދީމްއަށް ބޭއިހްތިޔާރުގައި ބޯ ޖަހާލެވުނެވެ.

" އޯ...އޯކޭ.. އަޅު..އަޅުގަނޑު ގަބޫލު ކޮށްފިން." ނަދީމް ބުނެލިއެވެ.

އެއާއެކު މަހުދީއަށް އެއް މިޔަކަނުން ހިނިތުން ވެލެވުނެވެ.

" އެކަމަކު އަހަރެންގެ ވަރަށް ބޮޑު ޝަރުތެއް އެބައޮތް.އަދި މީގެ ކުޑަ އިރުކޮޅެއް ކުރިން އަހަރެން ކުރި ސުވާލުގެ ޖަވާބު ވެސް ބޭނުން." މަހުދީ ބުންޏެވެ.

އެ ވަގުތު، ކުޑަ ވަގުތު ކޮޅަކަށް ނަދީމްއަށް އަރޫޝާގެ މަތިން ވެސް ހަނދާން ނެތިފައި ހުރިކަން އިހްސާސް ކުރެވުނެވެ. އަރޫޝާއާ މެދު ކަންތައް ކުރާނީ ކިހިނެއްތޯ މަހުދީ އެހި ހަނދާންވުމާއެކު އަނެއްކާ ވެސް ނަދީމްގެ މޫޑު ބަދަލު ވެއްޖެއެވެ. އެކަން މަހުދީއަށް ފާހަގަ ކުރެވުމުން އޭނާ ތަންކޮޅެއް ބާރަށް ހީގަތެވެ. އެއާއެކު ނަދީމް ވަރަށް ބޮޑަށް ލަދުގެންފިއެވެ.

" ނަދީމްގެ ހައްގަކަށް އިތުރު އަނތްބަކު އިންދާ، އަހަރެންގެ މި އަގުބޮޑު ކުންފުނި ނަދީމްގެ އަތްމައްޗަށް ދޫކޮށްލަން އަހަންނަކީ މޮޔައެއް ނޫނޭ. " މަހުދީ ބުންޏެވެ.

މަހުދީގެ ރާގު ކޮންމެވެސް ވަރަކަށް ބަދަލު ވެއްޖެއެވެ. އެހެންވެ، ނަދީމް ހުރީ މިހާރު ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެފައެވެ.

" އަހަރެންގެ ދަރިފުޅުގެ ހައްގުގައި އޭނައަށް އުފާވެރި ދިރިއުޅުމެއް ހޯދުމަކީ އަހަރެންގެ މި ހުރިހާ މަސައްކަތެއްގެ ވެސް އަސްލު. އެހެންވީމަ، ނަދީމް މިކަން ގަބޫލުކޮށް ޒައިނާއާއެކު އުޅެން ބޭނުން ވަންޏާ، ނަދީމްއަށް ޖެހޭނީ.... ކޮންމެވެސް އެއް ގޮތެއް އިހްތިޔާރު ކުރަން. " މަހުދީ ބުންޏެވެ.

" އަހަރެންގެ ޝަރުތަކީ ނަދީމްގެ އަނތްބެއްގެ ގޮތުގައި ހަމައެކަނި ޒައިނާ އިނުން. އަހަންނަކަށް ހިއެއް ނުވެ މިއީ ތިހާ ވިސްނަން ޖެހޭ ވަރުގެ ކަމެއް ހެންނެއް. ނަދީމް މި ގޮތް ބޭނުން ނުވަންޏާ، ޒައިނާ ވަރިކޮށްފައި ހަމަ ފުރައިގެން ދާންވީ! ނޯ ވޮރީސް." މަހުދީ ގަދަ ބަހުން ބުނެލިއެވެ.

" އަހަރެން ނަދީމްދެކެ ލޯތްބެއް ނުވެޔޭ..." ކުއްލިއަކަށް ނަދީމްގެ ޟަމީރު ހަނދާންކޮށްދިނީ އަރޫޝާ ބުނި ޖުމްލައެވެ.

އަދި އަރޫޝާ އޭނާޔާ ގަޔާ ނުވާކަން ވެސް ސިކުނޑި ވިސްނައިދޭން ފެށިއެވެ. އެވަރުގެ އަންހެން ކުއްޖަކަށްޓަކައި، ނަސީބަށް ފުރަގަސް ނުދިނުމަށް އެދި އޭނާގެ ހުރިހާ ހިއްސެއް އާދޭސް ކުރާ ކަހަލައެވެ. އެއްވެސް އުއްމީދެއް ނެތް ކަމަކަށް އިންތިޒާރު ކުރުމަކީ މޮޔަކަމެކޭ ހިތަށް އެރުމާއެކު ނަދީމްގެ މޫނުމަތި އުޖާލާ ވެއްޖެއެވެ. އަދި ނަދީމްއަށް ހިނިތުންވެލެވުނެވެ.

އެ މަންޒަރު ފެނި، މަހުދީއަށް އެއްބުމަ ހިއްލައިލެވުނީ މަކަރުވެރި ބެލުމަކުން ބަލަން އިނދެއެވެ.

" އަޅުގަނޑާ އަރޫޝާ ކައިވެނި ކުރެވުނީ ކީއްވެގެންކަން ޒައިނާ ކިޔައިދީފައި އޮންނާނެކަމަށް ގަބޫލުކުރެވެނީ. އެ ކައިވެނި ރޫޅާލުމަކީ އުނދަގޫކަމެއް ވެސް ނޫން. އެއީ... އަރޫޝާ ވެސް އަޅުގަނޑާއެކު އުޅޭކަށް އެއްވެސް ވަރަކަށް ބޭނުމެއް ނުވޭ. އެހެންވެ، އަޅުގަނޑު މި ދަތުރު މިއައީ ވެސް ޒައި އުފާކޮށްދޭން ވެގެން. އަޅުގަނޑު އަރޫޝާއާ މެދު އެއްވެސް ވަރަކަށް ނުވިސްނަން." ނަދީމް ވާހަކަ ދެއްކިއެވެ.

" ދެން؟ ޑިވޯސް ކުރޭ އަވަހަށް. އެކަން ނިމޭއިރަށް މިކަން ހަމަޖެހޭނެ." މަހުދީ ބުންޏެވެ.

އެއާއެކު ނަދީމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެކަން ކުރަން އޭނާއަށް ފަސޭހައެއް ވެސް ނޫނެވެ. ނަމަވެސް އަރޫޝާ އޭނާދެކެ ލޯބިނުވާކަން ހަނދާންވުމުން އަނެއްކާވެސް ވަގުތު ބޭކާރު ކުރުމުގެ ހިޔާލު އޭނާ މުޅިން ދޫކޮށްލައިފިއެވެ. އެހެންވެ، އޭނާ އިހްތިޔާރު ކުރީ ޒައިނާއާއެކު މުއްސަނދިކަމުގެ ތެރެއަށް ފީނައިގަންނާށެވެ. އެ ގޮތް މާ އުފާވެރިވާނެކަމަށް އެ ވަގުތު ގަބޫލު ވެސް ކުރެވިއްޖެއެވެ.

" އަހަރެންގެ ކުރިމަތީގައި އަރޫޝާއަކީ އަނތްބެއް ނޫނޭ ބުންޏަސް، އެކަން ނިމޭނެޔޭ. މި ޒަމާނަކީ އެއްވެސް މީހަކަށް އިތުބާރު ކުރެވޭނެ ޒަމާނެއް ނޫން. " މަހުދީ ބުނެލިއެވެ.

އެއާއެކު ނަދީމްއަށް ހިންދިރުވާލެވުނެވެ. ކުޑަކޮށް ބޯ ޖަހާލުމަށްފަހު އޭނާ ދޫ ހަރަކާތްކޮށްލިއެވެ.

" މި... މި ވަގުތުން ފެށިގެން، އަރޫޝާއަކީ އަހަރެންގެ އަނތްބެއް ނޫން. އަހަރެން އޭނަ ވަރިކޮށްފިން." ހާސްވެފައި ހުރި ވަރުން ނަދީމްއަށް އެހެން ބުނެވުނީ ނުހަނު އަވަހަށެވެ. މަހުދީގެ މޫނުމަތިން އުފާވެރިކަން ފެނި، ނަދީމްގެ ތުންފަތްމައްޗަށް ވެސް ހިނިތުންވުން ވެރިވިއެވެ.

" މާދަމާއިން ފެށިގެން މަސައްކަތް ކުރިއަށް ގެންދަންވީ! އަހަރެން މި ގެ ވެސް ޒައިނާއާއި ނަދީމްގެ ނަމަށް ބަދަލު ކުރާނަން. އިސާހިތަކު ނަދީމްއަކީ ބޮޑު މަހުޖަނަކަށް ވެދާނެ. އެއީ އަހަރެންގެ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަން." މަހުދީ ނަދީމްގެ ބުރަކަށީގައި ޖަހާލިއެވެ. އޭރުވެސް ނަދީމް ހުރީ ފުޅާ ހިނިތުންވުމެއްގައެވެ.

މަހުދީ ގޮސް ގެއަށް ވަތް އިރު ވެސް، އެކަނިވެލަން ބޭނުންވެފައި ހުރި ނަދީމް، ބޭރުގައި މަޑުކުރިއެވެ. ޖީބުން ފޯނު ނެގުމަށްފަހު ސިމް މަސައްކަތް ކުރޭތޯ ބަލައިލަން އޭނާ ޑޭޓާ ޖައްސާލިއެވެ. އޭރު އަރޫޝާއާ މެދު އޭނާއަށް ފިކުރު ކުރެވެން ފަށައިފިއެވެ. އެ ވާހަކަ ބުނާނެ ގޮތަކާމެދު ވިސްނަން ފެށުނެވެ.

" އަހަރެން އަރޫ ވަަރި ކުރިޔަސް، އަހަންނަށް އެނގޭ އަރޫ ދެރަ ނުވާނެކަން. އަހަރެންދެކެ ލޯބިވާ މީހެއް ނޫން ވިއްޔަ. ދެން ކީއްކުރަން އޭނައަށްޓަކައި ލައިފް ބޭކާރު ކުރަންވީ؟ މިއީ އަހަރެން ދުވަހަކުވެސް ނުދެކޭހާ އުފާވެރި ރީތި މަންޒަރުތަކެއް. ނަސީބު އައިސް އަތުގައި ހިފީމަ، ކީއްކުރަން ދެކޮޅު ހަދަންވީ؟" ނަދީމްއަށް ހިތާހިތާ ވާހަކަ ދެއްކުނެވެ.

ހަމަ އެ ވަގުތެވެ. ވައިބާ އިން ބައްޕަގެ ހައެއްކަ މިސްކޯލް އައިސް އޮތްތަން ފެނި، ނަދީމްއަށް ހިނިތުން ވެވުނެވެ. ބައްޕަ ކަންބޮޑުވާނެކަން އެނގި އޭނާ ލަސްނުކޮށް، އަވަހަށް ބައްޕައަށް ގުޅިއެވެ.

އޭރު ރިޒާ އޮތީ ބޭރު ޖޯލީގައެވެ. އޭނާ އޭރު ވެސް ވިސްނަން ދިޔައީ ނަދީމް ގާތު އަރޫޝާއާއި ދާއިންގެ ވާހަކަ ބުނާނެ ގޮތަކާމެދުއެވެ. ދަރިންގެ މެދުގައި ހަމަނުޖެހުން ހިނގާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.

ނަދީމްގެ ކޯލް އައުމާއެކު ރިޒާއަށް ބަލައިލެވުނީ ގެއާ ދިމާލަށެވެ. އެ ފޯނު ނަގަން އޭނާ ބޭނުންވަނީ ވެސް އެކަނި ހުރެއެވެ. ދާއިން ގޭގައި ނޫޅޭކަން ޔަގީން ކުރުމަށްފަހު އޭނާ ފޯނު ނެގީ ކޮޓަރިއަށް ވަދެއެވެ.

" ދަރިފުޅުމެންނަށް މިހާރު ދެވިއްޖެތަ؟" ރިޒާ އެހިއެވެ.

" އާނއެކޭ ބައްޕާ. އަހަރެން މިހާރު މިހުރީ އެމެރިކާގައި. ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން. އަހަރެން މި ވާހަކަ ބުނީމަ ބައްޕަ ރުޅި ނާންނައްޗޭ." ނަދީމް ބުންޏެވެ.

އޭރު ރިޒާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ނަދީމްގެ އަޑުން އޭނާގެ ހިތް ވެސް އަވަސްވެފައި ވާހެން ރިޒާއަށް ހީވިއެވެ.

" ކޮން ވާހަކައެއް ދައްކަން؟" ރިޒާ ސުވާލު ކުރިއެވެ.

" ބައްޕާ...ޒައިނާގެ ބައްޕައަކީ މި ގައުމުގައި މަހުޖަނެއް. މި މީހުންނަކީ ބޮޑެތި ވިޔަފާރިވެރިން. މި މީހުން މަސައްކަތްކުރަނީ އަހަރެން ކިޔެވި ދާއިރާއިން. އެހެންވެ، ޒައިނާގެ ބައްޕަ އަހަންނަށް ވަޒީފާ ވެސް ހަމަޖައްސައިދީފި." ނަދީމް ބުންޏެވެ.

އެއާއެކު ރިޒާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

" ދެން؟ ދެން ދަރިފުޅު ތިތާންގަ ކިހިނެއް އުޅޭނީ؟ ވަޒީފާ ހަމަޖެއްސިއްޔޭ؟ ތިހެން ތިކަމެއް ނުވާނެ އެއްނު." ބޭއިހްތިޔާރުގައި ރިޒާއަށް ނުރުހުންތެރިކަން ފާޅު ކުރެވުނެވެ.

" ބައްޕާ! އަހަންނަށް މަހެއްގެ މައްޗަށް ލައްކައެއް ވަރު ދޭނެ. އޭގެ އިތުރުން މި ބޮޑު ގެ ވެސް އަހަންނާ ޒައިނާގެ މައްޗަށް ރެޖިސްޓްރީކުރާނަމޭ ބުނީ. " ނަދީމް ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ.

" ލައްކައެކޭ؟ އެ މީހުންނަކީ އެހާ ވެސް ތަނަވަސް ބައެއްތަ؟" ރިޒާ ބުންޏެވެ.

" އާނއެކޭ ބައްޕާ. ޒައިނާގެ ބައްޕަ އަބަދުވެސް އުޅެނީ މިތާއޭ. މިހާރު މި ގައުމުގެ ރައްވެހިންނަށް ވެގެން އެ މީހުން މި ތަނުން ގެ ވެސް ގަނެގެން އެ އުޅެނީ. އަހަރެން ބޭނުމެއް ނޫން މި ފުރުސަތު ގެއްލުވައިލާކަށް. ކިޔަވައި ނިމިގެން ރަށަށް ދިޔަފަހުން ވެސް އަދިވެސް އަހަންނަށް ރާއްޖެއިން ވަޒީފާއެއް ހަމައެއް ނުޖެހޭ. ބައްޕައެއްނު އަބަދު އަހަންނަށް ހަރަދު ވެސް ތި ކުރަނީ؟ ދެން އިރާދަކުރެއްވިއްޔާ ބައްޕަ ނުޖެހޭނެ ހާސްވާކަށް. އަހަރެން މިތާ ހުއްޓަސް ބަރާބަރަށް ބައްޕައަށް ހަރަދު ކުރާނަމޭ. " ނަދީމް ބުންޏެވެ.

އެއާއެކު ރިޒާ ފެންކަޅި ވެއްޖެއެވެ. ދެން ނަދީމް ލޮލަށް ވެސް ނުފެންނާޔޭ ހިތާ އިންތިހާއަށް އޭނާ ދެރަވެއްޖެއެވެ. އެއާއެކު އޭނާގެ ހިތުގައި ރާވަމުން ދިޔަ ވާހަކަތައް މުޅިން ބަދަލުކޮށްލައިފިއެވެ. އަރޫޝާއާއި ދާއިންގެ ވާހަކަ ނަދީމްގާތު ދެއްކުމަށް އޭނާގެ ހިތް އިންކާރު ކުރިއެވެ. އެހެންވެ، އޭނާ ބޭނުންވީ އަރޫޝާ މަތިން ނަދީމްއަށް ހަނދާންކޮށްދޭށެވެ.

" ދަރިފުޅު ހަރަދު ކުރަން ޖެހޭނީ ހަމައެކަނި ބައްޕައަކަށް ނޫނެއްނު. ދަރިފުޅުގެ އިތުރު އަނތްބަކު ވެސް މިތާ އެބަ އިނޭ. ކިތަންމެ ފައިސާއެއް ބޭނުން ވިޔަސް، ދަރިފުޅުގެ ބޮލުގައި އެޅިފައި އޮތް ހައްގުތަކާއި ވާޖިބްތައް އަދާކުރަން ވާނެ. އަރޫޝާ ކިހާ ދެރަވާނެ ތިހެން ހެދީމަ. އަދި ތިއީ އެހާ ޅަ ކުދިން. ދެމަފިރިން ދުރުގައި ތިހެން އުޅޭކަށް ނުވާނެ." ރިޒާގެ ވާހަކަދައްކަމުން ދަނިކޮށް ނަދީމް، ބައްޕާއޭ ކިޔައި ގޮވާލުމަށްފަހު، ރިޒާގެ ވާހަކަ ހުއްޓުވިއެވެ.

" އަހަރެން.. އަހަރެން އަރޫޝާ ވަރިކޮށްފީމޭ. މިހާރު އަހަރެންގެ އަނތްބަކަށް އިންނާނީ ހަމައެކަނި ޒައިނާ." ނަދީމްގެ އެ ޖުމްލައިން ރިޒާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަނގައިން ބުނަން ނޭނގިފައި އޭނާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ.

" ބައްޕާ؟ ހައިރާންވީތަ؟ ގަބޫލުކުރޭ ބައްޕާ! އަހަންނަށް އަރޫޝާގެ ފަރާތުން ލިބޭ އެއްވެސް އުފަލެއް ނެތް. އަހަރެންގެ މުސްތަގްބަލް މި އޮތީ މިތާ. އަހަންނަށް ކުރިއަރައިގެން ދެވޭނީ ވެސް ހަމަ މިތަނުން. އަހަރެން ބުނީމެއްނު ރުޅި ނާންނައްޗޭ. އަހަރެން ކޮންމެވެސް ދުވަހަކުން ބައްޕަ ދެކިލަން ދާނަމޭ. އެހެން ނޫނަސް ދާއިން ކޮއްކޮ ވެސް އެ ހުރީއެއްނު. ބައްޕައަށް ކަމެއް ވިޔަސް އަހަންނަށް އަވަހަށް ނުދެވުނަސް، ކޮއްކޮއަށް ވަގުތުން ވަގުތަށް ދެވޭނެއެއްނު." ނަދީމް ބުނެލީ ފަސޭހަކަމާއެކުއެވެ.

" ވަރަށް ގިނަ ކަންތައްތަކެއް ހަނދާނަށް އަތުވެއްޖެ. " އަސަރާއެކު ރަމީޒް ވާހަކަ ދެއްކިއެވެ.

" އަހަރެމެންގެ ހުރި އެންމެ ހެޔޮވިސްނޭ ދަރިއަކީ ތިއީ. ދާއިންއަކީ ނުވިސްނޭ ކުއްޖެއް. އަހަރެމެންގެ އެންމެ ކިޔަމަންތެރި ދަރިޔަކީ ތިއީ. އެކަމަކު ދާއިންއަކީ ނުކިޔަމަންތެރި، އަޑުނާހާ ދަރި. ތިއީ އަހަރެމެންގެ ކުރިމަތީގައި އުފް ވެސް ނުބުނެ، ބޮޑުވި ދަރިއެއް. އެކަމަކު މޫނުމަތީ ޒުވާބުކޮށް، ދަޖަލު ކުރަމުން އައީ ދާއިން. މިކަހަލަ ބައިވަރު ސަބަބުތަކާހެދި އަހަރެމެންނަށް ތި ދެ ކުދިން ތަފާތު ކުރެވުނު. ދާއިންއަށް ސަމާލުކަން ނުދީ އޭނަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވުނު. އަހަރެމެންގެ ހުރިހާ ސަމާލުކަމެއް ދެވުނީ ނަދީމްއަށް. ނަދީމްއާމެދު އުއްމީދުަތަކާއި ހުވަފެންތަކެއް ދުށިން. ކޮންމެ ހާލެއްގައި ވެސް މައިންބަފައިން ދޫ ނުކުރާނެކަމުގެ އިތުބާރު ކުރެވުނު. އެކަމަކު މިޔަދު އެ އިތުބާރު ތި ގެއްލުވާލީ، ފައިސާގެ ދަޅައަށް ހެއްލި ދުނިޔެވީ އެދުމަށްޓަކައި." އެހެން ބުނެ، ރިޒާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް ލަސްނުކޮށް އަނެއްކާ ވެސް އޭނާ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

" ދާއިން މާލެ ދިޔުމުން އަހަރެމެން ހީކުރީ ދާއިން އަހަރެމެންނަށް ގެއްލުނީ ކަމަށް. އޭނާ މަގު އޮޅޭނެ ކަމަށް. އެކަމަކު އެއާ ހިލާފަށް ދާއިންއަކީ ހަރުދަނާ ކުއްޖަކަށްވެއްޖެ. އަދި މަންމަގެ ދުނިޔޭގައި މަންމައާއި ބައްޕައަށް ވެސް އޭނަ އެހާ ހެޔޮ. އެހާ ރަނގަޅު. މަންމަ ނިޔާވުމުގެ ކުރިން ވެސް ދާއިންގެ ރަނގަޅުވާހަކަ ދެއްކި. ކުރިން ކަންތައްކުރެވުނު ގޮތާމެދު މަންމަ ހިތާމަ ކުރި. މިއަދު ނަދީމްގެ ތި ނިންމުމާއި ތި އުޅުން ދެކެން މަންމަ ދުނިޔޭގައި ނެތްކަން އެއީ ހަމަ ނަސީބު." ރިޒާ ބުންޏެވެ.

" ބައްޕާ! މިއީ އެހާވަރުގެ ކަމެއް ނޫނޭ. ބައްޕަ މާ ބޮޑަށް ތި ވިސްނަނީ. އަހަރެން ރާއްޖެ ނުދާކަށް ނޫޅެމޭ. ޗުއްޓީ ނަގައިގެން ބައްޕަ ކައިރިއަށް ވެސް އަހަރެން ދާނަމޭ. އެެހެން ނޫނަސް، އަރޫޝާ ވަރިކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތް. އެއީ އޭނަ ވެސް އަހަންނާއެކު އުޅޭކަށް ބޭނުމެއް ނުވެއެއްނު. " ނަދީމް ގެ ރާގުން، ރިޒާ ދެއްކި ވާހަކަތަކާމެދު އެއްވެސް ވަރަކަށް އޭނާއަށް އަސަރު ނުކުރާކަން ރިޒާއަށް އެނގުނެވެ.

" އެކަމަކު ދަރިފުޅު މި ތަނުން ދިޔައީ، ޒައިނާ ވަރިކޮށްފައި އެނބުރި އައިސް އަރޫޝާއާއެކު ގުޅިގެން އުޅެން ނިންމައިގެންނެއްނު." ރިޒާ ހަނދާންކޮށްދިނެވެ.

" އެކަމަކު ބައްޕާ. އަރޫޝާ އެ ގޮތެއް ބޭނުމެއް ނުވާނެއެއްނު. އެހެން ނޫނަސް މި ތަނުގައި އުޅެން އަހަރެން ވަރަށް ހިތްހަމަ ޖެހޭނެ. ފައިސާއަށް އަހަރެން ދަހިވެތިވިއްޔޭ ބައްޕަ ބުނީތީ އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެން ވެސް ބޭނުންވާނެ އެއްނު ހިތްހަމަޖެހިގެން އުޅެން. " ނަދީމް ހުރީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ.

ކުއްލިއަކަށް ރިޒާ ސިހުނީ ދޮރުގައި ޓަކި ޖަހާލުމުންނެވެ.

" ބައްޕާ؟ ކާން އާދޭ." އިވުނީ އަރޫޝާގެ އަޑެވެ.

" ނަދީމް... އަރޫޝާ ކައިރީ މިހާރު ތި ވާހަކަ ބުނެފިންތަ؟" ރިޒާގެ ސުވާލުން ނަދީމްއަށް އުނދަގޫ ކުރުވިއެވެ.

އަރޫޝާއަށް ގުޅާފަ، އެހެން ބުނަން ހިތަށް އެރުމާއެކު ނަދީމް ޖެހިލުން ވެއްޖެއެވެ. ލަދުގަނެއްޖެއެވެ. ހިތަށް ސިފަވީ، އޭނާ ފުރަން އޮތް ރޭގެ ހާދިސާގެ މަތިންނެވެ. އަރޫޝާ އޭނާއާމެދު ދެކޭނީ ކިހިނެއް ކަމެއް ވެސް ނޭނގެޔޭ ހިތަށް އެރުމާއެކު އިންތިހާއަށް އޭނާ ކަންބޮޑުވެއްޖެއެވެ.

" ބައްޕަ ބުނޭ. އަހަރެން ދެން އޭނައަށް ގުޅީމަ ކަމަކު ނުދާނެއެއްނު. ވަރިސާބިތު ކުރުމުގެ ކަންތައްތައް ފޯމް ލައިގެން ކުރިއަށް ގެންދަން ބުނެދީ. އަހަރެން ދެން އަރޫޝާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. އިއްދައިގެ ހަރަދު އަހަރެން ފޮނުވާނަން. " ނަދީމްގެ ވާހަކަތައް އަޑުއަހަން ރިޒާ ހުރީ ހައިރާންވެފައެވެ.

ނަދީމް އެހާ އަވަހަށް ބަދަލުވެދާނެކަމަށް ފަހަރެއްގައި ވެސް ރިޒާ ހިއެއް ނުކުރެއެވެ. ކޮޓަރިން ނިކުމެގެން ކާގެއަށް ދިޔައިރު ވެސް ރިޒާ ހުރީ އެ ފިކުރުތަކުގައެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)