ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ(ހއ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހއ.އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްތަކަކީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.

Ad
rt

ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ މުރައިދޫއަށެވެ.

މި ދަތުރުފުޅުގައި މި ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، މި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސް ހއ.އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.