އެއަރކޮންޑިޝަންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ، މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި، މާތް ﷲގެ އިރާދަފުޅާއެކު، އިޔާދަކުރަނިވި ހަކަތައިއިން ފިނިކުރެވޭ ގޮތަށް ހުރި ކުލާސްރޫމްތަކެއް ކަމުގައި ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫއު ނިންމަން ކަމަށެވެ.

ހުޅުދުއްފާރުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަމާއި، މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސްކޫލަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެއްވެސް ވަޢުދުފުޅެއް ހަނދުމަނެތި ނުދާ ކަމަށް ވިދާޅުވެފައެވެ.