ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހދ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ނައިވާދޫއާއި މަކުނުދޫ ބައްދަލުކުރަން ޖެހުނުއިރު ނޭކުރެންދޫއާއި ކުމުންދޫ ބައްދަލުކުރަން ޖެހިއްޖެއެވެ.

ހދ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ނޭކުރެންދޫއެވެ. ނޭކުރެންދޫން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ މަކުނުދޫންނެވެ. މަކުނުދޫއިން ވަނީ ހަތަރު މެޗުން 8 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ކަޓައިގެން ދިޔަ ޓީމްތަކަކީ ހަނިމާދޫ، ނޮޅިވަރަންފަރުގެ އިތުރުން ފިނޭއެވެ.

Ad
rt

ގްރޫޕް ބީގެ އެއްވަނަ ހޯދީ ނައިވާދޫއެވެ. ނައިވާދޫއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ ކުމުންދޫއެވެ. ކުމުންދޫއިން ވަނީ ކުޅުނު ހަތަރު މެޗުން 7 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ކަޓައިގެން ދިޔައީ ވައިކަރަދޫއާއި ނޮޅިވަރަމްގެ އިތުރުން ނެއްލައިދޫއެވެ.

ރޭ ގްރޫޕް އޭގައި ނޭކުރެންދޫއާއި މަކުނުދޫ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މަކުނުދޫއިންނެވެ. މި ގްރޫޕްގައި ހަނިމާދޫއާއި ފިނޭ ބައްދަލުކުރި މެޗު 6-0 ގެ ތަފާތުބޮޑު ނަތީޖާއިން ކާމިޔާބުކުރީ ހަނިމާދޫއިންނެވެ.

ގްރޫޕް ބީގައި ރޭ ނައިވާދޫއިން ވަނީ 4-2 ގެ ނަތީޖާއިން ކުމުންދޫ ބަލިކޮށްފައެވެ. މި ގްރޫޕުގައި ނޮޅިވަރަމާއި ވައިކަރަދޫ ބައްދަލުކުރި މެޗު 7-4 ގެ ނަތީޖާއިން ކާމިޔާބުކުރީ ވައިކަރަދޫއިންނެވެ.