ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ރައުންޑް އޮފް 16 ގައި ރޭ ބާސެލޯނާއާއި އާއި އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސްޕެނިޝް ސްޕަ ކަޕްގެ ކާމިޔާބަށް ފަހު ބާސާއިން ރޭ އަމިއްލަ ދަނޑުގައި ނުކުތީ ރެއާލް ބެޓިސްއާއި ދެކޮޅަށެވެ. ބާސާގެ ކާމިޔާބީ ފާހަގަކޮށް ބެޓިސް ޓީމުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

Ad
rt

ރޭ މެޗުގައި ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ގަވީ ލަނޑުޖަހައި ބާސާއަށް ލީޑު ހޯދައިދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ކޫންޑޭއެވެ. ކޫންޑޭ މި ލަނޑު ޖަހާފައި ވަނީ ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ދެވަނަ ހާފުގައި ބާސާއިން ތިން ލަނޑު ޖެހިއެވެ. އެ ޓީމްގެ ތިންވަނަ ލަނޑު ރަފީނިއާ ޖަހައިދިން އިރު ހަތަރުވަނަ ލަނޑު ޖެހީ ފެރާން ޓޯރޭސްއެވެ. ބާސާފެ ފަސްވަނަ ލަނޑު ޖަހައިދިނީ ރޭ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޔަމާލްއެވެ. ބެޓިސްގެ ހަމައެކަނި ލަނޑު 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރޯކޫއެވެ.

ރޭ ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ 4-0 ގެ ނަތީޖާއިން އެލްޗޭ ބަލިކޮށްފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި ސޯލޯތުގެ ގޯލުން އެތުލެޓިކޯއިން ލީޑު ނެގިއިރު އެ ޓީމްގެ ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ވެސް ސޯލޯތުއެވެ.

އެލްޗޭއަށް މެޗުގައި އިތުރު މައްސަލައާއި ކުރިމަތިވީ 50 ވަނަ މިނެޓުގައި އެ ޓީމްގެ ނިކޯއަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. އެތުލެޓިކޯގެ ތިންވަނަ ލަނޑު ޖަހައިދިނީ ރިކުއެލްމޭއެވެ. ހަތަރުވަނަ ލަނޑު 75 ވަނަ މިނެތުގައި ޖަހައިދިނީ އަލްވަރޭޒްއެވެ.