ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މާރަންދޫއާއި ކެލާ އަދި ވަށަފަރުން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.
ރޭ ގްރޫޕް އޭގައި މާރަންދޫއިން ވަނީ 3-0 ގެ ނަތީޖާއިން ހޯރަފުށި ބަލިކޮށްފައެވެ. މި މެޗުގައި މާރަންދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު މުހައްމަދު، ހަމްދާންގެ އިތުރުން އާދަމް ހަބީބްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫގެ ހުމައިދު ހުސެއިންއެވެ.
ރޭ ގްރޫޕް އޭގައި ކުޅުނު ދެވަނަ މެޗުގައި ކެލާއިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ފިއްލަދޫ ބަލިކޮށްފައެވެ. މި މެޗުގައި ކެލާގެ މަމްދޫހް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައި ވަނީ އޭނާއެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ ގާސިމް އަތޫފްގެ އިތުރުން އަހްމަދު އިނާދުއެވެ.
ރޭ ގްރޫޕް ބީގައި މުރައިދޫ ވަނީ 4-1 ގެ ނަތީޖާއިން ވަށަފަރުގެ އަތުން ބަލިވެފައެވެ. މެޗުގައި ވަށަފަރަށް ލަނޑުތައް ޖަހައިދިނީ އިބްރާހީމް ސަނޫން، އިބްރާހީމް އަތީގް އަދި އަހްމަދު މާއިޝްއެވެ. މާއިޝް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.
ގްރޫޕް ބީގައި ރޭ އުތީމާއި އިހަވަންދޫ ބައްދަލުކުރި ފޯރިގަދަ މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި އިހަވަންދޫއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ރިޝަފާން އަދި އަހްމަދު ޒަޔާންއެވެ. ޒަޔާން ވަނީ ދެ ލަނޑު ޖަހާފައެވެ. އުތީމްގެ ލަނޑުތައް ޖަހައިދިނީ ރިޝްވާންގެ އިތުރުން އަހްމަދު އައިހަމްއެވެ. އައިހަމް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އޭނާއެވެ.
ގްރޫޕް އޭގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކެލާއެވެ. އެ ޓީމުން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. ދެވަނާގައި މާރަންދޫ އޮތީ ތިން މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް ބާރަށަށް ދެ މެޗުން ލިބިފައި ވަނީ 3 ޕޮއިންޓެވެ. ހަތަރުވަނާގައި އޮތް ހޯރަފުއްޓާއި ފަސްވަނާގައި އޮތް ފިއްލަދޫއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ގްރޫޕް ބީގެ އެއްވަނާގައި މިވަގުތު އޮތީ ވަށަފަރެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ދިއްދޫއަށް ދެ މެޗުން ލިބިފައި ވަނީ 3 ޕޮއިންޓެވެ. ތިންވަނާގައި މުރައިދޫ އޮތީ ތިން މެޗުން ލިބުނު 3 ޕޮއިންޓާއިއެކުއެވެ. އުތީމަށް ކުޅުނު ދެ މެޗުން 2 ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް އިހަވަންދޫއަށް 2 މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!