ރޭ މާލެއަށް ވެހުނު ވާރޭގައި ފެންބޮޑުވެ އެހީތެރިކަމަށް ޖެހުނު 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އެމީހުންނަށް މި އިންތިޒާމް ހަމަޖައްސައިދިނީ އެއް ދުވަހަށް ކަމަށެވެ.
''މިފަރާތްތައް ބަދަކުކުރެވުނީ މިގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީ'' އެންޑީއެމްއޭއިން ބުންޏެވެ.
މި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ މިހާތަނަށް 104 ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ވެސް ވަނީ ހެނދުނު ބުނެފައެވެ.
ރޭ މެންދަމު މާލެއަށް ވެހެންފެށި ވާރެ ފަތިހު ވަނީ ހުއްޓާލާފައެވެ. ނަމަވެސް މި ވާރޭގައި މުޅި މާލޭގައި ހެން ފެންބޮޑުވިއެވެ.
ފެން ހިންދުމުގެ މަސައްކަތް އަދިވެސް ސިފައިން ކުރަމުން އަންނައިރު، މާލޭގެ ބޮޑުބައެއް މިހާރު ވަނީ ފެންހިނދި އާންމު ހާލަތަށް އައިސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!