ވިއްސާރާގައި މާލޭގައި ފެންބޮޑުވެ މިހާތަނަށް 104 ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރޭ މެންދަމު މާލެއަށް ވެހެންފެށި ވާރެ ފަތިހު ވަނީ ހުއްޓާލާފައެވެ. ނަމަވެސް މި ވާރޭގައި މުޅި މާލޭގައި ހެން ފެންބޮޑުވިއެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު 10:22 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ގޭތަކަށް ފެންވަނުމުން ރަށްކާތެރިކޮށްދިނުމަށް 528 ވެލި ބަސްތާ ޖަހައިދެވިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގައި މިހާތަނަށް ވަނީ 18201 ޓަނުގެ ފެން ހިންދާފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ވިއްސާރާގައި ރޭ ފެންބޮޑުވި ނަމަވެސް މާލޭގެ ގިނަ ސަރަހައްދުތަކުން ފެންހިނދި މިހާރު ވަނީ އާންމު ހާލަށް އައިސްފައެވެ.
މި ޖެނުއަރީ 3 ވަނަ ދުވަހު ވެސް މާލެ އަށް ވަނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ކުރިމަތިވެފައެވެ. އެދުވަހު 161.9 މިލިމީޓަރުގެ ވާރޭ މާލޭ އަށް ވެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!