ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހއ.އަތޮޅު ބުރުގައި ވަށަފަރާއި މުރައިދޫ އަދި މާރަންދޫއިން ފުރަތަމަ މޮޅު ހޯދިއިރު އިހަވަންދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ގްރޫޕް އެކެއްގައި ރޭ އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބުކުރީ މުރައިދޫންނެވެ. މި މެޗުގައި މުރައިދޫއަށް ލަނޑުތައް ޖަހައިދިނީ އިޔާން އަހްމަދު ރަޝީދު، އަހްމަދު ނައުފަލް، އައިރޫން އަހްމަދު ރަޝީދު އަދި އަބްދުﷲ ހިޝާމްއެވެ. ހިޝާމް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. އިހަވަންދޫއަށް ލަނޑުތައް ޖަހައިދިނި އަހްމަދު ނައުޝާދުގެ އިތުރުން އިބްރާހީމް ހާމިދުއެވެ. ހާމިދުވަނީ ދެ ލަނޑު ޖަހާފައެވެ. މިއީ މުރައިދޫއަށް މުހިންމު މޮޅެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މުރައިދޫ ވަނީ ދިއްދޫ އަތުން ބަލިވެފައެވެ.

Ad
rt

ގްރޫޕް ދެއެއްގައި ދެން ކުޅުން މެޗުގައި ބައްދަލުކުރީ ވަށަފަރާއި ދިއްދޫއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ވަށަފަރުންނެވެ. މެޗުގައި ވަށަފަރަށް ތިން ލަނޑު ވެސް ޖަހައިދިނީ އިބްރާހީމް އަތީގުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. ދިއްދޫއަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ޝިފާހްގެ އިތުރުން މުހައްމަދު ޝަނާއުއެވެ. މިއީ ވަށަފަރުގެ ފުރަތަމަ މޮޅެވެ. މުބާރާތުގައި ވަށަފަރު ކުޅުނު ފުރަތަމަ މެޗުގައި އުތީމާއި ވަނީ އެއްވަރުވެފައެވެ. މިއދީ ދިއްދޫގެ ވެސް ދެވަނަ މެޗެވެ. ދިއްދޫ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ މުރައިދޫ ބަލިކޮށްފައެވެ.

ގްރޫޕް އެކެއްގައި ރޭ ފިއްލަދޫއާއި ހޯރަފުށި ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ހޯރަފުއްޓަށް ދެ ލަނޑު ވެސް ޖަހައިދިނީ މުހައްމަދު ރައްޔާންއެވެ. ފިއްލަދޫއަށް ލަނޑުތައް ޖަހައިދިނީ އަލީ ކާމިލްގެ އިތުރުން މުހައްމަދު ހުޝާމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހުޝާމްއެވެ. މިއީ ފިއްލަދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މިއީ ހޯރަފުށީގެ ދެވަނަ މެޗެވެ. އެ ޓީމް ފުރަތަމަ މެޗުގައި ބާރަށް އަތުން ވަނީ ބަލިވެފައެވެ.

ރޭ ގްރޫޕް އެކެއްގައި ބާރަށާއި މާރަންދޫ ބައްދަލުކުރި 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މާރަންދޫއިންނެވެ. މެޗުގައި މާރަންދޫއަށް ލަނޑުތައް ޖަހައދިނީ ހުމައިދު ހުސެއިންގެ އިތުރުން އާދަމް ހަބީބްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހުމައިދުއެވެ. މިއީ މާރަންދޫއަށް މުބާރާތުގައި ހޯދުނު ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުން އެ ޓީމް ބަލިވީ ކެލާ އަތުންނެވެ.

މި މުބާރާތުގައި ހއ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އެކެއްގައި ހިމެނެނީ ހޯރަފުށި، ބާރަށް، މާރަންދޫ ކެލާގެ އިތުރުން ފިއްލަދޫއެވެ. ގްރޫޕް ދެއެއްގައި ހިމެނެނީ މުރައިދޫ، ދިއްދޫ، ވަށަފަރު، އުތީމުގެ އިތުރުން އިހަވަންދޫއެވެ.