ށ.ބިލެތްފަހީ ކައުންސިލުން އެ ރަށު ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް، އައު އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ޒަމާނީ "ދަރިވަރުންގެ ހިޔާ" އެއް ހަދައި ނިންމުމަށް ފަހު، ސްކޫލާއި ހަވާލުކޮށްފިއެވެ.

ދަރިވަރުންގެ ހިޔާއާއި ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ބުނީ މިއީ 2024 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ކަމަށެވެ.

Ad
rt

ޒިޔާދު އިތުރަށް ބުނީ މިތަން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ސްކޫލު ކައިރީގައި މަޑުކުރަން ޖެހޭ ވަގުތުތަކުގައި އަވިންނާއި ވިއްސާރައިން ފަސޭހަކަމާއިއެކު ނިވާވެލައި، ހަމަޖެހިލައިގެން ތިބެވޭނޭ އެންމެ ފުރިހަމަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

ބިލެތްފަހީ ކައުންސިލުން ހަދައިދިން "ދަރިވަރުންގެ ހިޔާ" ސްކޫލާއި ހަވާލުކުރުން، ފޮޓޯ: ބިލެތްފަހި ކައުންސިލް

ބަލައިލަން ވެސް ފުރިހަމަ، މި ދަރިވަރުންގެ ހިޔާގެ ފާރުތަކުގައި ވޯލުޕެނަލް ޖަހާފައިވާއިރު، ތަން ސާފުކޮށް ފަސޭހައިން ބެލެހެއްޓުމަށް ފަސޭހަކުރުމަށް ތަޅުމުގައި ވަނީ މުށި ޖަހާފައެވެ. ތަން ވަނީ ކަރަންޓްލައި ރޭހަނޑަށް ވެސް ބޭނުން ކުރުމަށް ފައްކާކޮށްފައެވެ. އިށީ އިނުމަށް ގިނަ ބެންޗްތައް ބަހައްޓާފައިވާއިރު، އެތަން ފަރުމާކޮށްފައި ވަނީ އެތަނުގައި ތިބެ ފޮތްކިޔާލައި ފިލާވަޅު ހަދައި ފޮތް ދަބަސް ބެހެއްޓޭނޭ އިންތިޒާމްތަކާއި އެކުއެވެ.

ބިލެތްފަހީ ކައުންސިލުން ހަދައިދިން "ދަރިވަރުންގެ ހިޔާ"، ފޮޓޯ: ބިލެތްފަހި ކައުންސިލް

ތަނުގެ ކޮންކްރީޓާއި ރޭނުމުގެ މަސައްކަތްތައް ބަޔަކާއި ހަވާލުކޮށްގެން ކުރެވިފައިވީ ނަމަވެސް ހަރަދު ކުޑަކުރުމުގެ ގޮތުން އެ ތަނުގެ ފިނިޝިން ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ކައުންސިލްގެ ހީވާގި މުވައްޒަފުންނެވެ.

ޒިޔާދު އިތުރަށް ބުނީ ތަނުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް މަހެއްހާ ދުވަސް ހޭދަވި ކަމަށާއި، އެ މަސައްކަތްތައް ކޮށް ނިންމުމުގައި ކައުންސިލްގެ ހީވާގި މުވައްޒަފުން އަމަލީގޮތުން ނަމޫނާ ދައްކާފައިވާ ކަމަށާއި، އެކަމަށްޓަކައި އެ ފަރާތްތަކަށް ހައްގު ޝުކުރު އަދާކުރާ ކަމަށެވެ. މި މަސައްކަތަށް ކައުންސިލު ބަޖެޓުން ވަނީ 3 ލައްކައަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައެވެ.

ބިލެތްފަހީ ކައުންސިލުން ހަދައިދިން "ދަރިވަރުންގެ ހިޔާ"، ފޮޓޯ: ބިލެތްފަހި ކައުންސިލް

ދަރިވަރުންގެ ހިޔާ ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެކަމަށްޓަކައި އެތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 700 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މި ރަށު ސްކޫލުގައި 100 އަށް ވުރެ ހިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ.