ކުރީގެ އަދަދާއި ގުޅޭ:

" އަހަރެން... އަހަރެން... އަދި އެހާ އޯކޭއެއް ނޫނޭ. މަންމަ ނިޔާވީމަ އަހަންނަށް އަބަދު އެކަމާ ވިސްނެނީ. ހަނދާންވަނީ. މާ ގިނައިން ރޮވުނީމަ ވަރަށް ބޮލުގައިވެސް ރިއްސާ! ފާޑާކަށް ހުން އައިސް ހުންނަހެން ހީވަނީ." އާގަންނަމުން ކަހަލަ ގޮތަކަށް އަރޫޝާ ވާހަކަ ދެއްކިއެވެ.

Ad
rt

އޭރު ނަދީމް ހުރީ ފަރުވާތެރިކަމާއެކު އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަރޫޝާ އިސްޖަހާލުމާއެކު ނަދީމް މަޑުމަޑުން އަރޫޝާގެ ދަތްދޮޅިކޮޅުގައި އަތްޖައްސާލިއެވެ. އެއާއެކު އަރޫޝާއަށް މޫނު އަނބުރާލެވުނީ ހިތްހަމަ ނުޖެހުނުވަރުން އުނދަގޫ ވެގެންނެވެ.

" އެހާ ވެސް އަހަރެންދެކެ ލަދުގަނޭތަ؟ " އަރޫޝާގެ އެ ހަރަކާތުން ނަދީމްއަށް މާނަ ނެގުނީ އެހެން ގޮތަކަށެވެ.

އެހެންވެ، އޭނާ އިތުރަށް އަރޫޝާއާ މެދު ގަޔާވެވުނެވެ. ތަންކޮޅެއް ބާރަށް އަރޫޝާގެ އަތަށް ފިތާލުމާއެކު އަރޫޝާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

" ބޭސް ގުޅައެއް ކާލައިގެން ނިދާލެވޭތޯ ބަލާ! " ނަދީމް ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ބުނެލިއެވެ.

ކޮޓަރިން ނަދީމް ފޮނުވާލަން ބޭނުންވެފައި ހުރިވަރުން އަރޫޝާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ލުއި ގޮތަކަށް ހީލަމުން ނަދީމް ހިނގައިގަންނަމުން ވެސް އަރޫޝާއަށް ބަލައިލިއެވެ. މަޖުބޫރު ހިނިތުންވުމަކުން އަރޫޝާ ހީލުމަށްފަހު އަނެއްކާ ވެސް އިސްޖަހާލީ، އިތުރަށް ނަދީމް މަޑުކޮށްފާނެތީ ބިރުންނެވެ.

ޖެހިގެން އައި ދުވަހެވެ. ނަދީމް އިނީ ރިޒާއާއެކު ބޭރު ޖޯލިފަތީގައެވެ. ރިޒާގެ ދުލުން މަދީހާގެ ވާހަކަ ފިޔަވައި އިތުރު ވާހަކައެއް ނުދައްކައެވެ. މަންމަގެ ހަނދާންތަކުގައި ބައްޕަ ތާ އަބަދު ވަގުތު ހޭދަކުރާތީ ނަދީމް އިނީ ނުހަނު ކަންބޮޑުވެފައެވެ. އެ ފިކުރުތަކުން ބައްޕަ ދުރުކުރަން އޭނާ އިންތިހާއަށް ބޭނުންވެއެވެ.

" ނަދީމް!" ޒައިނާގެ އަޑަށް ނަދީމްއާއި ރިޒާއަށް ގެއާ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ.

އޭރު ފުޅާ ހިނިތުންވުމެއްގައި ހުރެ ޒައިނާ، ބޮޑު ފިޔަވަޅު އަޅަމުން އެހާމެ ބާރަށް އާދެއެވެ.

" ބައްޕަ ބުނުއްވީ ވީހާ ވެސް އަވަހަކަށް މާލެ ގޮސް ފުރަން ތައްޔާރުވާށޯ. ހުރިހާ ހަރަދެއް ކުރައްވާނީ ވެސް ބައްޕަ." ޒައިނާ ދިން ހަބަރުން ނަދީމް ނުހަނު ކަންބޮޑު ވެއްޖެއެވެ. ޒައިނާ އެހާ އަވަހަށް އެ ކަންތައްތައް ހަމަ ޖައްސާލަފާނެ ކަމަށް ނަދީމް ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އެހެންވެ، އޭނާ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.

ރިޒާގެ މޫނަށް ނަދީމްއަށް ބަލައިލެވުނު އިރު ރިޒާ އިނީ ހައިރާންކަމާއެކު ޒައިނާއަށް ބަލަހައްޓައިގެންނެވެ. އޭރު ވެސް ކުރިމަތީގައި ހުރި ޒައިނާ އުފަލުން ފޮޅެމުން ދެއެވެ.

" ވިސާ ވެސް ހައްދަން ޖެހޭނެ. އެ ހުރިހާ ކަމަކަށް ވަގުތު ނަގާނެތީއޭ އަވަހަށް ދާށޭ ބައްޕަ އެ ބުނުއްވީ؟" ޒައިނާ އެހެން ބުނެ، ނަދީމްއާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.

" ކޮންތާކަށް ދާން ދަރިފުޅުމެން؟" ރިޒާ އަހާލީ މާޔޫސީ ރާގެއްގައެވެ.

އެއާއެކު ނަދީމްއަށް ތެޅިގަނެވުނެވެ. މޫނުމަތިން ހަމަޖެހޭ ގޮތް ދައްކާލަމުން ނަދީމް ވާހަކަ ދައްކަން ފެށިއެވެ.

" އެއީ... ޒައިނާގެ މަންމަމެން ދެކިލަން އެމެރިކާއަށް ގޮސްލަން ވެގެން ބުނީމަ." ނަދީމް ބުންޏެވެ.

އެއާއެކު ރިޒާއަށް ލިބުނު ހައިރާންކަން ކުރިއަށް ވުރެ ބޮޑުވެގެން ދިޔައެވެ.

" އެމެރިކާއަށޭ؟ މިހާރު ޒައިނާގެ މައިންބަފައިން ތި ދެކުދިންގެ ގުޅުމަށް ރުހުނީތަ؟" ރިޒާ އަހާލިއެވެ.

" އަބަދުވެސް މަންމަމެން ނަދީމްއާމެދު ވަރަށް ހިތްހަމަ ޖެހޭނެ. އަސްލު އޭރު މައްސަލައަކަށް ވީ ނަދީމް އެމެރިކާއަށް އެއްކޮށް ބަދަލު ނުވީމަ.. މަންމައާއިބައްޕަގެ އަހަރެން ފިޔަވާ އިތުރު ދަރިއަކު ނުހުންނާތީ، މަންމަމެންނަށް އަހަންނާ ނުލާ އުޅެން އުނދަގޫވާނެއެއްނު." ޒައިނާ ބުންޏެވެ.

ޒައިނާ ވާހަކަ ދައްކަން ފެށުމާއެކު ވެސް ނަދީމް އިނީ އުނދަގޫވެ، ރުޅި ގަދަވެފައެެވެ. ޒައިނާގެ ވާހަކަތަކުން ބައްޕައަށް ކުރާނެ އަސަރު ނަދީމްއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

" ދެން މިހާރު ތި ދަނީ އެއްކޮށްތަ؟" ރިޒާ ބޯ އަރިކޮށްލުމަށްފަހު ޒައިނާއަށް ބަލައިލިއެވެ.

" ނޫން.. ނޫން.. އެއްކޮށެއް ނޫން." އަވަސް އަވަހަށް ނަދީމް ބުނެލިއެވެ.

" އާނ! ނަދީމްގެ އިތުރު އަނތްބެއް ހުންނަ އިރު އެއްކޮށެއް ބަދަލެއް ނުވެވޭނެތާ ދޯ!" ރިޒާއަށް އެހެން ބުނެވުނީ އަރޫޝާއާމެދު ވިސްނާލާފައެވެ. އޭނާގެ އެ ޖުމްލައިން ޒައިނާ ރުޅި ގަދަވިއެވެ.

" އެކަމަކު އަހަރެންގެ މައިންބަފައިންގެ ކައިރިއަށް ވެސް ދާން ޖެހޭނެދޯ؟ " ރުންކުރު ރާގަކަށް ޒައިނާ އެހެން ބުނުމުން ރުޅިވެރި ލޮލަކުން ނަދީމްއަށް ޒައިނާއާ ދިމާލަށް ބަލައިލެވުނެވެ.

" އަހަރެން ވެސް މައިންބަފައިންނާ ދުރުގައި އުޅެން ވަރަށް ދެރަވެޔޭ. މިހާރު ނަދީމްއަށް ވެސް އެކަން އިހުސާސް ކުރެވޭނެ." ދެން ވެސް ޒައިނާ ހުއްޓައެއް ނުލިއެވެ.

" ތިހެން ނުބުންޏަސް ވެދާނެ. އަހަރެން ނުބުނަމެއްނު ނުދާނަމެކޭ!" އެންމެ ފަހުން ނަދީމްއަށް ވެސް ރުޅިއައިސް އެއްޗެއް ބުނަން މަޖުބޫރުވިއެވެ.

އެ ދެ މީހުންގެ ހަމަނުޖެހުން ބަލަން ރިޒާގެ ހިތަށް އުނދަގޫވި ކަހަލައެވެ. އޭނާ އަވަސް އަވަހަށް ތެދުވުމަށްފަހު ނަދީމްއަށް ބަލައިލިއެވެ.

" ޒައިނާ އެ ބުނީ ވެސް ތެދެކޭ. ދަރިފުޅު ވެސް ވާނެ ޒައިނާ ގޮވައިގެން އެ މީހުން ކައިރިއަށް ވެސް ދާން. އެކަމަކު މި ކޮޅަށް ސިޓީ ލައިފައި އޮތް ވަޒީފާގެ އިންޓަވިއުއަށް ގުޅާ ދުވަހަށް އާދެވޭތޯ ބަލަން ވާނެ." ރިޒާ އެހެން ބުނެ ގެއަށް ވަންނަން ހިނގައިގަތެވެ.

" ބައްޕަ އިންދާ ތި ވާހަކަތައް ދައްކަން ޖެހޭތަ؟" ނަދީމް އިނީ ރިޒާ ގެއަށް ނުވަދެގެންނެވެ. އޭނާ ޒައިނާއާ ވާހަކަ ދައްކަން ފެށީ އިންތިހާއަށް ރުޅި ގަދަވެގެންނެވެ.

" ދެން ބައްޕައަށް ވަގަށްތަ އަހަރެމެން ދާންވީ؟އެހެން ނޫނަސް ނަދީމް ބުނީމެއްނު ދާނަމޭ! " ޒައިނާ ދުލެއް ނުދިނެވެ. އޭނާ ހުރީ ޒުވާބު ކުރާ މޫޑުގައި ކަހަލައެވެ.

" އަހަރެން އެހެން ބުންޏަސް، ހިއެއް ނުކުރަމޭ މިއަދުން މިއަދަށް ފުރަން ބުނާނެ ކަމަކަށް. އެހެން ނޫނަސް މަންމަ ނިޔާވެފައި އަދި ދެ ދުވަސް ވެސް ނުވެ. ބައްޕަ އެކަނި ކޮށްފައި އެހާ އަވަހަށް ދާކަށް ވެސް ބޭނުމެއް ނޫން. " ނަދީމް ބުންޏެވެ.

" ބައްޕަ އެކަންޏެއް ނުވާނެދޯ މިތާކު. އެހުރީނު ބައްޕަމެންގެ ފޭވަރިޓް އަރޫޝާ ވެސް. ދާއިން ކައިރީ އަންނާށޭ ބުންޏަސް ޗުއްޓީ ނަގައިގެން އައިސް މިތާ ހުރެދާނެ ދޯ ބައްޕަ ބަލަން. އެހެން ނޫނަސް، މަރުވާ މީހުންނާ މެދު ހިތާމަ ކުރާކަށް ނުވާނެ. ދެން މަންމަ މަރުވީމަ އެ ހިތާމައިގައި ދިރިތިބި އެންމެން އުފަލެއް ނެތި އުޅެންތަ ވީ؟" ޒައިނާ ބުނެލިއެވެ.

އެއާއެކު ނަދީމްއަށް ޒައިނާގެ މޫނުމަތީގައި އެތިފަހަރެއް ވިހެނުލެވުނީ ކިރިޔާއެވެ. ރުޅި ގަދަވެގެން އޭނާ އޭރު ތުރުތުރު އަޅައެވެ. މީގެ ކުރިން ނަދީމް އެގޮތަށް ރުޅި އައިސް ހުރިތަނެއް ދުވަހަކު ވެސް ޒައިނާއެއް ނުދެކެއެވެ. އެހެންވެ، ޒައިނާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. އިނގިލިތައް ބާރުކޮށްލަމުން ނަދީމް އަތް ތިރިކޮށްލުމަށްފަހު ޒައިނާގެ މޫނާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ.

" އަހަރެންގެ މަރުހޫމް މަންމައާ ދިމާލަށް ތިހާ ދަށު ދަރަޖައަކަށް ދެ ވަނަ ފަހަރަށް އެއްޗެއް ބުނެފިއްޔާ ވަރި ކުރާނަން. ހަނދާން ބަހައްޓާތި." އެހެން ބުނުމަށްފަހު ނަދީމް ބާރުބާރަށް ހިނގައިގަތީ ގެއިން ނިކުންނާށެވެ. ރައްދެއް ދޭން ވެސް ނުކެރިފައި ޒައިނާއަށް އިނދެވުނީ ނަދީމް އައިސްފައި ހުރި ރުޅި ފެނި، ޖެހިލުންވެފައެވެ.

ނަދީމް ނިކުމެގެން ދިޔުމުން ޒައިނާ އިރުކޮޅެއް ވަންދެން ޖޯލީގައި މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ އަވަސް ހިނގުމެއްގައި ގޮސް ގެއަށް ވަނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ކާގެއަށް ވަތް އަރޫޝާއެވެ. ހަމަ އެވަގުތު ޒައިނާގެ ސިކުނޑިއަށް މޮޅު ހިޔާލެއް ވެރިވެއްޖެއެވެ. ހިތުގައިވާ ކަންބޮޑުވުން އެއްފަރާތް ކޮށްލުމަށްފަހު ކާގެއާ ދިމާލަށް ޒައިނާ މިސްރާބު ޖެހިއެވެ. އޭނާ ގޮސް ވަނުމާއެކު އުނދުން ކައިރީ ހުރި އަރޫޝާއަށް ފަހަތް ބަލައިލެވުނެވެ.

" އަރޫޝާ." ޒައިނާ ގޮވާލުމުން އަރޫޝާ ޒައިނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ޒައިނާ ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ.

" އަހަރެން މިހުރީ ވާހަކައެއް ދައްކާލަން ވެގެން އަރޫޝާ ފެންނާނެ ވަގުތެއްގެ އިންތިޒާރުގަ. އާދެބަލަ މިތާ އިށީންދެލަން." ކާމޭޒު ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އިށީނދެލަމުން ޒައިނާ ބުންޏެވެ.

އެއްވެސް ބަހެއް ބުނުމެއް ނެތި އަރޫޝާ ގޮސް ގޮނޑީގައި އިށީނެވެ.

" ތި ދެ މީހުން ކައިވެނި ކުރީ މަންމަގެ އެދުމުގެ މަތިން މަންމަ ހިތްހަމަ ޖައްސާކަށްނު. މިހާރު މަންމަ ވެސް ދުނިޔެއަކު ނެތް. ދެން އަހަންނަކަށް ހިއެއް ނުވެ ތި ދެ މީހުން ކައިވެނިމަތީގައި ތިބުމުގެ ބޭނުމެއް އޮތް ހެންނެއް. ވަރި ވިޔަސް މިހާރު އެކަމާ ކަންބޮޑުވާނެ މީހަކު ވެސް ނެތެއްނު. " ޒައިނާ ބުނެލިއެވެ.

ޒައިނާގެ ވާހަކަތައް އަޑު އިވުމާއެކު ވަގުތުން އަރޫޝާ ތެދުވެއްޖެއެވެ. އަދި ފޫހިކަމާއެކު ޒައިނާގެ މޫނަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ތި ވާހަކަތައް ގޮސް ތިމާގެ ފިރިމީހާ ގާތު ދެއްކިއްޔާ އެންމެ ރަނގަޅުވާނީ. ވަރިކުރުމުގެ ބާރު އޮންނާނީ ފިރިމީހާގެ އަތުގައި. " އެހެން ބުނެ، ބާރުބާރަށް އަރޫޝާ ނިކުމެއްޖެއެވެ. އަރޫޝާގެ ޖުމްލަތަކުން ޒައިނާގެ ހިތަށް އުނދަގޫވިއެވެ. އަރޫޝާގެ ފަރާތުން އޭނާ ހިތްހަމަ ޖެހޭ ބަހެއް ލިބޭނެކަމަށް ހީކުރި ހީކުރުން، ކުށްހީ އަކަށް ވީތީ ޒައިނާ ރުޅިގަދަ ވިއެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައިނާ ހުއްޓުނީ، ނަދީމް އައިސް ވަނުމުންނެވެ. ނަދީމްގެ މޫނުމަތީގެ ސާދާކަން ފެނި މިހާރު އޭނާގެ ރުޅިގަނޑު މައިތިރި ވެއްޖެކަން ޒައިނާއަށް އެނގުނެވެ. އެހެންވެ، ހިތުގައި ހުރި ހައިޖާނުގަނޑު ބޭރުކޮށްލާ ހިތުން ޒައިނާ ކެތްމަދު ވެއްޖެއެވެ.

" އަރޫޝާ ވަރި ކުރަން ނުޖެހޭ އެންމެ ސަބަބެއް ވިޔަސް އަހަންނަށް ބުނެދީބަލަ!" ޒައިނާ ބުންޏެވެ.

އޭރު ނަދީމް އައިސް އެނދުގައި އިށީނދެއްޖެއެވެ. އޭނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ޒައިނާގެ ޝަކުވާތަކުން ސަލާމަތް ނުވެވި، އުނދަގޫ ވެގެން ކަހަލަ ގޮތަކަށެވެ.

" އަނެއްކާ އަނެއް ވާހަކަ. ޒައިނާ އަހަރެން ހަމަޖެހިލަން ވަގުތު ކޮޅެއް ދީބަލަ! އަހަރެން މި ހުރީ ހާދަ ދެރަވެފައޭ. ކީއްވެތަ އަހަރެންގެ އިހްސާސްތަކާމެދު އިހްތިރާމް ނުކުރަނީ؟" ނަދީމް ބުނެލީ ވަރުބަލިކަމާއެކުއެވެ.

" ނަދީމްގެ އިހްސާސްތަކާމެދު އަހަރެން ފިކުރު ކުރަމޭ. ދެރަވެސް ވެޔޭ. އެކަމަކު... އަހަރެންގެ ހިތުގެ ޝަކުވާތައް ވެސް އަޑު އަހާލަބަލަ." ޒައިނާ ބުންޏެވެ. މަޑުމައިތިރި އަޑަކުންނެވެ.

އޭނާ މަޑުމަޑުން ގޮސް ނަދީމްއާ ޖެހި ފިތިގެން އިށީނދެ، ނަދީމްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.

" އަހަރެންގެ ހުރިހާ ވެސް މީހަކީ ހަމަ ތިއީއޭ. ނަދީމްއަށް އެނގޭނެ، ނަދީމް ޝެއާ ކުރަން އަހަރެން ބޭނުން ނުވާނެކަން. ކުރިން ބުނީ އަރޫޝާއާ މެރީކުރަން މަންމަމެން މަޖުބޫރު ކުރުވިއްޔޭ. ތި ދެ މީހުން ވެސް އެކަކު އަނެކަކު ދެކެ ލޯތްބެއް ނުވެ. ދެން ނަދީމް ކީއްކުރަން އަރޫޝާގެ ދިރިއުޅުމާ ތި ކުޅެނީ؟ އޭނަ މިނިވަން ކުރީމައެއްނު އޭނައަށް ވެސް އެހެން ދިރިއުޅުމެއް ފެށޭނީ؟ އޭނަ ވެސް ބޭނުންވާނެއެއްނު ދަރިން ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅެން. " ހިމަ އަޑަކުން ޒައިނާ ވާހަކަ ދެއްކިއެވެ.

އިސްޖަހާލި ގޮތަށް ނަދީމް އިނީ ފުން ވިސްނުމެއްގައި ޒައިނާގެ ވާހަކަ އަޑުއަހާށެވެ. ޒައިނާ އެ ދައްކާ ވާހަކަތައް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. ނަދީމް ބޭނުންވަނީ އަރޫޝާއެވެ. އުފާވެރި ދިރިއުޅުމެއް އުޅެން އޭނާ ބޭނުންވަނީ ހަމައެކަނި އަރޫޝާއާ އެކުއެވެ.

" ނަދީމް! ކީއްވެތަ އެއްޗެއް ނުބުނެ ތި އިންނަނީ؟ ކޮންމެވެސް އެއްޗެއް ބުނެބަލަ! " ޒައިނާ ނަދީމްގެ އަތުގެ މުލައްދަނޑީގައި ހިފައި ދަމާލަމުން ބުންޏެވެ.

" ތި ދައްކަނީ ކުޑަ ކަމެއްގެ ވާހަކައެއް ނޫނޭ. " ނަދީމްއަށް ބުނެވުނެވެ.

" ކީއްވެތަ ކުޑަ ކަމަކަށް ނުވާންވީ؟ އަހަރެން ހިއެއް ނުކުރަން ނަދީމްއަށް އަރޫޝާ ދޫކޮށްލަން އުނދަގޫ ވެދާނެ ކަމަކަށް. " ޒައިނާ ބުންޏެވެ.

ދެން ވެސް ނަދީމް އެއްޗެއް ނުބުންޏެވެ. ނަދީމްގެ ހަމަހިމޭންކަމުގެ ސަބަބުން ޒައިނާގެ ސިކުނޑިއަށް ބަރުވާން ފަށައިފިއެވެ. އޭނާގެ ވިސްނުން ސިކުނޑީގެ އެންމެ ފުނާ ހަމައަށް ފޯރުމާއެކު ޖެހިލުން ވެއްޖެއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދެއެވެ.

" އަނެއްކާ.... ނަދީމް... އަރޫޝާދެކެ ލޯބިވަނީތަ؟" ޒައިނާއަށް ސުވާލު ކުރެވުނީ ދުރަށް ޖެހިލަމުންނެވެ.

" ބުނެބަލަ ނަދީމް! ތެދަށް ބުނެބަލަ... ތި ދެ މީހުންގެ މެދުގައި ގުޅުމެއް އުފެދުނީތަ؟ އަހަރެން ވަރަށް އެބަ ބިރުގަނެޔޭ... ބުނެބަލަ ނަދީމް." ޒައިނާ ބުންޏެވެ.

އެނދުން ތެދުވެ އޭނާ ނަދީމްގެ ކުރިމަތީގައި ހުއްޓުނީ ވެސް ނުހަނު މަޑުމަޑުންނެވެ. ނަދީމްގެ މޫނުގައި ދެ އަތުން ހިފަހައްޓާލުމަށްފަހު ޒައިނާ ނަދީމްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެއާއެކު އެ ސުވާލުގެ ޖަވާބު އެ ދެ ލޮލުން ޒައިނާއަށް ފެނުނު ކަހަލައެވެ.

" ނޫން.. ބުނޭ ދޮގެކޭ. ނަދީމްއަށް އަހަރެން ފިޔަވާ އިތުރު މީހަކު ދެކެ ލޯތްބެއް ނުވެވޭނެ. ބުނެބަލަ! ނަދީމް ލޯބިވަނީ ހަމައެކަނި އަހަރެންދެކެ އެއްނު. ނަދީމްއާ ހެދި އަހަރެން މި ހުންނަނީ މޮޔަވެފައޭ. ދީވާނާ ވެފައޭ. އަވަހަށް ބުނެބަލަ! އެހެން ނޫނީ އަހަންނަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ." ނަދީމްގެ މުޅި މޫނުގައި ފިރުމަމުން ޒައިނާ ވާހަކަ ދެއްކިއެވެ.

އުނދަގޫ ވެގެން ނަދީމް ޒައިނާގެ ދެ އަތުގައި ހިފެހެއްޓުމަށްފަހު ތެދުވެއްޖެއެވެ.

" ޕްލީޒް ތެދަށް ބުނެބަަލަ!" ޒައިނާ ތަންކޮޅެއް ބާރަށް އެހެން ބުނުމާއެކު ނަދީމް ފަސްއެނބުރި ބަލައިލިއެވެ.

" އަރޫޝާދެކެ ލޯބި ވީކީ ނޫން. ލޯބި ވެވުނީ. " ނަދީމްއަށް ބުނެވުނެވެ. އެއާއެކު ޒައިނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު އޭނާގެ ދެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ.

" އަހަރެމެން ދެ މީހުންގެ ދެމެދު އަދިވެސް އެއްވެސް ގުޅުމެއް ނޯންނާނެ. އެކަމަކު އޭނާގެ ރިވެތި އަހުލާގާއި ކިޔަމަންތެރިކަމުގެ ސަބަބުން އަހަރެންގެ ހިތް، އޭނަ ދެކެ ލޯބިވާން މަޖުބޫރު ކުރުވީ." ނަދީމް އެހެން ބުނުމާއެކު ދުރުގައި ހުރި ޒައިނާ ބާރުބާރަށް އައިސް ނަދީމްގެ ޓީޝާޓްގައި ހިފައިގަތެވެ.

" އެކަމަކު ކީއްވެ؟ އަހަރެން އަބަދު ނަދީމް ގާތު ހުންނަ އިރު ވެސް އެހެން މީހަކު ދެކެ ލޯބި ވާންވީ ކީއްވެތަ؟" ރޮއިގަންނަމުން ޒައިނާ ބުނެލިއެވެ.

" ކީއްވެކަން ޒައިއަކަށް ނޭނގޭތަ؟ ތެދެއް ތި ބުނީ. އަރޫޝާއަށް ވުރެ ގިނަ ވަގުތު އަހަރެން ޒައިނާ ކައިރީ ހޭދަކުރަން. އެކަމަކު އެ ވަގުތު ތަކަކީ އަހަންނަށް ހަމަޖެހުމާއި އުފާވެރިކަން ލިބިދިން ވަގުތު ތަކެއް ނޫން. މުޅިން ވެސް އަހަރެންގެ ބޯ ގޮއްވަނީ. ޝަކުވާ އާއި ރުޅިވެރި ބަސްތަކުން ފޫހިވަނީ. އެކަމަކު އަރޫޝާ ކައިރީ އަހަރެންގެ ސިކުނޑިއަށް ރެސްޓް ލިބޭ. ހިތްހަމަ ޖެހުން ލިބޭ. ދުވަހަކުވެސް ޝަކުވާއެއް ނުކުރެ. އެހެންވެ ބޭއިހްތިޔާރުގައި އަހަންނަށް އޭނަ ކަމުދާން ފެށީ." ނަދީމް ވާހަކަ ދެއްކީ ދުރަށް ބަލަހައްޓައިގެން ހުރެއެވެ.

" ނޫން. ހުއްޓާލާ! އަހަރެން ބޭނުމެއް ނޫން ތި ވާހަކަތައް އަޑުއަހާކަށް. ދެން އަހަރެން މިތާ ހުރުމުގެ ބޭނުމަކީ ކޮބާ؟ ނަދީމް ލޯބިވާ އިތުރު އަންހެނަކާ އެއް ފުރާޅެއްގެ ދަށުގައި އުޅޭކަށް ވެސް އަހަރެން ބޭނުމެއް ނޫން. ދޭ! ނަދީމް ދޭ!" ޒައިނާ އެހެން ބުނެ، ނަދީމްގެ މޭގައި އަޅާ ކޮއްޕަމުން އޭނާ ކޮޓަރިން ނެރުނެވެ. އެއަށްފަހު، އަވަސް ނޭވާތަކެއް ލަމުން، ފޯނު ހިފައިގެން އެނދާ ދިމާލަށް ދިޔައެވެ.

ޒައިނާ، އޭނާގެ ބައްޕައަށް ގުޅައިގެން ނަދީމް ދެއްކި ވާހަކަތައް ހިއްސާ ކުރީ ރޮމުންނެވެ. އެ ވާހަކަތައް އަޑު އަހަން މަހުދީއަކަށް ފަސޭހައެއް ނުވިއެވެ. އޭނާގެ ރުޅިވެރިކަން ހައްދުން ނައްޓައިގެން ދިޔަ ކަހަލައެވެ.

" ދަރިފުޅު މާ އަވަހަށް އުއްމީދު ކަނޑާލަނީ. ބައްޕަ ބުނާ ގޮތެއް ހަދާ. ތި ރުޅިގަނޑު މައިތިރިކޮށްފައި ނަދީމްއާ ވާހަކަ ދައްކަބަލަ. ދެ އަނތްބަށް އިނދެގެން ވެސް އެކުގައި އުޅެން ބޭނުމޭ ބުނޭ. ނަދީމްގެ ބޮލަށް އެރިގެން މިކޮޅަށް އޭނަ ގެނެވޭތޯ ބަލާ! އޭރުން އޭނަ އަނބުރާ ރާއްޖެއެއް ނުފޮނުވާނަން.! އަވަހަށް މި ބުނި ގޮތަށް ކަންތައް ކުރޭ." މަހުދީ ހިޔާލު ދިނެވެ.

ލޮލުން ކަރުނަ ފުހެލަމުން ޒައިނާ ފޯނު ބޭއްވީ ބައްޕަ ދިން ހިޔާލަށް ރުހިގެންނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ

(ނިމުނީ)