މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ރިޕޯޓުކުރި ގެތަކުގެ ތެރެއިން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭކަމަށް ފާހަގަ ކުރެވުނު 137 ގޭގެ އެސެސްމަންޓް ހަދައި ނިންމާފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 3 ޖަނަވަރީގައި މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭކަމަށް ފާހަގަކުރެވުނު 137 ތަނުގެ ތެރެއިން 92 ގޭގެ އެސެސްމަންޓް އިއްޔެ ވަނީ ނިމިފައެވެ.
އަދި ބާކީ އޮތް 45 ގޭގެ އެސެސްމަންޓް މިއަދު ވަނީ ހަދާ ނިންމާފައެވެ.
މި މުހިންމު މަސައްކަތުގައި އެންޑީއެމްއޭގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ދިވެހި ރެޑް ކްރެސެންޓުން ބައިވެރިވެފައިވާކަމަށް އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.
އެންޑީއެމްއޭ އިން ވަނީ ހުކުރު ދުވަހު މުޅި ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައެވެ.
މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ވެލި ބަސްތާ ޖެހުމަށް އެދި ކުރި 554 ރިކުއެސްޓު ހިމެނެއެވެ.
މި ވިއްސާރާގެ ސަބަބުން މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ގެއްލުންތަކެއް ލިބިފައިވާކަން އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ. މިގޮތުން ރ. އިނގުރައިދޫ އާއި ށ. ނަރުދޫ އަދި މަރޮށީގައި އުދައަރާފައިވާއިރު، ފ. ނިލަންދޫގެ 80 އިންސައްތަ ސަރަހައްދުގައި ފެންބޮޑުވެފައިވެއެވެ. އަދި ދ. ކުޑަހުވަދޫ އާއި ދ. މީދޫގެ 10 ވަރަކަށް ގެއަކަށް ފެންވަދެ ގެއްލުންވެފައިވާއިރު، ފ. މަގޫދޫގެ 9 ގެއަކަށް ގެއްލުންވެ، އެއް ގެއިން މީހުން ހުސްކުރަން ޖެހިފައިވެއެވެ.
މީގެ އިތުރުން އދ. މާމިގިލީގެ ހަތަރު ގެއަކަށް ބޮޑެތި ގެއްލުންވެފައިވާއިރު، ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ. އަދި ފ. ފީއަލީގައި ފެންބޮޑުވެ، އެއް ގެއިން މީހުން ހުސްކުރަން ޖެހުނު އިރު، ކ. ހިންމަފުށީގެ 60 އިންސައްތަ ގެތަކުގައި ފެންބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!