ކުޅުދުއްފުށި ސިޓީގައި އޮންނަ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށާފައިވާއިރު، ގުޑުގުޑާ ދޫނި ކުޅުދުއްފުށީ ކުޅީގައި ތިބޭ މުއްދަތުގައި ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއްކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ ދޫނިތަކަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައެވެ.
2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައި ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކުން ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސްދެމުންދާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ފަރާތްތަކުން ދޫނިތަކާ މާ ކައިރިއަށް ގޮސް، ދޫނިތަކަށް ގޯނާވާ ގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާކަމަށް ބުނެފައިވެއެވެ.
"މޫސުމީ ދޫނިތައް ރަށުގައި މަޑުކޮށްގެން ތިބުމަށް އެސޮރުމެންނަށް އަމާން، ފަސޭހަ މާޙައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އެހެންކަމުން، ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ." ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފަވެއެވެ.
މީގެ އިތުރުން، ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ކުޅީގައި ކެނޯ ދުއްވާ މީހުން ނުވަތަ ދޫނިތަކަށް އުނދަގޫވާ ފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ރިޕޯޓުކުރުމަށް 7328831 ނަންބަރަށް ގުޅުމަށް ކައުންސިލުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!