ވިއްސާރާގައި މާލޭގައި ފެން ބޮޑުވުން: 36 ގޭބިސީގެ 226 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފި
އިއްޔެ މުޅި ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ވެލި ބަސްތާ ޖެހުމަށް އެދި ކުރި 554 ރިކުއެސްޓު ހިމެނެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން 53 ގެއަކުން ހުށަހެޅުމުން، ފުލުހުންނާއި ރެޑް ކްރެސެންޓާ ގުޅިގެން ރެޕިޑް އެސެސްމަންޓު ހަދާފައިވެއެވެ.
މި ވިއްސާރާގެ ސަބަބުން މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ގެއްލުންތަކެއް ލިބިފައިވާކަން އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ. މިގޮތުން ރ. އިނގުރައިދޫ އާއި ށ. މަރޮށީގައި އުދައަރާފައިވާއިރު، ފ. ނިލަންދޫގެ 80 އިންސައްތަ ސަރަހައްދުގައި ފެންބޮޑުވެފައިވެއެވެ. އަދި ދ. ކުޑަހުވަދޫ އާއި ދ. މީދޫގެ 10 ވަރަކަށް ގެއަކަށް ފެންވަދެ ގެއްލުންވެފައިވާއިރު، ފ. މަގޫދޫގެ 9 ގެއަކަށް ގެއްލުންވެ، އެއް ގެއިން މީހުން ހުސްކުރަން ޖެހިފައިވެއެވެ.
މީގެ އިތުރުން އދ. މާމިގިލީގެ ހަތަރު ގެއަކަށް ބޮޑެތި ގެއްލުންވެފައިވާއިރު، ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ. އަދި ފ. ފީއަލީގައި ފެންބޮޑުވެ، އެއް ގެއިން މީހުން ހުސްކުރަން ޖެހުނު އިރު، ކ. ހިންމަފުށީގެ 60 އިންސައްތަ ގެތަކުގައި ފެންބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން އިއްޔެ ދެ ފަހަރެއްގެ މަތިން އޮރެންޖް އެލާޓް ނެރެފައިވާއިރު، ފަހުން މެޓް އޮފީހުން ވަނީ އޮރެންޖް އެލާޓް، ޔެލޯ އެލާޓަށް ބަދަލުކޮށްފައެވެ. މޫސުން ގޯސްވެފައިވާތީ، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ވިއްސާރާގެ ސަބަބުން މުޅި މާލޭގައި ފެން ބޮޑުވެ، ގިނަ ރައްޔިތުންތަކަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައެވެ.
ވިއްސާރައިގެ ސަބަބުން ދިމާވި ހާލަތާ ގުޅިގެން، އެންޑީއެމްއޭ އިން ވަނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށް، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދިނުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މި އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!