ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި "ބިއުޓިފުލް ބުލޫ މައިކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ އިން ހޯދައިފިއެވެ.

ކުޅިމަގާއި އެންވީކޭ ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ ރޭ އިހަވަންދޫ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އެންވީކޭ އިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ނާއިޝްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ. ކުޅިމަގަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ގާސިމް ސަމާމް އެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-5 ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ އިން ވަނީ ހޯދާފައެވެ.

މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއިން ހޯދި ދެވަނަ ފަހަރެވެ. އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ހޯދާފައި ވަނީ 2012 ވަނަ އަހަރުއެވެ.

ފައިނަލް މެޗު ނިމުމާއިއެކު ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުބާއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްފައެވެ.

މުބާރާތުގެ ވަނަތައް

އެންމެ އަހްލާގް ރަނގަޅު ކުޅުންތެރިޔާ - ސައުދުﷲ އަބުދުއް ރަޝީދެ / ކުޅިމަގު

އެންމެ އުންމީދީ ކުޅުންތެރިޔާ - ނާއިޝް / އެންވީކޭ

އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ - ގާސިމް ސަމާމް / ކުޅިމަގު

އެންމެ މޮޅު ފޯވާޑް، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ – އާދަމް ނާއިލް / ކުޅިމަގު (10 ގޯލު)

އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔާ – އައިހަމް / އެންވީކޭ

އެންމެ މޮޅު ކީޕަރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ - އިބްރާހިމް އާޒިމް / އެންވީކޭ

މުބާރާތުގެ އެންމެ މޮޅު ކޯޗް - ހަމްޒާ އިބްރާހިމް / އެންވީކޭ

މުބާރާތުގެ ފެއަރޕްލޭ ޓީމް - ތުރާކުނު ރެކްރިއޭޝަން ކުލަބް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 100000 (އެއްލައްކަ) ރުފިޔާގެ ވަނީ ދީފައެވެ. އަދި ރަނަރަޕް ޓީމަށް 35000 (ތިރީސްފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.