އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ރައްކާތެރިކަމުގެ އިރުޝާދު ދީފިއެވެ.
ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މިއަދު ސަމާލުގެ މެސެޖެއް ނެރެފައެވެ.
މި ސަމާލު ނެރެފައިވުމާއެކު، އެންޑީއެމްއޭއިން ދިން ރައްކާތެރިކަމުގެ އިރުޝާދުގައި މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށާއި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ދުރާލާ ތައްޔާރުވެ ތިބުމަށް ވަނީ އިރުޝާދުދީފައެވެ
އެންޑީއެމްއޭއިން ދިން އިރުޝާދުތައް
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ ގެއަށް ފެން ނުވަންނާނެހެން ކުރިއާލައި ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުތަކުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
- ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ރައްކާތެރިކުރުން
- ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
- ކަނޑުދަތުރު ކުރާ މީހުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން
- ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން
- ކާޑުގެ ބާވަތްތަކާއި ޒިރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒީމުކުރުން
މެޓުން، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ ޖަނަވަރީ 1 އިން 5 އަށެވެ. މި ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، އަަދި ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރާގައި ވައި ޖެހޭނީ، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް، އުތުރާއި އިރުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައިކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!