އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ޙައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ ދެން އޮންނަ ދައުރުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާނެއެވެ.
އެ އިޞްލާޙުތައް ގެނެސް، އަންނަ ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!