" ހަމަޖެހިބަލަ! ނެތެއްނު ދެން ރަނގަޅު އެއް ގޮތް ވެސް. އެހާ ވަރުން ކައިވެންޏަށް އެއްބަސްވީ. ކޮންމެ ގޮތެއް ވިޔަސް އަރޫޝާގެ ސަބަބުން ދޯ މަންމަ އޯކޭ ވީ." ނަދީމް ބުނެލިއެވެ.
އެ ވަގުތު ޒައިނާ އިތުރަށް ރުޅި ގަދަވެ، ކަންފަތާ ފޯނު ދުރުކޮށްލީ، ނަދީމްގެ އަޑު އަހަން ފޫހިވެފައި ހުރެފައެވެ.
" އޭނަ އެ އުޅެނީ ހަމަ މަންމަގެ ލޯބި ހޯދަން ވެގެން. އަހަރެން މި ކައިވެނި ކުރަން ބޭނުންވަނީ ނަދީމް މަންމަ، ހިތުގެ އަޑިން ގަބޫލު ވެގެން. ކޮންމެހެން އަރޫޝާ ބުނެގެންނެއް ނޫން." ޒައިނާ ބުންޏެވެ.
ޒައިނާގެ ވާހަކަތަކުން ނަދީމް ގާތަށް ވެސް ރުޅި އަތުވެއްޖެއެވެ.
" ސާބަހޭ ޒައިނާ! ދެން ނެގަޓިވް ވިސްނުން ދޫކޮަށްލަން ވެއްޖެއެއްނު! ކޮންމެ ކަމެއް ވެސް ތި ވިސްނަނީ އޭގަ އޮންނަ އެންމެ ގޯސްކޮށް. ތިއީއޭ ޒައިނާ ރަނގަޅުކޮށްލަން ޖެހޭ ކަމަކީ! " ނަދީމް ބުންޏެވެ.
" އަނެއްކާ ފެށީ؟ އަހަރެން އެއްޗެއް ބުނާއިރަށް ނަދީމް ބޭނުންވާނެ އަބަދުވެސް ލެކްޗަރު ދޭން. ދުވަހަކުވެސް އެ މީހުން ގޯހެއް ނުވާނެ." ޒައިނާ ބުންޏެވެ.
" ޒައި! ދެން އޯކޭ! އެންމެ ރަނގަޅޭ! އަހަރެން މި ބުނާއެއްޗެއް އަޑު އަހާލަބަލަ! ކޮންމެ ގޮތެއް ވިޔަސް މިހާރު އަހަންނާ ޒައި، މެރީ ކުރެވޭ ގޮތް ވެއްޖެ ދޯ! އެހެންވީމަ ދެން އިތުރު ކަމަކާ ވިސްނާނެ ކަމެއް ނެތެއްނު. ޕްލީޒް! އަހަންނަށްޓަކައި... ތި ރުޅިގަނޑު މައިތިރިކޮށްލަބަލަ! " ނަދީމް މަސައްކަތްކުރީ ވަރަށް ލޯބިން ވާހަކަދެއްކޭތޯއެވެ.
" ހޫމް... އަހަރެން ދެން ނެތް މި ވަގުތު ވާހަކަ ދައްކާކަށް މޫޑެއް ! ބާއްވަނީ." ނަދީމް އެއްޗެއް ނުބުނެ އުޅެނިކޮށް ޒައިނާ ފޯނު ބާއްވައިފިއެވެ.
ނަދީމްއަށް އެނދު ހުރަހަށް އޮށޯވެލެވުނީ ގައިން ވަރު ދޫ ވެގެން ކަހަލަ ގޮތަކަށެވެ.
އެތެރެއަށް ވަދެގެން އައި އަރޫޝާއަށް ނަދީމް ފެނުމާއެކު ތަންކޮޅެއް ބާރަށް އައިސް އެނދު ކައިރީ ހުއްޓެވުނެވެ. އެއާއެކު ނަދީމް ބޯ ހިއްލާލިއެވެ.
" ތިހެން އޮތީމަ ހީކުރީ ކަމެއް ވެފަ ކަމަށް! އެހެންވެ މި ބަލައިލީ." އަރޫޝާ ބުނެލިއެވެ.
ނަދީމް ދޭނެ ޖަވާބަކަށް މަޑުކުރުމެއް ނެތި އޭނާ އެނބުރިލިއެވެ. ނަމަވެސް އޭނާއަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. ނަދީމް ގޮވާލައިފިއެވެ.
" އަހަރެން ބޭނުމެއް ނޫން ތޭންކްސްއެއް." އަރޫޝާ ބުނެލިއެވެ.
" ކޮންމެ ގޮތެއް ވިޔަސް އަހަރެން ޒައިނާއާ ކައިވެނި ކުރާނަން. އެކަމަކު... މަންމަ އެ ކަނޑައެޅި ޝަރުތަކުން އަހަރެން މި ހުރީ ވަރަށް ބޮޑަށް ބިރުގެންފަ." ނަދީމް ބުންޏެވެ.
ނަދީމްއާ ދިމާލަށް އެނބުރިލުމަށްފަހު، ނަދީމް ދައްކާ ވާހަކަތަކާމެދު ސުވާލު އުފެދިފައި ހުރެ އަރޫޝާ ބަލަމުން ދިޔައެވެ.
" މަންމަ ގާތު އަހަރެން ބުނީމެއްނު ދުވަހަކުވެސް އަރޫޝާ ވަރިއެއް ނުކުރާނަމޭ! އެކަމާ ހިތްހަމަ ނުޖެހުނުތަ؟" ނަދީމްއަށް ވާހަކަ ދެއްކެނީ ނުހަނު ލަސްލަހުންނެވެ.
ހީވާ ގޮތުން އޭނާއަށް އެ މައުޟޫއަށް ވާހަކަ ދައްކަން އުނދަގޫވަނީއެވެ. ހިތުގައި އޮތް ގޮތަށް ބުނަން ނުކެރެނީއެވެ. ނަމަވެސް ހިތްވަރުކޮށްފައި ވެސް އޭނާ މިއަދު އެ ވާހަކަ ދައްކަން ބޭނުންވެއެވެ.
" އަހަރެންގެ ހިތްހަމަ ޖެހުމާމެދު ނަދީމް ކޮންއިރަކު ވިސްނީ؟" އަރޫޝާއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
" މިހެން މި އެހީ ފަހަރެއްގައި އެއީ އަރޫޝާ ބޭނުން ނުވާނެ ގޮތެއް ކަމަށް ވެދާނެތީ." ނަދީމް ބުނެލިއެވެ.
" އެއްވެސް އަންހެނަކު ބޭނުމެއް ނުވާނެ، އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ހަވާލު ކުރާކަށް. އަދި ދޮށީ އަނތްބެއްގެ މަގާމު ވެސް ބޭނުމެއް ނުވާނެ. އެކަމަކު އެހެން މީހުންނާ އަހަރެން، ތަފާތު ދޯ؟" އަރޫޝާ ބުނެލިއެވެ.
އަރޫޝާ ދައްކަމުންދާ ވާހަކަތައް އަޑުއަހާހިތުން ނަދީމް ހުރީ ކެތްމަދުވެފައެވެ. ފަރުވާތެރިކަމާއެކު އޭނާ އަރޫޝާގެ މޫނަށް ބަލަމުންދިޔައެވެ.
" އަހަރެން ނަދީމްދެކެ ލޯތްބެއް ނުވަން. އެހެންވީމަ އެ ގޮތަށް އެކަން ނިންމަން އަހަންނަށް ފަސޭހަވީ؟" އަރޫޝާ ބުންޏެވެ.
" ދެން... މުޅި އުމުރު ތިހެން ނޫޅެވޭނެ އެއްނު! މި ބުނީ އަރޫޝާ ބޭނުން ވަންޏާ .... އަހަރެން އަރޫޝާ ދޫކޮށްލަފާނަން." ނަދީމް އެހެން ބުނެ އަރޫޝާއަށް ފުރަގަސްދިނެވެ.
" ތިހެން ތިކަން ވާކަށް ނެތޭ ނަދީމް. ސަބަބު ނޭނގޭތީތަ ތިހާ ފަސޭހައިން ތިހެން ތި ބުނެލީ! ނަދީމްއަށް ތިހެން ބުނެލަން ހާދަ ފަސޭހަ ވެއްޖެޔޭ! އަހަރެން، އަހަރެންގެ ޒުވާން އުމުރާ، އަހަރެންގެ ދިރިއުޅުން ލޯބި ލިބުމެއް ނެތް، އެއްވެސް އުފަލެއް ނެތް ޙަޔާތެއްގެ ތެރެއަށް މި ދޫ ކޮށްލީ ހަމައެކަނި ނަދީމްގެ މަންމަގެ އުފަލަށްޓަކައި! ފަހުން ކަންތައ މިވީ ގޮތުން އަހަންނަށް މިކަމުން މިންޖު ވެވެން އެބަ އޮތްތަ ނަދީމް؟ މިހާރު މިކަންތައް ގުޅިފައި މިވަނީ ހަމައެކަނި މަންމަގެ އުފަލަކަށްނޫން! އެ މަންމަގެ ފުރާނަޔާ! " އަރޫޝާ އެހެން ބުނުމާއެކު ނަދީމްއަށް ބަލައިލެވުނެވެ.
" އެހެންވީމަ... ތި ބުނީ އަރޫޝާ އަހަންނާއެކު އުޅެން ބޭނުން ނުވިޔަސް....." ނަދީމް ބުނެލިއެވެ.
އޭނާގެ ޖުމްލަ ފުރިހަމަ ކޮށްދިނީ އަރޫޝާއެވެ.
" އާނ! އާނއެކޭ ނަދީމް. ކާކުތަ މިހެން އުޅެން ބޭނުންވާނީ؟ކާކުތަ މިހެން ދިރިއުޅެން އުފާވާނީ؟ " ބޭއިހްތިޔާރުގައި އަރޫޝާއަށް ރޮވިއްޖެއެވެ. ލޮލުން އޮހޮރެމުންދާ ކަރުނަތައް އޭނާ ދެ އަތުން ފުހެމުން ދިޔައީ ނުހަނު އަވަސް އަވަހަށެވެ.
ކުއްލިއަކަށް އޭނާ ސިހުނީ، ނަދީމް އައިސް އަރޫޝާގެ ދެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ. އެއާއެކު އަރޫޝާއަށް ބަލައިލެވުނީ ނަދީމްގެ އަތަށެވެ. އެއަށްފަހު ހައިރާންކަމާއެކު ނަދީމްގެ މޫނަށް ބަލައިލެވުނެވެ. އޭރު ނަދީމްގެ ދެ ލޮލުން ވެސް ކަރުނަ ހިލޭތަން އޭނާއަށް ފެނުނެވެ.
" ލޯބި ދިނިއްޔާ.... އުފާވާނެތަ؟" ނަދީމް އެހެން އެހި އިރު، އޭނާ ހުރީ ތުރުތުރުއަޅާ ހާލުގައެވެ.
ހަމަ އެ ވަގުތެވެ. އަރޫޝާގެ އަތުގައި އޮތް ފޯނު ކުއްލިއަކަށް ރިންގު ވުމާއެކު ސިއްސައިގެން ގޮސް ދެ މީހުންނަށް ވެސް ފަހަތަށް ޖެހެވުނެވެ.
އަރޫޝާ އަވަސް އަވަހަށް ނަދީމްއަށް ފުރަގަސް ދިނުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ދުރަށް ޖެހިލުމަށްފަހު އޭނާ ފޯނަށް ޖަވާބު ދިނީ ނުހަނު މަޑުމަޑުންނެވެ. ނަދީމް ހުރީ ކުރެވުނު ކަންތަކާމެދު ވަރަށް ބޮޑަށް ލަދުގަނެފައި ކަހަލަ ގޮތަކަށެވެ. އެނދު ކޮޅުގައި އިށީނދެ އިނދެ އޭނާ ފިކުރު ކުރަމުން ދިޔައީ ދެން ކަންތައް ވާނެ ގޮތަކާ މެދުގައެވެ.
" އަހަރެން އޮފީހަށް ދާން ޖެހިއްޖެ. ވަރަށް ލަހުން އާދެވޭނީ! ހިސާބުތަކެއް ނިންމަން ވެގެން މި ދަނީ." މަޑުމަޑުން އަރޫޝާ އެހެން ބުނެ ފާހާނާއާ ދިމާލަށް ހިނގައިގަތެވެ.
ތާޒާ ވެލައިގެން އޭނާ ނިކުތް އިރު ވެސް ނަދީމް އެ އިން ގޮތަށް އިނެވެ. އޮފީހަށް ދިޔަ މަގުމަތީގައި ވެސް އަރޫޝާއަށް ވިސްނެމުން ދިޔައީ ނަދީމްއާ މެދުގައެވެ.
" ކިއްވެބާ އެހެން އެ ބުނީ؟ މީގެ ކުރިން އަހަރެންގެ ގައިގައި އިނގިލިކުރިވެސް ޖައްސައިނުލާ މީހަކު މިރޭ އަހަރެންގެ ގައިގައި.... ކީއްވެތަ؟ ނަދީމް އަނެއްކާ...އަހަރެން ދެކެ... ނޫން ނޫން.. އަހަރެންދެކެ އޭނަ ލޯތްބެއް ނުވާނެ. ޒައިނާ ކައިރީގައި އުޅެއުޅެ ހުއްޓާ އަހަންނާމެދު ކޮން ޝައުގެއް އުފެދޭނީ؟" އަރޫޝާއާ ހިތާ ހިތާ ބުނެވުނެވެ.
ދިހައެއް ޖަހާ ބޮޑު ވީ ފަހުން ޒައިނާ ސިޓިންރޫމަށް ނިކުތެވެ. އޭރު ފެންފުޅިއެއް ހިފައިގެން ރިޒާ އައިސް ކޮޓަރިއާ ހަމަވަނީއެވެ. ރިޒާ ބަލައިލުމާއެކު ޒައިނާ އަވަސް އަވަހަށް ހިނިތުންވެލިއެވެ.
" ދައްތަ... ނިދީތަ؟" ޒައިނާ އެހިއެވެ.
" އާނ! ބޮލުގައި ރިއްސާތީ އުޅެފައި ނިދައިފި. ދެން ނިދަންވެސް ވީ އެއްނު. އެގާރަ ޖަހަނީ ވިއްޔަ." ރިޒާ ބުނެލިއެވެ. ޒައިނާ އިތުރަށް އެއްޗެއް ނުބުނުމުން ރިޒާ ވެސް ހެވިފައި ހުރެ، ކޮޓަރިއަށް ވަދެއްޖެއެވެ. އެއާއެކު ޒައިނާ އަވަސް އަވަހަށް ފޯނު ނަގައި، ނަދީމްއަށް މެސެޖް ކުރިއެވެ.
" އަހަރެން ހަމަ މެސެޖެއް ކޮއްލާއިރަށް މިރޭ ތި ގުޅީ ކީއްވެ؟ އަރޫޝާ ނިދީތަ؟ އެހެން ނޫނަސް މިހާރު އަހަރެން ގުޅިޔަސް އޭނަ މައްސަލަ ޖައްސައިގެން ނުވާނެ އެއްނު. އަހަންނަކީ ނަދީމްގެ ވާން އުޅޭ އަނބިމީހާއެއްނު." އުފަލުން ހުރި ވަރުން ވާހަކަ ދެއްކީ ވަރަށް ތުއި ގޮތަކަށެވެ.
" އަރޫޝާ ވީ އޮފީހުގަ. " ނަދީމް ބުންޏެވެ.
އެއާއެކު ޒައިނާ ނަދީމްގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ ފޯނު ކަނޑާލުމަށްފަހުގައެވެ. އޭނާ ގޮސް ދޮރު ހުޅުވާލުމާއެކު އެނދުގައި އޮތް ނަދީމް ފުންމައިގެން ތެދުވީ ސިހިގެންނެވެ.
" ހިނގާބަ އަހަރެންގެ ރޫމަށް ޕްލީޒް. މަންމަމެން ވެސް ނިދާފައޭ!" އެހެން ބުނެ ޒައިނާ އައިސް ނަދީމްގެ އަތުގައި ހިފިއެވެ.
" ނަދީމް ބަލާ ގޮތުން ހީވަނީ އަހަރެންދެކެ ބިރުން ހުންނަހެން. " ނަދީމް އެއްޗެއް ބުނުމުގެ ކުރިން ޒައިނާ ވާހަކަ ދެއްކިއެވެ.
އެއާއެކު ނަދީމް ފުންމައިގެން ތެދުވެ، ޒައިނާގެ އަތުގައި ހިފައި، ކޮޓަރިން ނިކުންނަށް ބާރުބާރަށް ހިނގައިގަތެވެ. ދަމަމުން ކަހަލަ ގޮތަކަށް ނަދީމް ޒައިނާ ގޮވައިގެން ގޮސް، އެ ކޮޓަރިއަށް ވަނެވެ.
" ހޫމް! އަހަރެން މި ހުރީ ޒައިނާގެ ކޮޓަރިއަށް އައިސް. ދެން ކިޔާބަލަ ކިޔަން ބޭނުންވާ އެއްޗެއް. ކޮށްބަލަ ކުރަން ބޭނުންވާ ކަމެއް. ކޮންކަމެއް ނުވެގެންތަ ތި އުޅެނީ؟" ރުޅި ގަދަވެފައި ހުރި ވަރުން ނަދީމްއަށް ވާހަކަ ދެއްކުނީ ނުހަނު ބާރަށެވެ.
ޒައިނާއަށް ބިރުން ފަހަތަށް ޖެހެވުނީ، މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ވަަރަށް، ރުޅީގެ އަސަރު ނަދީމްގެ ލޮލުން ފެނުމުންނެވެ.
" ނަދީމް؟" ޒައިނާއަށް ބުނެވުނެވެ.
އޭރުވެސް ނަދީމް ހުރީ ރުޅިވެރި ގޮތަކަށް ޒައިނާގެ މޫނަށް ބަލާށެވެ. ބޭއިހްތިޔާރުގައި އޭނާއަށް އަރޫޝާއާ ދެއްކުނު ވާހަކަތަކާމެދު ނަދީމް އަދިވެސް އެހުރީ ކަންބޮޑުވެފައެވެ. އަރޫޝާ އެކަމާމެދު ދެކޭނެ ގޮތެއް ނޭނގޭތީ ބިރުގަނެފައެވެ.
" ސޮރީ!" ހިނދިރުވާލަމުން ނަދީމް އެހެން ބުނެލީ ޒައިނާގެ ދެ ލޮލުން ކަރުނަ އޮހޮރޭތަން ފެނިއެވެ.
" ކޮންކަމަކާ އަހަރެންދެކެ ތިހާ ރުޅިއެއް ތި އައީ؟ މީގެ ކުރިން ނަދީމް އަހަންނާ ތިހެން ވާހަކައެއް ނުދައްކަމެއްނު." ޒައިނާ އައިސް ނަދީމްގެ ގައިގައި ބައްދާލިއެވެ.
ޒައިނާގެ ބުރަކަށީގައި ނަދީމް އަތްޖައްސާލި އިރުގައިވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އަރޫޝާއެވެ. މިރޭ އަރޫޝާއާ ކުރިމަތިލާކަށް އޭނާއަކަށް ނުކެރޭނެޔޭ ވެސް ހިތަށް އެރިއެވެ.
" ނަދީމް؟ ކިއްވެ އެއްޗެއް ނުބުނެ ތި ހުރީ؟" ދުރަށް ޖެހިލުމަށްފަހު ޒައިނާ ސުވާލު ކުރިއެވެ.
" އޫމް؟ ކީކޭ؟ " ނަދީމްއަށް ބުނެވުނީ އަވަސް އަވަހަށެވެ.
" ސޮރީ! ދެން އެހެންނެއް ނުވާނެ." ނަދީމް އަނެއްކާ ވެސް ބުންޏެވެ.
" ބުނެބަލަ! ކޮންކަމާ އެހާ ރުޅި އައީ؟ އަރޫޝާ އެއްޗެކޭ ކީތަ؟ އޭނަ ކޮބާ މިރޭ؟" ޒައިނާ އެހިއެވެ.
" ނޭނގެ! ދެން ނުދައްކަބަލަ އޭނަ ވާހަކަ! " ނަދީމް ބުނެލީ ވަރުބަލިކަމާއެކުއެވެ. އެއާއެކު ޒައިނާއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.
" މަންމަ ކުރިމަތީގައި މާ ހެޔޮ މީހަކަށް ވެގެން އަހަރެމެންގެ ކައިވެންޏަށް ރުހުން ދީފަ، ނަދީމްއާ ދިމާލަށް އެއްޗެހި ކީތަ؟ ބުނެބަލަ!" ޒައިނާ އެހިއެވެ.
" ނޫނެކޭ ޒައިނާ! ކައިވެނީގެ ވާހަކަ އަހަރެން ގާތަކު އޭނައެއް ނުދައްކާނެ." ނަދީމް އެނދުގައި އިށީނދެލިއެވެ.
" ދެން މަގޭ ނަދީމްގެ ބޮލަށް ތުރާ ކޮށްފަ އޭނަ ކޮންތާކަށް މި ގަޑީގަ އެ ދިޔައީ؟ " ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގޮސް ޒައިނާ، ނަދީމް ގާތު އިށީނެވެ.
" އޭނަގެ ވާހަކަ ޒައިނާ ނުދައްކަބަލަ! ހެޔޮނުވާނެ. ޕްލީޒް! " ނަދީމް ބުނެލީ ހަރުކަށި ރާގަކަށެވެ. އެހެންކަމުން މިފަހަރު މައިތިރިވާން ޒައިނާއަށް މަޖުބޫރުވީ ކަހަލައެވެ.
" ޒައިނާ ކައިރިއަށް އައިސްގެން ވެސް އަހަންނަށް އުފަލެއް ލިބޭތަ؟" އިސްޖަހާލައިގެން އިނދެ ނަދީމް ބުނެލިއެވެ.
އެއާއެކު ޒައިނާ ނަދީމްގެ ކޯތާފަތުގައި އެއް އަތުން އަތް ޖައްސާލިއެވެ. އަދި ނަދީމްގެ މޫނު އޭނާއާ ދިމާލަށް އަނބުރާލިއެވެ.
" ނަދީމްއަށް އުފާ ލިބޭނީ ހަމައެކަނި އަހަރެން ކައިރިން. ނަދީމްއަށް އުފާ ދޭނީ ވެސް ހަމައެކަނި އަހަރެން.. އަހަރެން ނަދީމްދެކެ ލޯބިވާ ވަރަށް ލޯބިވާނެ އިތުރު މީހަކު ނުވެސް ހުންނާނެ." ޒައިނާ އެހެން ބުނެ، ނަދީމްގެ ކޮނޑުގައި ދެ އަތުން ހިފާލުމަށްފަހު މަޑުމަޑުން އޭނާގެ ހަށިގަނޑާ ގާތް ވެލިއެވެ. އަދި ނަދީމްގެ ގައިގައި ހިފެހެއްޓުމަށްފަހު، އެކުގައި އޮށޯތީ ނަދީމްއާއެކުގައެވެ.
ނިދިން ހޭލެވި، މަޑުމަޑުން ދެ ލޯ ހުޅުވާލެވުމާއެކު ދާއިންއަށް ބަލައިލެވުނީ ފޯނެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ. އިރު އޮއްސުނު އިރު ނިދުނު ގޮތަށް ދާއިންއަށް އެ ހޭލެވުނީއެވެ. ކަންނެތްކަމާއެކު، ރަނގަޅަށް ފޯނަށް ބަލައިލި އިރު، އަފާގެ 2 މެސެޖް ލިބިފައި އޮތެވެ.
" ވަރަށް ކެތްކޮށްފިން މެެސެޖް ނުކޮށް ހުންނަން. އެކަމަކު ދާއިން މަތިން ވަރަށް މިސް ވޭ! ނޭނގެ ކީއްވެ ކަމެއް." ފުރަތަމަ މެސެޖް ކިޔާލުމަށްފަހު ދާއިން ތެދުވިއެވެ.
އިރުކޮޅަކު އިށީނދެ އިނދެލުމަށްފަހު ދެވަނަ މެސެޖް ވެސް އޭނާ ކިޔާލިއެވެ.
" ސޮރީ! ރުޅި ނާންނައްޗޭ."
ދާއިންއަށް އެއް މިޔަކަނުން ހީލެވުނެވެ. އަދި ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ފާހާނާއަށް ވަދެ، މޫނު ދޮވެލިއެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެސް ވެފައެވެ. އަވަސް ކޮށްލައިގެން ނިކުމެ، އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. އަދި ކޮނޑިމަތީ ބާއްވާފައި އޮތް އޭނާގެ ހުދު ކުލައިގެ ޓީޝާޓް ގަޔަށް މަހާލުމަށްފަހު ކޮަޓަރިން ނިކުތެވެ. ވަގުތަކީ ޒައިނާގެ ކޮޓަރިން ނަދީމްއަށް ނިކުމެވުނު ވަގުތެވެ. ދާއިން ފެނުމާއެކު ނަދީމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދާއިންއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ހުރި ފިޔަވަޅު މަތީގައި ދާއިން ހުއްޓާ، ނަދީމް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
ހިތްހަމަ ނުޖެހުނުވަރުން ބަނޑުހައިވެފައި ހުރިވަރު ވެސް ދާއިން ހަނދާން ނެތުނު ކަހަލައެވެ. ބާރުބާރަށް ގޮސް އޭނާ ނިކުތީ ގޯތިތެރެއަށެވެ. އިރުކޮޅަކު ކޮޅަށް ހުރުމަށްފަހު އޭނާ ޖޯލިފަތީގައި އިށީނެވެ. އެއާއެކު ދޮރާށި ހުޅުވުނު އަޑަށް ދާއިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ބާރުބާރަށް ވަތް އަރޫޝާގެ މޫނު ހުރީ ސީދާ ގެއާ ދިމާލަށް ކަމުން އޭނާއަކަށް ދާއިން އެއް ނުފެނެއެވެ. އަރޫޝާގެ ކޮނޑުގައި އޮތް ދަބަހުން އޭނާ އެ އައީ އޮފީހުންކަން ދާއިންއަށް ވިސްނުނެވެ.
" އަރޫ!" ދާއިން ގޮވާލިއެވެ.
އެއާއެކު އަރޫޝާ އެނބުރި ބަލައިލިއެވެ. ހަމަ އެ ވަގުތު އޭނާއަށް ބަލައިލެވުނީ ގެއާ ދިމާލަށެވެ. އޭރު ދާއިން ކޮޅަށް ތެދުވެއްޖެއެވެ. ވަގުތު ބޭކާރު ނުކޮށް އަރޫޝާ ދާއިންއާ ދިމާލަށް ހިނގައިގަތީ ކޮނޑުގައި އޮތް ދަބަސް ނަގައި އަތުން އެލުވާލަމުންނެވެ. އޭނާ ގޮސް ހުއްޓުނީ ސީދާ ދާއިންގެ ކުރިމަތީގައެވެ.
" ކިހިނެއް ވީ؟ " އަރޫޝާ އަހާލީ ސީދާ ދާއިންގެ ދެ ލޮލަށް ބަލައިލަމުންނެވެ.
އަރޫޝާ ސުވާލު ކުރުމުން ވެސް އޭނާއަށް އެއްޗެއް ބުނަން ނޭނގިފައި ހުރެވުނީއެވެ. އެއާއެކު ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމާއި ދާއިންގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން، މާޒީގެ ތެރެއަށް ފީނައިގަންނަން އަރޫޝާގެ ހިތް މަޖުބޫރު ކުރުވި ކަހަލައެވެ. ނަމަވެސް އެކަން އެހެން ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
" އަހަރެން ދަނީ! ލަސް ވޭ! " އަވަސް އަވަހަށް އަރޫޝާ އެހެން ބުނެ އެނބުރި ގަތް ވަގުތު ދާއިން އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ދެ ލޯ މަރާލުމަށްފަހު އަރޫޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އެތެރެއަށް ދިގު ނޭވާއެއް ދަމާލުމަށްފަހު އޭނާ ފަހަތަށް އެނބުރިލުމާއެކު ދާއިން ބުނެލިއެވެ.
" އަރޫ ލަސްވެގެން އިންތިޒާރު ކުރަންޖެހޭ މީހާ މިރޭ އޮތީ ޒައިނާގެ ކޮޓަރީގަ." ޖެހިލުމެއް ނެތި ދާއިން ބުނެލިއެވެ.
އެއާއެކު އަރޫޝާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ދާއިންގެ އަތް ފޮޅުވާލިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!