" ނަދީމް ދޭބަލަ ޒައިނާ ގޮވައިގެން އަންނަން." ތަނަށް ވެރިވެފައިވަ ހަމަހިމޭންކަން ފޫއަޅުވާލީ މަދީހާއެވެ.
އެއާއެކު އެންމެންނަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެވެ. ނަދީމްއަށް ސިހިފައި ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ. މަދީހާ އެހާ ހަމަޖެހިފައި އިނދެ ޒައިނާގެ ވާހަކަ ދެއްކުމުން އެންމެ ބޮޑު ހައިރާންކަމެއް ލިބިފައި އިނީ ނަދީމަށެވެ. ތެދުވަން ނޭނގިފައި އޭނާއަށް އަދިވެސް އިނދެވުނީއެވެ.
" އަހަރެމެން އެންމެންނަށް ސައި ހަދައިދީފައި ހުއްޓާ، ޒައިނާ ނެތިސް ސައި ބޯކަށް ނުވާނެ އެއްނު." މަދީހާ ބުންޏެވެ.
އިތުރަށް މަންމަ އެއްޗެއް ބުނުމުގެ ކުރިން ނަދީމް ތެދުވެއްޖެއެވެ.
" ބަގީއަށް ތެޔޮ އަޅާލަން ދާންވާނެ މިއަދު." ދާއިންއަށް ބަލައިލަމުން ރިޒާ އެހެން ބުނެލީ ވާހަކަ ބަދަލު ކޮށްލުމުގެ މަގްސަދުގައެވެ.
ނަމަވެސް ދާއިން އިނީ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އަރޫޝާވެސް އިސްޖަހާލައިގެން އިނދެ މަޑުމަޑުން ކަމުން ދާތަން ރިޒާއަށް ފެނުނެވެ. ވަކިވަކިން އެންމެންގެ މޫނަށް ބަލައިލުމުން، އެންމެންގެ މޫނުމަތިން ވެސް ނުތަނަވަސް ކަމުގެ އަސަރުތައް ރިޒާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އިތުރަށް ވާހަކަ ދައްކާ ހިޔާލެއް އޭނާއެއް ނުކުރިއެވެ.
ޒައިނާގެ ކޮޓަރިއަށް ނަދީމް ގޮސް ވަނުމާއެކު ދުވެފައި އައިސް ޒައިނާ އޭނާގެ ގައިގައި ބައްދައިގަތެވެ. އެއާއެކު ނަދީމް، ޒައިނާގެ އަތުގައި ހިފާ، އޭނާ ދުރުކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.
" މަންމަ އެބަ ގޮވާ! ސައިބޯން އަންނާށޯ." ނަދީމް ބުންޏެވެ.
އެއާއެކު ޒައިނާގެ މޫނުމައްޗަށް ހިތްހަމަ ނުޖެހުމުގެ އަސަރުތައް ވެރިވެއްޖެއެވެ. އަދި ނަދީމްގެ މޫނަށް ބަލަން ހުރެ އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" މަންމަ ބުނީމަތަ އަހަރެން ސައިބޯން ބަލައި ތި އައީ؟ " ޒައިނާ ބުންޏެވެ.
" މަންމަ ބުނީމަ ޒައި ހައިރާނެއް ނުވޭތަ؟ މަންމަ ޒައިދެކެ ހިތްހަމަ ނުޖެހިފައި ހުރިކަމަށް އަހަރެން މި ހުރީ ވަރަށް ކަންބޮޑުވެފައޭ! " ނަދީމް އަވަސް އަވަހަށް ބުނެލިއެވެ.
" ތި ހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެން މި ހުރީ ނަދީމްއާ އެކަނި ބައްދަލް ކޮށްލާ ހިތުން. ދެ މީހުން އެކަނި މިހެން ދިމާވީމަ ނަދީމް އުފަލެއް ނުވޭތަ؟ އަހަރެމެން ދުރުގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެ! ހާދަ ކެތްކޮށްގެންނޭ އަހަރެން މި ގޭގައި މި އުޅެނީ. " ޒައިނާ، އޭނާގެ ދެ އަތުން ނަދީމްގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދެއްކިއެވެ.
އަނެއްކާ ވެސް ނަދީމް ޒައިނާގެ ދެ އަތުގައި ހިފާ، ތިރިކޮށްލިއެވެ. އަދި ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ދެން ހިނގާ ސައިބޯން ދާން. ލަސްވީމަ ކަމަކު ނުދާނެ." ނަދީމް ބުންޏެވެ.
" ނަދީމް..." އަވަސް އަވަހަށް ނަދީމް އެނބުރިލުމާއެކު ޒައިނާ ގޮވާލިއެވެ. އޭރު ވެސް ޒައިނާގެ މޫނުމަތީގެ ކުލަވަރު ބަދަލެއް ނުވެއެވެ.
" އަހަންނާ ދުރަށް ދާން މަސައްކަތް ކުރާހެން ހާދަ ހީވެޔޭ. އަހަރެން އަތް ލިޔަސް، އުނދަގޫ ވާ ހެން ހީވަނީ. " ޒައިނާ ބުންޏެވެ.
" އަހަރެން މިހާރު ބުނެފިން އަހަންނާއެކު ކާގެއަށް ދާން އަންނާށޭ. ޒައިއާ ލޯބި ކުރަން މިތާ ހުންނަން އަހަރެން މި ހުންނަނީ ހިތްހަމަ ޖެހިފައެއް ނޫނޭ. ކީއްވެތަ އަހަރެންގެ އިހްސާސްތައް ޒައިނާއަށް ނުވިސްނެނީ؟ އަހަރެންގެ ޖަޒްބާތުތަކާމެދު އެންމެ ފަހަރަކު ފިކުރު ކޮށްލިންތަ؟ އަހަރެން މި ހުންނަނީ ކޮންކަހަލަ ނުބައި ފައްތަރެއްގައި ކަމެއް ޒައިނާއަކަށް ނޭނގޭތަ؟ " ނަދީމްގެ ހަޑުގައި ހަރުކަށިކަމެއް ހުރިކަން ޒައިނާއަށް ފާހަގަ ކުރެވުމުން އޭނާ ކަންބޮޑު ވެއްޖެއެވެ.
" ކައިވެނި ކުރަން ޒައިނާ ގެނެސް، އެކަން ނުވެގެން މި އުޅެނީ މަންމަ ނުގަބޫލުވީމަ. އަނެއްކާ މަންމައަކީ މިހާރު ބަލި މީހެއް. މަންމަ ސްޓްރެސް ނުކުރަން ޑޮކްޓަރ ވެސް އަންގާފައި އޮތީ. ދެން އަހަރެން ކިހިނެއް މަންމައާ ހަނގުރަމަ ކޮށްގެން ޒައިއާ ކައިވެނި ކުރާނީ؟ އެކަމަކު ވެސް އަހަރެން މި މަސައްކަތް ކުރަނީ އެކަން ކުރެވޭތޯ ދޯ؟ މަންމަ ސުލްހަކޮށްގެން ވެސް ޒައިއާ މެރީ ކުރެވޭތޯ ދޯ؟ އެކަމަކު ހަމަ ޒައިނާ އަބަދު ތި ހުންނަނީ އަހަންނާމެދު ކުށްހީ ކޮށް، ޝަކުވާ ކޮށްލަކޮށްލާ! " ނަދީމް އެހެން ބުނެ ނުނިމެނީސް ސޮރީއޭ ބުނެ ޒައިނާ، ނަދީމްގެ ގައިގައި އަނެއްކާ ވެސް ބައްދާލިއެވެ.
ދެ މީހުން އައިސް ކާގެއަށް ވަތް އިރު އަރޫޝާ ސައިބޮއި ނިމިއްޖެއެވެ. ނަދީމްގެ ފަހަތުން ޒައިނާ ވަނުމާއެކު އަރޫޝާ ތަށި ހިފައިގެން ތެދުވެ، ސިންކާ ދިމާލަށް ހިނގައިގަތެވެ.
" ވަރަށް މީރު ހުރިހާ އެއްޗެއް ވެސް." ޒައިނާ ފެނުމާއެކު ފުރަތަމަ ވެސް ވާހަކަ ދެއްކީ މަދީހާއެވެ.
މަދީހާގެ އެހެން ބުނެ އަނެއްކާ ވެސް އެންމެން ހައިރާން ކޮށްލިއެވެ. މަދީހާގެ ރާގުން އޭނާ ޒައިނާއާ މެދު މާ ބޮޑު ޝަކުވާތަކެއް އޮތްހެންނެއް މިހާރަކު ހިއެއް ނުވެއެވެ. ސިންކު ކައިރީ ހުރި އަރޫޝާގެ ހިތް އޭރު ވެސް ނުތަނަވަސް ވަމުން ދެއެވެ.
ހިނިތުންވެލަމުން ޒައިނާ އިށީނީ މަދީހާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.
" އަހަންނަށް މަޢާފް ކުރޭ ދައްތާ! އަހަރެންގެ ހާލަތު މިހާރު ދައްތައަށް އެނގޭނެކަން އަހަންނަށް އެނގޭ! އެހެންވެ ވަރަށް ބޮޑަށް ސްޓްރެސް ވެގެން އުޅެވުނީމަ، ދައްތައާ އެ ގޮތަށް ވާހަކަ ދެއްކުނީ. " ޒައިނާ މަޑުމަޑުން ބުނެލިއެވެ.
ޒައިނާގެ އަޑު އަހަން، ދުރުގައި ހުރި އަރޫޝާއަށް ހިންދިރުވާލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް އަރޫޝާ، އޭނާގެ ނުތަނަވަސްވެފައިވާ މޫނަށް ހިނިތުންވުން ވެރިކުރުވީ ގަދަކަމުންނެވެ.
" ޒައިނާއާ މެދު މަންމަގެ ހިތުގައި އެއްވެސް އެއްޗެއް ނޯންނާނެ. މަންމައަކީ އެއަށްވުރެ މާ ބެސްޓް މަންމައެއް. ދޯ މަންމާ؟" އަރޫޝާ ބުންޏެވެ.
ފަހަތުން އައިސް އޭނާ މަދީހާގެ ބޮލުގައި ފިރުމާލުމާއެކު މަދީހާ އިސް އުފުލައިލާ އަރޫޝާއަށް ބަލައިލިއެވެ.
" މަންމައަކީ އަބަދުވެސް އެހެން މީހުންގެ އުފަލަށް ވިސްނާ، އާއިލާގެ މަސްލަހަތަށް ލޯބި ކުރާ މަންމައެއް. މަންމަ އެއްވެސް ދަރިއަކަށް ދެރައެއް ނުދޭނެ. އަހަރެން މަންމައަށް ވަރަށް އިތުބާރު ކުރަން. " އަނެއްކާ ވެސް ވާހަކަ ދެއްކީ އަރޫޝާއެވެ.
އަރޫޝާގެ ވާހަކަތަކުން އެއީ އޭނާ ބޭނުންވާ ގޮތްކަން މަދީހާއަށް ކަށަވަރު ވެއެވެ. އަދި އަރޫޝާ، ނުސީދާ ގޮތަކަށް، އެކަން މަދީހާއަށް ހަނދާންކޮށް ދިނީކަން ވެސް މަދީހާއަށް އެނގުނެވެ.
މަދީހާ ހިނިތުންވެލަމުން އެންމެންނަށް ވަކި ވަކިން ބަލައިލިއެވެ. ނަމަވެސް އޭރު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ވެސް ހާމަވެގެން ދެއެވެ.
" ތެދެއް. ޒައިނާއާމެދު އެއްވެސް ވަރެއްގެ ހިތްބަރުކަމެއް މަންމަގެ ނެތް. އަދި... އަދި ނަދީމްގެ ހަޔާތުގެ ބައިވެރިޔަކަށް ޒައިނާ ގެންނަން ބޭނުންވާ ވަރު މަންމައަށް އަރޫޝާ ބުނެދިން. މަންމައަށް ހުރިހާ ކަމެއް ވިސްނައިދިނީ އަރޫޝާ. އޭގެ ކުރިން މަންމަ ވިސްނީ ހަމައެކަނި ނަދީމްއާ އަރޫޝާއާމެދު. ޒައިނާގެ ހާލަތާމެދަކު މަންމައެއް ނުވިސްނަން." މަދީހާއަށް ވާހަކަ ދެއްކުނީ ލަސްލަހުންނެވެ.
" މަންމަ ދެން ތި ހުރިހާ ވާހަކަ ނުދައްކާ، އެ އުފާވެރި ހަބަރު އެންމެންނަށް ދީބަލަ! " މަދީހާ އިން ގޮނޑީގެ ފަހަތުގައި ހުރެ، އަރޫޝާ ގުދުވެލާފައި މަދީހާގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.
މަދީހާގެ ވާހަކަތަކަށް ވުރެ ބޮޑަށް ނަދީމްގެ ސިކުނޑީގައި އެނބުރެމުންދަނީ އަރޫޝާއެވެ. އަރޫޝާ ބުނި ގޮތަށް، އޭނާ އެ ކައިވެންޏަށް މަންމަގެ ރުހުން ހޯދައި ދިނީކަން ނަދީމްއަށް އެނގުނެވެ.
" ނަދީމްއާ... ޒައިނާގެ ކައިވެނި ހަމަޖައްސަން މަންމައަށް ފެންނަނީ." މަދީހާ ބުންޏެވެ.
އެއާއެކު ދާއިންއަށް އިސް އުފުލައިލުމަށްފަހު އަރޫޝާއަށް ބަލައިލެވުނެވެ. އެ ވަގުތު އަރޫޝާއަށް ދާއިންގެ މޫނަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ.
" ދައްތަަ ހަމަ ތެދަށް ތަ ތި ބުނީ؟ " ކުއްލިއަކަށް ޒައިނާއަށް ބުނެވުނެވެ.
މަދީހާ ބޯ ޖަހާލުމާއެކު ޒައިނާ ނަދީމްގެ މޫނަށް ބަަލައިލިއެވެ. އެއާއެކު ނުތަނަވަސްވެފައި އިން ނަދީމް އަވަސް އަވަހަށް ހިނިތުންވެލިއެވެ.
" ދައްތަ ހާދަ ރަނގަޅޭ! އަހަންނަކަށް... ނޭނގެ ދައްތައަށް ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް.." ޒައިނާ އިނީ އުފަލުން ފޮޅިފައެވެ.
" ޝުކުރުގެ ވާހަކަ ދައްކަންޏާ އޭގެ ހައްގުވެރިޔަކީ އަރޫޝާ. މަންމަގެ ހިތް ބަދަލުވީ އަރޫޝާ މަންމައަށް ވިސްނައިދިނީމައޭ ބުނީމެއްނު." މަދީހާ އަރޫޝާގެ އަތުގައި އަތް ޖައްސާލަމުން ބުނެލިއެވެ.
އެ ވަގުތު ޒައިނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އަރޫޝާއަށް ބަލައިލި އިރު ޒައިނާގެ ހިނިތުންވުން ގެއްލިއްޖެއެވެ. އޭނާ އިނީ އަރޫޝާއަށް ބަލައިލަން ވެސް އުނދަގޫ ވެފައި ކަހަލައެވެ.
" ޝުކުރުގެ ލަފްޒަކީ ކިތަންމެ މާތް ލަފްޒަކަށް ވިޔަސް އަހަރެން ބޭނުންވަނީ ޝުކުރެއް ނޫން. އަހަރެން ބޭނުންވަނީ ޒައިނާ މި އާއިލާއާ ހިއްސާ ވުމަށްފަހު، އެންމެން ވެސް އުފަލުގައި އުޅެން." އަރޫޝާ ބުންޏެވެ.
އެއާއެކު ނަދީމްއަށް ބަލައިލެވުނީ ޒައިނާގެ މޫނަށެވެ. ގަދަކަމުން ޒައިނާ ހިނިތުންވެލި އިރު އޭނާގެ އެތެރެ ހަށި ކެކި އަރާހެން ހީވެއެވެ. އަރޫޝާއާ މެދު އޮތް ނަފްރަތު އިތުރަށް ގަދަވީހެން ހުދު އޭނާއަށް ވެސް އިހުސާސް ކުރެވުނެވެ.
" ނަދީމް! މަންމަ އެބައޮތް ހުރިހާ އެންމެންގެ ހާޒިރުގައި ވާހަކައެއް ބުނަންވެފައި." މަދީހާ އެހެން ބުނުމުން އެންމެ ލޯ އޭނާއަށް އަމާޒު ވިއެވެ.
މަޑުމަޑުން މަދީހާ ބޯ ހިއްލާލުމަށްފަހު އޭނާއާ ދާދި ގާތުގައި ހުރި އަރޫޝާއަށް ބަލައިލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާއަށް ބަލައިލެވުނީ ޒައިނާގެ މޫނަށެވެ.
" ނަދީމް، ޒައިނާއާ ކައިވެނި ކުރި ކަމުގައި ވިޔަސް، ދުވަހަކުވެސް އަރޫޝާ ދޫކޮށްލައިގެން ނުވާނެ. އަދި އަރޫޝާއަށް ދެރައެއް ދީގެން ވެސް ނުވާނެ. އަރޫޝާއަށް ދެރަގޮތެއް ހަދައިފިއްޔާ މަންމައަށް ވާނެ ގޮތެއް ވެސް ނޭނގެ. މަންމަ ތި ކައިވެންޏަށް މި ރުހުނީ ވެސް އަރޫޝާގެ އުފަލަށްޓަކައި. އަރޫޝާ ބޭނުންވެޔޭ ނަދީމް އުފަލުގައި އުޅޭތަން ދެކެން. ނަދީމްގެ އުފަލަކީ އަރޫޝާގެ ވެސް އުފާކަމުގައި ދެކޭކަން މަންމައަށް އެކަމުން އެނގިއްޖެ. " މަދީހާ ހެވިފައި އިނދެ ބުންޏެވެ.
އޭނާގެ އެ ޖުމްލަތަކުން އަރޫޝާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޒައިނާގެ ރުޅިގަނޑު ފަޅައިގެން ހިނގައިދާނެތީ އޭނާ އިނީ އެއްޗެއް ބުނަން ވެސް ނުކެރިފައެވެ.
އެ ސިކުންތުކޮޅުގެ ތެރޭގައި ކުއްލިއަކަށް ދާއިން ތެދުވިއެވެ. އެއާއެކު އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.
" ތަނަކަށް ދާން ޖެހިގެން މި ދަނީ." ދާއިން އެހެން ބުނެ ފޯނާ ކުޅެމުން ބޭރަށް ނިކުތެވެ. ދާއިންއަށް ބަލަން ހުރި އަރޫޝާގެ ހިތް އޭރު ވެސް ނެގިނެގިފައި ޖެހެމުން ދެއެވެ. ދާއިން އެ ދިޔައީ ހިތްހަމަ ނުޖެހިގެންކަން އަރޫޝާއަށް ޔަގީން ކުރެވެއެވެ. ނަމަވެސް އެކަމުގައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ދާއިންއަށް ނުވިސްނެނީބާވައޭ އަރޫޝާގެ ހިތަށް އެރިއެވެ.
" ދަރިފުޅު ބުނެބަލަ މިކަމަށް އެއްޗެއް." ކުއްލިއަކަށް މަދީހާ ބުނެލިއެވެ.
" މަންމާ! ނަދީމްގެ ދިރިއުޅުން ރާވާނެ ގޮތް އެނގޭނީ ނަދީމްއަކަށްނު. އެއްވެސް މީހަކަށް އެއްވެސް ކަމެއް މަޖުބޫރު ވެގެން ނުވާނެ. ކޮންމެ މީހެއްގެ ވެސް އަމިއްލަ އުފާތަކެއް އަމިއްލަ މިނިވަންކަމެއް އޮންނާނެ. " މަދީހާގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އަރޫޝާ ބުންޏެވެ.
" އަރޫޝާއާ މެދު ރަނގަޅަށް ކަންތައް ކުރާށޭ ދޯ މަންމަ މި ބުނީ. ތިއީ ނަދީމްގެ އަނބިމީހާއޭ. އަނބިމީހާއަށް އިހާނެތިކޮށް ހިތައިގެން ނުވާނެއެއްނު. ދެން ދަރިފުޅު ހުރެބަލަ އެއްޗެއް ނުބުނެ މަޑުން. ނަދީމް! މަންމަ މި ދައްކާ ވާހަކަ އަޑު އިވޭތަ؟" މަދީހާ ނަދީމްއާ ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ރިޒާ ލޮލުގެ އިޝާރާތުން އެކަމަށް އެއްބަސް ވުމަށް އެދުނެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން ނަދީމް ވާހަކަ ދައްކަން ފެށީ އަރޫޝާއަށް ބަލައިލަމުންނެވެ.
" މަންމަ ބޭނުންވާ ގޮތަށް އަހަރެން އަރޫޝާއަށް އެއްވެސް ދެރައެއް ނުދޭނަން. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަހަރެން އޭނަ ވަރިއެއް ނުކުރާނަން" ނަދީމް ބުންޏެވެ.
އެ ވަގުތު ޒައިނާއަސް ޖޯޑުގެ އުޅަކުގައި ހިފައި ބާރުކޮށްލެވުނެވެ. އިސްޖަހައިގެން އިނދެ ސައިތައްޓަށް އޭނާ ބަލަމުން ދިޔައީ ހިތްހަމަ ނުޖެހުމާއެކުއެވެ.
" ޒައިނާ ވެސް ނުވާނެ ނަދީމްއަށް މަޖުބޫރުކޮށްގެންނެއް. ދެ އަނބިން ހަމަހަމަކޮށް ބަލަހައްޓަން ވާނެ. އަވަހަށް ވަޒީފާއަކަށް ވެސް ދާންވީ. " މަދީހާ އިތުރު ކޮށްލިއެވެ.
ނަދީމް ބޯ ޖަހާލަމުން ޒައިނާއަށް ބަލައިލިއެވެ. އެއާއެކު މަދީހާއަށް ބަލައިލުމަށްފަހު ޒައިނާ ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން އެއްވެސް ކަމަކަށް އެއް އިރެއްގައި ވެސް ނަދީމްއަކަށް މަޖުބޫރެއް ނުކުރަން. ކައިވެނި ކުރަން ބޭނުންވީ ވެސް، ނަދީމް އަހަރެން މި ރަށަށް ގެނައީމަ. އެހެން ނޫން ނަމަ އަހަރެން މިތާކަށް ނަދީމްގެ ހަޔާތަށް ވަންނާކަށް ނައިމޫސް." ޒައިނާ ބުންޏެވެ.
މަދީހާ އިނީ ބޯޖަހާލަ ޖަހާލައެވެ.
ދާއިން ބޭރުން އައި އިރު މަންމަގެ ކޮޓަރި ކައިރީ އަރޫޝާގެ ފައިވާން ހުރިތަން ފެނުނެވެ. އޭނާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލި އިރު މަދީހާއާއިއެކު އަރޫޝާ އެނދުމަތީގައި އިނެވެ. ދާއިން އެތެރެއަށް ވަދެ، ދޮރު ލެއްޕުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" މަންމަ، ނަދީމްބެއާ ޒައިނާ އިންނަން އެއްބަސް ވީ އިރު ދެ އަނތްބަށް އިނދެގެން އުޅެން އަރޫޝާ ގަބޫލުތޯ އެއްފަހަރު ވެސް އެހިންތަ؟" ދާއިން ބުންޏެވެ.
އެ ވަގުތު މަދީހާއަށް ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ. އަރޫޝާއަށް ހިންދިރުވާލެވުނީ ޖެހިލުންވެ އިނދެއެވެ. ވަގުތަކީ ރިޒާ ވެސް އައިސް ކޮޓަރިއަށް ވަތް ވަގުތެވެ.
" އަރޫޝާއޭ ބުނީ ވެސް މަންމަ ގާތު ޒައިނާއާ ނަދީމް ކައިވެނި ކުރުވާށޭ. އަރޫޝާ ނުގަބޫލު ނަމަ އެހެން ނުބާނެ އެއްނު. މި ކަމުގައި މަންމަގެ ކުށެއް އެބަ އޮތްތަ؟ " މަދީހާގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ހުއްޓެވެ.
" އަނެއްކާ ކިހިނެއް ވެގެން މި އުޅެނީ؟ " ރިޒާ ބުނެލީ ދާއިންއަށް ބަލައިލަމުންނެވެ.
އެއާއެކު ދާއިން ބުނި ވާހަކަ މަދީހާ ރިޒާއަށް ކިޔައިދިނެވެ. ރިޒާ ގާތަށް އައީ ރުޅިއެވެ. އޭނާ ހިތްހަމަ ނުޖެހުނު ވަރުން ދާއިންއާ ދިމާލަށް ބަލައިލެވުނީވެސް ރުޅިވެރި ކަމާއެކުއެވެ.
" އަރޫޝާ ބުނެބަލަ! އަރޫޝާ އެއްފަހަރު ވެސް ބުނިންތަ ވަރިވާށޭ ބޭނުމީ. ބުނިންތަ؟ ނުބުނަމެއްނު. މަންމަ ވިސްނަމޭ ހުރިހާ ކަމަކާމެދު. ވަރިކުރިއްޔާ ދެން އިންނާނެ މީހަކު ވެސް ނުވާނެ. މިރަށަކީ އަދި ވަރިކުރާއިރަށް ފާޑުފާޑުގެ ވާހަކަ ދައްކާ މީހުން އުޅޭ ރަށެއް. މަންމަމެންނަށް ވެސް އެހާ މަލާމާތް ކުރާނެ. އަރޫޝާ ވަރިކޮށްލާފަ ޒައިނާއާ އިންނަން އަހަރެން ގަބޫލުވާނެތަ؟ ދުވަހަކުވެސް ނުވާނަން." މަދީހާއަށް ރޮވިއްޖެއެވެ.
" މަންމާ! އަހަރެން ނޫޅެމޭ ނަދީމްގާތުން ވަރިވާކަށް. އަހަރެން ނަދީމްއާއެކު އުޅެން ބޭނުންވާތީއެއްނު މި ބުނީ ވެސް ޒައިނާއާ ކައިވެނި ކުރިޔަސް ހެވޭ." އަރޫޝާ އަވަސް އަވަހަށް ބުނެލިއެވެ.
އެ ވަގުތު ދާއންގެ އަތުގައި ހިފައިގެން ރިޒާ ބޭރަށް ނިކުތެވެ.
" ދެން ތި ވާހަކަތައް މަންމަގެ ކުރިމަތީގައި ނުދައްކަބަލަ! އަހަރެމެން އެންމެން ވެސް މަންމަގެ އުފަލަށް މި ކަންތައް ކުރަނީ! މަންމަ ބޭނުންވާ ގޮތަށް އުޅެވޭތޯ ނަދީމްބެ ވެސް އަރޫޝާ ވެސް އެ ބަލަނީ. އަހަރެމެންނަށް މަންމަގެ ފުރާނަ ވަރަށް މުހިއްމޭ. ދާއިން ކީއްވެތަ އެވަރު ނުވިސްނަނީ؟" ރިޒާ ބުންޏެވެ.
" މަންމައާ މެދު ނުވިސްނަނީކީ ނޫނޭ. ދެން އެންމެ ރަނގަޅޭ. އަހަރެން ދެން ނޫޅެން ތި ކަންކަމާ ބެހޭކަށެއް." ދާއިން ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. އިތުރަށް މަޑުކުރުމެއް ނެތި އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ވެސް ރިޒާ ހުރީ ދާއިންއަށް ބަލާށެވެ.
" ބައްޕައަށް މައާފް ކުރޭ ދަރިފުޅާ! ބައްޕައަށް އެނގޭ ދަރިފުޅު އަރޫޝާދެކެ ވަރަށް ލޯބިވާކަން. އެކަމަކު..." ރިޒާއަށް ބުނެވުނެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ފެންކަޅިވެފައެވެ.
" ކޮންމެހެން އަހަންނާމެދު ހިތްހަމަޖެހިގެންނެއް ނޫން ދޯ ނަދީމްގެ މަންމަ އެ ގަބޫލު ވީ؟ އަރޫޝާ އަރޫޝާ އަރޫޝާ! އަރޫޝާގެ އުފަލަށް، އަރޫޝާގެ ހިތްހަމަޖެހުމަށް ހުރިހާ ކަމެއް ވެސް. ކީއްވެތަ އޭނަ ވަރިނުކުރާން އެ ވައުދު ކުރުވީ؟ އެ ބާރެއް ނަދީމްގެ މަންމައަކަށް ލިބިފައެއް ނޯންނާނެ. އަރޫޝާ ވެސް އޭނާގެ ރަނގަޅުކަން ދެއްކެން ވެގެން މަންމައާއި ބައްޕަގެ ލޯބި ހޯދަން، މާ މާތް ވާން ވެގެން އެގޮތަށް އެ ކަންތައް ކުރީ! " ޒައިނާ ވާހަކަތައް ދައްކާލީ އެއް ނޭވާއިންނެވެ. އޭނާ ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ..
" ހަމަޖެހިބަލަ! ނެތެއްނު ދެން ރަނގަޅު އެއް ގޮތް ވެސް. އެހާ ވަރުން ކައިވެންޏަށް އެއްބަސްވީ. ކޮންމެ ގޮތެއް ވިޔަސް އަރޫޝާގެ ސަބަބުން ދޯ މަންމަ އޯކޭ ވީ." ނަދީމް ބުނެލިއެވެ.
އެ ވަގުތު ޒައިނާ އިތުރަށް ރުޅި ގަދަވެ، ކަންފަތާ ފޯނު ދުރުކޮށްލީ، ނަދީމްގެ އަޑު އަހަންވެސް ބޭނުން ނުވެގެންނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!