" އަރޫ ލަސްވެގެން އިންތިޒާރު ކުރަންޖެހޭ މީހާ މިރޭ އޮތީ ޒައިނާގެ ކޮޓަރީގަ." ޖެހިލުމެއް ނެތި ދާއިން ބުނެލިއެވެ.
އެއާއެކު އަރޫޝާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ދާއިންގެ އަތް ފޮޅުވާލިއެވެ. ނަމަވެސް ދެ ވަނަ ފަހަރަަށް ވެސް ދާއިން އަރޫޝާގެ އަތުގައި ހިފައިފިއެވެ.
" ދާއިންއަށް ކިހިނެއް އެނގުނީ ؟" އަނެއްކާވެސް ދާއިންގެ އަތް ފޮޅުވާލަމުން އަރޫޝާ އެހިއެވެ.
ގަބޫލުކުރަން އުނދަގޫ ވުމުން އަރޫޝާ ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ. އޭނާ އެތަނުގައި މަޑުކުރީ ވެސް ހަމައެކަނި އެ މަގްސަދަށްޓަކައެވެ.
" އަރޫ ހީކުރީ އަހަރެން ދޮގު ހަދަނީ ކަމަށްތަ؟ " ދާއިން ވެސް ކުރީ ސުވާލެކެވެ.
" ނޫން. އަހަންނަށް ހީ ނުވަނީ." އަރޫޝާ މަޑުމަޑުން ބުނެލިއެވެ.
" ނަދީމްބެއަށް އިތުބާރު ވެސް ކުރަންތަ؟ އޭނަ ޒައިނާގެ ހަގީގަތް އަރޫއަށް އޮޅުވާލައިގެން އުޅުނުކަން މިހާރު ހަނދާން ނެތުނީތަ؟" ދާއިން ދެ އަތް އުރާލަމުން ސުވާލު ކުރިއެވެ.
" ތި ހުރިހާ ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން މި އަހަނީ ދާއިންއަށް ކިހިނެއް ހޭ އެނގުނީ؟" އަރޫޝާ ހިތްހަމަ ނުޖެހުނެވެ.
" އަހަންނަށް ފެނުނީ އެ ކޮޓަރިން ނިކުންނަނިކޮށް. އަރޫ ނެތް ވަގުތު ބަލާފައި، އޭނަ އެ ކޮޓަރިއަށް ވަންނާކަށް ނުޖެހޭނެ ދޯ! އެހެން ނޫނަސް، އަދި ކައިވެނި ވެސް ކުރީކީ ނޫން." ދާއިން އެހެން ބުނުމާއެކު އަރޫޝާ ފެންކަޅި ވެއްޖެއެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް، އެ މޫނުމަތީގެ ޝުއޫރުތައް ދާއިންއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ.
" ކީއްވެ އަރޫ؟ ކީއްވެ ދުރަށް ނުދާން ތި އުޅެނީ؟ " އަސަރާއެކު ދާއިން ސުވާލު ކުރިއެވެ.
ވޭނީ ހިނިތުންވުމަކުން އަރޫޝާ ކުރު ހިނިގަނޑެއް ޖަހާލީ ދާއިންއަށް ބަލައިލަމުންނެވެ. އޭނާގެ އެ ބެލުމުގައި އެތައް ވާހަކަތަކެއް ސިއްރު ކުރެވިފައިވާކަން ދާއިންއަށް ފާހަގަ ކުރެވުނެވެ.
" އަނެއްކާ، އަރޫ ނަދީމްބެ ދެކެ ލޯބިވަނީތަ؟ " އާގަންނަމުން ދާއިން އެހިއެވެ. ދާއިންގެ މޫނަށް ވެސް ބަލައިލަން ބޭނުން ނުވާ ފަދަ ގޮތަކަށް އަރޫޝާއަށް ބަލައިލެވުނީ ދުރަށެވެ.
" ކީއްވެ އެއްޗެއް ނުބުނީ؟ ދެ އަނތްބަށް އިންނަން އުޅެންޏާ، ގިނަ އަންހެނުން ފިރިމީހާކައިރިން އަވަހަށް ވަރިވާން މަސައްކަތް ކުރަނީ! އެކަމަކު ނަދީމްބެ މި ގެއަށް ރައްޓެއްސެކޭ ކިޔައިގެން އޭނަގެ ލޯބިވެރިޔާ ގެނެސް ބައިންދާފަ، ފުރަތަމަ ވެސް އަރޫއަށް އޮޅުވާލީ. ދެން މިހާރު ކައިވެންޏާ ހަމައަށް ދިޔައީ. އެކަމަކު ވެސް އަރޫއަށް ހަމަ އޯކޭ. ނަދީމްބެ ހެދިހާ ގޮތެއް ހެދިގެން އެބަ އިނދޭ. ތި ގޮތަށް ކެތްކުރަނީ ގިނަ މީހުން ދަރިން ތިބިއްޔާ، ދަރިންނަށްޓަކައޭ ބުނާތީ އިވޭ. ކިތަންމެ ލޯބި ވިޔަސް ފިރިމިހާ ޗީޓް ކުރިކަން އެނގޭ ހިސާބުން ގިނަ މީހުން ހަމަ ވަރިވޭ! އެކަމަކު އަރޫ؟ އަރޫ ކީއްވެތަ ތި ހުންނަނީ؟ " ދާއިންއަށް ވާހަކަ ދެއްކުނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެންނެވެ. އޭނާގެ މޫނުމަތީގައި ވެސް މިހާރު ހުރީ ރުޅިވެރިކަމުގެ އަސަރުތަކެވެ.
" އަހަރެން މިހާރު މިހުރީ މި އަނިޔާއަށް ހޭނި، އާދަވެފައެކޭ ދާއިން އަހަރެން ކައިރީ ނުބުނަންތަ؟ މި ދިރިއުޅުމައިގެން އަރޫ ކުރިއަށް ދާށެކޭ ނުބުނަންތަ؟ ހާދަ އަވަހަކަށް ތި ހަނދާން ނެތުނީ؟ ދެން މިހާރު ކުއްލިއަކަށް ކީއްވެ އަހަރެން ނަދީމް ކައިރިން ވަރި ނުވެގެން ތި އުޅެނީ؟" އަތުގައި އޮތް ދަބަސް، ކޮނޑުގައި އަޅުވާލަމުން އަރޫޝާ އެހިއެވެ.
" އޭރަކު އަހަންނަކަށް ނޭނގެ ނަދީމްބެއާ ޒައިނާ ގުޅުމެއް އޮންނަކަމެއް! އަހަރެން ހީކުރީ ނަދީމްބެއަކީ ވަރަށް ވަފާތެރި ރަނގަޅު މީހެއް ކަމަށް. އެހެން ނޫނަސް އޭރު އަހަރެން ބޭނުމެއް ނުވެ އަރޫގެ ދިރިއުޅުން ހަލާކުކޮށްލަން ތި ދެމެދަށް ވަންނާކަށް. އެކަމަކު ކިރިޔާ ވެސް ފުރުސަތެއް އޮތިއްޔާ އަހަރެން އަދިވެސް އަރޫ ބޭނުން. ޕްލީޒް އަރޫ! ނަދީމްބެއާ ދުރުވާނެ ކިތަންމެ ސަބަބެއް ދެއްކެން އެބައޮތް.." ދާއިން ހުރީ ކެތްމަދު ވެފައެވެ. އޭނާގެ ވާހަކަ އަޑުއަހަން އަރޫޝާއަށް މި ފަހަރު ހުރެވުނީ ކަޅި ޖަހައިނުލާ އެ މޫނަށް ބަލަހައްޓައިގެންނެވެ.
" ތެދެއް ތި ބުނީ! ނަދީމްއާ ދުރުވާނެ ކިތަންމެ ސަބަބެއްވެސް ދެއްކި ދާނެ! އެކަމަކު ނަދީމްއާ އެއްކޮށް އުޅެން އަހަންނަށް މަޖުބޫރުވާ ސަބަބު ދާއިން ހަނދާން ނެތުނީތީ ވަރަށް ދެރަވެއްޖެ." އަރޫޝާ ބުންޏެވެ.
އެއާއެކު ދާއިންއަށް ދެ ބުމަ ކައިރިކޮށްލެވުނީ އަރޫޝާ އެ ބުނި އެއްޗެއް ނުވިސްނިގެންނެވެ.
" ދާއިންގެ މަންމައަކީ ހާޓްޕޭޝަންޓެއް! ހާޓްއެޓޭކެއް ޖެހުމުގެ ފުރުސަތު އަދިވެސް އެބަ އޮތް. އެއީ ބަލި މީހެއް. މިއަދު އަހަރެން ބޭނުމެއް ނޫން އެ މަންމަ ހިތުގައި ޖައްސާފަ، ނޫނީ ރުޅި އަރުވައިގެން އެއްވެސް ކަމެއް ކުރުވާކަށް. އަހަރެންގެ ސަބަބުން މައެއްގެ ފުރާނަ ދާ ވަރުގެ ކަމެއް ދުވަހަކު ވެސް ނުކުރާނަން. މަޔަކު ނެތި އަހަރެން ދުނިޔޭގައި މި ހޭދަކުރީ ވަރަށް ހިތްދަތި ދުވަސްތަކެއް. އެ ދުވަސްތައް ދާއިން ދެކޭކަށް އަހަރެން ބޭނުމެއް ނޫން." އަރޫޝާ އިސްޖަހާލީ އަނެއްކާ ވެސް ރޮވެން އުޅުނީމައެވެ.
އެއްޗެއް ނުބުނެ ދާއިން އިރުކޮޅަކު މަޑުކޮށްލިއެވެ.
" ދެން އަހަރެން ގާތު ނާހައްޗޭ ނަދީމްއާއެކު އުޅެނީ ކީއްވެތޯ؟ ޒައިނާގެ ކޮޓަރިން އޭނަ ނުނިކުމެ އޮތަސް، އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން." އެހެން ބުނެ އަރޫޝާ އިތުރަށް މަޑުކުރުމެއް ނެތި ހިނގައިގަތެވެ.
އެއާއެކު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދާއިން އަރޫޝާގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު އަރޫޝާއަށް އިސްއުފުލައި ބަލައިލެވުނެވެ. ގޭ ބޭރުގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލިން އަރޫޝާގެ ކޯތާފަތުން ދައުރުވަމުންދާ ކަރުނައިގެ ދަޅަ، ދާއިންއަށް އެ ވަގުތު ފެނުނެވެ. އެއާއެކު އަރޫޝާގެ ހިތުގައި ހުރި ހުރިހާ ޒަހަމެއް އެ މޫނުމަތިން ފެނުނުހެން ދާއިންއަށް ހީވިއެވެ. ބޭއިހްތިޔާރުގައި ދާއިންއަށް އަރޫޝާގެ ދެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލެވުނެވެ.
ގައިން ވަރު ދޫވެފައި ހުރި، އަރޫޝާއަށް ދާއިންގެ މޭގައި މޫނު ޖައްސާލެވުމާއެކު ގިސްލެވެން ފެށިއެވެ. އިހްތިޔާރަކާނުލައި، ދާއިންގެ ގައިގައި ހިފަހައްޓާލެވުނެވެ. އޭނާގެ ހިމާޔަތަކީ ހަމައެކަނި ދާއިންކަމުގައި އިހްސާސް ކުރެވުނެވެ. ވޭނާއި ތަކުލީފުތަކުން ބަރުވެފައި އޮތް އަރޫޝާގެ ހިތަށް އެވަގުތު ފިނިކަން ލިބުނުކަން އޭނާއަށް އެނގުނެވެ. އެންމެ ލޯބިވާ، އަދި ހިތް އެދޭ މީހާއާ އެހާ ގާތް ވެލުމުގެ ފުރުސަތު ވެސް އޭނާއަށް އެ ލިބުނީ އަލަށެވެ.
ދާއިންގެ ގައިން އަބަދުވެސް އޭނާއަށް ދުވާ ސެންޓުގެ ވަސް، ނޭފަތުގައި ޖެހުމާއެކު ކުރީގެ ހަނދާންތައް އޭނާގެ އިހްސާސްތަކާ ކުޅެން ފެށިއެވެ. ދާއިން މަޑުމަޑުން އަރޫޝާގެ ބުރަކަށީގައި އަތް ޖައްސާލުމާއެކު އަރޫޝާއަށް ދެ ލޯ ހުޅުވާލެވުނެވެ. ކުރެވުނީ ކުށެއް ކަމުގައި ބުނެ އޭރު، ސިކުނޑި އިންޒާރު ދެމުން ދިޔައެވެ. އެއާއެކު ސިހިފައި ކަހަލަ ގޮތަކަށް އޭނާއަށް ދުރަށް ވެސް ދެވުނެވެ. އަވަސް ކުރު ނޭވާތަކެއް ބޭރު ވަމުން ދާ ވަރަކަށް މީހާ ވަރުބަލިވާހެން ހީވިއެވެ. އަރޫޝާ ދުރަށް ޖެހުމާއެކު ދާއިން ވާހަކަ ދައްކަން ފެށިއެވެ.
" ބިރު ގަތީތަ؟ އަހަންނަށް އެނގޭ އަރޫ އަހަންނާ ދުރަށް ދާހިތެއް ނުވާނެކަން." ދާއިން އެހެން ބުނުމާއެކު އެއް އަތުން މޫނު ފުހެލަމުން އަރޫޝާ އިސް ޖަހާލިއެވެ.
ދާއިން އަނެއްކާ ވެސް އަރޫޝާއާ ގާތަށް ޖެހިލިއެވެ. އަރޫޝާ އޭރު ވެސް ހުރީ އިސްއުފުލައިލަން ނުކެރިފައެވެ.
" ދާއިން ޕްލީޒް! އަހަރެން އިމްތިހާނު ނުކުރޭ. އަހަރެން މި ހަނގުރާމައިގެ ތެރެއަށް އެކަނި ދޫކޮށްލާ!" އަރޫޝާ ބުންޏެވެ.
" ތިހެން ވާހަކަ ނުދައްކަފާނަންތަ؟ ބުނެބަލަ އަރޫ! އަހަރެންދެކެ ލޯބިވޭތަ؟ އަދިވެސް...." ދާއިން އެހިއެވެ.
ދާއިންގެ ސުވާލުން، އަރޫޝާގެ ހިތަށް އިތުރަށް އަސަރު ކުރުވައިފިއެވެ. އޭނާ މިހާރު ބޭނުންވެފައި ހުރީ، ހިތުގެ ހާލަތު ދާއިންއަށް ކިޔައިދޭށެވެ.
" ތި ނޫން މީހަކު ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވަން. އަދި ނުވެސް ވެވޭނެ. " އަރޫޝާ ބުންޏެވެ.
އެއާއެކު ދާއިންއަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަހަލައެވެ. އޭނާ ހިތްހަމަ ޖެހުނުވަރު އެ މޫނުމަތިން އަރޫޝާއަށް ފެނުނެވެ.
" ދާއިން. ނަދީމްއާ ކައިވެނިކޮށްގެން އަހަރެން އުއްމީދުތަކެއް ކުރިން. ދާއިން ދުވަހަކު ވެސް ނުލިބޭނެކަން އޭރު ވެސް އެނގޭ. އެހެންވެ، އަހަރެން ހުރީ ނަދީމްއާއެކު ރަނގަޅަށް އުޅެން ބޭނުން ވެފައި. އެކަމަކު... ކައިވެނީގެ ކުރިން އަހަންނަށް އެނގިއްޖެ ނަދީމް ވެސް އަހަރެން ދެކެ ލޯބި ނުވާކަން. ދެން... އެ ދުވަހަށް ފަހު އަހަރެމެންނަކީ އަދިވެސް ދެ ބީރައްޓެހިން. އަހަރެމެންގެ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ. އެއީ ކަންނޭނގެ އަދިވެސް އަހަރެންގެ ހިތުގައި ދާއިންގެ ލޯބި ބިންވަޅުނެގިފައި އޮތް ސަބަބަކީ." އަރޫޝާ ބުންޏެވެ.
" ވަޓް؟ އެއްވެސް ގުޅުމެއް ނޯވެޔޭ؟" ދާއިންއަށް ހުރެވުނީ ގަބޫލު ކުރަން ދަތިވެފައެވެ.
" އަހަރެން މި ބުނީ ތެދެކޭ! އަހަންނަކީ ނަމެއްގައި ނަދީމްގެ އަނބިމީހާ! އަހަރެމެން ދެ މީހުން ވަރަށް ދުރު. އެއްވެސް ގުޅުމެއް ހަމަ ނޯންނާނެ. ނަދީމް ޒައިނާދެކެ ލޯބިވާކަން އެނގުނު ފަހުން، އަހަރެން ނަދީމްގެ ލޯބި ހޯދާކަށް އެއްވެސް މަސައްކަތެއް ނުކުރަން. " އަރޫޝާ ބުންޏެވެ.
އަރޫޝާގެ ކެތްތެރިކަމާއި ރަނގަޅުކަން އިހްސާސް ކުރެވި ހައިރާންވެފައި ދާއިންއަށް ހުރެވުނީ އަރޫޝާއަށް ބަލާށެވެ.
" ނަދީމްއާ ކައިވެނި ކުރުމަށްފަހު، އަހަރެން މަންމަމެން ގާތު ހީހީފައި، އުޅުނަސްއަހަރެން ހެނީ އުފަލަކުން ނޫނޭ ދާއިން.. ދާއިންއަށް މިހާރު އެނގޭނެ އަހަރެންގެ ހިތުގައި ވޭން އަޅާނެ ވަރު. ތަދު ވާނެ ވަރު. ޒަހަމް ހުންނާނެ ވަރު. އެ ވޭނާ ތަކުލީފުތަކާއެކު، ކިތަންމެ ފަހަރަކު ހުންނާނެ ހިތްވަރުލައިފަ ހީލާފަ. އުފާވެރި ގޮތް ދައްކާފަ. " އަރޫޝާގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު ދާއިން ވާހަކަ ދައްކަން ފެށީ އަރޫޝާގެ އަތުގައި ހިފާލަމުންނެވެ.
" އަރޫ! އަހަންނަކަށް ހިއެއް ނުވެ އަރޫ ތި ހާލަށް ދޫކޮށްލެވިދާނެ ހެންނެއް. އަހަރެމެން ދެ މީހުން ގޮސް މަންމައާ ވާހަކަ ދައްކަން އުޅޭ! ޕްލީޒް ނޫނެކޭ ނުބުނައްޗޭ. މަންމަ ދެރަނުވާ ގޮތަށް، ރުޅި ނާންނަ ގޮތަށް ނަސޭހަތް ދޭނީ. ބައްޕަ މާ އަންޑަސްޓޭންޑްވާނެ. ފުރަތަމަ ބައްޕަ ކައިރީ ވާހަކަ ދައްކާނީ.." ދާއިން ހުރީ ކެތްމަދު ވެފައެވެ.
" ދާއިން! ތި ގޮތް ވެސް އޮތްކަން އަހަންނަށް ނޭނގޭތީއެއް ނޫނޭ މި ހެން މި ހުންނަނީ! ދާއިންއަށް ވުރެ ބޮޑަށް އަހަންނަށް ދާއިންގެ މަންމަގެ ގޮތް އެނގެޔޭ. މަންމަ ވިސްނަނީ އެހެން މީހުން ދެކޭނެ ގޮތަކާމެދު. އެހެން މީހުން އަހަރެމެންނަށް ކުރާނެ މަލާމާތާމެދު. މަންމަގެ ރައްޓެހިން މަންމަ މެންނަށް ކިޔާނެ އެއްޗެއްސާމެދު. އެ ސިފައަކީ އެހާ ފަސޭހައިން ބަދަލު ކުރެވޭނެ ކަމެއް ނޫން. " އަރޫޝާ ބުންޏެވެ.
" އެކަމަކު ޓްރައި ކުރެވިދާނެ އެއްނު." ދާއިން އެހިއެވެ.
" ނޫނެކޭ. އަހަރެން މި ބުނީއެއްނު. އަހަންނަކަށްނު އެނގޭނީ އަހަރެން ގާތު މަންމަ ދައްކާ ވާހަކަ. ޒައިނާއާ ނަދީމްގެ ކައިވެންޏަށް ވެސް މަންމަ އޯކޭ ދިނީ އަހަރެން ނަދީމް ގާތުން ވަރި ނުވެ ހުންނަ މަތިން. ދާއިން ޕްލީޒް އެކަހަލަ ކަމެއް ނުކުރައްޗޭ. އަހަރެން ދާއިންދެކެ ލޯބިވާކަން ހާމަ ކުރުމަކީ ދާއިންއާ އިންނަން އެއްބަސް ވުމެއް ނޫނެއްނު." އަރޫޝާ ހުރީ އަވަސް ވެފައެވެ
" އިންނަން އެއްބަސް ނުވިޔަސް އަހަރެންގެ އުއްމީދު އާވެއްޖެ! " ހިތްހަމަ ޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ދާއިން ބުންޏެވެ. ނަމަވެސް އޭރު ވެސް އަރޫޝާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.
" މި ބުނީއެއްނު އަހަރެން ލޯބިވެޔޭ ބުނެގެން އުފާ ނުވާށޭ. ލިބުމެއް ނުވާ ލޯތްބަކަށް ކޮން އުއްމީދެއް ތި ކުރަނީ؟" ތުރުތުރުއަޅާ އަޑަކުން އަރޫޝާ ބުނެލިއެވެ.
" އަދި ލިބޭނެ. އަހަރެން އިންތިޒާރު ކުރާނަން. މުޅި އުމުރަށް ވިޔަސް... " ދާއިން ބުންޏެވެ.
" މިހެން ވެދާނެތީ އަހަރެން ދާއިންއާ ވާހަކަ ނުދައްކަނީ ވެސް. އަހަރެން ބޭނުމެއް ނޫން އަހަންނަށްޓަކައި ދާއިން ތިހެން ހުންނާކަށެއް. ދާއިން ވެސް ކައިވެންޏެއް ކޮށް، ދަރިން ވެސް ހޯދަން ޖެހޭނެ. ޒުވާން އުމުރު ނުދަނީސް ދިރިއުޅުމެއް ފަށަން ޖެހޭނެ. އަހަރެން މި ބުނީއެއްނު ލޯބިވިޔަސް، އަހަރެމެން ދެ މީހުންނަކަށް އިތުރު ގޮތެއް ނެތޭ. ދާއިންއާ ހެދި މިރޭ އަހަރެންގެ ހިތް އިހްތިޔާރުން ބޭރުވީ. ދާއިންއާ ހެދި އަހަންނަށް މިރޭ މާ ގިނަ ވާހަކަ ވެސް މި ދެއްކުނީ." އަސަރާއެކު އަރޫޝާ ބުންޏެވެ.
" އަރޫ ކޮންމެ އެއްޗެއް ކިޔަސް، އަހަރެން އަރޫދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނެ. އިތުރަށްވެސް ހަމަ ލޯބި ވެވޭނީ. " ދާއިން ބުންޏެވެ.
" އަހަންނަށް ވަރަށް އުނދަގޫވޭ ދާއިން ފެންނާތީ ވެސް." އަރޫޝާ ބުނެލިއެވެ.
" ދެ ދުވަހެއްގެ ތެރޭގައި އަހަރެން ފުރަމޭ." ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާގެ މޫނުމަތި އިތުރަށް ބަނަ ވެއްޖެއެވެ. އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ. ދާއިން ފެނުމުން ހިތަށް އުނދަގޫވީ ނަމަވެސް، އޭނާ ނުހަނު އުފާވެއެވެ. ދާއިންއާ ވާހަކަ ދައްކާ ހިތްވެއެވެ. ދެކޭ ހިތްވެއެވެ.
" ކިހިނެއްވީ؟ އަހަރެން ދާ ވާހަކަ ބުނީމަ ދެރަވެއްޖެ ދޯ!" ދާއިން ބުނެލިއެވެ.
އެއާއެކު އަރޫޝާއަށް ހިންދިރުވާލެވުނެވެ.
" އަހަރެން ވާހަކައެއް ބުނަން ބޭނުން." އަރޫޝާ ބުނެލިއެވެ.
އަރޫޝާ އެހެން ބުނުމާއެކު ދާއިންއަށް އުފަލުން ހީލެވުނެވެ. އަދި މަޑުމަޑުން އަރޫޝާގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.
" އަވަހަށް ބުނޭ! އަހަރެން މި ހުންނަނީ އަރޫ އެއްޗެއް ނުބުނެގެން. އަރޫ ދައްކާ ކޮންމެ ވާހަކައެއް ވެސް އަހާ ހިތުން އަޑު އަހާނަން." ދާއިން ވާހަކަ ދެއްކި އިރު އަރޫޝާ ހުރީ ސީދާ ދާއިންގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ.
" އަހަރެން އެދެނީ އަހަރެން މަތިން ދާއިން، މުޅި އުމުރަށް ހަނދާން ނައްތާލަން. އަހަރެން ދުޢާ ކުރާނަން އަހަރެންގެ ހިތުން ދާއިންގެ ތަސްވީރު ފޮހެވިގެން ދިޔުމަށް އެދި. އަދި ހަނދާނާއި ހިޔާލުތަކުން ވެސް ތި ނަން ފިލައިގެން ދޭތޯ. އަހަރެން ދާއިން ދެކެ ކިތަންމެ ލޯބި ވިޔަސް، ދާއިންއެއް ބޭނުމެއް ނޫން. ޕްލީޒް އަހަންނާ ދުރަށް ދޭ. އަހަންނަށް މައާފްކުރޭ." އެހެން ބުނުމަށްފަހު މަޑުމަޑުން އަރޫޝާ، އަތް އުފުލައި ލުމަށްފަހު އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާފައި ހުރި ދާއިންގެ ދެ އަތުގައި އަތް ޖައްސާލިއެވެ. އޭރު ވެސް އޭނާ ހުރީ ތުރުތުރުއަޅާ ހާލުގައެވެ. މަޑުމަޑުން ދާއިންގެ ދެ އަތް ނައްޓުވާލުމަށްފަހު ދުރަށް ޖެހިލިއެވެ.
މާޔޫސްވެފައި ހުރެ ދާއިން، އަރޫޝާއަށް ބަލަމުން ދިޔައެވެ. އިތުރަށް އެތާ ނުހުރެ، އަރޫޝާ ދުއްވައިގަތީ ގެއަށް ވަންނާށެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދާއިންއަށް ޖޯއްޔާ ދިމާލަށް ހިނގައިގަނެވުނީ ހިތަށް އިތުރަށް ލިބުނު ތަކުލީފްތަކައިގެން ހިތްދަތި ވެފައި ހުރެއެވެ.
ކޮޓަރި ދޮރުމަތީގައި ހުރެ، އަރޫޝާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ދަބަހުން ޓިޝޫއެއް ނެގުމަށްފަހު މޫނު ފުހެލި އިރު ވެސް އޭނާ ހުރީ ފެންކަޅި ވެފައެވެ. މަޑުމަޑުން ކޮޓަރިއަށް ވަނުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެނދުގައި ލެނގިލައިގެން މުށިތައް މަތީގައި ނަދީމް އިންތަން ފެނި އަރޫޝާއަށް އިތުރަށް ފިޔަވަޅެއް ވެސް އަޅާކަށް ނުކެރުނެވެ. އަރޫޝާ އެތެރެއަށް ވަތް ތަން ފެނި، ނަދީމް އަވަސް އަވަހަށް ތެދުވިއެވެ.
އެ ވަގުތު އަރޫޝާގެ ސިކުނޑީގައި ކުޅެލީ ދާއިން ދެއްކި ވާހަކަތަކެވެ. ނަދީމް، ޒައިނާގެ ކޮޓަރިއަށް ދިޔަ ވާހަކައެވެ.
" ނާހާނަންތަ ނުނިދާ މި އިނީ ކީއްވެތޯއެއް ވެސް؟" ނަދީމް އެހިއެވެ.
އެއާއެކު އަރޫޝާގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. ނަދީމް އައިސް ހުއްޓުނީ ސީދާ އަރޫޝާގެ ކުރިމަތީގައެވެ. ބިރުން ހުރެ އަރޫޝާ ނަދީމްއަށް ބަލައިލުމާއެކު އޭނާއަށް ފެނުނީ މުޅިން އެހެން މޫނެކެވެ. މީގެ ކުރިން ނަދީމް ދުވަހަކު ވެސް އޭނާއާ އެ ފަދަ ގޮތަކަށް ބަލާ ތަނެއް ފެނިފައެއް ނުވެއެވެ. އެ ދެ ލޮލުން މިރޭ ފެންނަނީ ތަފާތު ބެލުމެކެވެ. އަރޫޝާގެ މޫނު ރަތްވެ، ހިތް ވެސް ބާރުބާރަށް ތެޅެން ފަށައިފިއެވެ.
" އަހަރެން ދެކެ ބިރުންތަ ތި ހުރީ؟" ނަދީމް ސުވާލު ކުރިއެވެ. އެއާއެކު އަރޫޝާ އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލައިލިއެވެ.
" ނޫން. ވަރުބަލި ވެފަ. " އަރޫޝާ އެހެން ބުނެ ދަބަސް އަތަށް ވައްޓާލަމުން އަލަމާރިއާ ދިމާލަށް ހިނގައިގަތެވެ.
މިރޭ ނަދީމް މާ ވާހަކަ ދައްކަން އުޅޭހެން ހީވެގެން ވެސް އަރޫޝާއަށް ހުރީ އުނދަގޫ ވެފައެވެ. އެހެންވެ ބޮޑަށް އަރޫޝާ ބެލީ، ނަދީމްއަށް ނުބަލާ ވޭތޯއެވެ.
" ތޭންކްސް." ނަދީމް ބުނެލިއެވެ.
އަރޫޝާއަށް ބޭއިހްތިޔާރުގައި ނަދީމްއާ ދިމާލަށް ބަލައިލެވުނެވެ. އޭރު ވެސް ނަދީމް ހުރީ އާދަޔާ ހިލާފް ގޮތަކަށް ހެވިފައެވެ.
" އަހަރެން ތެންކްސް މި ބުނީ އަހަންނާ ޒައިނާގެ ކައިވެންޏަށް މަންމަ އޯކޭ ކުރީމަކާ ނޫނޭ. " ނަދީމް ބުންޏެވެ.
މި ފަހަރު ވެސް އަރޫޝާ އެއްޗެއް ނުބުންޏެވެ. އަލަމާރީގައި ބުރަކަށި ޖައްސާލައިގެން ނަދީމްއަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ނޭނގިގެން އަރޫޝާއަށް ވަރަށް އުނދަގޫވެއްޖެއެވެ. އަދި ނަދީމްގެ މޫނުމަތީގައިވާ އުޖާލާކަމާއި ހިނިތުންވުމުގެ ފަހަތުގައިވަނީ ކޮން ސަބަބެއް ކަން އޮޅުން ފިލުވާ ހިތްވެއްޖެއެވެ.
" މީހުން ބުނެ އެއްނު ކޮންމެ ދަތި ދުވަސްތަކެއްގެ ފަހަތުގައި ކޮންމެވެސް އުފަލެއް ވާނެޔޭ. އަދި ކޮންމެ ކަމަކީވެސް ހަމަ އިމްތިހާނެއް ދޯ؟ " ނަދީމް ބުނެލިއެވެ.
އެއަށްފަހު އޭނާ މަޑުމަޑުން ހިނގާފައި ގޮސް އަލަމާރީގައި ލެނގިލިއެވެ. ނަމަވެސް އަރޫޝާއާ ތަންކޮޅެއް ދުރުގައެވެ.
" ލޯތްބަކީ ހާދަ ފާޑެއްގެ އެއްޗެކޭ. އިންސާނާގެ ހިތް އެ މީހަކަށްޓަކައި ފިދާވާ ވަރަށް ލޯބިވާ މީހަކު ހުރި ނަމަވެސް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކެތްތެރިކަމާއި ކުލުނުވެރި އެހެން ހިތެއް ފެނިއްޖެއްޔާ، އެ ހިތުގެ ވެރިޔާދެކެ އަރޫ ނަމަ ލޯބި ވެވިދާނެތަ؟ " ނަދީމް ބުންޏެވެ.
އެއާއެކު ދެ މީހުންނަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނީ އެކު އެކީގައެވެ. ނަދީމްގެ މޫނުމަތީގައިވާ ހިނިތުންވުމުގެ އަސަރުތަކުން އަރޫޝާ ދާހިއްލައިގަތެވެ. އޭނާއަށް ހިންދުވާލެވުނީ ދޭނެ ޖަވާބެއް ނޭނގިގެންނެވެ.
" ލޯތްބަކީ އެއީއެއްނު. ލޯބީގައި ހިމެނޭ ހަގީގީ އަސާސްތަކަކީ ވެސް ހަމަ އެއީ! އަދި ލޯތްބަކީ ހަމައެކަނި ބުނެލާ ބަހެއް ނޫންކަން އަހަންނަށް ކޮންމެވެސް މީހަކު ދަސްކޮށްދީފި! " އަނެއްކާ ވެސް ނަދީމް ބުނެލިއެވެ. ( ނުނިމޭ)
ނޯޓު: ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މި ވާހަކަައިގެ ބުރާސްފަތި ދުވަހުގެ ބައި ވަނީ ގެނެސް ނުދެވިފައެވެ. އެހެންކަމުން މި ވާހަކައިގެ އައު ބައެއް މާދަމާ (23 ޑިސެމްބަރު ވާ ހޯމަ ދުވަހު) ގެނެސްދޭނެވާހަަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!