ފަހުވަގުތު އިންޓަ ބަލިކޮށް ލެވަކޫސަން ދެވަނައަށް

IMG_9180

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނާއި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު ފަހުވަގުތު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލެވަކޫސަން ޖެހިލައިފިއެވެ. ރޭ އަމިއަލް ދަނޑުގައި ލެވަކޫސަން އިން ވަނީ 1-0 ގެ ނަތީޖާއިން އިންޓަ ބަލިކޮށްފައެވެ.

ރޭ މެޗުން މޮޅުވެ ލެވަކޫސަން އިން ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައި ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތިންވަނާގައި އޮތް އެސްޓަން ވިލާއަށާއި ހަތަރުވަނާގައި އޮތް އިންޓަ މިލާންގެ އިތުރުން ފަސްވަނާގައި އޮތް ބްރެސްޓަށް ވެސް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ލެވަކޫސަންއަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނާގައި އޮތީ އަދި މިހާތަނަށް މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ބަލިނުވާ ލިވަޕޫލެވެ. ރޭ ރަށުން ބޭރުގައި ޖިރޯނާއާއި ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.

ރޭ މެޗުގައި ލެވަކޫސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ. މިގޮތުން ނަތަން ޓެލާ، ފްލޯރިއަން ވިޓްޒްގެ އިތުރުން ޖޮނަތަން ޓާއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މި ހަމަލާތައް ހުއްޓުވުމުގައި އިންޓަގެ ކީޕަރ ޔަން ސޮމާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި މާޓިން ޓެރިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ނޯޑީ މުކެއިލޭއެވެ.

ރޭ މެޗުގައި ލެވަކޫސަންގެ ގޯލާއި އަމާޒުކޮށް އިންޓައަށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނުއިރު، މިއީ 2022 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮންޓާގެޓް ޝޮޓެއް ފޮނުވާނުލެވި އިންޓައިން ނިންމާލި ފުރަތަމަ މެޗެވެ.

ލެވަކޫސަން އިން މި ސީޒަންގައި އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. މިއީ 2011-12 ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން އެ ޓީމް މޮޅުވި ފުރަތަމަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *