ހދ.ހަނިމާދޫ ކައުންސިލުން އެ ރަށު މަގުތަކުގައި ޒަމާނީ މަގުބައްތި ހަރުކޮށް ދިއްލާ އަލިކޮށްފިއެވެ.
ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ މަގުބައްތި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ފޭސްގައި ވަނީ 180 ވޯޓްގެ 150 ލެޑް މަގުބައްތި ހަރުކޮށްފައެވެ. ހަނިމާދޫ ކައުންސިލުން މިނެޓް ޕްލަސް ކޮންޓްރަކްޝަން ކޮމްޕެނީއާއި ހަވާލުކޮށްގެން ފޭސް ދެއެއްގެ މަސައްކަތް މިހާރު ނިންމާފައިވާއިރު ދެވަނަ ފޭސްގައި ވަނީ 100 ވޯޓް، 268 ލެޑް މަގުބައްތި ހަރުކޮށްފައެވެ.
ބައްތި ޕްރޮޖެކްޓްގެ ދަށުން މަގުތަކަށް އިތުރު ފުރިހަމަކަން ގެނައުމަށް، މި ދެ ޕްރޮޖެކްޓްގައި ވެސް ބޭނުން ކޮށްފައި ވަނީ އެއް ޑިޒައިނަކަށް ތައްޔާރުކުރެވިފައިވާ ލައިޓް ޕޯސްޓްތަކެވެ. އައު ނަރުއަޅައި އައު ޑިސްޓްރިބިއުޝަން ބޮކްސްތައް ހަރުކޮށް ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުރިހާ ޑިސްޓްރިބިއުޝަންތަކުގައި ވަނީ އާތު ލީކޭޖް ސާކެޓް ބްރޭކާ ހަރުކޮށްފައެވެ.
ހަނިމާދޫގައި ތާރުއަޅައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލާފައި ވަނީ ފާއިތުވި އަހަރުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓްގެ ދަށުން ތާރުއެޅި ހުރިހާ މަގެއްގައި އެމްޓީސީސީން ވަނީ 150 ވޯޓްގެ ލެޑް މަގުބައްތި ހަރުކޮށްފައެވެ.
މި ތިން ފިޔަވަހީގެ ދަށުން މިހާރު ހަނިމާދޫގެ ހުރިހާ މަގުތަކާއި ހަނި ގޯޅިތަކާއި ބީޗް ސައިޑް ހިމެނޭހެން މުޅިރަށް ވަނީ އެއްކޮށް ދިއްލާ އަލިކޮށްފައެވެ.
މި މަސައްކަތާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ވިދާޅުވީ މީ އަޅުގަނޑުމެން އިންތިހާބުގައި ހަނިމާދޫ ރައްޔިތުނަށް ވީ އެއްމެ ބޮޑު އެއް ވައުދުކަމަށާއި، މިހާރު ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އަނދިރި މަގެއް އަދި ކުޑަ/ހަނި ގޯޅިއެއް ވެސް އަލިކަމެއްނުވެ ނޯންނަވަރަށް، މިވަނީ ޒަމާނީފެންވަރުގައި އަލަށް ކޭބަލްއަޅައި، ޒަމާނީ މަގުބައްތިއާއި، އަލިގަދަ ލެޑް ލައިޓު ހަރުކޮށްފައި ކަމަށެވެ. މި ޕްރޮޖެކްޓްގެ ތެރެއިން މަގުބައްތިތަކުގެ ކަރަންޓްގެ ރައްކާތެރިކަން ވެސް ކަށަވަރުކުރެވި އާވިލުމަކުން މުޅި ހަނިމާދޫ ބީޗާއެއްކޮށް ދިއްލާލާފައިވާ ކަމުގައި އެ ޕޯސްޓްގައި ވެއެވެ.
ފިރާގު އިތުރަށް ވިދާޅުވީ މިއީ ހަނިމާދޫގެ ތަރައްގީގައި މި ފަހުގެ ތާރީހެއްގައި ވެސް ރަށަށް ގެނެވުނު އެއްމެ ބޮޑު އިންގިލާބީ އަދި ރައްޔިތުމީހާ ބޭނުންވި ބަދަލު ކަމަށާއި ރަށާއި ހަވާލުވީ ފުރަތަމަދުވަހުންފެށިގެން އަޒުމަކަށް ވީ ހަނިމާދޫއަކީ ތަރައްގީގެ ރޭހުގައި ރާއްޖޭގައި ބާރަށް ތަރައްގިވަމުން އަންނަ ލިސްޓްގެ ކުރީގައި އޮންނަ ރަށަކަށް ހެދުން ކަމަށެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ފިރާގު ވިދާޅުވީ މަގުބައްތި ޕްރޮޖެކްޓްގެ ތިންވަނަ ފޭސް ވެސް ކައުންސިލުން ހިންގާނެ ކަމަށާއި، ތިންވަނަ ފޭސްގައި ލައިޓް ޖަހާނީ އަލަށް ގެވަޅު ދޫކުރެވުނު ސަރަހައްދުތަކުގައި ކަމަށެވެ.