ސިލްސިލާ ވާހަކަ: ލޯބިވިޔަސް (23)

loabi viyas

ކުރީގެ އަދަދާއިގުޅޭ،

" މިހާރު އެއްވެސް ކަމަކާމެދު ނުވިސްނާށޭ ޑޮކްޓަރު ވެސް އެ ބުނަނީ. އަދި އެއްވާހަކަ ބުނަންތަ؟ އަހަރެން ގާތު މިއަދު ދެއްކި ވާހަކަތަކާމެދު އިތުރަށް ނުވިސްނައްޗޭ! ނަދީމްއާ އެ ވާހަކަ އަހަރެން ދައްކާނަން..." ރިޒާ ބުންޏެވެ.

ވަގުތަކީ ނަދީމްއާއި ދާއިން އެތަނަށް އައިސް ވަތް ވަގުތެވެ. މަދީހާ ފެނުމާއެކު ދާއިންއަށް ވުރެ ކުރިން ނަދީމް، މަދީހާ ގާތަށް ދިޔައެވެ. އަތުގައި އޮތް ކޮތަޅު އެނދު ކައިރީގައި ހުރި ކަބަޑުމަތީ ބަހައްޓަމުން ދާއިން ވެސް މަދީހާގެ މޫނަށް ބަލައިލިއެވެ.

" މަންމަ ގޮވައިގެން ރަށަށް ދާހިތުން މި ތިބެނީ. ދޯ ކޮއްކޯ." ނަދީމް ބުންޏެވެ.

ނަމަވެސް މަދީހާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ. ލުއި ހިނިތުންވެލުމަކުން އޭނާ ފުއްދާލީއެވެ. އެއްވެސް ވަރަކަށް އެ މީހުންނާ ވާހަކަ ދައްކަން ބޭނުންވާ ހެނެއްވެސް ހިއެއް ނުވެއެވެ.

" ޓެސްޓް ނަތީޖާ ލިބުނީމަ ދޫކޮށްލާނެ ދޯ." ރިޒާއަށް ބަލައިލަމުން ނަދީމް އެހިއެވެ.

" މަންމައަށް އެނގޭ ދަރިފުޅު ގެނެސްގެން ތި އުޅެނީ ކާކުކަން." ކުއްލިއަކަށް މަދީހާ ވާހަކަ ދައްކަން ފެށިއެވެ.

އެއާއެކު ނަދީމްގެ އިތުރުން ދާއިންއާއި ރިޒާއަށް ވެސް ލިބުނީ ހައިރާންކަމެވެ. ނަދީމްއަށް ރިޒާގެ މޫނަށް ބަލައިލެވުނީ ހާސްވެފައި ހުރެއެވެ.

" މަދީހާ! އުޅޭ މި ކުދިން ގެނައި ޖޫސްޕެކެޓް ބޯލަން." ރިޒާ ބުންޏެވެ.

ހާސްހިތަކައިގެން އޭނާ އެ ކޮތަޅު ތެރެއިން ޖޫސްޕެކެޓެއް ނެގިއެވެ. މަދީހާ ދައްކަން އުޅޭ ވާހަކަ ރިޒާއަށް އެނގޭ ކަހަލައެވެ. މައުޟޫ ބަދަލުކޮށްލުމަށްޓަކައި ރިޒާ އަވަސް އަވަހަށް އެނދު ކޮޅުގައި އިށީނެވެ. އަދި ލޮލުގެ އިޝާރާތުން އެ ވާހަކަތައް ނުދެއްކުމަށް އެދުނެވެ.

" މިއީ ނުދައްކާ ހުންނަންޖެހޭ ވަރުގެ ވާހަކައެއް ނޫނޭ ރިޒާ! ސިއްރު ކުރާ ކަހަލަ ކަމެއް ވެސް ނޫން. " މަދީހާ ބުންޏެވެ.

" ކިހިނެއްވީތަ މަންމާ؟ ޑޮކްޓަރު ބުނުއްވިއެއްނު މަންމަ އެއްވެސް ކަމަކާ ނުވިސްނާށޭ. " ދާއިން ބުނެލިއެވެ.

" އަހަރެން ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫނޭ ދައްކަން މިއުޅެނީ. އަހަންނަށް ދެން ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ވެސް މި ވާހަކަތައް ނަދީމްއަށް ކިޔައިދެވުނީމަ. ޒަައިނާ މަންމަ ގާތު ދެއްކި ވާހަކަތައް ނަދީމްއަށް އެނގެން ޖެހޭނެ." މަދީހާގެ ވާހަކައިން ނަދީމްއަށް ތެޅިގަނެވުނެވެ.

" ޒައިނާ ދެއްކި ވާހަކަތަކެކޭ؟" ނަދީމްއަށް ބުނެވުނެވެ.

ރިޒާ މަޑުމަޑުން އެނދު ވަށައިގެން ހުރި ފޮތިގަނޑު ދަމާލިއެވެ. މަދީހާ ދައްކަން އުޅޭ ވާހަކައިގެ ސީރިއަސްކަން ރިޒާއަށް އެނގެއެވެ. މަދީހާ ގާތު އެ ވާހަކަތައް ނުދައްކާށޭ ބުންޏަސް، އޭނާ ނުހުއްޓުވޭނެކަން ވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން މަދީހާ ހިތް އެދޭ ގޮތަށް، ކަންތައް ކުރުމަށް ރިޒާ ފުރުސަތު ދިނެވެ. އޭނާ އަނެއްކާވެސް ގޮސް އެނދު ކޮޅުގައި އިށީނދެލިއެވެ.

" އެންމެ އަވަހަށް ފުރާ ބޯޓުން ޒައިނާ މާލެ ފޮނުވާލާށޭ މަންމަ ބުނީ، އަރޫޝާއާ ނަދީމްގެ ދިރިއުޅުން ހަލާކު ކުރަން އުޅެނީ ކަމަށް ހީކޮށް. އެކަމަކު... ޒައިނާއަކީ ނަދީމްގެ ކާކުކަން އޭނަ މަންމައަށް ބުނެދީފި. ހުރިހާ ވާހަކައެއް ކިޔައިދީފި. އަދި ޒައިނާ ބުނި އަރޫޝާ ދޫކޮށްފައި ނަދީމް ޒައިނާގެ ފަހަތުން ދާނެޔޭ. ނަދީމް އަރޫޝާއާއެކު އުޅޭ ހިތެއް ނުވެޔޯ ވެސް ބުނި. " މަދީހާ ކިޔައިދިނެވެ.

އެއާއެކު ނަދީމް އިސްޖަހާލިއެވެ. ޒައިނާ އެފަދައިން ކަންތައް ކޮށްފާނެ ކަމަކަށް ފަހަރެއްގައިވެސް ނަދީމް ހިއެއް ނުކުރެއެވެ. އެހެންވެ، އޭނާގެ ހިތަށް އުނދަގޫވެ، ރުޅި ގަދަވާން ފެށިއެވެ.

" މަންމަ ބަލިވީ، ޒައިނާ އެ ވާހަކަތައް ދެއްކީމަތަ؟" ނަދީމް ސުވާލު ކުރީ ލަސްލަހުންނެވެ. އޭނާ މަޑުމަޑުން ގޮނޑީގައި އިށީނދެ މަންމަގެ އަތުގައި ހިފާލިއެވެ.

އެއާއެކު މަދީހާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ނަދީމް، ސުވާލު ތަކުރާރު ކުރިއެވެ.

" މަންމަ ދެރަވި ބައިވަރު ސަބަބުތައް ހުރި. ޒައިނާގެ ވާހަކަތަކުން ދަރިފުޅަށް މަންމަ ކުރި އިތުބާރު ގެއްލިއްޖެ. މަންމައަށް އޮޅުވާލައިގެން ޒައިނާ ގެނެސް ގެންގުޅުނީ. އަރޫޝާއަށް ލިބިދާނެ ހިތްދަތިކަމާމެދު ވަރަށް ދެރަވޭ." މަދީހާއަށް ރޮވިއްޖެއެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން އެނދު ކައިރީގައި ދާއިން ހުރީ އެ މީހުންގެ ވާހަކަތައް އަޑުއަހާށެވެ. އެނދު ކޮޅުގައި މަދީހާގެ ފައި މޮޑެލަމޮޑެލާ ރިޒާ އިނެވެ.

" މަންމާ! ހުރިހާ ކަމަކަށް ވުރެ އަހަންނަށް މަންމަ މުހިއްމު. އަނެއްކާ ވެސް ތި ކަންކަމާ ވިސްނައިގެން މަންމަ ބަލިވާކަށް އަހަރެން ބޭނުމެއް ނޫން. މަންމާ! ޒައިނާ އެ ދެއްކީ ތެދު ވާހަކަ. އެކަމަކު... މަންމަމެންނާ ދެކޮޅަށް އަހަރެން ޒައިނާއާ ކައިވެންޏެއް ނުކުރާނަމޭ." މަންމަގެ އަތުގައި ހިފާލައިގެން އިނދެ ނަދީމް ބުންޏެވެ.

" ދެން އެ އަންހެން ކުއްޖާ ރަށަށް ގެނައީ ކީއްކުރަން؟ ގެއަށް ގެނައީ ކީއްކުރަން؟ މިހާރު ތިއީ މީހެއްގެ ފިރިއެކޭ. މަންމަ އުފާވާނީ ވެސް، މަންމަ ހިތަށް ހަމަޖެހުމެއް ލިބޭނީ ވެސް މި ހުރިހާ ކަމެއް ސާފުވީމަ. " މަދީހާ ވާހަކަ ދެއްކީ ނުހަނު މަޑުމަޑުން އަދި އެހާމެ ލަސްލަހުންނެވެ.

" ކިޔައިދޭނަމޭ މަންމާ! އަހަރެން ވެސް ބޭނުމޭ އަސްލު މަންމަ ގާތު ބުނަން. އެކަމަކު ނުކެރުނީ ބުނަން." ނަދީމް އިސްޖަހާލަމުން ބުންޏެވެ.

" ދެން ބުނެބަލަ ކީއްވެ އެގޮތަށް ކަންތައް ކުރީ؟ ކީއްވެ އަރޫޝާއާމެދު ހެޔޮކޮށް ނުހިތަނީ؟" މަދީހާ އެހިއެވެ.

" ޒައިނާ ދިމާވި އިރު އޭނަ މަންމަމެން އެމެރިކާއަށް ގޮއްސި. އޭނަ ހުރީ އަހަންނަށްޓަކައި މަޑުކޮށްގެން. އެހެންވެ، އޭނަ ގެންނަން އަހަންނަށް މަޖުބޫރުވީ. އަހަރެމެން ވާހަކަދައްކާތާ ވަރަށް ދުވަސްވެއްޖެ. ކުއްލިއަކަށް އަރޫޝާއާ ކައިވެނި ކުރަން ޖެހުނީމަ އަހަންނަށް އަރޫޝާ ބަލައިގަންނަން އުނދަގޫވީ. އަހަރެން ޒައިނާ ދެކެ... ޒައިނާދެކެ ލޯބިވާތީ އުނދަގޫވީ." ނަދީމް އިސްޖަހާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.

" އަދިވެސް ޒައިނާ ބޭނުންތަ؟ އޭނައާ އިންނަން ބޭނުންތަ؟" މަދީހާ އެހިއެވެ.

ނަދީމް އިސްއުފުލައި ބަލައިވެސް ނުލިއެވެ. ޒައިނާއާ ދެ އަނތްބަށް އިންނަން އެއްބަސްވެފައިވާކަން ސިކުނޑި އެ ވަގުތު އޭނާއަށް ހަނދާންކޮށްދިނެވެ.  ނަމަވެސް ތޫނު ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން އޮތް މަދީހާ ފެނި ނަދީމް ބިރުގެންފިއެވެ.

" ޒައިނާ ބުނީ ދެ އަނތްބަށް ވެސް އިންނަން އޭނަ ގަބޫލޭ. އޭނަ އެކަނި ކޮށްނުލާށޭ. " ނަދީމް ބުންޏެވެ.

" ދަރިފުޅު އަރޫޝާދެކެ ހަމަ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭތަ؟" މިފަހަރު ސުވާލު ކުރީ ރިޒާއެވެ.

އެއާއެކު ދާއިންގެ ހިތަށް އުނދަގޫ އިހްސާސްތަކެއް ކުރެވިއްޖެއެވެ. ނަދީމްގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި ދާއިން ހުރީ ކެތްމަދުވެފައެވެ.

" ތިއީ ކީއްކުރަން ކުރާ ސުވާލެއް؟ ކޮންމެ ގޮތެއް ވިޔަސް އަރޫޝާ ވަރިއެއް ނުކުރެވޭނެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ. ރަށު މީހުންނަށް އަހަރެން ދައްކާނީ ކޮން މޫނެއް؟ ރިޒާ ހުއްޓައެއްނު އެއްކަލަ ދުވަހު ދަނޑަށް ކަރާ ގަންނަން އައިސް ފާތުމައިދީ ބުނީ ޒައިނާގެ ވާހަކަ. އެހެން އުޅެފައި ނަދީމްއާ ހިތާވެދާނެޔޭ. އަހަރެން ބުނީމެއްނު ނަދީމްއަކީ އެކަހަލަ ކުއްޖެއް ނޫނޭ. ދެން ބުނެބަލަ! އަހަރެން އޭނައަށް ދޭނީ ކޮން ރައްދެއް؟ އޭނަ އަންނާނެޔޭ އަހަރެންގެ މޫނަށް އެ ބަސްތައް ޖަހަން." މަދީހާ ބުންޏެވެ.

ރިޒާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" އަހަރެން ބޭނުންވަނީ އަރޫޝާއާއެކު އުޅެން. އަރޫޝާ ވަރިކުރާކަށް ބޭނުމެއް ނޫން." ނަދީމް ބުންޏެވެ.

އެއާއެކު ދާއިންއަށް އިސްޖަހާލެވުނީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

" ދެން ޒައިނާއަށް ހަދަނީ ކިހިނެއް؟ ނަދީމްބެއާ ޒައިނާއާ ގުޅުމެއް އޮންނަކަން އަރޫއަށް އެނގުނީމަ އަރޫ އުޅޭނެތަ؟" އެއްޗެއް ނުބުނެ ދާއިންއަކަށް ނުހުރެވުނެވެ. އަރޫޝާއާ ގުޅިގެން ދައްކާ ކޮންމެ ވާހަކައަކަށް އޭނާއަށް ނުހަނު އަސަރު ކުރެއެވެ.

" އެ ޒައިނާ ބުންޏޭ އޭނަ އަދި ބުނާނަމޭ އަރޫޝާ ކައިރީގަވެސް. އޭރުން އަރޫޝާ އަމިއްލައަށް ވެސް ވަރިވާނެޔޯ. ވަރަށް ހިތްހަމަ ނުޖެހުނު އޭނަ މަންމައާ ވާހަކަ ދެއްކި ގޮތުން. ނަދީމް ޒައިނާއާ އިންނަން ބޭނުން ވިޔަސް މަންމަގެ ރުހުމެއް ތި ކައިވެންޏަކަށް ނުލިބޭނެ. އިތުރަށް މަންމަ ގާތު ޒައިނާގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ." މަދީހާ ބުންޏެވެ.

އެއްޗެއް ނުބުނެ އިނުމަށްފަހު ނަދީމް ތެދުވިއެވެ. އަދި ކުޑަކޮށް ގުދުވެލުމަށްފަހު މަދީހާގެ މޫނުގައި ފިރުމާލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.

" މަންމަ ނުވިސްނާ. ކަންބޮޑު ނުވޭ! މަންމަ ނުރުހޭ ގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރާނަން. އަހަންނަށް އިތުބާރު ނުކުރިޔަސް އަހަރެން މި ބުނީ ހަމަ ތެދެއް. މަންމަގެ ނުގަބޫލުގައި އަހަރެން އެއްވެސް ކަމެއް ނުކުރާނަން." ނަދީމް ބުންޏެވެ.

ރިޒާއަށް ބަލައިލަމުން ނަދީމް ނިކުމެގެން ދިޔުމާއެކު އޭނާ އިން ގޮނޑީގައި ދާއިން އިށީނެވެ. އެއާއެކު މަދީހާ ދާއިންއަށް ބަލައިލީ ލުއި ހިނިތުންވެލުމަކުންނެވެ.

ސޯފާގައި އިން އަރޫޝާ ސިއްސައިގެން ދިޔައީ ދޮރު ހުޅުވުނު އަޑަށެވެ. އެއާއެކު އެތެރެއަށް ވަތް ނަދީމް ފެނި އަރޫޝާއަށް ކޮޅަށް ތެދުވެވުނެވެ. ނަދީމް ދޮރު ލެއްޕުމާއެކު އަރޫޝާއަށް ލިބުނީ ހައިރާންކަމެވެ.

" ނަދީމް ކީއްވެ ގެއަށް އައީ؟ " އަރޫޝާއަށް އަހާލެވުނެވެ.

ނަދީމްގެ މޫނުމަތީގެ އަސަރުތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ. ޖަވާބެއް ނުދީ އައި ގޮތަށް އައިސް އޭނާ ސޯފާގައި އިށީނެވެ.

" މަންމަ ރަނގަޅެއް ނޫންތަ؟ އަހަރެން ގާތު ބައްޕަ ބުނީ ގެއަށް ދާށޭ. އެހެންވެ އައީ. " އިށީންދެލަމުން އަރޫޝާ ބުންޏެވެ.

އަދިވެސް ނަދީމް އިނީ ވަރަށް ބޮޑު ފިކުރެއްގައިކަން އަރޫޝާއަށް އެނގުނެވެ. އެހެންވެ، އޭނާ އިތުރަށް ހާސްވަމުން ދިޔައެވެ.

" ނަދީމް ތިހެން އިންނާތީ އަހަރެން ބިރުގަންނަން ފަށައިފި. މަންމައަށް ކަމެއް ވީތަ؟ ކީއްވެ އެކަނި ތިއައީ؟ " އަރޫޝާ އަނެއްކާވެސް ސުވާލުކުރަމުން ދިޔައެވެ.

ނަދީމް އިސްއުފުލައިލުމަށްފަހު އަރޫޝާއަށް ބަލައިލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަން އަރޫޝާއަކަށް ފަސޭހައެއް ނުވިއެވެ. ބަސްހުއްޓިފައި އިނދެ ނަދީމްގެ މޫނަށް އަރޫޝާ ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.

" އަހަންނަށް މައާފްކުރޭ." ނަދީމް ބުންޏެވެ.

އެއާއެކު އަރޫޝާއަށް ދެ ލޯ ކުޑަކޮށްލެވުނެވެ. ނަދީމް ދައްކަން އުޅެނީ ކޮންކަހަލަ ވާހަކައެއް ކަމެއް ނޭނގި އިނދެ އޭނާ ބަލަމުން ދިޔައެވެ. ރައްދުގައި އެއްޗެއް ނުބުނެ އަދިވެސް އަރޫޝާ މަޑުކުރަމުން ދިޔައީ ނަދީމްއަށެވެ.

" ދެން އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް ސިއްރު ކުރާކަށް. މިއަދާ ހަމައަށް ވެސް އަހަރެން މިހުރީ އަރޫޝާއަށް ވަރަށް ބޮޑަށް އޮޅުވާލައިގެން. " ނަދީމް މަޑުމަޑުން ބުންޏެވެ.

ކަޅިޖަހައިނުލާ ނަދީމްއަށް ބަލަހައްޓައިގެން އަރޫޝާ އިނެވެ. ނަދީމް ފުންމައިގެން ތެދުވެ އަރޫޝާއަށް ފުރަގަސްދެމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަންނަށް އެނގޭ ޒައިނާއާމެދު އަރޫޝާގެ ހިތުގައި ޝައްކުތަކެއް އޮންނާނެކަން. އެކަން ޔަގީންކޮށްދޭން މި އުޅެނީ." ނަދީމް ބުންޏެވެ.

އެއާއެކު އަރޫޝާއަށް ވެސް ތެދުވެވުނެވެ. ނަމަވެސް އެއްޗެއް ނުބުނެ އޭނާ މަޑުކުރީ ނަދީމްގެ ވާހަކަތައް ނިމެންދެނެވެ.

" އަހަރެން މާލެ ދިޔައީއްސުރެ ލޯބިވެގެން، ރައްޓެހިވެގެން އުޅުނީ ޒައިނާއާ. " ނަދީމްގެ ޖުމްލައާއެކު އަރޫޝާއަށް ދެ ލޯ މަރާލެވުނެވެ.

އެއާއެކު ނަދީމްއާއި ޒައިނާ ވަކިވާން ޖެހުނު ގޮތާއި އަލުން ދިމާވެގެން އެ ރަށަށް ގެންނަން ޖެހުނު ގޮތުގެ ވާހަކަތައް ނަދީމް ކިޔައިދިނެވެ. އަދި ޒައިނާއާއި މަންމައާ މެދު ދެކެވުނު ވާހަކަތައް ވެސް އޭނާ އަރޫޝާއަށް ކިޔައިދިނެވެ.

އޭރު އަރޫޝާގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދެއެވެ. ނަދީމް އޭނާއަށް ބަލައިލުމުގެ ކުރިން އަރޫޝާ ނަދީމްއަށް ފުރަގަސް ދިނީ އިތުރަށް ރޯން ބޭނުން ނުވާތީއެވެ. އަވަސް އަވަހަށް އޭނާ ދެ ލޮލުން ފެންތައް ފުހެލަމުން ހިންދިރުވާލިއެވެ.

" ދެ އަނތްބަށް ވެސް އިންނަން ޒައިނާ ބޭނުން. އެކަމަކު... މަންމަ އެކަމާ ވަރަށް ނުރުހޭ." ނަދީމް ފަސްއެނބުރި ބަލައިލަމުން ބުންޏެވެ.

އެއާއެކު ފުރަގަސްދީގެން ހުރި އަރޫޝާ ފެނި ނަދީމް ޖެހިލުންވިއެވެ. އެ ވާހަކަތައް އެނގުމުން އަރޫޝާއަށް ވާނެގޮތަކާއި، އޭނާގެ ޖަޒްބާތުތަކާމެދު ކުރިއަކުން ނަދީމް ނުވިސްނައެވެ. ނަމަވެސް އަރޫޝާ، ނަދީމްއާ ކުރިމަތިލާން ބޭނުން ނުވާކަން އެނގުމުން ނަދީމްގެ ހިތަށް އުނދަގޫ ވެއްޖެއެވެ.

" ކިހިނެއްވީ؟ ރުޅި އައީތަ؟" ނަދީމް އެހިއެވެ.

ފުންނޭވާއެއް ދޫ ކޮށްލުމަށްފަހު އަރޫޝާ އެނބުރިލިއެވެ. އެއާއެކު އޭނާގެ ރަތްވެފައިވާ ދެ ލޯ ފެނި ނަދީމް ކޮންމެވެސް ވަރަކަށް ހާސްވިއެވެ.

" ތިކަމުގައި ރުޅިއައުމަށް އަހަންނަށް އޮތީ ކޮން ހައްގެއް؟ ނަދީމްގެ އަނތްބެއްގެ ގޮތުގައި އިނަސް، އަހަންނަކީ ނަދީމްގެ ހިތުން އެއްވެސް މަގާމެއް ދެވިފައި އޮތް މީހެއް ނޫން. ނަދީމް ބުނި ލޯބިވާ ކުއްޖަކީ ޒައިނާކަމާއި އޭނަ ނަދީމްއާ އިންނަން ބޭނުންވާކަން އެނގުނީމަ އަހަރެން ރުޅި އަންނާނެކަމަށްތަ ހީ ކުރީ؟" އަރޫޝާ ބުންޏެވެ.

އެއާއެކު ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ހަތަރުކަޅި ހަމަކޮށް، ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނެވެ.

" ނަދީމް، އޭނައާ އިންނާނަންތަ؟" އަރޫޝާ އަހާލިއެވެ. އޭރުވެސް އޭނާ ހުރީ ނަދީމްގެ ދެ ލޮލަށް ބަލާށެވެ.

ދޭނެ ޖަވާބެއް ނޭނގި ނަދީމްއަށް ވެސް ހުރެވުނީއެވެ. އަރޫޝާގެ ކުރިމަތީގައި ޒައިނާއާ އިންނާނަމޭ ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އެ ޖުމްލަ ދޫ ކުރާނެ ހިތްވަރު، އޭނާގެ ދުލުގައި ނެތް ކަހަލައެވެ. ހިންދިރުވާލުމަށްފަހު ނަދީމް އިސްޖަހާލިއެވެ. އެއާއެކު އަނެއްކާވެސް ނަދީމްއަށް އިވުނީ އަރޫޝާގެ ވަރުވަލިވެފައިވާ އަޑެވެ.

" ޖަވާބެއް ނުދިނަސް އަހަންނަށް އެނގޭ ނަދީމް އޭނައާ މެރީކުރަން ބޭނުންވާނެވަރު. މިހާރު އެކަމުގެ ހުރަކަށް ވެފައި މި ހުރީ އަހަންނާ މަންމަ. ނަދީމް ހާސްނުވޭ! އަހަރެން، ނަދީމްގެ މަންމަ ރުއްސާނަން. އެކަން ކުރެވޭނީ ވެސް  ހަމައެކަނި އަހަންނަށް. " ކުރަކި ވެފައިވާ އަޑަކުން އަރޫޝާ ބުނެލިއެވެ.

އެ އަޑުގައިވާ ރިހުމުން އޭނާގެ ހިތަށް ތަކުލީފުތަކެއް ލިބެމުންދާކަން ނަދީމްއަށް އިހުސާސް ކުރެވުނެވެ. އެ ޖުމްލަތަކުން ނަދީމްއަށް އުފާވެރިކަމެއްވެސް ނުލިބުނެވެ. އޭނާއަށް ލިބެމުންދާ ހައިރާންކަމާއެކު މީހާ އުދާސްވާން ފަށައިފިއެވެ. އެއްޗެއް ނުބުނެ ހުރެ އޭނާ އަރޫޝާއަށް ބަލަން ފެށުމުން އަރޫޝާ ލުއި ގޮތަކަށް ހީލިއެވެ. އަދި ނަދީމްއަށް ފުރަގަސް ދެމުން އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ކުރިއަށް ހިނގައިގަންނަމުންނެވެ.

" ލޯތްބަށްޓަކައި، ނަދީމްއަށްޓަކައި، އެހާ ބޮޑު ގުރުބާނީއެއް ޒައިނާ ވީ އިރު، އޭނާ ނިކަމެތި ކުރުމަކީ އަހަންނަށް ވާނެ ކަމެއް ނޫން.. ނަދީމް އޭނަ މިރަށަށް ގެންނާނީ ވަރަށް ހުވަފެން ދައްކާފައިކަން އަހަންނަށް އެނގޭ. އަދި އޭނަ އަންނާނީވެސް ވަރަށް ފޮނި އުއްމީދެއްގައިކަން ޔަގީން. ނަދީމް އޭނައާ އިންނާނެކަމުގެ އުއްމީދެއް އޭނަ ނުކުރޭތަ؟ އަހަންނާ އިނދެގެން އުޅޭތީ އޭނަ ނަދީމްއާ ޝަކުވާއެއް ވެސް ނުކުރޭތަ؟ އަންހެނަކަށް ވެ ހުރެ، އަންހެނެއްގެ އިހުސާސްތަކާ ކުޅުމަކީ އަހަރެން ފަަހަރެއްގައިވެސް ކުރާނެ ކަމެއް ނޫން. ލޯތްބެއް ނުލިބިގެން ހިތުގައި އެ ރިހޭ ރިހުން އަހަންނަށް ވަރަށް ރަނގަޅަށް އިހްސާސް ކުރެވޭ." އަރޫޝާއަށް ބުނެވުނެވެ.

ބުނެވުނު އެއްޗަކާމެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. އޭރު ނަދީމްއައިސް އޭނާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ނަދީމްގެ ބެލުމުގައި މި ފަހަރު ތަފާަތު ކަމެއް ހުރިކަން އަރޫޝާއަށް ފާހަގަ ކުރެވުނެވެ. ޖެހިލުންވެފައި ހުރެ އަރޫޝާއަށް ކައިރިކައިރީގައި އަވަސް ނޭވާތަކެއް ދޫ ކުރެވެމުން ދިޔައެވެ.  އޭރު ނަދީމްގެ ދެ ލޮލުން ސުވާލުތައް އުތުރޭހެން އޭނާއަށް ހީވެއެވެ. \
" ލޯތްބެއް ނުލިބިގެން....؟ އަރޫޝާ އަހަރެންދެކެ ލޯބިވަނީތަ؟ އަހަންނާހެދި... ހިތާމަކުރަންތަ؟" ނަދީމް އެހިއެވެ. އޭރު ނަދީމްގެ ދެ ލޮލުން ކަރުނަ ވިދާތަން އަރޫޝާއަށް ރަނގަޅަށް ފެނެއެވެ.

ނަދީމްއަށް ކުރެވުނު ކުށްހީ އޮޅުން ފިލުވައިދޭނެ ގޮތެއް އޭނާއަކަށް ނުވެސް ވިސްނުނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *