ނަމާދުކޮށް އަވަދި ވެގެން ސިޓިންރޫމަށް އަރޫޝާ ނިކުތީ ކޮފީއެއް ބޯށެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފޯނު ހިފައިގެން ސޯފާގައި އިން ނަދީމެވެ. އޭނާ ރަށަށް ނުދިޔައީ ކީއްވެ ބާވައޭ އަރޫޝާގެ ހިތަށް އެރިއެވެ. ނަދީމްއަށް ބަލަހައްޓައިގެން ހުއްޓާ، ކުއްލިއަކަށް ނަދީމް ވެސް އަރޫޝާއަށް ބަލައިލައިފިއެވެ.
ހުރި ފިޔަވަޅު މަތީ އިރުކޮޅަކު ހުރުމަށްފަހު އަރޫޝާ ގޮސް އުނދުން ކައިރީ ހުއްޓުނެވެ. ފެންކައްކާ ޖަގު ޖައްސާލުމަށްފަހު އޭނާ މަޑުކޮށްގެން ހުރީ ނަދީމްއަށް ފުރަގަސްދީގެންނެވެ.
" ތޭންކްސް." ކުއްލިއަކަށް އަރޫޝާގެ ކަންފަތުގައި ޖެހުނީ ނަދީމްގެ އަޑެވެ.
ސިހިފައި އޭނާ ފަހަތް ބަލައިލި އިރު ނަދީމް ހުރީ އޭނާގެ ފަހަތުގައެވެ. ސުވާލުގެ ނަޒަރަކުން އަރޫޝާ ނަދީމްއަށް ބަލައިލުމާއެކު ނަދީމް ލުއި ގޮތަކަށް ހީލިއެވެ.
" ރޭގަ އަހަންނަށް އެގޮތަށް ވިސްނައިދިނީތީ ތޭންކްސް. އަދި އަހަރެންގެ މަންމައާމެދު ތިހާ ހެޔޮކޮށްހިތައި މަންމައަށް ވިސްނާތީ އަހަރެން ވަރަށް އުފާވެއްޖެ." ނަދީމް ބުނެލިއެވެ.
އެ ވަގުތު އުނދުން ސީޓްގައި ލެނގިލަމުން އަރޫޝާ ދެ އަތް އުރާލިއެވެ.
" އެއީ އަހަރެން އެއްވެސް މީހަކަށް ދައްކާކަށް ކުރާ ކަމެއް ނޫން. އަދި އަހަރެން ނަދީމްގެ މަންމައަށް ހެޔޮކޮށް ހިތަނީ އެއީ ނަދީމްގެ މަންމައަށް ވީތީއެއް ވެސް ނޫން. އެކަމަކު އަހަރެން ވެސް އުފާވެއްޖެ ނަދީމް... ނަދީމް އެކަން ބަލައިގަތީމަ. މަންމައަށްޓަކައި މަޑުކުރީމަ ވަރަށް ހިތްހަމަ ޖެހިއްޖެ." އަރޫޝާ ބުންޏެވެ.
ބޯ ޖަހާލުން ފިޔަވައި ނަދީމްއަށް އިތުރަށް ކުރާނެ ކަމެއް ނުވަތަ ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އަނެއްކާ ވެސް އޭނާ ހީލިއެވެ. އަރޫޝާ ވެސް ހީލިއެވެ.
" ކޮފީއެއް ބޭނުންތަ؟" އަރޫޝާ އަހާލިއެވެ.
" ނޫން. މި ވަގުތު ބޭނުމެއް ނޫން. ތަންކޮޅެއް ކުރިން ބޮއިފިން." ނަދީމް ބުނެލިއެވެ.
އަދި އިރުކޮޅަކު އަރޫޝާއަށް ބަލަން ހުރެ އޭނާ ދުރަށް ހިނގައިގަތެވެ.
ނަދީމް ގޮސް ކޮޓަރިއަށް ވަދެ، އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނަގައިފިއެވެ. ޒައިނާގެ 15 މެސެޖް ލިބިފައި އޮތްތަން ފެނި އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. އޭރު ވެސް އޭނާ މެސެޖަކަށް ފަހު މެސެޖެއް ފޮނުވަމުން ދެއެވެ. ހިތްހަމަ ނުޖެހުނު ވަރުން ނަދީމް ޒައިނާއަށް ގުޅިއެވެ. ފޯނު ނެގުމާއެކު ނަދީމް އަނގައިން ބުނުމުގެ ކުރިން ޒައިނާ އެއްޗެހި ގޮވަން ފެށިއެވެ.
" ކީއްވެ ކުއްލިއަކަށް ރިޕްލައި ކުރުން ހުއްޓާލީ؟ އަހަންނަށް އެނގޭ ނަދީމްގެ އަތުގައިކަން ފޯނު އޮންނާނީ ވެސް. ހަމަ ގަސްތުގައި އަހަރެން އިގްނޯ ކުރަނީ." ޒައިނާ ބުންޏެވެ.
" ކޮބައިތަ ޒައިގެ މައްސަލައަކީ؟ ޒައި އަންޑަސްޓޭންޑް ވޭތޯ އަހަރެން ކިހާ މަސައްކަތެއް އެބަ ކުރަން. މިތާ މި އުޅެނީ އަހަރެން އެކަންޏެއް ނޫނޭ. މެސެޖްކޮށްކޮށް ހުއްޓާ، ބައްޕަ އައިސް ވާހަކަ ދައްކަން ފެށިޔަސް އަހަރެން އިންނަންވީ ބައްޕައަށް އަޅައިނުލާ، ޒައިއާ މެސެޖް ކޮށްލަކޮށްލާތަ؟ ކީއްވެތަ ތިހާ އަމިއްލަ އެދުން ބޮޑުވެގެން ތިއުޅެނީ؟" ނަދީމް ބުންޏެވެ.
އޭނާ ނޭވާއެއް ވެސް ދޫކޮށްލީ ހިތުގައި ހުރި ރުޅިވެރިކަން ބޭރުކޮށްލުމަށް ފަހުގައެވެ. ނަމަވެސް އޭރު ޒައިނާ ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ. ކޮޓަރީގެ ދެ ކޮޅަށް ހިނގާލަ ހިނގާލަ އޭނާ ހުރީ އެއް އަތުން ބޮލުގައި ހިފަަހައްޓައިގެންނެވެ.
" އަމިއްލަ އެދުން؟ ހުއް؟ އަހަރެންތަ އަމިއްލަ އެދުން ބޮޑީ؟ އަހަރެންތަ އަންޑަސްޓޭންޑް ނުވެގެން މި އުޅެނީ؟ އޭނ؟ ނަދީމްގެ މަންމަ ދޫކޮށްލީމަ ރަށަށް އަންނަން އޯކޭ ވެގެން ދޯ އަހަރެން މި ހުރީ. އެކަނިމާއެކަނި ނުވެސް ދަންނަ ތަނެއްގައި." ޒައިނާ ބުނެލިއެވެ.
" އޯކޭ ވެގެންނޭ؟ ކިހާ ވަރެއް ކޮށްގެން އޯކޭ ތި ވީ؟ އަދި ގުޅާ ކޮންމެ ފަހަރަކު އަރޫޝާއާ ކައިރިނުވާ ކަމަށް، ހުވާ ކުރަން ޖެހޭ! އޭނާއާ ގުޅުމެއް ނޯންނަ ކަމަށް ހަތް ހުވާ ކުރިޔަސް ޒައި ނުކުރާނެ ގަބޫލެއް ވެސް. ދެން ނޭނގެ އަހަންނަކަށް. ޒައިއާ އެކު ހަމަޖެހިގެން އުޅެން ކިހާ އުނދަގޫ މިހާރު." މާޔޫސީ ރާގެއްގައި ނަދީމް ބުންޏެވެ.
އެއާއެކު ޒައިނާ މައިތިރި ވެއްޖެއެވެ. މަޑުމަޑުން އެނދުގައި އިށީނދެ އޭނާ ފުން ނޭވާއެއް ދޫ ކޮށްލިއެވެ.
"އާނ! ތެދެއް ތި ބުނީ. އެކަމަކު އަހަރެން މި ދެރަވީ ތިހެން ނަދީމް ބުނާއިރު، އެކަމުގެ ފަހަތުގައި އޮތް ހަގީގަތް ނަދީމް ގަބޫލުކުރަން ބޭނުން ނުވާކަން އެނގުނީމަ." ޒައިނާ ބުންޏެވެ.
ނަދީމް ހުރީ އަޑު އަހާށެވެ. ޒައިނާގެ އަޑާއި ރާގު ބަދަލު ވުމުން ނަދީމް ވެސް ބޭނުންވީ އޭނާ ދައްކާ ވާހަކަ އަޑުއަހާށެވެ.
" ނަދީމް. މީގެ ކުރިން ތިއީ ހަމައެކަނި އަހަރެންގެ މީހެއް. އަހަރެމެން އުޅުނީ ކިހާ ލޯބިން. ކިހާ ހަމަޖެހިގެން. އަހަރެން، މައިންބަފައިން ދޫކޮށް ނަދީމް ގާތަށް އައުމަކީ އޭގެ ފުރިހަމަ ހެއްކެއް. އެކަމަކު... މިހާރު އަހަރެން ކިހިނެއް ނަދީމްއާއެކު ހަމަޖެހިގެން ހުންނާނީ؟ އަހަރެން ކިހިނެއް ޝައްކު ނުކޮށް ހުންނާނީ؟ ބުނެބަލަ ނަދީމް! އަހަރެން ނަދީމްދެކެ ވާ ލޯބިން އަހަރެން ވަރަށް ބިރުގަނޭ. އެހެން އަންހެނަކާއެކު އެއް ކޮޓަރިއެއްގައި އުޅޭއިރު ކަމެއް ހިނގިޔަސް އަހަންނަށް ކިހިނެއް އެނގޭނީ؟" ޒައިނާ މަޑުމަޑުން ބުންޏެވެ. އޭރު އޭނާގެ އަޑުގައިވާ ހިތްދަތިކަން ނަދީމްއަށް އިހްސާސް ކުރެވުނެވެ.
" އަހަންނަށް އިތުބާރު ނުކުރާތީ ހުރިހާ ވެސް މައްސަލައަކީ." ނަދީމް ބުނެލިއެވެ.
" އިތުބާރު ކުރަން. އެކަމަކު ނަދީމްގެ މީހަކަށް އަހަންނަށް ވެވިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. ބުނޭ! އަހަރެން ކިހިނެއް ހަދަންވީ؟ ބުނޭ! އަހަރެން މި ރަށް ދޫކޮށް ދާން ވީތަ؟ ނަދީމްގެ ހަޔާތުން ދުރަށް ދާން ވީތަ؟ ބުނޭ! " ޒައިނާ އާދޭހުގެ ރާގަކަށް ބުންޏެވެ.
ނަދީމްއަށް ހިންދިރުވާލެވުނެވެ. ކޮންމެ ދުވަހަކު ޒައިނާއާ ކުރަން ޖެހޭ ޒުވާބާއި ދެބަސްވުންތަކުން ނަދީމްއަށް ވަނީ ނަފްސާނީ ގޮތުން ވެސް އަސަރުކޮށްފައިއެވެ. އަދި ބައެއް ފަހަރު އަރޫޝާގެ މަޑުމައިތިރިކަމާއި އޭނާގެ ރީތި އާދަ ތަކުން ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވާކަން އެނގެއެވެ.
" ނޭނގުނު ދޯ ބުނާނެ އެއްޗެއް؟ އަހަރެން ހިނގައިދާނެތީ ބިރެއް ވެސް ނުގަނޭ ދޯ! އާނ! މިހާރު ކޮންކަމަކާ ބިރު ގަންނަން ވީ؟ އަހަންނަށް ވުރެ މާ ލޯބި އަނތްބެއް އެބަހުރި." ޒައިނާ ބުންޏެވެ.
" ބުނާނެ އެއްޗެއް ނޭނގުނީކީ ނޫން. ވިސްނާލެވުނީ. ޒައި ރަށަށް ގެނައި އިރު ވެސް އަހަންނަށް އެނގޭ ޒައިއަށް ތި އުނދަގޫތައް ވާނެކަން. އަޅެ ޒައި އަމިއްލައަށް ވިސްނާލަބަލަ މިކަމުގައި އަހަރެން ކުއްވެރި ވޭތޯ. މުޅި އުމުރަށް ޒައި އަހަންނަށް ގެއްލުނީކަމަށް ނިންމައިގެން ދޯ އޭނައާ ކައިވެނި ކުރީ. އަހަންނަކީ ވެސް އަގެއް އޮތް މީހެކޭ. މައިންބަފައިން ކުރިމަތީގައި އެހާ ދަށު ދަރަޖައަށް ވެއްޓޭކަށް ބޭނުމެއް ނޫން." ނަދީމް ބުންޏެވެ.
" ދެން؟" ޒައިނާ އަވަސް އަވަހަށް ބުނެލިއެވެ.
" ދެން އަހަރެން ކިހިނެއް ހަދަންވީ؟ ނަދީމް މި ރަށަށް އައުމުގެ ކުރިން އަހަރެން ހަދަން ވީ ގޮތެއް ބުނޭ! އަހަރެން މި ރަށުން ދާން ވީތަ؟ ނޫނީ ނަދީމްއާ ކައިވެނި ކުރަން މަޑުކުރަންވީތަ؟" އަނެއްކާވެސް ވާހަކަ ދެއްކީ ޒައިނާއެވެ.
ހަދާނެ ގޮތް ހުސްވާ ހާލު ނަދީމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
" ޒައި... އަހަންނަކަށް އަރޫޝާ ވަރިކުރާކަށް ނުކެރޭނެ. ޒައި... ބޭނުމިއްޔާ ދެ... އަނތްބަށް..." ނަދީމްގެ ޖުމްލަ ފުރިހަމަ ކުރާނެ ޖާގައެއް ޒައިނާއެއް ނުދިނެވެ.
" ދެ އަނތްބަށް ވިޔަސް ހެވޭ ނަދީމް... ދެ އަނތްބަށް ވިޔަސް ހެވޭ! އަހަރެން ނަދީމްދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އަހަރެން ނަދީމްގެ މީހަކަށް ހަދައިދީ ހެޔޮނުވާނެ. ތި ނޫނީ އަހަރެންގެ ހުރީވެސް ކާކު؟ އަހަންނާމެދު ރަހުމު ކުރޭ ނަދީމް..." ރޮމުން ރޮމުން ޒައިނާ ކިޔަމުން ދިޔައެވެ.
ޒައިނާ ހަމައަކަށް އެޅުވޭތޯ ނަދީމް މަސައްކަތް ކުރަމުން ދިޔައެވެ. ކައިވެނި ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދިނެވެ. އޭރު ނަދީމް ހުރީ ވަރަށް ބޮޑަށް ޖަޒްބާތުގައި ޖެހި، ހަދާނެ ގޮތް ހުސްވެފައެވެ.
ފޯނު ބޭއްވުމާއެކު އޭނާ ތުރުތުރު އަޅަން ފެށިއެވެ. މީހާ ހާސްވެ މޫނު ރަތް ވެއްޖެއެވެ. އެނދުން ތެދުވެ އަވަސް އަވަހަށް ފާހާނާއަށް ގޮސް މޫނުދޮންނަ ތަށީގައި ދެ އަތް އަޅުވައި ބޯ ގުދުކޮށްލީ ވަރުބަލި ކަމާއެކުއެވެ.
" ނަދީމް.." ކުއްލިއަކަށް އިވުނު އަރޫޝާގެ އަޑަށް ނަދީމް ދިޔައީ ސިހިގެންނެވެ.
އޭނާ އަވަސް އަވަހަށް މޫނު ދޮވެލުމަށްފަހު ހަމަޖެހިލިއެވެ. އޭނާގެ ބަލިކަށިކަން އަރޫޝާއަށް ދައްކަން ބޭނުން ނުވާ ކަހަލައެވެ.
" ނަދީމް އަވަސް ކޮށްބަލަ." ފާހާނާގެ ދޮރުފަތުގައި ތަޅައިގަތުމަށްފަހު އަރޫޝާ ގޮވާލި އަޑަށް ވަގުތުން ނަދީމް ދޮރު ހުޅުވައިފިއެވެ. އެއާއެކު އޭނާއަށް ފުރަތަމަވެސް ފެނުނީ އުފާވެރިކަމުގެ ކަރުނައިން އަރޫޝާގެ ދެ ލޯ ފުރެމުން ދާ ތަނެވެ.
" މަންމައާ ބައްދަލް ކުރަން ދާށޯ ބުނީ." އަރޫޝާ ބުނެލިއެވެ.
" ހިނގާ ދާން އަވަހަށް." ކުއްލިއަކަށް ކޮޓަރި ދޮރުމައްޗަށް އެރުމަށްފަހު ދާއިން އަވަސް އަވަހަށް ބުނެލިއެވެ.
ހޮސްޕިޓަލަށް ދެވުނު އިރު ވެސް ނަދީމްގެ ސިކުނޑީގައި އެނބުރެމުން ދަނީ ޒައިނާގެ ވާހަކަތަކެވެ. ކާރުން ފައިބައިގެން އައި ސީ ޔޫ ދޮރުމައްޗަށް އެރި އިރު ވެސް ނަދީމް ހުރީ ފުން ހިޔާލްތަކުގައެވެ. އެ މީހުން ދިޔަ ގަޑީގައި އެތެރެއަށް ވަދެވެނީ އެންމެ މީހަކަށް ކަމަށް ވުމުން މަދީހާއާ ބައްދަލް ކުރަން ވަނީ ރިޒާއެވެ.
15 ވަރަކަށް މިނިޓް ފަހުން ރިޒާ ނިކުމެއްޖެއެވެ. އެއާއެކު އެންމެންނަށް ވެސް ފެނުނީ ރިޒާގެ މޫނުމަތިން އެންމެން ވެސް ދެކެން ބޭނުންވި އުފާވެރިކަމެއް ނޫނެވެ. އޭނާ ހުރީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައެވެ.
" މަންމަ ކިހިނެއް؟ ވާހަކަ ދެއްކިތަ؟" އެންމެ ފުރަތަމަ ސުވާލު ކުރީ އަރޫޝާއެވެ.
އެއާއެކު ރިޒާއަށް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ. އަރޫޝާ ހުރީ މަދީހާއާ ބެހޭގޮތުން އުފާވެރި ވާހަކައެއް ލިބޭނެކަމުގެ އުއްމީދުގައިކަން ރިޒާއަށް އެނގުނެވެ. އެހެންކަމުން އޭނާ ލުއި ގޮތަކަށް ހީލުމަށްފަހު ބޯ ޖަހާލިއެވެ.
" އަލްހަމްދުލިﷲ. ވަރަށް ރަނގަޅު. ޑޮކްޓަރ ދެއްވި އުފާވެރި ހަބަރަކީ މަންމަ މިހާރު ވޯޑަށް ބަދަލު ކުރަން އުޅޭ ވާހަކަ" ރިޒާ ބުންޏެވެ.
" ބައްޕަ މާޔޫސްވެފައި ތި ހުރީ މަންމަ އަދިވެސް ހޮސްޕިޓަލްގައި އޮންނަން ޖެހޭތީތަ؟" ނަދީމް އެހިއެވެ.
އެ ވަގުތު ރިޒާއަށް ނަދީމްގެ މޫނަށް ބަލައިލެވުނެވެ. ނަމަވެސް އޭނާ ނަދީމްއަށް އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ބަލައިލީ އަނެއްކާވެސް އަރޫޝާއަށެވެ.
" ޓެސްޓެއް ހަދާލަން ބާއްވަނީ. ފަހަރެއްގައި މާދަމާ ވެސް ދޫ ކޮށްލަފާނެ. " ރިޒާ ބުންޏެވެ.
ރިޒާއަށް ކޮންމެވެސް ކަމެއް ވެފައި ހުރިކަން އެންމެންނަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންކަމުން އެކަކަށް ވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ.
" ނަދީމްބެ. އަހަރެމެން ހިނގާބަލަ މަންމައަށް ކެވޭ ކަހަލަ އެއްޗެހި ގަނެގެން އަންނަން. ޖޫހާއި މޭވާ ކަހަލަ އެއްޗެހި." ދާއިން އަވަސް އަވަހަށް ބުނެލިއެވެ.
އެއާއެކު ނަދީމް ދާއިންގެ ފަހަތުން ހިނގައިގަތެވެ.
މަދީހާ އައިސީޔޫ އިން ނެރުނު އިރު އެތާ ތިބީ ރިޒާގެ އިތުރުން އަރޫޝާއެވެ. އަރޫޝާއަށް މަދީހާ ފެނުމާއެކު، މަންމާއޭ ބުނެ މަދީހާގެ މޫނުގައި ފިރުމާލިއެވެ. ހިނިތުންވެލުމަށްފަހު މަދީހާ އަވަހަށް ދެ ލޯ މަރާލިއެވެ. އެއާއެކު މަދީހާގެ ލޮލުގެ ހިމަ ކޮޅުން ފެންތައް ފައިބައިގަތެވެ. އެކަމާ އަރޫޝާ ކަންބޮޑުވުމާއެކު މަދީހާ އޮތް އެނދު ކައިރީ ހުރި ނަރުސް ކުއްޖާ، އަތުގެ އިޝާރާތުން ހަމަޖެހިލުމަށް އެދުނެވެ.
މަދީހާ ވޯޑަށް ބަދަލު ކުރުމާއެކު އޭނާގެ ކައިރީ އެންމެ ފުރަތަމަ ވެސް އިށީނީ އަރޫޝާއެވެ. މަދީހާ ހެޔޮ ހާލުގައި އޮއްވާ ފެނުމުން އަރުޝާ ހުރީ ނުހަނު އުފަލުންނެވެ.
" ރަށަށް ގޮސް މަންމައާއެކު ދަނޑުހައްދަން ނިންމައިގެން މި ހުރީ. " އަރޫޝާ ބުންޏެވެ.
މަދީހާ އުފާކުރުމަށްޓަކައި އަރޫޝާ އެފަދަ އެތައް ވާހަކަތަކެއް ދެއްކިއެވެ. މަދީހާ ހިތްހަމަ ޖެހޭ އެތައް ކަމެއްގެ ހަނދާންތައް އޭނާ އާކުރިއެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް މަދީހާ ހިނިތުންވެ ނުލައެވެ. ކަޅި ޖަހައިނުލާ އޭނާ އަރޫޝާއަށް ބަލަން އޮންނަނީއެވެ. އެކަމާ އަރޫޝާ ވެސް މިހާރު ކަންބޮޑު ވެއްޖެއެވެ.
" ދަރިފުޅަށް ކެރޭނެތަ ކާރެއްގައި ގެއަށް ދާން؟ ބައްޕަ މަޑުކޮށްލާނަން މަންމަ ގާތު." ރިޒާ ބުންޏެވެ.
ރިޒާގެ ޖުމްލައިން އަރޫޝާއަށް ލިބުނީ ހައިރާންކަމެވެ. އޭނާ ފޮނުވާލަން ވީ ކީއްވެތޯ ހިތާހިތާ ސުވާލު ކުރެވުނެވެ. ރިޒާގެ މޫނުމަތިން ވެސް އަރޫޝާއަށް ފާހަގަ ކުރެވެނީ ނުތަަނަވަސްކަމެވެ.
" އާނ... މި ދަނީ!" ސުވާލެއް ނެތި އަރޫޝާ އެއްބަސްވެއްޖެއެވެ.
އޭރު އޭނާގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. މަދީހާގެ ބޮލުގައި ފިރުމާލުމަށްފަހު އަރޫޝާ އެ ވޯޑުން ނިކުތެވެ. އޭރު އޭނާ ހުރީ ފެންކަޅި ވެފައެވެ.
" މިހާރު އެއްވެސް ކަމަކާމެދު ނުވިސްނާށޭ ޑޮކްޓަރު ވެސް އެ ބުނަނީ. އަދި އެއްވާހަކަ ބުނަންތަ؟ އަހަރެން ގާތު މިއަދު ދެއްކި ވާހަކަތަކާމެދު އިތުރަށް ނުވިސްނައްޗޭ! ނަދީމްއާ އެ ވާހަކަ އަހަރެން ދައްކާނަން..." ރިޒާ ބުންޏެވެ.
ވަގުތަކީ ނަދީމްއާއި ދާއިން އެތަނަށް އައިސް ވަތް ވަގުތެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Next plx
Kobaa Thursday episode
ބުރާސްފަތި ދުވަހު ވާހަކަ ނުނެރެނިދޯ
Part 23 plssssss