ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހޯރަފުށީ ދާއިރާގެ ނައިބު ރައީސް ހުސެން ޝާފިއު، އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައިވާއިރު ޝާފިއުގެ ޕޯސްޓްގައި އޮތް ޖުމްލަ، މީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން އެކަން ސާފުކޮށް ބެލުމަކީ، ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޝާފިއު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ 1:30 އަށެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވާ ޗިޓުގައި ބުނެފައިވާގޮތުން އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ @ޗާލީ_ތުއްތު ހޭންޑްލްއިން ހަޑި ހުތުރު ބަސް ބޭނުންކޮށް ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓެއްކުރި މައްސަލާގައެވެ.

Ad
rt

މި ޕޯސްޓް އެކްސްގައި ހިއްސާކުރަށްވަމުން ވަޒީރު އިހްސާން ވިދާޅުވީ އެ ޕޯސްޓްގައި އޮތް ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާކަމަށެވެ.

އެހެންކަމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.

''މި ޕޯސްޓުގައި ލިޔެފައި މިއޮތީ ''މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!'' މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް.'' ވަޒީރު ވިދާޅުވެފަވެއެވެ.

އިހްސާން ވަނީ މާދަމާ މީހަކު ޝާފިއު އަށް ނިސްބަތްކޮށް އެފަދަ ބަހެއް ބުނެފިނަމަ ޚިޔާލު ފާޅުކުރީކަމަށް ބަލާ، އަޅާނުލާ ތިބެންވީތޯ ސުވާލުކުރަށްވާފައެވެ.

''މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޚިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟'' ވަޒީރު ސުވާލުކުރަށްވާފަވެއެވެ.

އެމްޑީޕީ ހޯރަފުށީ ދާއިރާގެ ނައިބު ފުލުހަށް ހާޒިރުވާން އަންގައިފި

ވަޒީރު ވިދާޅުވީ، މިސަރުކާރުގައި އެއްވެސް މީހެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެކަމަކީ ޔަގީންކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައިކަމަށް ވެސް ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު އިހްސާން ވަނީ ''ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް'' ކަމަށް ވިދާޅުވެފައެވެ.