ހާމަވީ ކުޅިވަރުގައި ރާއްޖެތެރެއަށް ފުރުޞަތު ނުދެވިއޮތް މިންވަރު!

photo_2024-11-19_19-00-37

ހޭންޑްބޯލް މޯލްޑިވްސް އިން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބީޗް ހޭންޑްބޯލްގެ ގައުމީ ޓީމެއް އެކުލަވާލުމަށްޓަކައި، ޝައުގުވެރިވާ ފަރާތްތަކަށް ސެލެކްޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ހަމަ ކޮންމެ ފަރާތަކަށް ވެސް ސެލެކްޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، ސެލެކްޝަން ބާއްވަން ހޭންޑްބޯލް މޯލްޑިވްސް އިން ކަނޑައަޅާފައި އޮތީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީއެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބާއްވާ ސެލެކްޝަން ސެޝަންތައް ކުޅުދުއްފުށީގައި ބާއްވަން ނިންމުމާއި ގުޅިގެން، މިކަމުގައި މި ކުޅިވަރަށް ލޯބިކުރާ މާލޭ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިގެން ދިޔަތަން ފެނުނެވެ.

އެ ކުޅުންތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މާލެއާއި ދުރު ސަރަހައްދެއްގައި ސެލެކްޝަން ބާއްވާތީ، އެކަމުގައި ބައިވެރިވާން ދިޔުމަށްޓަކައި ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދު ބޮޑުވުމާއި، ކުޅުދުއްފުއްޓަށް ގޮސް ކުއްޔަށް ތިބެންޖެހުމުގެ އިތުރުން ކެއިންބުއިމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ.

"ބީޗް ހޭންޑްބޯލްގެ ޑިވެލޮޕްމެންޓަށް ބަލާނަމަ މި ރީޖަން އުޅެނީ މާލެ ސަރަހައްދަށް ވުރެ ކުރީގައި، އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ފައުންޑޭޝަނެއް އެޅިފައި އޮތް ތަނެއްގައި އިތުރަށް މި ކުޅިވަރު ކުރިއަރުވަން އުޅެފިނަމަ ހުރިހާގޮތަކުން ބެލިނަމަވެސް މާބޮޑަށް ވެސް ފައިދވާނެ" ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ އިސްފަރާތަކުން މި ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކުޅުދުއްފުށީގެ ބީޗް ހޭންޑްބޯލް ކުޅޭ ކުރުންތެރިންގެ ހުނަރާއި ފެންވަރާއިމެދު ސުވާލު އުފެއްދޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެކަން ވަރަށް ރަނގަޅަށް މި އަހަރު ކުޑަހުވަދޫގައި އޮތް ބީޗް ހޭނޑްބޯލް މުބާރާތުގައި ވެސް ވަނީ ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.

ކުޑަހުވަދޫ މުބާރާތް އެއްވެސް ޗެލެންޖަކާއި ނުލައި ފަސޭހަކަމާއިއެކު ކުޅުނު ހުރިހާ މެޗަކުން ސީދާ 2 ސެޓުން މޮޅުވެ ކުޅުދުއްފުށި ޓީމުން މުބާރާތް ކާމިޔާބުކުރި ކަން ފާހަގަ ކުރަމުން އޭނާ ބުނީ އެ މުބާރާތަކީ ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ވެސް އެކި ޓީމްތަކަށް ކުޅުނު މުބާރާތެއް ކަމަށެވެ.

ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް މުބާރާތްތައް ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާކަން ފާހަގަ ކުރަމުން އޭނާ ބުނީ ކުޅުންތެރިންގެ ގޮތުން ބެލިނަމަވެސް އަދި ފެސިލިޓީގެ ގޮތުން ބެލިނަމަވެސް ކުޅުދުއްފުއްޓަކީ މިފަދަ ސެލެކްޝަންއެއް ބާއްވަން ހަމަ އެންމެ އެކަށޭނަ ރަށް ކަމަށެވެ.

އޭނާ އިތުރަށް ބުނީ މާލޭ ސަރަހައްދުގައި ބީޗް ހޭންޑްބޯލް އަށް ލޯބިކުރާ ކުޅުންތެރިން ރެއިޒް ކޮށްފައި ވާ ކޮންސާން، ބަލައިގަންނަ ކަމަށެވެ. ނަމަވެސް އެ ވިސްނުމުން ވިސްނާނަމަ މާލޭ ސަރަހައްދުގައި ސެލެކްޝަން ބާއްވައިފި ނަމަ ކުޅުދުއްފުށީ ކުޅުންތެރިން ވެސް މާލެއަށް ދަތުރު ކުރަންޖެހުމާއި، އެކަމަޑޭޝަންއާއި ފުޑް އަށް ބޮޑު ހަރަދު ކުރަން ޖެހޭނެ ކަމަށެވެ. މާލޭގައި ތިބި ކުޅުންތެރިން ކުޅުދުއްފުއްޓަށް އައިސް ކުރަންޖެހޭ ހަރަދަށްވުރެ ޑަބަލް ހަރަދު ކުޅުދުއްފުށިން މާލެދާ ފަރާތްތަކުން ކުރަންޖެހޭނެ ކަން އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ކަންބޮޑުވުމަކީ ހަމައެކަނި އެއްފަރާތަށް އޮތް ކަންބޮޑުވުމެއްކަމަށް ދެކެނީނަމަ އެއީ އިންސާފުވެރި ގޮތް ނޫންކަމުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ އިތުރަށް ބުނީ މާލޭގައި ބީޗް ހޭންޑްބޯލް ކުޅެން ބޭނުންވާކުދިން ކުޅުދުއްފުއްޓަށް އައުމާއި ތިބުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެ ރަށުގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބިގެންދާނެ ކަމަށެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން ބީޗް ހޭންޑްބޯލް ގައުމީ ޓީމް އެކުލަވާލުމުގެ ސެލެކްޝަން ކުޅުދުއްފުށީގައި ބާއްވަން ނިންމި ތަރީހީ ނިންމުން ފާހަގަކޮށް އޭނާ ވަނީ އެ އެސޯސިއޭޝަންއަށް ޝުކުރުއަދާކޮށްފައެވެ. އަދި މިއީ އެސޯސިއޭޝަނުން ނިންމި ހިތްވަރުގަދަ ނިންމުމެއްކަން ފާހަގަކޮށް އޭނާ ބުނީ އެހެން ކުޅިވަރުތަކުން ވެސް މިކަން މިސާލަކަށް ބަލަންޖެހޭ ކަމަށެވެ.

ބީޗް ހޭންޑްބޯލް ގައުމީ ޓީމް އެކުލަވާލުމަށް ސެލެކްޝަން ކުޅުދުއްފުށީގައި ބާއްވަން ނިންމުމާއި ގުޅިގެން ހިޔާލުތަފާތުވެފައިވާ މި ދަނޑިވަޅުގައި އެކަމަށް އިޝާރާތް ކުރައްވައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ ބީޗް ހޭންޑްބޯލް ގައުމީޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީއަށްވުރެ ވަކި ރަނގަޅު އެހެންތަނެއް މިވަގުތުނެތް ކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކީ މި ފަރިތަކުރުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އާތިފް ވިދާޅުވިއެވެ.

އެގޮތުން، ކުޅުދުއްފުށީގައި ބައިނަލްއަގްވާމީ ކޯޗުންނާއެކު ބީޗް ހޭންޑްބޯލް ކޯޗިންގ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާތީ، މި ކުޅިވަރަށް ޓްރެއިނިންގ ލިބިފައިވާ މޮޅެތި ކުޅުންތެރިން ގިނަކަން މޭޔަރު އާތިފް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބީޗް ހޭންޑްބޯލް މުބާރާތްތައް ބާއްވާފައިވަނީ ވެސް ކުޅުދުއްފުށީގައި ކަމަށާއި މި އަހަރު ކުޑަހުވަދޫގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ބީޗް ހޭންޑްބޯލް މުބާރާތުގައި، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި ޓީމުތަކާއި ވާދަކޮށް ކުޅުދުއްފުށީ ޓީމު ވަނީ ފަސޭހަކަމާއެކު ކާމިޔާބު ހޯދާފައިކަމަށެވެ.

ކުޅުދުއްފުށީގައި ބީޗް ހޭންޑްބޯލް ކުޅެން އެކަށީގެންވާ ރަނގަޅު ކޯޓެއް އޮތުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަ ކުޅުންތެރިންނަށް މާލެއަށްވުރެ ކުޑަ ހަރަދެއްގައި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖެއްސޭނެކަން ވެސް މޭޔަރު އާތިފް ފާހަގަކުރެއްވިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ލިބޭކަންވެސް މޭޔަރު އާތިފް ފާހަގަކުރެއްވިއެވެ. ގައުމީ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ހަރަދު ސިޓީ ކައުންސިލުން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށާއި، ޕްރެކްޓިސްއަށް ކޯޓު ތައްޔާރުކުރުމުގައިވެސް ސިޓީ ކައުންސިލުގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން ހުރިހާ ކުޅިވަރެއްގެ ގައުމީ ޓީމް އެކުލަވާލުމުގެ ކަންކަން އަބަދުވެސް ކުރިއަށް ގެންދަނީ މާލޭގައެވެ. އެކި ކުޅިވަރުތަކަށް ވަރަށް މޮޅެތި ކުދިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބިނަމަވެސް އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް މާބޮޑު އަހަންމިއްޔަތެއް ފާއިތުވި މާޒީގައި ދީފައިވާތަން ފެންނާކަށް ނެތެވެ. އެ ކުދިންގެ ހައްގުގައި ވަކާލާތު ކޮށްލާނެ މީހަކު ވެސް ނެތެވެ.

މިކަންކަން މިހެން ހިނގަމުން ދިޔުމުން ކޮންމެ ކަމެއް ވެސް އޮންނަން ވާނީ މާލޭގައި ކަމުގައި ދެކެވުމުގެ ނުބައި ސިޔާސަތެއް ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީގައި އުފެދިފައި އޮންނަ އޮތުމަކީ ބަދަލު ކުރަން ޖެހިފައިވާކަމެކެވެ. ކުޅިވަރުން ރާއްޖެއަށް ހަގީގީ މަންފާ ކުރާނީ އޭރުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *