ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ޚިދުމަތެއް ޤާއިމްކޮށް ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ނިންމަވާފައިވާކަން ޢިއުލާން ކުރަށްވާފައެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެެއްވީ ރައީސް ޑރ. މުއިއްޒުއެވެ.
އެ ހޮސްޕިޓަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބުދުއްރައްޒާޤް ހަލީމް ދެއްކެވި ވާހަކާގައި ވިދާޅުވީ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލް މަރާމާތުކޮށް އެތަނަކީ ދިވެހި ޞިއްޙީ ދާއިރާގެ މައި ހޮސްޕިޓަލުކަމުގައި ހެއްދެވުމުގެ މަސައްކަތް ފެއްޓެވިކަމަށެވެ.
މިގޮތުން އެތަނުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކޮށް، މަރާމާތުކުރަންޖެހޭ ވަޞީލަތްތައް މަރާމާތުކުރުމުގެ އިތުރުން ޒަމާނީ ވަޞީލަތްތައް ހޯދައި، ޒަމާނީ އެތައް ޚިދުމަތެއް މިހާރު ލިބިގެންދާނޭކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރުން އެތަނަށް އަޅާނުލާ ކަމަށާއި، އެ ސަރުކާރުން ދޫކޮށްލާފައި އޮތް 5 ފަންގިފިލާއެއް މަރާމާތުކޮށް، 17 ވަނަ ފަންގިފިލާގައި 6 ޑެލިވަރީ ސޫޓާއި 10 އެނދުގެ އެންއައިސީޔޫ ވަނީ ޤާއިމްކޮށްފައި ކަމަށް ހަލީމް ވިދާޅުވިއެވެ. 18 އަދި 19 ވަނަ ފަންގިފިލާގައި ބަލިމީހުން އެޑްމިޓްކުރާނެ 14 ކޮޓަރި ޤާއިމްކޮށް، 21 ވަނަ ފަނގިފިލާ އިދާރީ ކަންކަމަށާ ޚާއްސަ ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި 22 ވަނަ ފަންގިފިލާގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރ ގާއިމުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ޕީޕީއެމްގެ ސަރުކާރުގައި، ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި އެޅި 25 ބުރީގެ ހޮސްޕިޓަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!