ޕްރިންސިޕަލެއް ނެތި އަހަރުތަކެއްވެފައިވާ ހދ.ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ.
އެންމެ ފަހުން އެ ރަށު ސްކޫލުގައި ޕްރިންސިޕަލެއް ހުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއީ ބިދޭސީ ޕްރިންސިޕަލެކެވެ. އޭނާއާއި މެދު ސްކޫލުގެ ބެލެނިވެރިން ހިތްހަމަނުޖެހިގެން އިހުތިޖާޖް ކުރުމުން މިނިސްޓްރީން އެ ޕްރިންސިޕަލް އެހެން ރަށަކަށް ބަދަލުކުރި ފަހުން ފާއިތުވި މުއްދަތުގައި އެ ރަށުގައި ޕްރިންސިޕަލެއް ނުހުރެއެވެ.
ފާއިތުވި ހަތަރު އަހަރު އެ ސްކޫލް ހިންގުމުގައި އިސްކޮށް ތިބީ ލީޑިން ޓީޗަރުންނެވެ. މިވަގުތު އެ ސްކޫލް ހިންގުމާއި ހަވާލުވެ ހުރީ ލީޑިންގް ޓީޗަރ އާމިނަތު މާޖިދާއާއެވެ.
2021 ވަނަ އަހަރު ގެ އޮގަސްޓް މަހު 10 ވަނަ ދުވަހު ސްކޫލްތަކުގެ އައު އަހަރުގެ ކިޔެވުން ފެށުނު ދުވަހު ހިރިމަރަދޫ ސްކޫލުގައި ހުރި ގިނަ މައްސަލަތައް ސަރުކާރުން ހައްލުކޮށްފައި ނުވާކަމަށް ބުނެ އެ ސްކޫލުގެ ބެލެނިވެރިން އެ ދުވަހު ކުދިން ސްކޫލަށް ނުފޮނުވައެވެ. އެ ދުވަހު ބެލެނިވެރިން ފެންމަތި ކުރުވި ޝަކުވާތަކުގެ ތެރޭގައި އެ ސްކޫލުގައި އޭރު ހުރި އިންޑިއާ ޕްރިންސިޕަލް ސްކޫލުގެ ކުރިއެރުމަށް އެއްވެސް މަސައްކަތެއް ނުކުރާ މައްސަލަ އޮތެވެ.
ހިރިމަރަދޫ ސްކޫލުގައި މިހާރު ތައުލީމް ހާސިލް ކުރަމުން އަންނަނީ ސާޅީހަކަށް ދަރިވަރުންނެވެ. އެ ރަށު ސްކޫލުގައި ތައުލީމް ހާސިލްކުރާ ކުދިންގެ އަދަދު އަހަރުން އަހަރަށް އަންނަނީ ދަށްވަމުންނެވެ. ސަބަބަކީ އެ ރަށުގެ ގިނަ އާއިލާތަކެއް އެހެން ރަށްރަށަށް ހިޖުރަ ކުރަމުން ދިޔުމެވެ.
ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލް ހޯދަން އިއުލާން ކޮށްފައިވަނީ ދެ ރޭންކެއްގެ ޕްރިންސިޕަލުންނަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!