އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙްތަކަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވުމެ ނާތަހުޒީބު ޢަމަލެއްކަމަށް އިދިކޮޅު ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ. އަދި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް އެވެ.
އިއްޔެގެ މަޖުލީހުގެ ޖަލްސާގައި މި ދެ ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މިއަދުގެ ޖަލްސާގައި ވަނީ އޭސީސީގެ ޤާނޫނަށް ހުށަހެޅި އިސްލާޙްގެ ބިލްގެ ބަހުސް މަރުހަލާ ކުރިއަށް ގެންގޮސްފައެވެ.
މި ދެ ބިލުގައިވާގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް މި ދެ ބިލުގައި ބުނެފަވެއެވެ. އަދި މި ވަގުތު އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމިތިބެވޭނެ ކަމަށް ވެސް ބިލުތަކުގައި ބުނެފަވެއެވެ.
މި ދެ ބިލާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި މި ދެ ބިލުން ގެންނަ އިސްލާޙްތަކަކީ ގާނޫނުއަސާސީން އެކަށައަޅާފައިވާ ފާރަވެރިވުމުގެ ނިޒާމު ފުނޑާލައި، ބާރުތައް އެއްކޮށްލުމުގެ ސިލްސިލާގެ ތެރެއަށް އިތުރުވާ ބޮޅެއްކަމަށްބުނެ، އެކަން ކުށްވެރިކޮށްފަވެއެވެ.
އީސީ އާއި އޭސީސީގެ އިސް ހިންގުންތެރިން އައްޔަނުކޮށް ވަކިކުރުމުގެ ބާރު ގާނޫނުން އެ ކޮމިޝަންތަކަށް ދޫކޮށްލާފައި އޮތީ ގާނޫނުއަސާސީގެ 167 ވަނަ މާއްދާއާއި، 199 ވަނަ މާއްދާގައި، އެ ކޮމިޝަންތަކަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކަކަށް ވާންޖެހޭނޭ ކަމަށް ކަނޑައަޅާފައި އޮތުމުންކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
''އެ ކޮމިޝަންތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލާ މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބަޔަކަށް ހެދުމަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވުމުގެ ނާތަހުޒީބު އަމަލެކެވެ. އަދި އެއީ ޑިމޮކްރެސީގައި ދިވެހިން މިކުރާ ދަތުރުގައި، އެތައް ބައެއްގެ މިންނެތް މަސައްކަތުން އެކަށައެޅި ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެކެވެ.'' އެމްޑީޕީން ބުނެފަވެއެވެ.
އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންވެ އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށް ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!