އަންނަ 2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު މާޗް މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމެންވާއިރަށް އެ ސަރަހައްދަށް 4000 އެނދު ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
މިނިސްޓްރ އިތުރަށް ވިދާޅުވީ ހދ.އަތޮޅުގައި ރިސޯޓް ތަރައްގީ ކުރެވޭނެ ރަށްތައް ފާހަގަކުރައްވައި އެ ރަށްތަކުގެ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށާއި، އެ އަތޮޅުގެ އިތުރު ތިން ރަށެއް ފަތުރުވެރިކަމަށް ދޫކޮށް، 1886 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މިވަގުތު ހދ.އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަނީ އެންމެ 460 ޓޫރިސްޓް އެނދެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ވައިކަރަމުރައިދޫގެ 15 ހެކްޓަރު ޓޫރިޒަމަށް ހުޅުވާލައި މިނިސްޓްރީގެ އިވެލުއޭޝަން ކޮމެޓީން އިވެލުއޭޓްކޮށް އެވޯޑްކޮށްފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އަދި މިދިޔަ ފެބްރުއަރީގައި ދުބާއީގައި އޮތް އިންވެސްޓާ ފޯރަމްގައި ހދ. އަތޮޅުގައި ހުރި ފަސް ރަށް ފާހަގަކޮށް އިންވެސްޓަރުންނާ ހިއްސާކުރުމުގެ އިތުރުން އިންޑިއާގެ ދިއްލީ އަދި މުމްބާއީ ފޯރަމްގައި ހދ. އަތޮޅުގެ ރަށްތައް އެ ތަނުގެ އިންވެސްޓަރުންނާ ހިއްސާކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ މަދުން ރިސޯޓް ހިންގަމުން އަންނަ އެއް އަތޮޅަކީ ހދ.އަތޮޅެވެ. ނަމަވެސް އެ އަތޮޅުގެ އެތައް ރަށެއް މީގެ އެތައް އަހަރެއް ކުރިން ރިސޯޓް ހަދަން ދޫކޮށްފައިވެއެވެ. އެކަމަކު އެ ތަންތަނުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި ހުންނަތާ އެއްތައްއަހަރެކެވެ.
ހދ. އަތޮޅުގައި މިވަގުތު ހިންގަމުންދަނީ އެންމެ ދެ ރިސޯޓެވެ. އެއީ މިއަހަރުގެ ކުރީކޮޅު ހުޅުވި ސޮނޭވާ ސީކްރެޓް ރިސޯޓާއި ހޮނޑާފުށި އައިލެންޑް ރިސޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!