މޫސުމީ ބަދަލުތަކާދެކޮޅަށް މަސައްކަތްކުރުމަށް މިހާރު ދެމުންދާ މާލީ އެހީ އިތުރުކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" ގައި ތަޤުރީރު ކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި ނައިބު ދެއްކެވި ވާހަކަފުޅުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން، އެންމެ ނާޒުކު އާބާދީތަކަށް، ޚާއްޞަކޮށް، ކޮމަންވެލްތުގެ އާބާދީތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުން ގެންދާ އުންމީދީ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިގޮތުން ކްލައިމެޓް ފައިނޭންސިންގްގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެ ކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު، އެއަށްވުރެ އިތުރު ކުރުމަށާއި، ކްލައިމެޓް ފައިނޭންސްގެ ދާއިރާއިން އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ އިތުރު އަމާޒެއް ކަނޑައެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަށް އިޖާބަ ދިނުމާއި، ގެއްލުމުގެ އަސަރު ކުޑަކޮށް، އަދި ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ކަންކަމަށްވެސް އަމާޒުތަކެއް ކަނޑައެޅުމަށާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ފަދަ ނާޒުކު ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަޤްވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވެސް މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޤައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އައު އަމާޒެއް ކަނޑައަޅައި، ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުން ނިމިގެންދާއިރު އެކަމަށް އެއްބަސްވުން މުހިންމުކަމާއި، ދިވެހިރާއްޖެ ފަދައިން، ކޮމަންވެލްތުގެ ގިނަ ޤައުމުތަކަށް ބޭނުންވާ މާލީ ހޯދުމުގައި ދިމާވާ ބޮޑެތި ހުރަސްތައް ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް ހުސެންގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!