ޓަގަކާއި ބާޖެއް ހުޅުމާލެ އުތުރު ފަރާތު ފަރަށް އެރުމުން ލިބުނު ގެެއްލުމަށް، އެ ދެ އުޅަނދު އޮަޕަރޭޓްކުރި ކުންފުނި 29 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ޓަގު "ANADI" އަދި ބާޖު "AM MANUMIT" ހުޅުމާލޭގެ އުތުރުފަރާތު ފަރަށް 21 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ އަރާފައެވެ. މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ 23 އޭޕްރީލް 2024 ގައެވެ.

Ad
rt

މި އުޅަނދުތައް ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރުމުން ލިބުނު ގެއްލުން ދެނެގަތުމަށްފަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޓަގު "ANADI" އަދި ބާޖު "AM MANUMIT" ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރުމުން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މި އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ކުރިޔަށް ގެންދިޔަ ކަމަށެވެ.

މި އުޅަނދުތައް ފަރަށް އުރުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްޓަކައި ކުރިޔަށް ގެންދެވުނު ސަރވޭއިން ދައްކާގޮތުގައި އެ ސަރަޙައްދުގެ 1159 އަކަ މީޓަރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައިކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މިހެންކަމުން، ހުޅުމާލޭގެ އުތުރުފަރާތު ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން އެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިގޮތުން ކަނޑައަޅާފައިވާ ޖޫރިމަނާގެ ޢަދަދަކީ 29,201,946.00 (ނަވާވީސް މިލިއަން ދެލައްކަ އެއްހާސް ނުވަސަތޭކަ ސާޅީސް ހައެއް) ދިވެހިރުފިޔާ އެވެ.

މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް 01 އޮކްޓޫބަރު 2024 ގައި އަންގާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.